بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އަދި މާތްﷲ ގެ ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި އެ ޞަލަވާތާއި ސަލާމުގައި، އެކަލޭގެފާނު އާލުންނާއި އަޞްޙާބުން ޝާމިލްކުރަން.

މީދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، އަދި މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ދެންވެސް މިތަނަށް ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި މެންބަރުން، މިނިސްޓަރ އޮފް ހެލްތް، މިނިސްޓަރ އޮފް އެޑިޔުކޭޝަން، މިރަށުގެ ރަށު ކައުންސިލްގެ ރައީސް އަދި އަތޮޅު ކައުންސިލްގެ ރައީސް، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ފުރަތަމަވެސް، މިރަށުގެ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން، އަޅުގަނޑުމެން މިރަށަށް އައުމުން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށް ނުކުމެވަޑައިގެންނެވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ވަރަށް ބޮޑަށް މަޢާފު ކުރެއްވުން އެދެން. ވަރަށްގިނަ ވަގުތުތަކެއްގައި، ތިޔަބޭފުޅުން އަޅުގަނޑުމެންގެ އިންތިޒާރުގައި ތިއްބަވަން ޖެހުނު ކަމަށްޓަކައި. އަޅުގަނޑުމެންގެ ރޭވުން އެހާ ރަނގަޅު ނޫންވީމަ. އިރާދަކުރެއްވިއްޔާ ދެން ފަހަރަކުން އެހެނެއް ނުވާނެ.

އާދެ! އަޅުގަނޑަށް މިރަށަށް އާދެވޭ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިއީ ހަތަރުވަނަ ފަހަރު. އެއީ ވަރަށް ކުރިން އަލްއުސްތާޛު މުޙަންމަދު ލުޠުފީގެ އަރިހުގައި، އަޅުގަނޑު މިރަށަށް، އަޅުގަނޑު އީ.ޑީ.ސީ.ގައި ޑިރެކްޓަރަކަށް ހުރިއިރު އައިން، އެއީ ސްކޫލް ކަންތަކާ. ދެން އޭގެފަހުން މިރަށަށް ނާދެވި، ވަރަށްގިނަ ދުވަސްވެފައި، އަނެއްކާވެސް އަޅުގަނޑު ސިޔާސީ ޕާޓީއެއް އުފައްދަން އުޅުނު ދުވަސްވަރު، ދެފަހަރަކު މިރަށަށް އާދެވުނު. ކަން ދިމާވިގޮތުން، 2008ގެ އިންތިޚާބަށްފަހަކު އަޅުގަނޑަކަށް މިރަށަށް ނާދެވޭ. ނާދެވި ހުރެފައި، މިފަހަރު މި އާދެވުނީ. އަޅުގަނޑު އުފާކުރަން، މިރަށަށް އާދެވުނީތީ. ސަބަބަކީ މިރަށުގައި އަޅުގަނޑުމެންގެ ވަރަށް ގާތް ރަޙްމަތްތެރިން ތިބުމާއި އަދި މިރަށަކީ މިއީ ކިތަންމެ ގޮތަކުން އަންނަހިތްވާ ރަށަކަށްވާތީ. ފުރަތަމަ މިރަށަކީ ބައްލަވާ، މިހާރު މީދުއަކު މީދޫގެ އެއްވެސް މީހަކު ނެތް، ކުށެއް ކޮށްގެން، ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން ފިޔަވަޅެއް އަޅަންޖެހިފައެއް. މިއީ އަޅުގަނޑު ދަންނަވާނީ، އެހެންވީމާ، ހަމަ ނަމޫނާ ރަށެއް ނޫންތޯއޭ. އެއީ ކުށްމަދު، ކުށެއް ނުކުރާ މީހުން އުޅޭ ރަށެއް މިރަށަކީ. އެއީ ހަމަ ލާމަސީލު ރެކޯޑެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ މިދުވަސްކޮޅު.

ރަށުގެ ރައްޔިތުންނަކީ ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތެއް. އޭގެ ނަތީޖާ، މިރަށުގެ ސްކޫލް ވަރަށް ރަނގަޅަށް ދައްކަވާ. އަބަދުވެސް މި ސްކޫލަކީ ރަނގަޅު ނަތީޖާ ނެރޭ ސްކޫލެއް. ރަނގަޅަށް ތަޢުލީމް ޙާޞިލުކޮށްދޭ ސްކޫލެއް. ވީމާ، އަޅުގަނޑުމެނެއް ޙައިރާނެއްނުވޭ، މި ސްކޫލްގައި ބެލެނިވެރިންގެ އެހީތެރިކަމާއި އެހީގައި މަލްޓި މީޑިއާ ވަސީލަތްތައް ހުރިހާ ކްލާސްރޫމްތަކުގައި ހަރުކޮށްފައި ހުންނާތީއެއް. އަޅުގަނޑުމެން ޙައިރާންވާންޖެހެނީ، ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން ކޮށްދޭންޖެހޭ ކަންކަމުގައި، އެހާ ރަނގަޅަށް މި ސްކޫލާ ދޭތެރޭގައި ކަންތައް ކުރެވިގެން ނުދާތީ. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، މިހާރު މި ސްކޫލްގައި އާ ޢިމާރާތެއް، ވަރަށް ޒަމާންވުމަށްފަހުގައި، އަލުން ޢިމާރާތެއް މިތާ ކުރެވިގެން މިދަނީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު އުފާކުރަން.

އެހެން ނަމަވެސް، ދެންމެ އަޅުގަނޑުމެންނަށް އިވުނު ފަދައިން އަދިވެސް މިރަށުގައި ކުރަންޖެހޭ، މި ސްކޫލަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތަކެއްވެސް އެބަހުރި. މި ސްކޫލަކީ މިހާރު 1 ން 12 އަށް ކިޔަވައިދޭ ސްކޫލެއް. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، މިރަށަށް ކުރިއަށްވުރެންވެސް ގިނައިން ކިޔެވުމަށް ކުދިން އަންނާނެ، އެހެން ރަށްރަށުން. މިއީ އަބަދުވެސް އެހެން ރަށްރަށުގެ ކުދިން ކިޔަވަން އަންނަ ރަށެއް. ދެން މިހާރު 12އާ ހަމައަށް ކިޔަވައިދޭތީވެސް އިތުރު ކުދިން އަންނާނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެނީ. ދެން މިނިސްޓަރ އޮފް އެޑިޔުކޭޝަން ދެންމެ އަޅުގަނޑުގެ ސަމާލުކަމަށް ގެނެސްދެއްވި ކަމެއް، ގްރޭޑް 10 ނިމުމަށްފަހުގައި، ގްރޭޑް 11 ފެށުމުގެ ކުރިން ބައެއް ކުދިން އެހެން ދިމަދިމާލަށްދާ ވާހަކަ. އެހެންވީމާ، މިނިސްޓަރ އެ ވިދާޅުވިފަދައިން، މި ސްކޫލަކީ މިއީ ގްރޭޑް 1 ން 12 އަށް ކިޔަވައިދޭ ސްކޫލެއް ކަމަށް ހައްދަވައި، 12 އާ ހަމައަށް ހުރިހާ ކުދިން ގެންދިޔުމަށްޓަކައި މަސައްކަތް ކުރައްވަންވާނެ. އެހެންވީމާ، 10 ނިމިގެން 11 އަށްދާ ކުދިން ސްކޫލުން ނުކެނޑި، ސްކޫލްގައި ތިބެގެން ހަމަ 11ގެ ކިޔެވުން ފަށައިގެން ގެންދިޔުން އޭގެ ރަނގަޅު ގޮތަކީވެސް. އެހެންވީމާ، ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރުން، އެކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އާދެ! ތަޢުލީމީ ކަންކަމުގައި އަޅުގަނޑުމެން މިއޮތީ އަނެއްކާވެސް އާ މަސައްކަތްތަކެއް ކުރަން ޖެހިފައި. މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށާއި، ކިޔަވައިދިނުމުގެ އުޞޫލުތަކަށް ބަދަލުގެނައުން އަދި ސްކޫލްތައް މަސައްކަތްކުރާ ތަންތަން ކަމަށް ހެދުން. މަސައްކަތް ކުރައްވާ ތަނޭ މިދެންނެވުނީ، މިހާރު ރާއްޖޭގެ ސްކޫލްތައް މަރާމާތުނުކޮށް ހުންނަތާ ތިންއަހަރުވެއްޖެ. އެއީ، ސަރުކާރުން އެކަމަށް ބަޖެޓެއް ކަނޑައަޅާފައި ނޯންނާތީ. ސަރުކާރުގެ ސްކޫލްތައް. އެހެން ނަމަވެސް، ރައްޔިތުން އަމިއްލައަށް ތަންތަން މަރާމާތު ނުކުރާ ވާހަކައެއް ނޫން އަޅުގަނޑު މިދަންނަވަނީ. ސަރުކާރުގެ ޒިންމާއެއްގެ ގޮތުގައި، ސަރުކާރުގެ ދަށުގައި ހުންނަ ތަންތަން މަރާމާތު ނުކުރުމުގެ އާދަކާދަ، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިއޮތީ. އެހެންވީމާ، މިއަންނަ އަހަރު 2013 ވަނަ އަހަރު އަޅުގަނޑުމެން އެންމެ ބޮޑަށް އަހަންމިއްޔަތުކަންދޭނެ ކަމަކީ، ޚާއްޞަކޮށް، ހުރިހާ ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތައް މަރާމާތުކޮށްގެން، އެތަންތަން ރަނގަޅަށް ބެލެހެއްޓުން.

މީގެއިތުރުން، ތަޢުލީމީ ކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންގެ އަތުގައި، އަޅުގަނޑުމެންގެ ބަޖެޓުގައި އަޅުގަނޑުމެން އެދޭވަރަކަށް ފައިސާއެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން މި ޖެހެނީ، ހުރި އެއްޗެއް، ހުރި ފައިސާއެއްގެ ނަތީޖާ އިތުރުކުރުން. ރަނގަޅަށް ބޭނުންކުރުން. އެހެންވީމާ، އެގޮތުން ތަޢުލީމީ ދާއިރާގައި މިހާރު އަޅުގަނޑުމެން ދާދިފަހުން ނިންމާފައި އޮތް އެއްކަމަކީ، ހުރި ބައެއް ތަންތަން އެއްކޮށްލައިގެން، ވަސީލަތްތައް އެއްކޮށްގެން، ތިބި މީހުންވެސް އެކީގައި މަސައްކަތް ކޮށްގެން، ކުރިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ބެލުން. އެގޮތުން، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަނާ، މިދެތަން އެއްކޮށްލަން އަޅުގަނޑުމެން މިހާރު ނިންމައިފިން. މިދެތަން އެއްކޮށްލާފައި، މިތާނގެ މެނޭޖްމަންޓާއި، މިތާނގައި ތިބި ތަޢުލީމީ ދާއިރާގެ މާހިރުން، އެންމެން އެކުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން، މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި މިހާރު ކަންކަން ރޭވެމުން މިދަނީ. އެހެންވީމާ، އިތުރު ޚަރަދެއް ނުކޮށްވެސް، އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާ ނެރެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ އެބައޮތް. އެގޮތުން، ޚާއްޞަކޮށް، މި އަލަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އުފެދުމާ ގުޅިގެން، އެތަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ޚާއްޞަ ޕްރޮޖެކްޓުތައް ރޭވިގެންދާނެ. އެއިން އެއް މަޝްރޫޢެއް ކަމަށް އަޅުގަނޑުމެން މިބަލަނީ، ޚާއްޞަކޮށް، ކުދި ސްކޫލްތަކުގައި މަދު ދަރިވަރުން ތިބޭ ސްކޫލްތަކުގައި، ކިޔަވައިދިނުމުގެ އުޞޫލަށް ބަދަލުތަކެއް ގެނެސް، މަދު ޓީޗަރުންނަށް އެކުދިންނަށް ކިޔަވައިދެވޭނެ ގޮތަކަށް، ކަންކަން ރާވައި ހިންގުމަށް. މި އުޞޫލުތަކަކީ މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް، ތަރައްޤީވެފައި ހުރި ޤައުމުތަކުގައިވެސް، ޔޫރަޕްގެ ބައެއް ޤައުމުތަކުގައިވެސް ބޭނުންކުރަމުން ގެންދާ އުޞޫލެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް، މިހާރު އަޅުގަނޑުމެންނަށް ލިބިފައި އޮތް ބަޖެޓެއްގެ ތެރެއިން މިއަށްވުރެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް. އެހެންވީމާ، އެކަމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ތަޢުލީމީ ދާއިރާގައި އަޅުގަނޑުމެން ކުރަމުން ގެންދާނަން.

އާދެ! ދެން ދެންމެގައި ކައުންސިލްގެ ރައީސްވެސް އަދި މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުވެސް ދައްކަވައިފި، ލާމަރުކަޒީ އުޞޫލުން ކައުންސިލުތައް ހިންގުމުގެ ވާހަކަ. ވަރަށް މާތް މަޤްޞަދެއްގައި ފެށްޓުނު އެހެން ނަމަވެސް، ދިމާވި ތަފާތު ސަބަބުތަކަކާހުރެ، މިކަން ކުރަންވާ ގޮތަކަށް ނުކުރެވޭ. އަޅުގަނޑު މުޅިން އެއްބަސް. ލާމަރުކަޒީ އުޞޫލުން ރަށްތައް ހިންގުމުގެ މަޤްޞަދަކީ، ރަށްތައް ބާރުވެރިކުރުވުން. ކައުންސިލުތައް ބާރުވެރިކުރުވުން. ކައުންސިލުތަކަށް އަމިއްލައަށް ކަންކަން ކުރެވޭނެ ގޮތެއް ފަހިކޮށްދިނުން. އެހެން ނަމަވެސް، ކައުންސިލުތަކުގެ އިންތިޚާބު ނިމިގެންދިޔައިރުގައި، ވަރަށްގިނަ ޢަދަދެއްގެ ރަށްރަށުގެ ކައުންސިލުތަކަކީ އެއީ ސަރުކާރު އުފެދިފައި އޮތް މައި ޕާޓީގެ ކައުންސިލުތަކަކަށް ނުވުމުން، އެ ކައުންސިލުތަކަށް ބާރުނުދީ ހިފެހެއްޓީ. މިއީ ޙަޤީޤަތަކީ. އަދި އެ ކައުންސިލުތަކަށް ބާރުދިނުމުގެ ބަދަލުގައި، ޤައުމީ އިދާރާއެއް އުފައްދައި، ޤައުމީ އިދާރާ މެދުވެރިކޮށް، ކަންކަން ކުރުމުގެ އުޞޫލެއް މި ޤާއިމު ކުރެވުނީ. އޭގެ ސަބަބުން ލާމަރުކަޒީ އުޞޫލަށް، މާބޮޑު ކުރިއެރުމެއް ނައި. ދެން މިހާރު މި އައި ބަދަލާ ގުޅިގެން، އަޅުގަނޑުމެން މިކަމާ ޙަވާލުވިފަހުންވެސް، އަޅުގަނޑު ހިތްހަމަޖެހޭވަރަކަށް، ލާމަރުކަޒީ ކަންކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެވޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

އެހެން ނަމަވެސް، ފުރަތަމަ ފިޔަވަޅަކަށްވީ، ޤައުމީ އިދާރާތައް އުވާލުން. ޤައުމީ އިދާރާތައް އުވާލާފައި، އަތޮޅު ކައުންސިލުތަކަށް އެ ބާރުތައް ލިބިދީ، އަތޮޅު ކައުންސިލުތައް ލައްވައި އެކަން ކުރުވުން. ދެން ކައުންސިލުތަކަށް އެބަޖެހޭ ކޮންމެވެސް ކަހަލަ އެސެޓްތަކެއްވެސް ދޭން. އެމަސައްކަތްވެސް ވަރަށް ލަސް ސްޕީޑެއްގައި ދަމުން ދަމުން ގޮސް މިހާރު ދެން ގާތްގަނޑަކަށް ސަތޭކައެއްހާ ރަށުގެ ބިން ކައުންސިލުތަކާ ޙަވާލުކުރެވިއްޖެ. އެހެން ނަމަވެސް އަދިވެސް އެކަމަށް އެކަށީގެންވާ އެހީތެރިކަމެއް ނުދެވޭތީ، ކައުންސިލްތައް މަސައްކަތް ކުރަންވާ ގޮތަށް މަސައްކަތް ނުކޮށްގެން މިއުޅެނީ. އެކަމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި، ސަރުކާރުން އިތުރު ބާރެއްލައިގެން، އެލް.ޖީ.އޭ.އާ އެކީގައި މަސައްކަތް ކޮށްގެން، ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި އިތުރު ކަންތައްތައް ކުރަން އަޅުގަނޑު ޤަޞްދުކުރަން.

އާދެ! ދެން ލޯކަލް ކައުންސިލުތަކާ މިހާރުވެސް ކުރިމަތިވެގެން އުޅޭ އަނެއް ކަމަކީ ހަމަ ސިޔާސީ މައްސަލައެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަދިވެސް މި ރާއްޖޭގައި ބައެއް ކައުންސިލުތައް އެބައުޅޭ، ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއް. އެ ކައުންސިލުތަކަށް ހީވާކަހަލަ، ތިމަންނަމެންނަށް މިއުޅެވެނީ ދިވެހިރާއްޖެއަކު ނޫނޭ. މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގަބޫލުނުކޮށް، ދިވެހިރާއްޖޭގެ ސަރުކާރު ގަބޫލުނުކޮށް، އަމިއްލަ ކައުންސިލެއް ހަދައިގެން އުޅޭ ބަޔަކުވެސް އެބައުޅޭ. މިއީކީ ކަންކަން ކުރެވޭނެ ގޮތެއް ނޫން. އެހެންވީމާ، މިކަންކަން ރަނގަޅަށް ކުރިއަށް ގެންދިޔުމަށްޓަކައި ކައުންސިލުތަކުގެ ބޭފުޅުންވެސް، ކޮންމެ ޕާޓީއެއްގެ ބަޔަކު ކަމުގައިވިޔަސްވެސް، އެބަޖެހޭ ސަރުކާރާއެކީގައި މަސައްކަތް ކުރަން. އެވަގުތު އޮތް ސަރުކާރަކާއެކީގައި. އަބަދުވެސް މި ރާއްޖޭގައި ދެން އިރާދަކުރެއްވިއްޔާ، ސިޔާސީ ޕާޓީތައްވެސް އޮންނާނެ. އެކަމަކު އަޅުގަނޑުމެންގެ އުންމީދަކީ، ﷲގެ ރަޙްމަތްފުޅާއެކުގައި، މި ސިޔާސީ ޕާޓީތަކަކީ މިއީ އެކީގައި އެއްބަޔަކު، ހުރިހާ އެންމެން އެކުވެރިކަމާއެކީގައި މަސައްކަތްކުރާ ބަޔަކަށްވުން. މި ރާއްޖޭގައި އޮންނަ ޑިމޮކްރަސީއަކީ އެއީ، ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އޮންނަ ޑިމޮކްރަސީއަކަށްވުން. ހަމައެކަނި ވަކިވަކި ސިޔާސީ ޕާޓީތަކެއްގެ އަމިއްލަ ބޭނުމަށްޓަކައި ނޫނީ އެޕާޓީތަކުގެ ވެރިންގެ އަމިއްލަ ސިޔާސީ އެމްބިޝަންތަކަށްޓަކައި އޮންނަ ޕާޓީތަކަކަށްނުވޭ. އިންތިޚާބަށްފަހުގައި ހުރިހާ އެންމެން އެކީގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކުރެވެން އެބަޖެހޭ. އެހެންވީމާ، މިހާރުވެސް އެކަން އަޅުގަނޑުމެންނަށް ކުރެވިދާނެ. އެކަމަކު އެބަޖެހޭ ބޯހަރުކަން ދޫކޮށްލާފައި ރައްޔިތުންގެ ޙައްޤުގައި އެކީގައި މަސައްކަތް ކުރަން. އެތަން ބައެއް ތަންތަނުން އެބަފެނޭ އަޅުގަނޑުމެންނަށް. މިދަތުރުގައިވެސް މިއަތޮޅުގެ ބައެއް ރަށްރަށުގައިވެސް އެއް ޕާޓީއެއްގެ ބޭފުޅުން ވަޑައިގެން އަނެއް ޕާޓީގެ ބޭފުޅުންނާއެކީގައި އެއް ކައުންސިލެއްގައި އެބަ މަސައްކަތް ކުރައްވަމުން ގެންދަވާ. އަދި އަޅުގަނޑުމެން އެރަށްރަށަށް ދިޔުމުން، އަޅުގަނޑުމެންނަށް މަރްޙަބާ ކިޔައި، އަޅުގަނޑުމެންނާއެކީ މަސައްކަތްވެސް ކުރައްވާފައި އެބަހުރި. އެހެން ނަމަވެސް، ބައެއް ބޭފުޅުން ހަމަ އަދިވެސް ހަމަ ބޮޑާހާކާފައި، މިއީ ހަމަ ބޯ ފަސްގަނޑުތެރެއަށް ޖަހާލައިގެން އެބަތިބި. އެހެންވީމާ، އެގޮތަކަށް މިކަމެއް ނުކުރެވޭނެ. އިރާދަކުރެއްވިއްޔާ، މިހެންހުރި ތަންތަން ރަނގަޅުވެގެން، އަޅުގަނޑުމެންގެ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ ފައިދާއަށްޓަކައި މިކަންކަން ރަނގަޅުވެގެންދާނީ. ސަރުކާރުގެ ފަރާތުން ހުރިހާ ކައުންސިލުތަކަކަށްވެސް، ކޮންމެ ޕާޓީއެއްގެ ކައުންސިލަކަށްވިޔަސް، ސަރުކާރުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ދޭނަން. އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުއްސުރެން ދެންނެވިން، އަޅުގަނޑުމެން ކަންކަން ކުރުމުގައި، ސަރުކާރުގެ އެހީތެރިކަން ދިނުމުގައި، އެއްވެސް ޕާޓީއަކަށް، އެއްވެސް ބަޔަކަށް އިމްތިޔާޒެއް ނުގެންގުޅެ، ހަމަހަމަކަމާއެކީގައި ﷲ އިރާދަކުރެއްވިއްޔާ ކަންތައް ކުރަމުން އަޅުގަނޑުމެން ގެންދާނަމޭ.

އާދެ! ދެން މިރަށުން ތިޔަ އެދިވަޑައިގަންނަވާ ކަންކަމާ ބެހޭގޮތުންވެސް އެހެން ރަށްރަށެކޭ އެއްފަދައިން، އަޅުގަނޑަށް ވެވުނު ވަރަކުން އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެހީވެދޭން މަސައްކަތް ކުރާނަން. އެގޮތުން، މިހާރުން މިހާރަށް ކުރެވެންހުރި ބައެއް ކަންކަން، އަޅުގަނޑު ވިސްނާލާފައި ކުރެވޭތީވެސް ބަލާނަން. އޭގެތެރެއިން އެއްކަމަކީ، މިރަށުންވެސް އާސަންދައިގެ ދަށުން ބޭސްގަނެވޭނެ ގޮތެއް އެބަޖެހޭ އިންތިޒާމު ކުރަން. ﷲ އިރާދަކުރެއްވިއްޔާ، އެކަން ހަމަޖެހިގެންދާނެ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މާލަސްނުކޮށް.

އާދެ! ދެން މިރަށުގެ ޒުވާނުން، ރަށުން ބޭރުގައި މަސައްކަތް ކުރައްވާފައި މިރަށަށް ވަޑައިގެން، އެބަޖެހޭ ކުޑަކޮށް ބޯޅަ ކުޅުއްވައި މުނިފޫހިފިލުވުމުގެ ކަންތައް ކުރައްވަންވެސް. އެހެން ނަމަވެސް، ބޯޅަދަނޑު އަދި އޮތީ ވަރަށް ހާލުގައި. އެހެންވީމާ، ބޯޅަދަނޑު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މިހާރު އެބަ ބައެއް އަމިއްލަ ފަރާތްތަކާ ވާހަކަ ދައްކަމުން އެބަ ގެންދަން، މިއަހަރު ނިމުމުގެ ކުރިން، މިރަށުގެ ބޯޅަދަނޑުގައި ލައިޓްސް ހަރުކުރުމާ ބެހޭގޮތުން. އިރާދަކުރެއްވިއްޔާ، އެކަންވާނެ.

ދެން ހުރިހާ ރަށެއްގައިވެސް އެންމެ ކަންބޮޑުވާ ކަމަކަށްވަނީ، ނަރުދަމާގެ ކަންތައް. ނަރުދަމާގެ ކަންތަކުގައި އަޅުގަނޑަށް ދެންނެވޭނީ، މިހާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން އާ މަޝްރޫޢެއް އަޅުގަނޑުމެން ރާވަމުން މިގެންދަނީ، ރަށްރަށުގެ ނަރުދަމާ ލުމަށްޓަކައި. އަޅުގަނޑުގެ ސަރުކާރުން އެންމެބޮޑަށް އަހަންމިއްޔަތުކަންދޭ އެއްކަމެއް، ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށްވެސް އެ މަޝްރޫޢުގެ ދަށުގައި ހިމެނިގެން، މިރަށުގައި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމަށްޓަކައި، އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން.

އާދެ! ވަރަށްގިނަ ކަންކަން އެބަހުރި. އެހުރިހާ ކަމެއްގެ ވާހަކަ، އަޅުގަނޑު ވަކިވަކިން ނުދެންނެވިޔަސް، ﷲ އިރާދަކުރެއްވިއްޔާ، މިރަށަށްވެސް ހަމަ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ބޮޑެތި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި، ސަރުކާރުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތެއް ކުރާނަން. މިއަތޮޅުން މިދަތުރުގައި މިރަށަކީ އެންމެފަހުން އަޅުގަނޑަށް މަޑުކޮށްލެވޭ ރަށް. އަޅުގަނޑަކީވެސް މިރަށަށް، މިއަތޮޅަށް ކޮންމެވެސްވަރަކަށް ނިސްބަތްވާ މީހެއް. އެހެންވީމާ، އަޅުގަނޑު ވިސްނާލިއިރުގައި، މިއަތޮޅަށް އަޅުގަނޑު އަމިއްލަގޮތުން ގަބޫލުކުރާ ގޮތުންވެސް މިއަތޮޅަކަށް މާބޮޑެތި ކަންތައްތަކެއް އަދި ކުރެވިފައެއްނުވޭ. އެބަޖެހޭ މިކަމާ އަޅުގަނޑުމެން އަލުން ވިސްނުމަކަށްދާން. އެހެންވީމާ، އެގޮތުން، ޚާއްޞަކޮށް މިއަތޮޅުގައި އާމްދަނީ ލިބޭނެ، ވަޒީފާ ލިބޭނެ ގޮތްތަކެއް އުފެއްދުމަށްޓަކައި އެބަޖެހޭ ފަތުރުވެރިކަން ފުޅާކުރަން.

އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި، މަދުވެގެން އިތުރު އެއް ރިޒޯޓް، މިއަތޮޅުގައި ޤާއިމު ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. ދެން ހަމައެއާއެކީގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރުވަނީ އެއަރޕޯޓްގެ މަސައްކަތް. އެހެންވީމާ، އެއަރޕޯޓަށް މިއަންނަ އަހަރުގެ މެދެއްހާ ހިސާބުގައި، އެއަރޕޯޓެއް ހުޅުވިގެންދާނެކަމުގެ އުންމީދު، އަޅުގަނޑު ކުރަމުން މިގެންދަނީ. އެކަން އިރާދަކުރެއްވިއްޔާވާނެ. މީގެ ސަބަބުން ރައްޔިތުންނަށް ކޮންމެވެސް ކަހަލަ ފަސޭހަތަކެއް ވެގެންދާނެ. ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް އައިސްގެންދާނެ. އެހެންވީމާ، މިކަންކަމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން މިގެންދަނީ.

ދެން ވަގުތުގެ ގޮތުންނާއެކީގައި، މާގިނައިރެއް ނުނަގާ އަޅުގަނޑު ދަންނަވާލާނީ، އަޅުގަނޑު މިރަށަށް އައުމުން، ތިޔަބޭފުޅުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތިޔަ ދެއްވި ހޫނު ތަރުޙީބު، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރާނަމޭ. މިރަށަކީ ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާފަދަ ޞުލްޙަވެރި، އަމާން، އަދި ތަރައްޤީގެ ގޮތުން ކުރިއަށްދާ ރަނގަޅު ކައުންސިލަކުން ނަމޫނާ ހިންގުމެއް ހިންގާ ރަށަކަށް ހެދޭތޯ ތިޔަ ކުރައްވާ މަސައްކަތުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހުރިހާ އެހީތެރިކަމެއް ދައުލަތުން ދޭނަން.

އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުން ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރި، ފާގަތި ދިރިއުޅުމެއް ހޭދަކުރެއްވުމުގެ ތައުފީޤު، މާތްﷲ މިންވަރު ކުރެއްވުން. އަދި މާލަސްތަކެއްނުވެ އަޅުގަނޑުމެން އަނެއްކާވެސް މިރަށަށް އައިސް އަދި މިރަށަށް ނާދެވުނު ކަމުގައިވީނަމަވެސް، މިރަށަށް ރަނގަޅު ކަންތައްތަކެއް ކޮށްދިނުމުގެ ތައުފީޤު، މާތްﷲ އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه