بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އިންނަމާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އިންނަމާދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ރ. އަތޮޅު ކައުންސިލްގެ ރައީސް، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެވެސް ފުރަތަމަ ވާޖިބަކީ، އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. އާދެ! ވަރަށް ހޫނުގަދަ ވަގުތެއްގައި، ތުއްތު ކުދިންނާއެކުގައި ތިޔަ ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ތިޔަ ވިދާޅުވީ. އަދި ދެންމެ އޮނަރަބްލް ޙަމްދޫން އެ ވިދާޅުވި ފަދައިން، މިރަށުގެ ކުދިންގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. ކުދިންގެ ހުނަރުތައް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރަތަމަ އޮތީ އުފާވެރި ޚަބަރެއް އެރުވުން. އެ ޚަބަރަކީ، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިރަށުގައި ސަރުކާރުގެ ފަރާތުން މިސްކިތެއް ބިނާކުރަން ފަށާނެ. އެކަމާ ބެހޭގޮތުން މިހާރު ސޮއިކުރަންޖެހޭ އެގްރީމަންޓްތަކުގައި ވަނީ ސޮއިކުރެވިފައި. އިރާދަކުރެއްވިއްޔާ، ދެން މާލަހެއްނުވެ އެކަން ފުރިހަމަވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުވެސް މިރަށަށް އައިސް ފޭބިއިރުގައި، ކުއްލިއަކަށް ޙައިރާންވާކަހަލަ މަންޒަރަކާ މި ދިމާވި. އެއީ ރަށުގެ ތޮށި، ބޭރުތޮށި މިއޮތީ ވަރަށް ބޮޑަށް ހަލާކުވެފައި. ވަރަށް ބޮޑަށް ގެއްލުން ލިބިފައި. އެއީ އަޅުގަނޑުމެން ވަރަށް ހިތާމަކުރާ ކަމެއް. އެކަން އެހިސާބަށް ދިޔުމުގެ ކުރިން، އެކަން ހުއްޓުވައި، އެކަން ރަނގަޅު ނުކުރެވުނުކަން އެއީ، ވަރަށް ދެރަ ކަމެއް. މިއީ ކޮންމެ ކަމެއްގައިވެސް، އެކަމެއްގައި، އެކަން ކުރަންވާ ގޮތް ނޫން ގޮތަކަށް އަވަސްއަރުވާލައިގެން ކުރުމާއި، ކަންކަން ކުރުމަށްފަހުގައި، އެތަންތަން މަރާމާތު ނުކޮށް، އެތަންތަން ރަނގަޅު ކުރަން މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ވާގޮތް، އަޅުގަނޑުމެންނަށް މި ފެނިގެން މިދިޔައީ. ދެން ކުރަންޖެހޭ ޚަރަދު މާބޮޑުވާނެ. އެހެންނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މިރަށުގެ ބަނދަރުގެ ބޭރުތޮށިވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ލާނަން. އެކަމަށްޓަކައި އަޅުގަނޑުމެން މިހާރު މިދަނީ އެމް.ޓީ.ސީ.ސީއާ ވާހަކަ ދައްކަމުން. އެހެންވީމާ، އެމް.ޓީ.ސީ.ސީ.އާ އެކީގައި، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިހާރު އުފައްދަވާ މަޝްރޫޢެއްގެ ދަށުން އިރާދަކުރެއްވިއްޔާ، އެކަން ކުރެވިގެންދާނެ ވާހަކަ އަޅުގަނޑު އުފަލާއެކު ދަންނަވަން.

އާދެ! މިއަތޮޅަށް އަޅުގަނޑު އައިފަހުން، ވަންދޫގެ ވާހަކަ އިވެމުން މިދަނީ. ދެން ވަންދުއާ ދޭތެރޭގައި މިހާރު މީހުންގެ ޚިޔާލު ވަރަށް ތަފާތުކޮށް، މިއަތޮޅު ރައްޔިތުންގެ. ދެން އަޅުގަނޑަށް މި ޚަބަރުވެސް ވަނީ ކުރިން ލިބިފައި. އެހެންވީމާ، މިކަމާ ބެހޭގޮތުން އެބަޖެހޭ، އަޅުގަނޑުމެން އަލުން ވިސްނާލަން. ވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ މާލެގޮސް އަދި އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް މިނިސްޓަރުވެސް މާލެ ވަޑައިގަތުމުން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި މައްސަލައާ ބެހޭގޮތުން މަޝްވަރާކޮށް، މިއަށްވުރެ ރަނގަޅު ގޮތެއް، މިކަމުގައި އެބައޮތްތޯ އަޅުގަނޑުމެން ބަލާނަން. އަޅުގަނޑަށް އެނގޭ، ކުރީގެ ވިސްނުމަކީ، ވަންދުއަކީ މިއަތޮޅުގެ އޮޑިވެރިން، ނޫނީވިއްޔާ ކިއްސަރުވަޑާން ކުރައްވާ ބޭފުޅުން، އޮޑި ބަނުމަށް ބިން ދޫކުރާ ތަނެއްގެ ގޮތުގައި، ކުރިން ވިސްނިފައި އޮތީ. އަދި ހަމަ އެއާއެކީގައި، އެއަށްވުރެ ފަހުން، ރަށުގެ އެއްބައިގައި، މި މުޅި އަތޮޅު، މުޅި ހިސާބުގަނޑުގެ ރަށްރަށުގެ ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމު ކުރުމުގެ މަޝްރޫޢު އޮތީ ފެށިފައި. އެރަށުގައި އަދި އެއްވެސް ކަމެއް ނުކުރެވޭ. އެހެން ނަމަވެސް، އެ މަޝްރޫޢުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮއްސަ މިހާރު. ރޭވުމުގެ މަސައްކަތް. އެހެންވީމާ، އެއަށް ޖެހޭނީ ބަދަލުތަކެއް ގެންނަން. އެ ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑުމެން ކަމާބެހޭ ހުރިހާ ދާއިރާތަކާ މަޝްވަރާކޮށް، މިހާރަށްވުރެ ރަނގަޅު ވިސްނުމަކަށް، އެކަމުގައި އާދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! މިރަށަށް އައުމުން އަދި ދެންމެ ރަށު ކައުންސިލްގެ ރައީސް ޢަލީ ވަޙީދު އެ ވިދާޅުވިފަދައިން، މިރަށަކީ މިއީ ކުށް މަދު ރަށެއް. އަދި ކުރީ އަހަރަށްވުރެވެސް، މިއަހަރު ކުށްކުރި މީހުންގެ ޢަދަދު މަދު ރަށެއް. މިއީ ރާއްޖޭގެ ބައެއް އެހެން ރަށްރަށާ ވަރަށް ތަފާތު ޙަޤީޤަތެއް. އޭގެ މާނައަކީ މިރަށަކީ ރަނގަޅު އަޚްލާޤެއްގެ ބައެއް ދިރިއުޅޭ، ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައިގެން ދިރިއުޅޭ، ކިޔަމަންތެރި ރައްޔިތަކު ތިބި ރަށެއް. އޭގެ ސަބަބުން މި ރަނގަޅު ނަތީޖާއެއް މި ނުކުންނަނީ. އަދި އެއަށްވުރެވެސް މުހިންމު ކަމަކީ، އެ ނަތީޖާ އެ ނެރެވެނީ، މިރަށުގެ ރައްޔިތުންގެ ތެރެއިން ޚާއްޞަކޮށް، މައިންބަފައިން، އެމީހުންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ، ރަނގަޅު އަޚްލާޤެއް، މިންތަކެއްގެ މަތިން ދަރިން ބޮޑުކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާތީ، އެކަމުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ.

މިއަދު ރާއްޖޭގައި މިވަނީ ޤާނޫނީ ކަންތައްތަކަށް މިއަދު ވަރަށް ބޮޑަށް ސަމާލުވާން ޖެހިފައި. ޤާނޫނާއި ޤާނޫނުއަސާސީގެ އިމުގެ ތެރެއިން އެންމެންވެސް ކަންކަން ކުރުމަކީ، އެއީ ވަރަށް މުހިންމު ކަމެއް. ވަކިބަޔަކު ޤާނޫނާއި ގަވާއިދުން އިސްތިސްނާވެގެން، ދެން ތިބި މީހުން ޤާނޫނުގެ ތެރޭގައި އުޅެން ޖެހުނީމަކާ، އަޅުގަނޑަށް ހީވަނީ އެއްވެސް ޤައުމެއްގައި ޞުލްޙަމަޞްލަޙަތު ޤާއިމުވެގެނެއް ނުދާނެހެން. އެއްވެސް މީހަކީ ޤާނޫނަށްވުރެ މަތީގައި ހުންނަ މީހެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިކިޔަނީ، ރޫލް އޮފް ލޯ. މިއީ އަޅުގަނޑުމެން ކޮންމެހެން އެކަމަށް އަހަންމިއްޔަތުކަންދީ، އެކަން ޤާއިމުކުރަންޖެހޭ ކަމެއްކަން. ޤާނޫނުގެ ބާރު ފުރިހަމައަށް ކޮންމެ ޤައުމެއްގައިވެސް ދެމިއޮންނަން ޖެހޭނެ. ޤާނޫނުގެ ބާރު ނުދެމެހެއްޓެންޔާ، ދެން އޭގެ ސަބަބުން ވަރަށް ބޮޑެތި ނުރައްކާތަކާ ކޮންމެ ޤައުމަކުންވެސް ކުރިމަތިލާންޖެހޭނެ.

ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަބޭފުޅުންނަށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަޅުގަނޑުގެ ވަޢުދަކީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، ކަންކަން ކުރަމުން ގެންދާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ. އެއާ ޚިލާފަކަށް އަޅުގަނޑަށް ކިތަންމެ ދަތިވިޔަސް، ކިތަންމެ އުނދަގޫވިޔަސް، އިރާދަކުރެއްވިއްޔާ، ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑު މިހުރި މަޤާމުން ކަންކަން ކުރުމަކީ، ބައެއްފަހަރު އުނދަގުލާ ދިމާވާ މަޤާމެއް. އެހެން ނަމަވެސް، އެންމެ ފަހަރަކުވެސް ޤާނޫނާއި ގަވާއިދުތައް އެއްކިބާކޮށްލައިފިއްޔާ، ދެން ހަމަ އެކަން ތަކުރާރުވަމުންދާނީ. އެހެންވީމާ، ކިތަންމެ އުނދަގުލުގައި، މަސައްކަތް ކުރަން ޖެހުނަސް، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ބަލާނަން، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައް ކުރެވޭތޯ. ކަމުނުދާ ގަވާއިދެއް އޮތިއްޔާ، ކަމުނުދާ ޤާނޫނެއް އޮތީވިއްޔާ، އެ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ. އެހެން ނަމަވެސް، އެ ޤާނޫނުތައް ހުރިހާ ހިނދެއްގައި، އެއާ އެއްގޮތަށް އަޅުގަނޑުމެން އުޅެވޭތޯ ބަލަންވާނެ.

އާދެ! އަދި ހަމައެހެން، އަޅުގަނޑު ދަންނަވާލާހިތްވަނީ، އަޅުގަނޑުގެ ޒާތީ އެއްވެސް ކަމެއް، އަޅުގަނޑުގެ މަސައްކަތުގައި އަޅުގަނޑު އިސްނުކުރާނެ ވާހަކަ. އެއްވެސް ފަރާތަކާ ދޭތެރޭގައި ޢަމަލުކުރުމުގައި، ޒާތީގޮތުން އަޅުގަނޑަށް ނޫނީ ސިޔާސީގޮތުން އަޅުގަނޑަށް ވަކި ކަމެއް ހޯދުމަށްޓަކައި، މޮޅެއް ލިބުމަށްޓަކައި، ވަކިމީހަކަށް، ވަކިފަރާތަކަށް ތަޢައްޞުބުވެ، އެއްވެސް ފަރާތަކަށް ތަފާތުކޮށްގެން، ކަންތަކެއް އަޅުގަނޑު ނުކުރާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ! މިކަންކަން މިއީ ވެރިންގެ ފެންވަރުގައިވެސް އެކަން ކުރަންވާގޮތް. އަދި ރަށްރަށުގެ ފެންވަރުގައި، ރަށްރަށުގެ ވެރިންވެސް ކަންކަން ކުރަންވާގޮތް. ހަމައެހެން، އެކަންކަން އެގޮތަށް ހަމަޖެހިގެންދާނީ، އަޅުގަނޑުމެންގެ ޢާއިލާތަކުގައިވެސް، ކަންކަން ރަނގަޅަށް ކުރެވިގެން. ކޮންމެ ޢާއިލާއެއްގައިވެސް، އެ ޢާއިލާއެއްގެ ތެރޭގައި، ޚާއްޞަކޮށް، ދަރިން ބޮޑުކުރުމުގައި، ހުންނާނެ ހަމަތަކަކާއި ގަވާއިދުތަކެއް. އަޅުގަނޑުމެން ކުޑައިރުގައި، އަޅުގަނޑުމެން ބޮޑުވަމުން އައިއިރުގައި، ރޭގަނޑު 9ގެ ފަހުން އަޅުގަނޑުމެންނަކަށް ބޭރަކު ނޫޅެވޭ. 9 ޖަހާއިރު ޖެހޭނެ ގެޔަށް ވަންނަންޖެހޭ. އެއީ އޭރު އެކަން އޮންނަގޮތް. މިހާރު ގިނަ ރަށްރަށުގައި، ޚާއްޞަކޮށް، މީހުންގިނަ މާލެފަދަ ތަންތާނގައި، މިކަހަލަ ގަވާއިދުތަކެއް ނުހުރޭ. ކުޑަކުދިންވެސް ބޭރުގައި އުޅެންވީ، އުޅޭނެ ވަގުތެއްގައި. ބޮޑެތި މީހުންވެސް ރެޔާ ދުވާލު އުޅޭނެގޮތަކަށް، 24 ގަޑިއިރު މަގުމަތީގައި އުޅެންވީ. އެއްވެސް ކަހަލަ އުޞޫލުތަކެއްނެތި، ހުރި އުޞޫލުތައްވެސް އެބަ އުވިގެންދޭ.

މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ. އަޅުގަނޑުމެންގެ ޢާއިލާތަކުގައި، ޚާއްޞަކޮށް، ކުޑަކުދިންނަށް، ކުޑައިރުއްސުރެ އެބަޖެހޭ ހަމަތަކެއް އޮންނަން. ކުދިންނަށް ކުރެވޭނެ ކަންތައްތަކާއި، ނުކުރެވޭނެ ކަންތައްތައް، ވަރަށް ރަނގަޅަށް ސާފުވެފައި އޮންނަން. އެހެންވީމާ، އެ އުޞޫލުތަކުގެ ތެރެއިން ކުދިން ރަނގަޅު ތަރުބިއްޔަތެއް ދެވިގެން ބޮޑުކުރެވެނިކޮށް، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުވެސް ރަނގަޅުވެގެންދާނެ. މުޖުތަމަޢުގައި އުޅޭ ހުރިހާ އެންމެންނަކީވެސް އެއީ، އެ މުޖުތަމަޢެއްގެ ހަމަތަކާއި، ގަވާއިދުތަކާއި، ޤާނޫނުތަކުގެ ދަށުން އުޅޭ ބަޔަކަށްވާނެ.

ތެދެއް، ރާއްޖެ މިއަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން. ކުރިއާ މިހާރާ ވަރަށް ބޮޑަށް ތަފާތު. އިހު އުޅުނު ގޮތަކަށް ނޫން، އަދު މީހުން އުޅެނީކީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ބެލެހެއްޓުމަކީ، އެއީ އަޅުގަނޑުމެން އަބަދުވެސް އެކަމަށްޓަކައި އަހަންމިއްޔަތުކަންދޭ ކަމެއް. އަޅުގަނޑުމެން ދިވެހިންނަށްވަނީ އަޅުގަނޑުމެންގެ ރަށްރަށް، އިންނަމާދޫފަދަ ޞުލްޙަވެރި، އެކުވެރި، އެއްބައިވަންތަ، ކުށްމަދު މުޖުތަމަޢުތައް އޮންނަނީ، އަޅުގަނޑުމެން މިދެންނެވިހެން އިސްލާމްދީނަށާއި، އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަޅުގަނޑުމެން ސަމާލުވީމާ. އެހެންވީމާ، މިފަދަ ރަށްރަށުން ޢިބްރަތް ލިބިގެން، އަޅުގަނޑުމެން އެބަޖެހޭ، އެހެނިހެން ރަށްރަށުގައިވެސް، މުޅި ރާއްޖޭގައިވެސް އަޅުގަނޑުމެންގެ މުޖުތަމަޢުތަކަކީ ކުށްމަދު، ރަނގަޅު މުޖުތަމަޢުތަކަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަން. އަދި ބޮޑެތި ޖަމާޢަތްތަކުގައިވެސް، ކުދި ޖަމާޢަތްތަކެކޭ އެއްފަދައިން، އެތަންތާނގައި ކަންކަން ވާނުވާގޮތް ބަލައި، އަޅުގަނޑުމެން ނޭދޭކަހަލަ ނުފޫޒުތައް ފެތުރެން ފެށުމުން، އެކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއްކުރަން.

އަޅުގަނޑަށް ޔަޤީން، މިރަށުގައި މަސްތުވާތަކެތި ގެންގުޅޭ މީހުން އުޅުނަކަ ތިޔަބޭފުޅުންނެއް ނުދޭނެ. ތިޔަބޭފުޅުން އެކަމަށް ސަމާލުވެވަޑައިގަންނަވާނެ. މިރަށުގައި އެކަހަލަ މީހަކު އުޅޭ ކަމަށްވަންޏާ، އެކަމާ ދޭތެރޭގައި ތިޔަބޭފުޅުން ފިޔަވަޅު އަޅުއްވާނެ. އެހެން ކަންތައް ކުރައްވާތީ، މިރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ނޫޅެނީ. ހަމައެހެން، މިއަށްވުރެ ބޮޑެތި ރަށްރަށުގައިވެސް، އެކަންކަން އެގޮތަށް ކުރެވޭނެ. އެއްފަހަރުވެސް ދޫކޮށްލައިފިއްޔާ، ދެން އޮންނާނީ ދެވަނަފަހަރަށްވެސް ދޫވެފައި. ވީމާ، ހަރުދަނާކަމާއެކީގައި، އަޅުގަނޑުމެންގެ ރަށްރަށަކީ ސަލާމަތް، ރައްކާތެރި، ކުށްމަދު، މަސްތުވާތަކެތިން ސަލާމަތްވެފައިވާ އަމާން ތަންތަން ކަމުގައި ހެދުމަށްޓަކައި ހުރިހާ އެންމެންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިއީ އަޅުގަނޑަށް ހަމަގައިމުވެސް އިންނަމާދުއަށް އައީމަ، އަޅުގަނޑަށް ލިބުނު ޢިބްރަތަކީ. އަޅުގަނޑު އެކަމަށްޓަކައި، އިންނަމާދޫގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން. އަދި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިދެންނެވި ކަންކަން، އަންނަ އަހަރު ދުވަހުގެ ތެރޭގައި، ފުރިހަމަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ދެންމެ ތިޔަ ވިދާޅުވިފަދައިން، ރަށު ކައުންސިލްގެ ރައީސް ވަރަށްބާރުލައްވާފައި ވިދާޅުވި، ތިމަންނަމެންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ ނަރުދަމާއޭ. ޙަޤީޤަތަކީވެސް އެއީ. އަނެއްކާ ހަމަ އިންނަމާދޫ ފަދައިން، މި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަމަކީ އެއީ. އަޅުގަނޑު ހަމަ މުޅިން އެއްބަސް ތިޔަބޭފުޅުންނާ. ނަރުދަމާގެ ނިޒާމު ޤާއިމުވުމަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ އިންސާނީ ޢިއްޒަތާއި ޤަދަރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އެކަން ނުކުރެވި މާލަސްވެސްވެއްޖެ. ނަމަވެސް، ދެންމެ އޮނަރަބްލް ޙަމްދޫން އެ ވިދާޅުވި ފަދައިން، މިފަދަ މަޝްރޫޢުތަކަކީ މިއީ ވަރަށް ޚަރަދު ބޮޑު މަޝްރޫޢުތަކެއް. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މިކަމަށްޓަކައި ޚާއްޞަ ރޭވުންތަކެއް ރާވަން. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން ސަމާލުވެ، އޮނަރަބްލް ޙަމްދޫނާއި އަދި ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރުންނާއެކުގައި އަޅުގަނޑުމެން މަސައްކަތް ކޮށްގެން، އިރާދަކުރެއްވިއްޔާ، އެކަމަށް ޙައްލެއް ހޯދާނަން އަޅުގަނޑުމެން. އަޅުގަނޑަށް ކަނޑައެޅިގެން، މިވެނި ދުވަހަކުއޭ، މިވެނި މަހެކޭ ދަންނަވާކަށް ނުކެރޭނެ. އެހެން ނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، މިކަމުގައިވެސް އަޅުގަނޑުމެން ޙައްލެއް ފެނޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އަދިވެސް އެއްފަހަރު ތިޔަ ލޮބުވެތި ރައްޔިތުން، މި ގަދަ ހޫނުގެ ތެރޭގައި ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ތިޔަހާ ހޫނު ތަރުޙީބެއް ދެއްވައި، އަޅުގަނޑުމެންނަށް މެހްމާންދާރީ އަދާކުރެއްވި ކަމަށްޓަކައި، ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލައްވައި، ތިޔަބޭފުޅުންގެ ޙަޔާތަކީ، އުފާވެރި، ދުޅަހެޔޮ، ފާގަތި ޙަޔާތެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه