بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދުވާފަރުގެ ލޮބުވެތި އަޚުންނާއި އުޚުތުން، ދުވާފަރުގެ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޅުގަނޑުގެ އަޚު ކަނދޮޅުދޫ މުޙަންމަދު ޒުބައިރު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން، މިނިސްޓަރ އޮފް ހެލްތް، ދުވާފަރު ކައުންސިލްގެ ރައީސް އަދި މިއަތޮޅުގެ ކައުންސިލްގެ ރައީސް، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރަށަށް އާދެވުމުން، ހަމަ ހީވީ ރަށަށް ދެވުނުހެން. އަޅުގަނޑުގެ އަމިއްލަ ރަށަށް ދިޔައީމަވެސް ހަމަ ލިބޭނީ މިހާކަށްވަރުގެ ތަރުޙީބެއް ކަމަށްވަނީ. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއަދު މިރަށުން އެ ފެނިގެންދިޔަ މަންޒަރަކީ، އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މިހާތަނަށް ދުށް އެންމެ ހޫނު ތަރުޙީބޭ. އަޅުގަނޑުމެންގެ ހިތަށް ވަރަށްބޮޑު ފިނިކަމެއް، މިއަދު މިރަށަށް އައުމުން ލިބިއްޖެ. އެއީ، އަޅުގަނޑުމެންގެ ވަރަށް ގާތް ރަޙްމަތްތެރި އަޚުންނާއި އުޚުތުންތަކެއް، އަޅުގަނޑުމެންނާ ދުވަސްގަނޑަކަށްފަހު ބައްދަލުވީމާ. އަޅުގަނޑަށް މިރަށަށް ނާދެވޭތާ ދުވަސްގަނޑެއްވެފައި މި އާދެވުނީ. އެންމެފަހުން އަޅުގަނޑު މިރަށަށް އައި ދުވަހު، އަޅުގަނޑުމެންނަށް މިރަށުގައި ހުރި ހޫނުކަން އިޙްސާސް ކުރެވުނު. އެހެންވީމާ، އަޅުގަނޑުގެ ދަރިފުޅާ ދެމީހުން ގޮސް، މިތާނގައި ބައެއް ތަންތާނގައި ގަސްވެސް ޖެހިން. އެކަން އެހެން ވެފައި އޮއްވައި މިއަދު މިރަށުން އަޅުގަނޑާ ބައްދަލުވި ކޮންމެވެސް އެއް އަންހެން ބޭފުޅަކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ހިޔާބޮޑު ގަހެއް ޖައްސަވައިދެއްވާށޭ. އެއީ ވަރަށް މުހިންމު ވާހަކައެއް. މިރަށް އެބަޖެހޭ ފިނިކުރަން. އެއީ އަލަށް އާބާދުވި ރަށެއް މިރަށަކީ. މިރަށުގައި ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. ހަމައެކަނި އިރުގެ ހޫނުކަމުން ލިބޭ ހޫނުކަމެއް ނޫން. ހިތަށް ފިނިކަން ލިބޭ އެހެން ކަންތައްތައްވެސް އެބަ ކުރަންޖެހޭކަންނޭނގެ. އެކަންކަން ކުރާކަށް އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، ކަނދޮޅުދޫއަކީ، އެއީ އަޅުގަނޑުމެން ވަރަށް ލޯބިވާ ރަށެއް. އަޅުގަނޑުމެން ވަރަށްގިނަފަހަރަށް މިވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، ދެވިފައި ހުރި ރަށެއް. އަދި ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަކީ އެއީ، އިލްހާމަށް ދޮންދައްތަ، އަޅުގަނޑަށް ވަޙީދުބެ ވިދާޅުވާ ބޭފުޅުން. އެހެންވީމާ، ކަނދޮޅުދުއަކީ ހަމަ އަޅުގަނޑުމެންގެ ރަށް. އަޅުގަނޑު ޙައިރާނެއްނުވި އިހަށް ދުވަހު އެންމެމަތީ ވަނަތައް ލިބުނު ކުދިންތަކުގެ ތެރެއިން އެތަނުން އެއްކުއްޖަކު އަޅުގަނޑަށް ތަޢާރުފްވީ، ތިމަންނަ މީ ކަނދޮޅުދޫ ކުއްޖެކޭ ބުނީމަ. އަޅުގަނޑު ބުނިން، ކީއްވެހޭ އެހެން ތިބުނީ. ބުނިހާއިރުން ބުނީ، ތިމަންނަގެ ގެ އަދިވެސް ހުންނާނެއޭ ކަނދޮޅުދޫގައި. އަޅުގަނޑަށް އެނގޭ، ތިޔައިގެ ތެރެއިން ކިތަންމެ ބޭފުޅުންނެއް އަދިވެސް ހަމަ ގެދޮރު ނެތަސް، ޙަޤީޤީ ގެޔަކީ ކަނދޮޅުދޫ ކަމަށް ހެކިވަޑައިގަންނަވާނެ. މިއަދު އަޅުގަނޑުމެން މިތިބީ އާ ރަށެއްގައި. އެހެން ނަމަވެސް، މިރަށް ދެން މިއީ މިހާރު އަޅުގަނޑުމެންގެ ރަށް. ކުރިން ދެންނެވިހެން، ހިތްފަސޭހަ ރަށަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އެބަ ކުރަންޖެހޭ. އެގޮތުން، މިރަށުގައި ކުރަންހުރި ވަރަށްގިނަ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ.

އަޅުގަނޑު މި ހޫނުގަދަ ވަގުތުގައި، ވާހަކަ ދިގެއް ނުކުރާނަން. އަޅުގަނޑު ކުރިން ދެންނެވިހެން، މިކަހަލަ ދަނޑިވަޅެއްގައި، މާ ދިގުކޮށް ވާހަކަ ދެއްކުން އެއީ ރަނގަޅު ކަމެއް ނޫން. އެހެން ނަމަވެސް، މިރަށުގައި ކުރެވޭނެ ކަންތައްތައް، އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވޭނެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާނަން ފުރަތަމަ.

އާދެ! އަޅުގަނޑު އެންމެފަހުން މިރަށަށް، މި ސްކޫލަށް އައިއިރުގައި މިތާކު ނެތް އެއްވެސް ގަހެއްވެސް. އޭރު އަދި ހަމަ ހުސްކޮށް އޮތީ. މިހާރު ގަސްތައް އިންދިފައި އެހެރީ. އަޅުގަނޑުމެން އެބަޖެހޭ، ތަޢުލީމީ ކަންކަން ރަނގަޅު ކުރަން. ފުރަތަމަ އެކަމަކު ކުރަން ޖެހޭ ކަމަކީ، މިހާރު ހެދިފައި ހުރި ޢިމާރާތްތައް ރަނގަޅަށް ބެލެހެއްޓުން. ބެލެހެއްޓުމަށްޓަކައި މިއަހަރު ދަބަރުޖަހާފައި ހުރި ތަންތާނގައި ދަވާދުލުމާ، މި ކުރަންހުރި މަރާމާތުގެ ކަންތައްތައް ރަނގަޅަށް ކޮށްގެން، މިތަން ރަނގަޅަށް ބޭނުންކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރަށް ދަންނަވަން. އަދި ހަމައެހެން، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދުވެފައިވާ ފަދައިން، މި ސްކޫލްގައި އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ގްރޭޑް 11، 12 އަށް ކިޔަވައިދޭނެ.

އާދެ! މިތާނގައި އެބަ އިންނެވި، އަޅުގަނޑުމެންގެ ހެލްތު މިނިސްޓަރުވެސް. ޞިއްޙީ މަރުކަޒު ރަނގަޅުކުރަން އެބަޖެހޭ. މިރަށަކީ ވަރަށްބޮޑު އާބާދީއެއް ދިރިއުޅޭ ރަށެއް. މިރަށަކީ މިއަތޮޅުގެ އެންމެ ޢާއިލާ ގިނަ ރަށް. އެހެންވީމާ، މިރަށުގައި ރަނގަޅު ފެންވަރެއްގެ ޞިއްޙީ މަރުކަޒެއް އެބަ ހުންނަންޖެހޭ. އަޅުގަނޑަށް ތިޔަބޭފުޅުންނަށް ޔަޤީންކޮށް އެރުވިދާނެ، ﷲ އިރާދަކުރެއްވިއްޔާ، މި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ޞިއްޙީ މަރުކަޒުގެ ދެވަނަބުރީގެ މަސައްކަތްކޮށް ނިމޭނެ ކަމަށް. އެ މަރުކަޒު ރަނގަޅަށް ހިންގަވައި ދެއްވުމަށް، އެތަނަށް ބޭނުންވާ އެހީތެރިކަމާއި، މީހުނާއި ތަކެތި ފޯރުކޮށްދެއްވުމަށް އަޅުގަނޑު މިނިސްޓަރ އޮފް ހެލްތުގެ އަރިހުން އެދެން.

އާދެ! މިވަރުގެ ރަށެއްގައި ރަނގަޅު ހުކުރު މިސްކިތެއް ހުންނަންޖެހޭނެ. އެއީ އަސާސީ ކަމެއް އެއީ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ތެރޭގައި، މިރަށުގައި 700 މީހުންނަށް ނަމާދު ކުރެވޭވަރުގެ ހުކުރު މިސްކިތެއް ޢިމާރާތް ކުރަން ފެށޭނެ.

އާދެ! މިރަށުގެ އާބާދީ ގިނަވުމާއެކީގައި، މިރަށުގައި ކޮންމެވެސްވަރަކަށް ކުށްކުރާ މީހުންވެސް އެބައުޅޭ. އެހެންވީމާ، ރަށުގެ އަމަންއަމާންކަން ވަރުގަދަ ކުރުމަށްޓަކައި، ފުލުހުންގެ ޕޯސްޓް އެބަޖެހޭ މިހާރަށްވުރެ ރަނގަޅު ކުރަން. އިރާދަކުރެއްވިއްޔާ، ފުލުހުންގެ ޕޯސްޓްގެ ޖާގައިގެ ދަތިކަންވެސް ފިލުވައި، ފުލުސް ޕޯސްޓް، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ވަރުގަދަ ކުރެވޭނެ ވާހަކަ ދަންނަވަން.

އާދެ! ދެން ހަމަ އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި ކުރެވޭނެ އިތުރު ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާނަން. ދެންމެވެސް ކަރަންޓް ކަނޑައިގެން ހިނގައްޖެ. ކަރަންޓުގޭގެ ޙާލަތު ހުރީކީ އެހާ ރަނގަޅަކަށް ނޫން. އިންޖީނުތައް ހުރީ ވަރަށް ބާވެފައި. އަނެއްކާ ކަރަންޓުގެ ޚަރަދު އެހާ ބޮޑު. އެހެންވީމާ، ކަރަންޓު ބިލް ކުޑަކޮށް، ކަރަންޓުގެ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު އިސްކަންދީގެން، މިރަށަކީ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށެއްގެ ގޮތުގައި ހަމަޖެހިގެންދާނެ. އެކަމަށްޓަކައި ބޭނުންވާ އެގްރީމަންޓުގައިވަނީ މިހާރު ސޮއިކުރެވިފައި. ބައިނަލްއަޤްވާމީ ފަރާތްތަކާއި، ބޭރުގެ އެހީއާއެކީގައި އިރާދަކުރެއްވިއްޔާ، މިރަށުގައި އެކަން ކުރެވޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދެން އޮތީ ވަރަށްގިނަ ދުވަސް ވަންދެން، ތިޔަބޭފުޅުން އިންތިޒާރުގައި ތިއްބަވާފައިވާ ކަމެއް. އަޅުގަނޑުމެންނަށް ޢިމާރާތް ކުރުމުގެ މާގިނަ ކަންތައްތަކެއް ކުރެވޭކަށް ނެތް. ބަޖެޓުގެ ތާށިކަން ހުރިގޮތުން. އެހެން ނަމަވެސް، އޮނަރަބްލް މުޙަންމަދު ޒުބައިރު އަބަދު އަޅުގަނޑު ކައިރީގައި އެދިވަޑައިގަންނަވާ ކަމެއް މިކަމަކީ. މިއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް އެކަން ކުރެވެން އޮވެގެން، ކުރަން އުޅޭ ކަމެއް ނޫން. އެހެންނަމަވެސް، ޒުބައިރުގެ ޚާއްޞަ އެދިވަޑައިގަތުމުގެ މަތިން، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި، މިރަށުގައި ގޯތިތަކުގައި ވަށާފާރުލުމުގެ މަސައްކަތް އަޅުގަނޑު ފަށާނަން. މިކަމުގައި ތިޔަބޭފުޅުން ޚާއްޞަކޮށް، ޒުބައިރުގެ މަސައްކަތްޕުޅު ފާހަގަކުރެއްވުން އަޅުގަނޑު އެދެން.

އާދެ! މިދެންނެވީ، ﷲގެ ވާގިފުޅާއެކީގައި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިރަށުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރާ ކަންކަން. މީގެއިތުރުންވެސް، ތިޔަބޭފުޅުން ބޭނުންފުޅުވާ ކިތަންމެ ކަމެއް ހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެކަންކަންވެސް ކުރެވޭތޯވެސް އަޅުގަނޑަށް ކުރެވެންހުރި މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން. އޭގެތެރޭގައި، ޚާއްޞަކޮށް، ޒުވާނުންނަށް އަމާޒުކޮށްގެން ކުރަންހުރި ކަންތައްތައް. މިރަށަކީ ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން ދިރިއުޅޭ ރަށެއް. ޚާއްޞަކޮށް، ސްކޫލްތައް ނިމިފައި ތިބި، މާބޮޑު ކަމެއްނެތި ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން އެބަތިބި. އެހެންވީމާ، ޒުވާނުންނަށް މުނިފޫހިފިލުވުމާއި، ކުޅިވަރު ކުޅުމާއި އަދި އެކިއެކި ހުނަރުތައް ދަސްކުރުމާއި، ވަޒީފާ ހޯދުމާ، މިކަންކަމާ ބެހޭގޮތުން ޚާއްޞަކޮށް އަޅުގަނޑުމެން އެބަޖެހޭ ވިސްނަން. ވިސްނައިގެން އަޅުގަނޑުމެން އެކީގައި، ޒުބައިރުވެސް އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށްގެން، އެކަމުގައި މިއަންނަ އަހަރުގެ ތެރޭގައި ކޮންމެވެސް ޙައްލުތަކެއް ފެނޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، ތިޔައިގެ ތެރޭގައި ތިބި އަޅުގަނޑުމެންގެ ވަރަށް ގާތް ބޭފުޅުންކޮޅެއް ނުފެނި މާގިނަ ދުވަސްވެއްޖެއޭ. އެއީ ކީއްވެގެންތޯއޭ، އެހާ ގިނަ ދުވަސް ވަންދެން އަޅުގަނޑުމެންނާ ބައްދަލުނުވެ މިދަނީ. އެހެންވެސް ކަމަކުނުދާނެ. އަޅުގަނޑުމެން ކުރިއްސުރެވެސް ދަންނަ ބޭފުޅުންގެ، ކިތަންމެ ބޭފުޅުންނެއް މިތާ އެބަ ތިއްބެވި. އެކަމަކު އަޅުގަނޑުމެންނަށް ހަމަ ނުފެނި ތިބެމެ ދުވަސްގަނޑެއްވެއްޖެ. އަޅުގަނޑު އެދެން، ތިޔަބޭފުޅުން މާލެ ވަޑައިގެންނެވިއްޔާ އަޅުގަނޑާ ބައްދަލުކުރައްވަން. އެކަމުގެ އުންމީދުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަޢުވަތުދެން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ތިޔަބޭފުޅުން މާލޭގައި ތިއްބަވާ ކަމަށްވާނަމަ، މާލޭގައި އުޅުއްވާއިރެއްގައި އަޅުގަނޑާވެސް ބައްދަލުކޮށްލެއްވުން. އެއީ އެކުވެރިކަމަކީ. އެއީ ގާތްކަމަކީ. އެހެންވީމާ، އެ ގާތްކަން ތިޔަ ހުރިހާ ބޭފުޅުން ބާއްވަވައިދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އިތުރު ވާހަކަތަކެއް ދައްކާކަހަލަ ވަގުތެއް ނޫން މިއީކީ. އަޅުގަނޑު، އަޅުގަނޑާއި އަޅުގަނޑާއެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ ނަމުގައި، މިހާ ހޫނު ވަގުތެއްގައި ތިޔަބޭފުޅުން، އެންމެ ތުއްޕުޅު ބޭފުޅުންވެސް ގޮވައިގެން ނުކުމެވަޑައިގެން، އަޅުގަނޑުމެން ތިހާ ހޫނު ތަރުޙީބެއް ދެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފަލާއެކީގައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން އަދިވެސް އެއްފަހަރު.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި މިރަށުގައި، ދުވާފަރުގައި ތިޔަ ހުރިހާ ބޭފުޅުން ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާފާގަތިކަމާ އެކީގައި، ހިތްފަސޭހަކަމާއި ފާގަތިކަމުގެ މަތީގައި ތިއްބެވުމުގެ ހެޔޮ ތައުފީޤު މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه