بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހުޅުދުއްފާރުގެ ލޮބުވެތި އަޚުންނާއި އުޚުތުން، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ހުޅުދުއްފާރު ކައުންސިލްގެ މެންބަރުން، ނައިބު ރައީސް، މިއަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް ޖަޢުފަރު، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއީ އަޅުގަނޑަށް ހުޅުދުއްފާރަށް އާދެވޭ، އަޅުގަނޑަށް ހީވަނީ އެންމެ ފުރަތަމަފަހަރުހެން. އަބަދުވެސް މިރަށުގެ ވާހަކަ އަޅުގަނޑުމެންނަށް މި އިވެނީ. މިރަށަކީ މިއީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ވަރަށް ކުރިއްސުރެ ރޭވިގެން ހިންގިފައި އޮތް މަޝްރޫޢެއް. މަޝްރޫޢުގެ ނަތީޖާ މިއަދު އަޅުގަނޑުމެން މިދެކެނީ. މިއީ ވަރަށްބޮޑު ތަޖުރިބާއެއް. އެއީ، މުޅިން ރަށެއް އާބާދުކޮށް، ކުރިން ފަޅަށް އޮތް ރަށެއް، އެހެން ރަށްރަށުން މީހުން ގެނެސް އާބާދުކޮށް، ރަށް ދިރުވުމަށްޓަކައި މަސައްކަތް ކުރެވިފައިވާ ރަށަކަށްވާތީ. ރާއްޖޭގެ މުސްތަޤްބަލުގައި، މި ތަޖުރިބާއަކީ ކޮންމެ ގޮތަކަށް އަޅުގަނޑުމެންނަށް އަދި ޙިއްޞާ ކުރެވުނު ތަޖުރިބާއެއް ކަމުގައިވީނަމަވެސް، ބޭނުންތެރި ތަޖުރިބާއެއް ކަމުގައި ވެގެންދާނެ.

ރާއްޖޭގައި އަދިވެސް ހާހަށްވުރެ މަދުން މީހުން އުޅޭ ވަރަށްގިނަ ރަށްތައް އެބަހުރި. ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން، ރަށުގެ އިޖްތިމާޢީ ކުރިއެރުމާއި، އިޤްތިޞާދީ ކުރިއެރުމަށް ވަރަށްބޮޑު ހުރަސްތަކެއް އެޅިގެންދޭ. އެގޮތުން، މިސާލަކަށް ދަންނަވަންޏާ، މިހާރު ރާއްޖޭގައި އެބައޮވޭ 100 ކުދިންނަށްވުރެ މަދުން ކުދިން ކިޔަވާ ސްކޫލްތައް ހުންނަ 60 ރަށް. އަދި އެހެން ކަމެއް ކުރަން ބެލިޔަސް، ހަމަ އެ މަދު ކުދިން ސްކޫލްގައި ތިބޭ ކަމަށްވާނަމަ، އެ ސްކޫލެއް މަތީ ފެންވަރަކަށް ގެންދިޔުމަކީ ފަސޭހަ ކަމަކަށް ނުވާނެ. މުޅިން އާ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ނެރެން. އެހެންވީމާ، އާގޮތަކަށް ކުރަން އެބަޖެހޭ. އެހެން ނަމަވެސް، އަޅުގަނޑުމެން އާދަވެފައި މިތިބީ، ވަކިގޮތަކަށް ކަންކަން ކުރަން. އެހެންވީމާ، އެކަހަލަ ބޮޑެތި ބަދަލުތައް ގެންނަން އެބަޖެހޭ. މުސްތަޤްބަލް މިއޮތީ ހަމަ ކުދި ރަށްރަށުގެ ރައްޔިތުން، ބޮޑެތި ރަށްރަށަށް އައިސް، ބޮޑެތި އާބާދީވެސް ހެދިގެން. އޭގައި އަޅުގަނޑުމެން އިނގިރޭސިބަހުން މި ކިޔާ އިކޮނޮމިކަލް ސްކޭލް އުފެދިގެން އަދި ކަންކަން ކުރުމަށްޓަކައި އެންމެ މަދުން މީހުން ތިބީމާ، އެކަންކަން ފުރިހަމަވާ ކަންކަން އޮވޭ. އެއަށް މި ކިޔަނީ ކްރިޓިކަލް މާކް. ކްރިޓިކަލް މާކްސްއެއް ނެތް ތަނެއްގައި ވަރަށް އުނދަގޫވާނެ، ކަންކަން ކުރަން.

އެހެންވީމާ، އެގޮތުން، އެ ވިސްނުމުގެ ދަށުން 1990ގެ އަހަރުތަކުގެ ތެރޭގައި، ސަރުކާރުގެ ފަރާތުން ވިސްނާވަޑައިގެން، މިރަށް އާބާދު ކުރެވިފައި މިއޮތީ. އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހެނީ، އަޅުގަނޑުމެން ކުރިން ތިބި ރަށްރަށުގައި ތިބިގޮތަށް ތިބެގެންތޯ ރަނގަޅީ، މިހާރުތޯ ރަނގަޅީ. ޝައްކެއްނެތް، އަޅުގަނޑަށް ޔަޤީންވޭ، މިހާރު ތިޔަބޭފުޅުން ގަބޫލު ކުރައްވާނީ މިގޮތް ކަމުގައި ރަނގަޅީ. އެހެންނަމަވެސް، އެބަހުރި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް. އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އަސާސީ ކަންކަންވެސް އެބަހުރި. ޙަޤީޤަތަކީ ރާއްޖޭގެ ހަމަ ގިނަ ރަށްރަށުގައި އަސާސީ ޚިދްމަތްތައް ހުރީ ފުރިހަމަނުވެ. ދެން ރަށްރަށުގައި އަޅުގަނޑުމެން ތިބީމާ، އަޅުގަނޑުމެން އުޅެނީ. އެހެން ނަމަވެސް، ތިޔަ ވިދާޅުވިހެން ފާޚާނާ ކުރުމުގެ ނިޒާމު، ބޯފެނުގެ ނިޒާމު، މިހެންހުރި ކަންކަމަކީ ރޭވިގެން ހިންގިފައި ހުރި ކަންކަމެއް ނޫން. ދެން ޒަމާނުއްސުރެ އަޅުގަނޑުމެން އުޅެމުން އައި ގޮތަކަށް އުޅެމުން އައިއްސަ މިއޮތީ. އެކަމަކު މިއަދު އެކަން އެގޮތަކަށް ނުބޭއްވޭނެ. މިއަދު އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން، ދައުލަތުގެ ފަރާތުން އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމަކީ، ރައްޔިތުންގެ އަސާސީ ޚިދްމަތްތައް ފުރިހަމަކޮށްދިނުން. އެހެންވީމާ، އެކަމަށްޓަކައި މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއްދީގެން، އެކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! އަޅުގަނޑު ސްކޫލަށް ވަދެގެން އައިއިރުގައި، މިތާ މިހިރަ ތަރި ޖަހާފައި ހުރި ޕޯސްޓުން އަޅުގަނޑަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިއްޖެ. މިރަށަކީ މިވޭތުވެދިޔަ ހައެއްކަ އަހަރު، ކޮންމެ އަހަރަކު މުޅި ރާއްޖެއިން 1 ވަނަ ހޯދާ ކުދިން ތިބޭ ސްކޫލެއް. އަދި މުޅި ދުނިޔެއިންވެސް 1 ވަނަ ހޯދާ ކުދިން ތިބޭ ސްކޫލެއް. އެ ސްކޫލަކީ މިއީ. މުޅި ރާއްޖެއިން 1 ވަނަ ސްކޫލަކަށް ހޮވިފައި އޮތް ސްކޫލެއް. އޭގެ މާނައަކީ، ކޮންމެވެސް ކަންތައްތަކެއް ރަނގަޅަށް ތިޔަބޭފުޅުންނަށް ކުރެއްވޭތީ. މި ސްކޫލްގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ޚާއްޞަކޮށް، ކުދިންގެ ބެލެނިވެރިން ތަޢުލީމަށްޓަކައި ދެއްވާ އަހަންމިއްޔަތުކަން، މިއިން ވަރަށް ރަނގަޅަށް ސާބިތުވެގެން މިދަނީ. އެހެންވީމާ، އެކަހަލަ ރަނގަޅު ނަތީޖާތަކެއް މި ނެރެވެނީ. އެހެންނަމަވެސް، ހަމަ އެއާއެކީގައި އަޅުގަނޑު ފާހަގަނުކުރާ އަނެއް ނުކުތާއަކީ، ވޭތުވެދިޔަ 2010 ވަނަ އަހަރާއި، 2011 ވަނަ އަހަރާ ދޭތެރޭގައި މުޅި މި ސްކޫލްގެ އޯ ލެވެލް ނަތީޖާތަކަށް ބަލާއިރުގައި، ނަތީޖާވަނީ 16 އިންސައްތައިން ދަށަށް ގޮސްފައި. އެއީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަށްޓަކައި ސްކޫލްގެ ފަރާތުން ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހޭ. އަޅުގަނޑުމެންނަށް މިވޭތުވެދިޔަތާނގައި، ވަރަށްމޮޅު ކުދިންކޮޅެއް އުފެދިފައިވީ ނަމަވެސް، ޢާންމުކޮށް ސްކޫލްގެ ފެންވަރު އެގޮތަށް ދަށަށްދާން ވެއްޖެއްޔާ، ދެން ފަހުން ނަތީޖާ ރަނގަޅެއް ނުވާނެ. އެހެންވީމާ، މިހާރުއްސުރެ ކަންކަން މިއަށްވުރެ ބޮޑަށް ގޯސްނުވަނީސް، އެކަންކަން ރަނގަޅު ކުރެވޭތޯ ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އިދާރީގޮތުން ސްކޫލްގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި.

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ނުވާވަރުގެ ކަންތައްތަކެއްގެ ވާހަކަ ނުދަންނަވާނަން. އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެން ހަދާފައި ހުރި ޢިމާރާތްތަކާއި ތަންތަން ރަނގަޅަށް މަރާމާތުކޮށްގެން، އެތަންތަން މަސައްކަތް ކުރާގޮތަށް ބެހެއްޓުން. އަޅުގަނޑުމެންގެ އޮފީހުގައި ހުންނަ ކޮމްޕިއުޓަރުތަކާއި، ކުދިން ކިޔެވުމަށް ބޭނުންކޮށްފައި ހުންނަ ކޮމްޕިއުޓަރާއި، ކުދިން ބޭނުންވާ ފާޚާނާއާ، މިހެންހުރި ތަންތަން އެބަޖެހޭ މަސައްކަތް ކުރަން. މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އެއްގޮތަކަށްވެސް މިކަންކަން ރަނގަޅު ކުރުމަކަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފައެއްނުވޭ. ނަތީޖާއެއްގެ ގޮތުން، ވަރަށްގިނަ ޢިމާރާތްތައް މިވަނީ މިހާރު ހަލާކުވެފައި. މި ސްކޫލަށް ބަލައިލިޔަސް، މި ސްކޫލްގައިވެސް ވަރަށް ބޮޑަށް މަރާމާތު ކުރަންޖެހޭ ކަންކަން ހުންނާނެ. އެހެންވީމާ، އެގޮތުން މިއަހަރުގެ ތެރޭގައި، އަޅުގަނޑުމެން މަސައްކަތް ކުރާނަން، ﷲ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތުކޮށް، ކުދިން ބޭނުންކުރާ ފާޚާނާތަކާއި، މުދައްރިސުން ބޭނުންކުރާ ފާޚާނާތަކާ، މިހެންހުރި ތަންތަން މަސައްކަތް ކުރާނެ ގޮތަކަށް، އެކަންކަން ރަނގަޅު ކުރުމަށް. އެއީ ކުރަންޖެހޭ ކަމެއް. އެކަން ނުކުރީމާ، ދެންވާނެ ގޮތަކީ މާބޮޑު ޚަރަދެއް ކޮށްގެން، އަލުން މިތަންތަން ޢިމާރާތް ކުރަންޖެހޭނީ. މީގެއިތުރުންވެސް، ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން، އަދި ބޭރުގެ އެކި ފަރާތް ފަރާތުގެ އެހީއާއެކީގައި، އަލަށް ކުރަންޖެހޭ މަސައްކަތްވެސް އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވަން.

އަޅުގަނޑަށް އެނގޭ، މި ސްކޫލްގައިވެސް ސްކޫލް ހޯލެއްނެތްކަން. ދެން ކުރީގައި މިސްކޫލްތައް ޑިޒައިން ކުރެވުނުއިރުގައި، އޭރުގެ ވިސްނުން މިހުންނަނީ، މިހާރު ތިޔަ ފެނިވަޑައިގަންނަވާ ގޮތަށް. މި ސްކޫލްގެ ހޯލްގެ ޢިމާރާތަކީ، ކްލާސްތަކެއް ގޮތުގައިވެސް ބޭނުންކުރެވޭ ގޮތަށް ހުރީ އޭރުގައި ހަމަ އެގޮތަށް ޤަޞްދުގައި ޑިޒައިން ކޮށްފައި ހުރީތީ. އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް މިތަން ހޯލެއް ގޮތުގައި މި ބޭނުންކުރެވެނީ. އެހެން ނަމަވެސް، މިއީކީ ދާއިމީ ޙައްލެއް ނޫން. އެހެންވީމާ، ހަމަ ރަނގަޅު ހޯލް އެބަ ހުންނަންޖެހޭ ސްކޫލްތަކުގައި. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، ދައުލަތުގެ ފަރާތުން ޚާއްޞަ ސަމާލުކަމެއްދީގެން، އެކަންކަން ކުރަންޖެހޭ ތަންތާނގައި ހޯލްވެސް ހެދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިއަހަރު އަޅުގަނޑުމެންނަށް މިރަށުގައި ސްކޫލް ހޯލެއް އެޅޭނެ ވާހަކަ އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެ. ދައުލަތުގެ ބަޖެޓުގެ ކަންތައް ހުރިގޮތުން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މާ ލަސްނުވެ އެކަން ވާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދެން ރަށުގެ ކަރަންޓުގެ ކަންތައް. މިރަށުގެ އާބާދީއާ އެއްވަރުގެ އިންޖީނުގެއެއް މިރަށަކު ނެތް. އިންޖީނެއް ނެތް މިރަށަކު. ނަތީޖާއަކީ ކަރަންޓް ކެނޑުން. އެކަން ޙައްލު ކުރުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ، މިހާރު ދެން މިއަހަރު މި ނިމެނީ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިރަށުގައި 200 ކިލޯ ވޯޓުގެ އިންޖީނެއް ބެހެއްޓޭނެ. އެކަން ވުމުން، އިރާދަކުރެއްވިއްޔާ ކަރަންޓްގެ ކަންކަން ޙައްލުވެގެންދާނެ. އެކަމުގައި ފެނަކާއިން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން.

އާދެ! ދެން އަޅުގަނޑު ބަލައިލި ބަލައިލުމުން މި އެނގެނީ، މިރަށުގައިވެސް ކުށް ކުރުމުގެ ކަންތައް، ކުރިއަށްވުރެ ގޯސްވަމުންދާކަން. މިރަށަކީ ވަރަށް ސުލްހަވެރިކޮށް ވަރަށް ކުށެއްނެތި އޮތް ތަނެއް. އެހެން ނަމަވެސް، މިވޭތުވެދިޔަ އަހަރުގެ ތެރޭގައި، ކުށްކުރި މީހުންގެ ޢަދަދު ވަނީ ގިނަވެފައި. އަދި ކޮންމެވެސްވަރަކަށް މިރަށަށް މަސްތުވާތަކެތިވެސް އެބައާދޭ. މިކަންކަން އެބަ ހުއްޓުވަންޖެހޭ. އެކަންކަމުގައި، އެކަންކަން ހުއްޓުވޭނީ، އެންމެ ފުރަތަމަ ޚާއްޞަކޮށް، ތިޔަ ލޮބުވެތި ރައްޔިތުން އެކަމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން. މިރަށަށް ޑްރަގްސް ހިފައިގެން އަންނަ ކުދިންނަކަށް އެއްގޮތަކަށްވެސް ތަނެއް ނެތް ކަމަށް ނިންމަވައި، މިރަށަށް ޑްރަގް ހިފައިގެން އަންނަ ކުދިންނަށް ނޭރޭގޮތް ހައްދަވަންވީ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި، އަޅުގަނޑުމެން ތަން ނުދޭންވީ، ކުށްކުރާ މީހުންނަށް. އެކަމަށް ދޫނުދެއްވަންވީ. އެއްފަހަރުވެސް ދޫ ދެއްވައިފިއްޔާ، ދެންވާނެ ގޮތަކީ، ދެންހަމަ އެކަން ގޯސްވަމުންދާނީ. މިހާރު ރާއްޖޭގެ ވަރަށްގިނަ ޅަދަރިންނަށް މަސްތުވާތަކެތީގެ އުނދަގޫ ލިބެމުން މިދަނީ. އެކަން ސްކޫލްތަކަށްވެސް އެބަ ވަދޭ. ޚާއްޞަކޮށް، ބޮޑެތި ރަށްރަށުގައި. އެހެންވީމާ، އެކަންޖެހޭނެ ތިޔަބޭފުޅުން ހުއްޓުވަން. އަޅުގަނޑު މިދަތުރުގައިވެސް ހިނގައްޖައިން، ކިތަންމެ ރަށަކަށް. މިކަހަލަ އެއްވެސް ކަމެއް ނެތް ރަށްރަށަށް. އެރަށްރަށުގެ ރައްޔިތުން އެކަމަށް ސަމާލުވެގެން، މަސްތުވާތަކެތި ފެތުރުނަނުދީ އޮތް ރަށްރަށް އެބަހުރި އެހެންވީމާ، މިރަށަށްވެސް ހަމަ އެކަން ކުރެއްވޭނެ. އަދި ނަތީޖާ ފެންނާނެ. އެހެންވީމާ، މިހާ ހިސާބުން ފަށައިގެން އެކަމަށް ސަމާލުކަން ދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ދެން އާދެ! ކޮންމެ ރަށެއްގައިވެސް އަޅުގަނޑުމެން އެބަޖެހޭ، އަމަންއަމާންކަން ޤާއިމު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަން. ރައްޔިތުން އުޅޭ ތަނެއްގައިވިއްޔާ، ޤާނޫނު ތަންފީޛުކޮށް، ޤާނޫނުގެ ބާރު ދަމަހައްޓާނެ ބަޔަކުވެސް ތިބެންޖެހޭ. އެހެންވީމާ، އެގޮތުން، އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި، މިރަށުގައިވެސް ޕޮލިސް ޕޯސްޓެއް އުފެއްދުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

އާދެ! ދެން ތިޔަ ވިދާޅުވިހެން، މިރަށުގެ ޒުވާނުންނަކީ ތަފާތު މަސައްކަތްކުރާ ޒުވާނުންތަކެއް އުޅޭ ރަށެއް. ބައެއް ޒުވާނުން މިހާރުވެސް އެކިއެކި ރިޒޯޓުތަކުގައި އެބައުޅޭ. އަދި އަމިއްލަ މަސައްކަތްތަކުގައި، ކޮންމެވެސްވަރަކަށް ދަނޑުވެރިކަމާއި، މިހެންގޮސް ތަފާތު ކަންތަކެއް މިރަށުގެ ޒުވާނުން ކުރަނީ. އެހެންވީމާ، ދެން އެ ވިދާޅުވިފަދައިން، މި ރަށުގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތަކަށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ތެދެއް، މިއަތޮޅުގެ، މުޅި އަތޮޅުގެވެސް މިހާރު އޮތީ އެންމެ ރިޒޯޓެއް. މި މުޅި ދަތުރުގައިވެސް، ވޭތުވެދިޔަ ދެދުވަހުވެސް އަޅުގަނޑަށް މި އިވެމުންދާ ވާހަކައަކީ، ވަޒީފާގެ ފުރުޞަތު އިތުރުކުރުމަށްޓަކައި، އާމްދަނީ އިތުރުކުރުމަށްޓަކައި، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބޭނުން މިއަތޮޅުގައިވެސް ވެއްޖެއޭ ކުރަން.

މިއަތޮޅަކީ ވަރަށްރީތި ރަށްރަށް ހުންނަ އަތޮޅެއް. ވަރަށް ނަލަ ރަށްރަށް ހުންނަ އަތޮޅެއް. މިރަށަކީވެސް އެހާ ރީތި ރަށެއް. އެހެންވެގެން އަޅުގަނޑުމެން މިރަށަށް މިއައީ. އަޅުގަނޑުމެންނޭ މިދެންނެވީ ތިޔަބޭފުޅުން، އެހެން ރަށްރަށް ދޫކޮށްފައި ވަޑައިގެން ތިޔަ އުޅުއްވަނީ. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، ފަތުރުވެރިންވެސް މިއަތޮޅަށް ވަރަށް އަންނަހިތްވާނެކަން. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، މަދުވެގެން އެއްރަށް، ނޫނީ އެއަށްވުރެ ގިނަ ރަށްރަށުގައި އިރާދަކުރެއްވިއްޔާ ޓޫރިޒަމްގެ މަސައްކަތް ފެށޭނެ ކަމަށް. މިހެން މި ދަންނަވާއިރުގައިވެސް އަޅުގަނޑަށް އެނގޭ، އަދި އެއްވެސް މަސައްކަތެއް ނުވެ އޮތްކަން. އެކަމަކާ އެއްވެސް ފަރާތަކުން އަދި މާބޮޑު ކަމެއް ނުކުރެވޭ. އެހެން ނަމަވެސް، އެކަން އިރާދަކުރެއްވިއްޔާ ވާނެ. އެކަމަށްޓަކައި ދައުލަތުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާނަން. އެއީ، މިއަތޮޅުގައި އެބަހުރި ވަރަށް ރީތި ރަށްރަށް. ހަމަ މީހުން ޓޫރިޒަމަށް ލޯބިކުރާ ކަހަލަ، ކުރާހިތްވާ ކަހަލަ ތަންތަން.

ދެން އޮތީ އުފާވެރި ޚަބަރެއް. އެއީ ޓޫރިސްޓުން ޚާއްޞަކޮށް، މަތީ ފަންތީގެ ޓޫރިޒަމް ހިންގުމަށްޓަކައި އެބަ ބޭނުންވޭ އެއަރޕޯޓެއް. އެހެންވީމާ، އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މިއަތޮޅުގައި އެއަރޕޯޓެއް ޤާއިމުވެގެންދާނެ. އެމަސައްކަތް މިހާރުވަނީ ފެށިފައި. އެކަމުގައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ދުވަހުގެ ތެރޭގައި އެއަރޕޯޓް ނިމޭނެ މި އަތޮޅުގައި. ނިމގެން އޭގެ ޚިދްމަތްތައްވެސް، މިއަތޮޅުގެ ރައްޔިތުންނަށް، މިރަށުގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބިވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދެން ތިޔަބޭފުޅުން ދެއްކެވީ ރަށް ގިރުމުގެ ވާހަކަ. މިއީ ވަރަށްބޮޑު ވާހަކައެއް. ރަށް ގިރުމުގެ މައްސަލައަކީ މިހާރު އަޅުގަނޑުމެން ދިރިއުޅޭ 113 ރަށުގައި ވަމުންދާ ކަމެއް. އަޅުގަނޑުމެން ދިރިއުޅޭ 195 ރަށް މިއޮތީ ދިރިއުޅޭ ރަށްތައް. މީގެތެރެއިން 113 ރަށުގައި ވަރަށް ބޮޑަށް ރަށް ގިރަމުން މިދަނީ. އެހެންވީމާ، މިކަމުގައި އަޅުގަނޑުމެން ތިމާވެށްޓޭ ކިޔާތާ ކިތަންމެ ދުވަހެއް. އެހެން ނަމަވެސް، ޙަޤީޤަތުގައި މިވާ ގޮތެއް އަޅުގަނޑުމެންނަށް އަދިވެސް މުޅިއަކުން ސާފެއްނުވޭ. ދެން މިކަމާ ބެހޭގޮތުން އެކިއެކި ވާހަކަ ދެކެވޭ. ދެކެވޭއިރުގައި، އެއްބަޔަކު ބުނާނެ، މޫސުމް ގޯސްވަމުންދާތީއޭ ރަށް ގިރަނީ. އަނެއް ބަޔަކު އެބަ ބުނޭ، ބަނދަރު ހެދީމާ ރަށް ގިރަނީއޭ. އަނެއް ބަޔަކު އެބަ ބުނޭ، އަޅުގަނޑުމެންގެ ރަށްރަށުގެ ވެލިގަނޑު މިއޮންނަނީ ދުވެފައޭ. އެހެންވީމާ، އެ ދުވުމަށް ހުރަސްއެޅޭ ކަހަލަ ކަމެއް ހަމަވާއިރަށް، ދެން ވޮޑެންވާ ތަންތަން ވޮޑި ބީޗް ހަލާކުވެގެން ގިރިގެން ދަނީއޭ. މިކަންކަންވެސް އެބަޖެހޭ އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް ދިރާސާކުރަން، އެނގެން އެބަޖެހޭ. އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެން ރަނގަޅަށް ކަމަށް ހީކޮށް، ކަމެއް ކޮށްލާއިރަށް، އޭގެ ސަބަބުން އަޅުގަނޑުމެން ހީވެސް ނުކުރާކަހަލަ ގެއްލުންތަކެއް ލިބިގެން އެބަދޭ. މިއީ ވަރަށް ބޮޑެތި ޚަރަދުދާ ކަންކަން. އަޅުގަނޑު ކައިރީގައި އިހަށް ދުވަހު ބޭފުޅަކު ވިދާޅުވި، ތިހެން ބަހައްޓާ ބޮޑުހިލަ، ކޮޑިމީޓަރަކަށް ދެއޭ ގާތްގަނޑަކަށް ފަސްދޮޅަހަކަށްހާސް ރުފިޔާ. އެވަރުގެ ބޮޑު ޚަރަދު ކޮށްގެން، ކަންކަން ކުރުމަކީ އަބަދަކު ކުރެވޭނެ ކަންތަކެއް ނޫން. ކަންކަން ކުރާއިރުގައި، އަޅުގަނޑުމެން އެކަމުގެ ދިރާސާކޮށް، އެކަން ޖެހޭނީ އަޅުގަނޑުމެންނަށް ނުކޮށްވާނެ ގޮތަކަށް ކުރަން. ދެން މިކަންކަން މި ކުރައްވާފައި ހުރީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި އެންމެ ބޮޑެތި މާހިރުން. ހަމަ ކޮންމެ ބޭފުޅަކުވެސް އެބަ ވިދާޅުވޭ، ތިމަންނައަކީ ވަރަށް ބޮޑަށް ތިމަންނަ ކިޔަވައިގެން އައިސް ހުރި މީހެކޭ. ދުނިޔޭގައިވެސް ނުހުންނާނެއޭ މިރަށްރަށް މިގޮތަށް ބަދަލުކުރުމާބެހޭ ތިމަންނައަށްވުރެން ބޮޑަށް ކަންކަން އެނގޭ ބަޔަކު.

އަޅުގަނޑުމެންގެ ތެރޭގައި ވާރލްޑް ބޭންކުގެ ފަރާތުން ކުއްލިއަކަށް ސަރުކާރުން ބޭނުންފުޅުވި، ކޮންމެވެސް ރަށެއްގައި ތޮށްޓެއްލާން. އެ ތޮށިލައި، އެ ތޮށްޓަށް އެބަ ޚަރަދުވޭ، ގާތްގަނޑަކަށް ހައެއްކަ މިލިއަން ޑޮލަރު. ދެން ވާރލްޑް ބޭންކުން މި ވިދާޅުވަނީ، ފުރަތަމަ ތިކަން ދަސްކޮށްލަންވީނުންހޭ، ތި ވާނުވާގޮތް ބަލަންވީ ނޫންހެއްޔޭ. ތި ހަމަ ތޮށިލާ ތަނުން ތިއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެއޭ. ވާރލްޑް ބޭންކުން މިހެން ބުނީމާ، އަޅުގަނޑުމެންގެ ފަރާތުންސަރުކާރުގައި ތިއްބެވި ބޭފުޅުން މިދަންނަވަނީ، ކޮން ވާހަކައެއް ދައްކާކަށް ހެއްޔޭ. ކިހިނެއްހެއްޔޭ ވާރލްޑް ބޭންކަށް އެނގޭނީ، އަހަރުމެންނަށް ނޭނގޭ އެއްޗެއް. ތިއުޅެނީ ހަމަ މި ލާރިކޮޅު ކާލަންވެގެނޭ. އެހެންވީމާ، އެއްގޮތަކަށްވެސް ތިމަންނަމެން ގަބޫލެއް ނުކުރާނަމޭ. ސްޓަޑީއެއް ހަދާކަށެއް. އަވަހަށް ފާރުލާދޭށޭ. ދެން އެމީހުންވެސް ގަބޫލެއްނުވި. އަޅުގަނޑުމެންވެސް ގަބޫލެއްނުވި. ގަބޫލު ނުވެގެން ފާރެއްވެސް ނުލެވޭ. އެއްކަލަ ލާރިން ޚަރަދުނުކޮށް ދެއަހަރު ހިނގައްޖެ މި ޒުވާބެއްގައި. އަދި ފަހުން ފާރެއްވެސް ނުލެވޭ. މިކަހަލަ ގޮތަކަށް މި ބައެއް މަޝްރޫޢުތައް މިދަނީ.

މި ރަށް ގިރާ ތަންތަން އެބަޖެހޭ ރަނގަޅު ކުރަން. އެކަމަށް ފުދޭވަރެއްގެ ބޮޑު ޚަރަދެއް ދާނެ. އަޅުގަނޑު މިހާރު ސަރުކާރުގެ ފަރާތުން އޮންނާނެ، ވިއްސަކަށް ރަށުގައި، ރަށް ގިރުމުގެ ކަންތައް ހުއްޓުވުމަށް، ރަނގަޅު ކުރުމަށް، ކަން މެނޭޖް ކުރުމަށް މަޝްރޫޢެއް ރާވާފައި. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުން އެ ފައިސާ ލިބޭނެ. ލިބުނީމާ އަޅުގަނޑު އުންމީދު ކުރަން، މިރަށަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށް.

ދެން އަޅުގަނޑު ނިންމާލުމުގެ ކުރިން ދަންނަވާނީ، މިރަށްވެސް، މިރަށުގައި މުޅިން ތަފާތު ދެރަށުން މީހުން އައިސް މިރަށުގައި މިއޮއް އުޅެނީ. ހަމަ އެކުވެރިކަމާއެކީގައި. އެއްބަނޑުއެއްބަފާކަމާއެކީގައި. އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކޮށް، މިކަހަލަ ކަމެއް ނުކުރޭ. އެކަމަކު ޒަމާނުއްސުރެ ފަށައިގެން މިރަށުގައި އުޅުއްވި، ހަމަ ރީތިކޮށް މިއޮއް އުޅެނީ. އުޅެނިކޮށް، ކުއްލިއަކަށް ޚިޔާލު ތަފާތުވެއްޖެ. އާހައިރުން ރަށަކާ ރަށެއް. ރަށް މިއޮތީ ދެބައިވެފައި. އެއްފަރާތުގައި މިހިރީ އެއްކުލަ. މަގުގެ އަނެއް ފަރާތުގައި މިހިރީ އަނެއް ކުލައިން. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. ފިކުރީ ތަފާތުތައް ހުއްޓަސް، އަޅުގަނޑުމެން އެބަޖެހޭ އެކީގައި މަސައްކަތް ކުރަން ރަށުގެ ތަރައްޤީއަށްޓަކައި. މިހާތަނަށް މިރަށަށް ލިބިފައި އޮތް ތަރައްޤީއެއް ލިބިފައި މިއޮތީ، ތިޔަ ހުރިހާ ބޭފުޅުން އެކީގައި މަސައްކަތް ކުރެއްވީތީ. ތަފާތު ރަށުން އަޔަސް އެކީގައި އެއްބައެއްގެ ގޮތުގައި، އެއް ރައްޔިތެއްގެ ގޮތުގައި މަސައްކަތް ކުރެއްވީތީ. އަޅުގަނޑު ވަރަށް އުފާކޮށްފިން، ސަލީމް މިއަދު އަޅުގަނޑުމެންނާ އެކީގައި އިންނެވީމާ. ވަރަށް ރީތި ރީނދޫ ޓައީއެއް އަޅުއްވައިގެން، އަޅުގަނޑުމެންނާއެކު ތިޔަ އިންނެވީ. ކޮބައިތޯ މައްސަލައަކީ. ކޮބައިތޯ މައްސަލައަކީ. އެއްވެސް މައްސަލައެއް ނެތް އިނގޭތޯ. އަޅުގަނޑުވެސް މިއީ ރީނދޫ ޓައީ އަޅައިގެން އުޅުނު މީހެއް. އެކަމަކު މިހިރީ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑުމެންގެ ރަށުގެ ކަންކަމުގައި ކުލައަށް ނުބަލައި، އެކީގައި މަސައްކަތް ކުރަމާ ހިނގާށޭ. ކުލައަށް ބަލަންޖެހޭ ވަގުތު އޮންނާނެ. އެއީ ވޯޓުދޭ ވަގުތު. ވޯޓުދޭ ވަގުތު އެކަން އޮންނާނީ. ދެން އެހެން ކަންކަމުގައި އެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިނގާށޭ. އޭރުން ކަންކަން ރަނގަޅު ކުރުމަށްޓަކައި.

މިއަދު މިޖަލްސާ ފެށްޓެވުމުގެ ގޮތުން، ކީރިތި ޤުރްއާނުގެ އާޔަތްތައް ވިދާޅުވި ބޭފުޅަކު ވިދާޅުވި އާޔަތްތަކުގައި، އަޅުގަނޑުމެން ވިސްނަންޖެހޭ އެތައް ކަންތައްތަކެއް އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ކަންކަން ކުރަންވީ ގޮތާ ދޭތެރޭގައި އެ އާޔަތްތަކުގައި އިޝާރާތް ކުރައްވާފައި އެބަހުރި. އެއްބަޔަކު އަނެއް ބަޔަކަށް ދިމާނުކުރުމަށާއި، ނެތިނުމޮށުމަށާއި، އަޚްލާޤީގޮތުގައި މިކަންތައް ގެންދިޔުމަށް. އަޅުގަނޑުމެން އެންމެންނަކީ އެއް ނަސްލަކުން، އެއް އަޞްލަކުން އައިސްފައި ތިބި ބައެއް ކަމަށް. އަޅުގަނޑުމެން ތަފާތު ބައެއް ކަމުގައިވި ނަމަވެސް، ތަފާތު ޤައުމުތަކަށް ބައިކުރެވިފައި ތިބި ބައެއް ކަމުގައިވީނަމަވެސް، އަޅުގަނޑުމެން އެންމެން އެކަކު އަނެކަކު ދެނެގެން، އެއްބަޔަކު އަނެއް ބަޔަކާއެކީގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް، އެ އާޔަތުގައި އިޝާރާތް ކުރައްވާފައި އެއޮތީ. މިއީ އަޅުގަނޑު ހިތުން ހުރިހާ ރަށެއްގައިވެސް މިއަދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނައި، މާތްވެގެންވާ ކީރިތި ޤުރްއާނުގެ ފިލާވަޅުތައް ދަސްކޮށްގެން، އަޅުގަނޑުމެން ފުރިހަމަ ގޮތުގައި އަޅުގަނޑުމެން ކަންކަން ބައްޓަން ކުރަންވީ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ހުރިހާ އެންމެންނަކީ، އަބަދުވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ލައްވަވައި، ދިވެހިންގެ ޤައުމިއްޔަތު އަބަދަށްވެސް ދަމަހައްޓަވައި، އަޅުގަނޑުމެންގެ ރަށްރަށުގައި އެކުވެރިކަމާ އެކީގައި، އެއްބައެއްގެ ގޮތުގައި، އެއް އަޚުންނާއި އުޚުތުންގެ ގޮތުގައި، އެއް ޢާއިލާގެ ގޮތުގައި އުޅުމުގެ ފުރިހަމަ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ﷲ ރަޙްމަތް ލެއްވުން. އަދި އުފާފާގަތިކަމާއި، ހިތްހަމަޖެހުމާއި، އަމާންކަންމަތީގައި ތިޔަ ހުރިހާ ބޭފުޅުންވެސް މިރަށުގައި ދިރިއުޅުއްވުމުގެ ތައުފީޤު މާތްﷲ ދެއްކެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه