ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޓަރ- ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ ވަފުދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، އައި.ޕީ.ޔޫ.އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެޅެންހުރި ފިޔވަޅުތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

އިންޓަރ- ޕާލިމަންޓަރީ ޔޫނިއަން މިޝަންގެ ވަފުދުގެ ބޭފުޅުންގެ ވާހަކަފުޅުގައި، ރާއްޖޭގައި ހެދިފައިވާ ބައެއް ޤާނޫނުތައް އިސްލާހު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި އައި.ޕީ.ޔޫ.ގެ ފަރާތުން ވެދެވެން ހުރި އެހީތެރިކަމާގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.