އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް، ރައްޔިތުން ސޮއިކުރަމުންދާ ޕެޓިޝަންތަކުގެ ތެރެއިން މިއަދާ ހަމައަށް ލިބިފައިވާ ޕެޓިޝަންތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ ޙަވާލުކުރައްވައިފިއެވެ. ދިވެހިންގެ އެއަރޕޯޓް އަނބުރާ ދިވެހިންނަށް ހޯދައިދިނުމުގައި ޙަރަކާތްތެރިވަމުން ގެންދާ ދިވެހި ޤައުމީ ޙަރަކާތުގެ ފަރާތުން މި ޕެޓިޝަންތައް ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުކުރެއްވީ، އެ ޙަރަކާތުގެ އިސްބޭފުޅެއް ކަމަށްވާ ޝައިޚު ޢިމްރާން ޢަބްދުﷲ އެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، މި ޙަރަކާތުގައި އިސްކޮށް އުޅުއްވާ އެހެން ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.