بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މަޑުއްވަރީގެ ލޮބުވެތި އަޚުންނާއި އުޚުތުން، މި ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލާ ވިސާމް ޢަލީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން، މިނިސްޓަރ އޮފް ހެލްތް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، މީގެކުރީ ތިންފަހަރަށްވެސް އަޅުގަނޑު މިރަށަށް އައިސް އަޅުގަނޑު ދަނީ ގޮނޑުދޮށަށް. ގޮނޑުދޮށަށް ދާން އަޅުގަނޑު މިރަށަށް އަންނަނީ. އެއީ މިރަށު ތުނޑިއަށް ބަލައިލަންވެގެން. އަޅުގަނޑުމެން 2008ގެ އިންތިޚާބަށްފަހުގައި، އަޅުގަނޑު ނައިބު ރައީސްކަމާ ޙަވާލުވިތާ މާގިނަ ދުވަހެއްނުވެ، އަޅުގަނޑަށް މިރަށުގެ ޚަބަރުތައް ލިބެން ފަށައިފި. އެއީ މި ރަށް ގިރާ ވާހަކަ. ދެން އެހެންވީމާ، މާގިނަ ދުވަހެއް ނުކޮށް އަވަހަށް، ހަމަ ވަރަށް އަވަހަށް އަޅުގަނޑު މިރަށަށް އައިން. އައިސް ބެލިއިރު ކަމަކުދާކަށް ނެތް. ބައެއް ގޭގެވެސް ވެއްޓޭ ހިސާބަށް ގޮއްސަ ހުރީ. އެހެންވީމާ، އަޅުގަނޑުމެން އަވަސްވެގަތީ، މިރަށަށް ކޮންމެވެސްވަރެއްގެ އެހީއެއް ލިބޭތޯ. ދެން އަނެއްކާވެސް މިރަށް މިހާވަރަށް ރަށް ގިރާފައި އޮތް ރަށެއް އެވަގުތު ފެނުމާ އެކީގައި، ދިވެހިރާއްޖޭގައި ރަށް ގިރުމުގެ އެންމެ ބޮޑު މިސާލެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެންދިޔައީ މަޑުއްވަރި. އަޅުގަނޑުވެސް ދާހާ ތަނެއްގައި މަޑުއްވަރީގެ ވާހަކަ މިދައްކަނީ. މިހެން އުޅެނިކޮށް، ކުއްލިއަކަށް އަނެއްކާ ބީ.ބީ.ސީ މީހުން އަންނަންވެއްޖެ.

އެހެންވީމާ، ދެން ދެވަނަފަހަރު އަޅުގަނޑު އައީ އެނގިވަޑައިގަންނަވާނޭ ފަދައިން، ބީ.ބީ.ސީ.ގެ ކެމެރާމަނަކާއި ރިޕޯޓަރަކާ، މި މީސްމީހުން ގޮވައިގެން. އައިސް ދެން މިރަށާ ބެހޭ ފިލްމެއްވެސް ހަދައިފިން. ހަދައިގެން ދެން ކޮންމެވެސް ފަރާތަކުން ކުއްލިއަކަށް އެހީވެސް ލިބިއްޖެ، މިރަށުގެ ގޮނޑުދޮށް ހަދަން. ދެން އޭރު މިކަމާ ޙަވާލުވެވަޑައިގެން ތިއްބެވި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސްބޭފުޅުން ވިދާޅުވެއްޖެ، ދެން ތިމަންނަމެން މަޑުއްވަރީގެ ގޮނޑުދޮށް ހަދަން ވަރަށް މުޅިން އާ އީޖާދެކޭ ބޭނުންވަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތިޔަކަން ކޮށް ނިންމާލާނަމޭ. ދެން އަޅުގަނޑުވެސް ވަރަށް އުފަލުން މިހިރީ. ހުއްޓާ މިރަށު ގޮނޑުދޮށް ދެން ހަދައިފި. ހަދާ ނިމުނުތަނާ މާގިނަ ދުވަހެއްނުވެ، އަނެއްކާވެސް ޙަލީމްބެ އަޅުގަނޑަށް ފޯނުކުރައްވައިފި. ފޯނުކުރައްވާފައި ވިދާޅުވެއްޖެ، ކަމަކުދާކަށްނެތޭ އެއްކަލަ މިތާނގައި ގޮނޑުދޮށް ހެދިތަން މިހާރު ހަލާކުވާން ފަށައިފިއޭ. އަޅުގަނޑު ދަންނަވައިފިން، ތި ވަރަށްމޮޅު އެއްޗެކޭ ތިތާ ޖަހާފައި ތިހުރީ. އެހެންވީމާ، ތި ހަލާކެއް ނުވާނެއޭ އެހާ އަވަހަކަށް. ދެން އަޅުގަނޑަށް ހީވަނީ ޙަލީމްބޭވެސް އަޅުގަނޑު ދެންނެވި ވާހަކަ ގަބޫލު ކުރައްވައިގެން، ދުވަސްކޮޅެއް ކޮށްފައި އަނެއްކާ ފޯނު ކުރައްވައިފި. ފޯނު ކުރައްވާފައި ވިދާޅުވެއްޖެ، ކަމަކުދާކަށްނެތޭ، އެއްކަލަ ބަސްތާތައް މިހާރު ފައިބަން ފަށައިފިއޭ. ކޮންމެއަކަސް މިހާރު މިއޮތީ އަނެއްކާވެސް އެތަން ހަދަން ޖެހިފައި. ދެން އަޅުގަނޑު މިއަދުވެސް ގޮނޑުދޮށަށް ޖައްސާލާނަން، ފުރުމުގެ ކުރިން. އެއީ، އެތަން ބަލައިލަން އެބަޖެހޭ. މީގައި ދެން ވަރަށްދެރަ ކަމެއް. އަޅުގަނޑުމެން ވަރަށްބޮޑު ޚަރަދެއްކޮށްގެން އެތަން މިހެދީ. އެހެން ނަމަވެސް، އަނެއްކާ މިހާރު ހަދަން ޖެހިފައި އެއޮތީ. އުފާވެރި ޚަބަރަކީ، އިރާދަކުރެއްވިއްޔާ އަނެއްކާވެސް އެތަން އަޅުގަނޑުމެން ހަދާނަމޭ. ދެން މިފަހަރު ކުރިއަށްވުރެ ރަނގަޅަށް ހެދޭތޯ އިރާދަކުރެއްވިއްޔާ ބަލާނަން.

އާދެ! އަޅުގަނޑަކީ މިރަށަށް ވަރަށް މަދުން އާދެވުނު މީހެއް ކަމުގައިވީނަމަވެސް، އަޅުގަނޑަށް ފެނުނުތާނގައި މިރަށުގެ ޒުވާނުންނަކީ ވަރަށް ވިސްނުންތޫނު، ކިޔެވުމަށްވެސް ރަނގަޅު، ވަރަށް ޙަރަކާތްތެރި ޒުވާނުންތަކެއް އުޅޭ ރަށެއްކަން. އަދި އެކިއެކި މަސައްކަތްތަކުގައިވެސް ޒުވާނުން ވަރަށް އަވަދިނެތި އުޅޭ ރަށެއް. މަސްވެރިކަމުގައި، ބޯޓު ބަނުމުގައި، މިހެންގޮސް ކިތަންމެ ކަންތައްތަކެއްގައި. އެހެންވީމާ، ޒުވާނުންނަށް ޚާއްޞަކޮށް، ކަންކަން ކުރުމަކީ އެއީ، ވަރަށް މުހިންމު ކަމެއް މިރަށުގައި. އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު ހަތަރުބުރީގެ ނުވަ ކްލާސްރޫމްގެ ޢިމާރާތެއްގެ ބިންގާ އެޅުނީމަ. އޭރުން އިރާދަކުރެއްވިއްޔާ، މިރަށުގެ ކިޔެވުމަށް، ތަޢުލީމަށް އަދި މިހާރަށްވުރެވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.

ދެން ދެންމެގައި އަނދިރިވީތަން މިފެނުނީ. އަޅުގަނޑަށް ހީވަނީ ކަރަންޓުގެ ބައެއް އުނދަގޫތައްވެސް މިރަށުގައި އުޅެނީހެން. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑައިގެން ދިޔުން ކަހަލަ ކަންތައްތައް މިރަށުގައި ވަމުންދަނީ. ދެން މިކަމަށް ވަގުތީ ޙައްލެއް ހޯދުމަށްޓަކައި މިކަމުގައި ވަނީ މިރަށަށް އެކްސްޕަރޓެއް ފޮނުވައިގެން، އަޅުގަނޑަށް ހީވަނީ މިހާރު މަރާމާތުކޮށް، ކަރަންޓުގެ ކަންތައް ކޮންމެވެސްވަރަކަށް ހަމަޖެހިއްޖެހެން. އެހެން ނަމަވެސް، އެއީކީ އެއްގޮތަކަށްވެސް ދާއިމީ ޙައްލެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މި ޤަޞްދުކުރަނީ، މިރަށުގައި އާ އިންޖީނުގެއެއް ޢިމާރާތްކޮށް، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި 200 ކިލޯ ވޯޓުގެ އާ އިންޖީނެއް މިރަށަށް ލިބޭނެ. އާދެ! މިކަންކަން އިރާދަކުރެއްވިއްޔާ ވެގެންދާނެ. ދެން އެކަންކަން ކުރުމުގައި، ރަށުގެ ރައްޔިތުންގެ ހުރިހާ ބޭފުޅުންގެ އެހީތެރިކަން ލިބޭނެ ކަމަށް އަޅުގަނޑުމެން ޔަޤީންކުރަން.

ދެން އަޅުގަނޑަށް ލިބުނު އަނެއް ޚަބަރަކީވެސް އުފާވެރި ޚަބަރެއް މިރަށުން. އެއީ ދަންނަވަންތޯ، ކުރީ އަހަރާ އަޅާބަލާއިރުގައި، މިއަހަރު މިރަށުގައި ކުށްކުރާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވެއްޖެ. އެއީ ވަރަށް ރަނގަޅު ޚަބަރެއް. ކޮންމެވެސް ކަމެއް ތިޔަބޭފުޅުން ރަނގަޅަށް ކުރައްވާތީ، އެހެން އެވަނީ. އަޅުގަނޑު އުންމީދު ކުރަން، އެގޮތަށް ތިޔަބޭފުޅުން ކަންކަން ބަހައްޓަވާނެ ކަމަށް. މިރަށަށް ކުށްކުރާ ކުދިން ގިނަވިޔަނުދީ، މިރަށަށް މަސްތުވާތަކެތި ގެނަޔަނުދީ، މި މުޖުތަމަޢުގެ ކަންކަން ތަންކޮޅެއް ގާތުން މިރަށުގެ ހުރިހާ އިސްބޭފުޅުން ބައްލަވަމުން ގެންދަވައި، ކުދިންގެ ކަންތައްތައް ތަންކޮޅެއް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަންކަން ކޮންޓްރޯލް ކުރެވޭނެ.

ދެން މިއަދު އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެންޖެހޭ ކަމަކާ މިދިމާވީ. ވާގޮތަކީ އަޅުގަނޑުމެން މިރަށަށް އަންނަން އޮތީ ގާތްގަނޑަކަށް ދޭއްޖަހާލާ އެހާކަންހާއިރު. އެހެންވީމާ، އެއްގަޑި ބައިވިއިރު، މިރަށުގެ ހުރިހާ ރައްޔިތުން، އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ނުކުމެވަޑައިގެންފި އެންމެ އަވިގަދަވީ ވަގުތު. ދެން އެތާނގައި އެ ތިއްބަވަނީ މިއަދު ހަތަރުދަމު. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން، އެހާގިނައިރު ރައްޔިތުންގެ އެހާގިނަ ބޭފުޅުން، ބޭރުގައި އެގޮތަށް އަޅުގަނޑުގެ އިންތިޒާރުގައި ތިބީމާ. އިރާދަކުރެއްވިއްޔާ، ދެން އެހެން ފަހަރަކުން އެހެން ނުވާނެ ކަމަށް އަޅުގަނޑު ހީކުރަން. ވީމާ، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތަރުޙީބު ދެއްވުމުގެ ގޮތުން ނުކުމެވަޑައިގެން، ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވީތީ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދެން އެހެން ރަށްރަށެކޭ އެއްގޮތަށް މިރަށުގައިވެސް މިއޮތީ ކޮންމެވެސްވަރެއްގެ ބައިވުމެއް އުފެދިފައި. އެހެން ނަމަވެސް، އެ ބައިވުމުގެ ސަބަބުން އިރާދަކުރެއްވިއްޔާ، ރަށުގެ ތަރައްޤީއަކަށް މާބޮޑު ބަދަލެއް ނާންނާނެ. މީގެކުރިން ވާގޮތަކީ، ވަކިކަހަލަ ކައުންސިލެއް އޮވެއްޖެއްޔާ، އެރަށަކަށް ދެން ނުދާނެ އެއްވެސް މަސައްކަތެއް، އެއްވެސް ކަމެއް، އެއްވެސް ކަހަލަ މަޝްރޫޢެއް، އެއްވެސް އެއްޗެއް ނުދާނެ. އެހެންވީމާ، މިހެންހުރި ބައިވަރު ރަށްރަށް އެބަހުރި. ރަށުގެ ކައުންސިލްގައި ތިއްބަވަނީ، ވަކި ކުލައެއްގެ، ވަކި ކުލައެއް ނޫން ބޭފުޅުން ކަމަށްވީމާ، އެރަށްރަށަށް މަޝްރޫޢުތަކެއް ނުދޭ. ވަރަށް ބޮޑަށް އިހުމާލު ކުރެވިފައި އޮތީ. އެ އުޞޫލު މިހާރު އަޅުގަނޑުމެން ބަދަލުކޮށްލައިފިން. އަޅުގަނޑުމެން ވަކި ކުލައަކަށް ނުބަލާނަން. އަޅުގަނޑުމެން ހުރިހާ ރަށެއްގައިވެސް، ހަމަހަމަ އުޞޫލަކުން އެރަށަކަށް ކުރަންޖެހޭ ކަންތަކަށް އިސްކަންދީގެން، ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އެއްވެސް ހާލެއްގައި، މިރަށުގެ ކަންކަން ނުކުރެވިފައި، އިހުމާލު ނުކުރެވިފައެއް ދެން ނުހުންނާނެ. އޭގެ ދަލީލެއް މިއަދު އަޅުގަނޑުމެންނަށް މި ޢިމާރާތުގެ ބިންގާ އެޅުނުކަން އެއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދެން ހުރި ކަންކަން ކުރުމުގައިވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ފަރުވާބަހައްޓައިގެން، މިކަންކަން ކުރެވޭތޯ ބަލާނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް ދަންނަވާލާނަން، ރަށުގެ އިސްކޮށް ތިއްބެވި ޒުވާނުން، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަ ހުރިހާ ބޭފުޅުން، މިރަށަށްޓަކައި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކޮށްދެއްވުމަށް. މިއަދު މިތަނުން މި ކައުންސިލްގެ ދެން ތިއްބެވި ބޭފުޅުން ނުފެނުނީމާ، އަޅުގަނޑު ވަރަށް ހިތާމަކުރަން. އެއީ އެއްގޮތަކަށްވެސް، އެކަން ވެގެންވާނެ ގޮތެއް ނޫން. ދެން އެބޭފުޅުންނަކީ އަޅުގަނޑުވެސް ހަމަ ނުލާހިކު ގާތް ބޭފުޅުން. އެހެންވީމާ، މީގެކުރިން އަޅުގަނޑު މިރަށަށް އަންނައިރުގައި، އަޅުގަނޑުގެ ފަހަތުން އެބޭފުޅުން އުޅުއްވާނީ. އެކަމަކު މިފަހަރު އެހެނެއް ނޫން މި ދިމާވީކީ. އެހެންވީމާ، އަޅުގަނޑު ދަންނަވަން، އެބޭފުޅުންނަށް އެއްގޮތަކަށްވެސް ތަފާތު ނުގެންގުޅުއްވުމަށް. އަޅުގަނޑުމެން މިރަށަށް މި އަންނަނީކީ، ކޮންމެހެން ޕާޓީ މަސައްކަތް ކުރާކަށް ނޫން. އަޅުގަނޑު މިރަށަށް މިއަންނަނީ ރައްޔިތުންނަށްޓަކައި ކުރަންހުރި މަސައްކަތްތަކެއް ކުރަން، މަޝްރޫޢުތައް ހިންގަން. އެހެންވީމާ، އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ. ތިޔަބޭފުޅުންގެވެސް އަދިވެސް މުސްތަޤްބަލުގައި އޮންނާނެ، ހަމަ ކޮންމެވެސްކަހަލަ ރަނގަޅު ކަންތައްތަކެއްވެސް. ސިޔާސީ މުސްތަޤްބަލެއްވެސް. އެހެންވީމާ، އެ މުސްތަޤްބަލް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ، ރައްޔިތުންނާ ދޭތެރޭގައި އޯގާތެރިކޮށް ކަންތައްކޮށްގެން. ހަމަހަމަކަމާއެކީގައި ކަންތައްތައް ކުރައްވައިގެން. ދެން ހުރިހާ ބޭފުޅުންވެސް ދެން ކުރިއަށް އޮތް ތާނގައި ގުޅިވަޑައިގަންނަވައިގެން، މި އިންނެވި ޢަބްދުﷲ ޙަމީދު އިންނެވިހެން، ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން، މިއަދު މެންދުރުފަސްއެކީގައި އަޅުގަނޑުމެންނަށްޓަކައި ހޭދަކުރައްވައި، އަޅުގަނޑުމެންނަށް ތިޔަހާ ބޮޑު ތަރުޙީބެއް ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީވެސް ހިތްފަސޭހަކަމާއި، އުފާފާގަތިކަންމަތީގައި ދިރިއުޅުއްވާ ބޭފުޅުން ކަމުގައި މާތްﷲ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه