بســم اللّـه الرّحمـن الرّحيــم

މާތްﷲ އަށް ޙަމްދާއި ޝުކުރު ކުރަން. އަދި އެކަލާންގެ ފޮނުއްވި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި އެ ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މާކުރަތުގެ ލޮބުވެތި ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، އަދި އަތޮޅު ކައުންސިލްގެ ރައީސް. އަދި ރަށުގެ އެކިވަރުވަރުގެ ވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދުގެ ހަވީރުގެ ވަގުތުގައި އަޅުގަނޑުމެން މިރަށަށް އައުމުން، މާކުރަތުގެ ކުދިބޮޑު އެންމެހާ ރައްޔިތުން އަތިރިމައްޗަށް ދުރުވެ، އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވީތީ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަދު ތިޔަބޭފުޅުން އަޅުގަނޑުމެން މިތަނަށް އަންނާތީ، ރަށުތެރެ ޒީނަތްތެރި ކުރައްވައި، ތައްޔާރުވެވަޑައިގަތުމަށް ކުރެއްވި މަސައްކަތަކީ އެއްގޮތަކަށްވެސް ފަސޭހަ މަސައްކަތެއް ނޫން. ރަށުގެ ކަންތައް މިވަގުތު ހުރިގޮތުން، ވަރަށް ބުރަ މަސައްކަތެއް ކުރައްވައިގެން، ވަރަށްގިނަ ބައެއްގެ އެހީ ހޯއްދަވައިގެން، ތިޔަބޭފުޅުން އަޅުގަނޑުމެންގެ މިދަތުރަށް ތައްޔާރުވެވަޑައިގަތީ. އެކަމަށްޓަކައި އަޅުގަނޑު ވަކިން ޚާއްޞަކޮށް އުފާކުރާ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ޙަޤީޤަތް ކޮންމެ ގޮތަކަށް އޮތް ކަމުގައިވީނަމަވެސް، މިއަދު ދިވެހި ދައުލަތުން މިތިބީ ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންނަށް ވަކިބަޔަކަށް ތަފާތުނުކޮށް، ދައުލަތަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދޭން. އެއްގޮތަކަށްވެސް ވަކި ރަށެއްގައި ވަކިކަހަލަ ކައުންސިލެއް އޮވެގެން، ވަކި ރަށެއްގައި ވަކި ކަހަލަ ދިދައެއް ދަމާތީ، އެރަށަކަށް ކަންތައް ނުކުރާ އުޞޫލެއް، މި މިއަދުގެ ސަރުކާރަކުން އަޅުގަނޑުމެން ނުގެންގުޅޭނެ. އަޅުގަނޑުމެންނަށް އަޑުއިވެމުންދިޔަ، މިވެނި ރަށެއްގައި، މިވެނި ޕާޓީއެއްގެ ކައުންސިލް އޮންނާތީ، އެހެންވެގެން އެރަށުގެ ކަންތައްތައް ކުރިއަކުން ކޮށެއް ނުދެއޭ. އިހުމާލުކޮށްފައޭ އޮންނަނީ. އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެން އެ އުޞޫލު ގަބޫލެއް ނުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮންމެ ކަހަލަ ކައުންސިލެއް، ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެއީ ދައުލަތުގެ ޒިންމާއެއް، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައް ދިނުމަކީ. އެހެންވީމާ، އެގޮތުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހުރިހާ ރަށަކަށްވެސް ހަމަހަމައިން ކަންތައް ކޮށްދޭނަން.

އަޅުގަނޑަށް އެނގޭ، މިރަށުގައި މިއަދު ރަށުގެ ކައުންސިލްގެ މެންބަރުން މިތަނަކަށް ވަޑައިނުގަންނަވާކަން. އެއީ ވަރަށްދެރަ ކަމެއް. ސަބަބަކީ އެބޭފުޅުންނަކީ އެއީ ދައުލަތުގެ މުއައްސަސާއެއް ތަމްސީލު ކުރައްވާ ބޭފުޅުން. ރަށުގެ ކައުންސިލްތަކުގެ މެންބަރުންނަކީ އެއީ ދައުލަތުގެ މުވައްޒަފުން. އެ މުވައްޒަފުން ހިމެނެނީ، ވެރިކަން ހިންގާ ބާރުގެ ތެރޭގައި. ވެރިކަން ހިންގާ ބާރުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނަ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކުގެ ދަށުން ކޮންމެ ވިސްނުމެއްގެ ގޮތުގައި ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކުގެ ދަށުން ކަންކަން ކުރުމަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ބައެއް ކައުންސިލްގެ މެންބަރުންނަކީ. އެހެންވީމާ، ކައުންސިލްގެ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާއަށާއި، ދައުލަތުގެ ވަޒީރުންނަށް ލިބުމަކީ އެއީ، ޤާނޫނީގޮތުން އެބޭފުޅުން ކުރައްވަން ޖެހިވަޑައިގަންނަވާކަމެއް. އެއީ، އެބޭފުޅުންގެ ހިތްޕުޅަށް ފެނިވަޑައިގަންނަވާހާ ގޮތަކަށް އެބޭފުޅުންގެ އިޚްތިޔާރަށް ދޫކޮށްލެވިފައި އޮންނަ ކަމެއް ނޫން. އެކަން އެއީ ކުރަންޖެހޭ ކަމެއް. އެއީ، އެބޭފުޅުން ދައުލަތުގެ އެ މަޤާމުގައި ތިއްބަވާތީ. އަދި ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހޯދާ ލާރިން އެމީހުންގެ މުސާރަވެސް ސަރުކާރުން ދޭތީ. ތިމަންނަމެން ސަރުކާރު ގަބޫލު ނުކުރަމޭ ބުނާ މީހުންވެސް، ސަރުކާރުން މުސާރަ ދިނީމަ މުސާރަ ގަބޫލުކުރޭ. އެހެންވީމާ، އެއީ ދެން ވަރަށް ހަމަނުޖެހޭ ކަމެއް، ކޮންމެ ބަޔަކު ކުރެއްވި ކަމުގައިވިނަމަވެސް، އެގޮތަށް އެކަންކަން ކުރެއްވުމަކީ.

އަޅުގަނޑުމެން މިތިބީ ހުރިހާ ކައުންސިލްތަކާއެކީގައި މަސައްކަތް ކުރަން. މިހާރު، ތެދެއް ދެން އަޅުގަނޑުމެންވެސް ކުރީކޮޅުގައި، ވަރަށް ހިތްހަމަވެސްނުޖެހުނު، ތިމަންނަމެން މި ސަރުކާރު ގަބޫލެއް ނުކުރަމޭ، ރައީސުލްޖުމްހޫރިއްޔާއަކީ ތިމަންނަ ގަބޫލުކުރާ ބައެއް ނޫނޭ، ކިޔައިގެން ފާޑުފާޑުގެ ޤަރާރު ބައެއް ކައުންސިލްތަކުން ފާސްކުރި. އެއްވެސް މީހަކު އެކަހަލަ ކަންތައް ކުރީމަކާ ހިތްހަމައެއްނުޖެހޭނެ. އެހެން ނަމަވެސް، ދެން މިހާރު އަޅުގަނޑު މި މަޤާމުގައި މިހިރީކީ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ޙައިޘިއްޔަތަކުންނެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި އަޅުގަނޑުވެސް މިހިރީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހަތްދިހަވަރަކަށް ހާސް މީހުން ވޯޓުލައިގެން ހޮވީމާ. އެހެންވީމާ، މި މަޤާމުގައި ހުންނަ މީހަކަށް އެއްގޮތަކަށްވެސް ދެން ދައުލަތުގެ ތެރޭގައި ތިބޭ ބައެއް މުވައްޒަފުންގެ ތެރެއިން ބަޔަކު ތިމަންނާ ތި މަޤާމުގައި ރައީސުލްޖުމްހޫރިއްޔާ ގަބޫލު ނުކުރަމޭ ބުންޏަކަސް، އެކަމާ ދޭތެރޭގައި މާބޮޑު ފަރުވާލެއް ބަހައްޓައިގެން އުޅެވޭކަށް ނެތް. ސަބަބަކީ، މިހާރުވެސް މިރަށުގައިވެސް މިރަށު ކައުންސިލްގެ ބޭފުޅުން އަދި ކޮންމެ ގޮތަކަށް ތިއްބެވި ކަމުގައިވީނަމަވެސް، މިރަށުގެ ރައްޔިތުންނަކީ ދިވެހި ރައްޔިތުން. މިރަށުގެ ރައްޔިތުންނަކީ ދިވެހި ދައުލަތުގެ ފަރާތުން އެކި ބާވަތްބާވަތުގެ ޚިދްމަތްތައް ދޭންޖެހޭ ރައްޔިތުން. މި ރައްޔިތުންގެ ޙައްޤެއް، ދައުލަތުގެ ފަރާތުން އެކަންކަން ކުރުމަކީ. އެހެންވީމާ، އެސަބަބަށްޓަކައި ދައުލަތުން އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމުގައި، ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެއްގޮތަކަށްވެސް ތިޔަބޭފުޅުންނަށް ކުރަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން އިހުމާލެއް ނުވާނަން.

އާދެ! މިރަށުގެ ބަނދަރުވެސް އިރާދަކުރެއްވިއްޔާ މަރާމާތުވެސް ކުރެވޭނެ. މިރަށުގެ ބަނދަރު ފުންވެސް ކުރެވޭނެ. އެކަން އިރާދަކުރެއްވިއްޔާ، މާލަހެއްވެސް ނުކޮށް އަޅުގަނޑުމެން ކުރާނަން. އަދި ހަމައެހެން، މިރަށުގެ ޒުވާނުން ބޯޅަ ކުޅޭނެ ދަނޑުވެސް އެބަޖެހޭ ހަދަން. އެކަންވެސް އިރާދަކުރެއްވިއްޔާ ހަމަ ވާނެ. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެކަން އަޅުގަނޑުމެން ކުރާނަން. ތިޔަބޭފުޅުންނަށް ބޭނުންފުޅުވާ ހުއްދަ ސަރުކާރުން ދޭނެ، ކަންކަން ކުރުމަށް. އެހެންވީމާ، ތިޔަބޭފުޅުންގެ އޮޑިދޯނިފަހަރު އަޅާނެ ތަނާއި، ތިޔަބޭފުޅުން އޮޑި އެހެލާނެ ތަނާއި، އެތަންތަނަށް ބޭނުންވާ ޚިދްމަތްތައް ދިނުމުގައި، ކަރަންޓުލުމަށް ނުވަތަ ފެން ދިނުމަށް، އެ ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ދޭންޖެހޭ ހުއްދައެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. ތިޔަބޭފުޅުންނަކަށް ނުޖެހޭ، އެކަން ހުއްޓުވަން އުޅޭ ބަޔަކު ބުނާހާ އެއްޗެއް އަޑުއަހާކަށް. ދައުލަތުގެ ފަރާތުން އޮތީ ތިޔަބޭފުޅުންނަށް ކަންކަން ކޮށްދޭގޮތަށް، އެހީތެރިވާގޮތަށް. އެހެންވީމާ، ތިޔަބޭފުޅުން ކަރަންޓުލާން ބޭނުމިއްޔާ، ކަރަންޓްވެސް ލެވޭނެ. ފެންލާން ބޭނުންވީމަ ފެންވެސް ލެވޭނެ. ބޯޅަދަނޑެއް އެއްވަރު ކުރަންވީމާ، ބޯޅަދަނޑުވެސް އެއްވަރު ކުރެވޭނެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާވެސް، އަދި ދައުލަތުގެ ވަޒީރުންވެސް، އެކިއެކި ވުޒާރާތައްވެސް، ތިޔަބޭފުޅުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ވަގުތުގެ ގޮތުން މާ ދިގުކޮށް ވާހަކަ ދެއްކޭކަށް ނެތް. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މިރަށަށް އާދެވުނީތީ، އަޅުގަނޑުމެން ނިހާޔަތަށް އުފާކުރަން. އަޅުގަނޑުމެންނަށް މި ރަޙްމަތް މާތްﷲ ލެއްވީތީ، އަޅުގަނޑު އެކަލާނގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން. ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ނަޞީބު އަޅުގަނޑަށް ލިބުނީތީ، އަޅުގަނޑު ނިހާޔަތަށް އުފާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތުގައި، ހިތްހަމަޖެހުމާއި އުފަލުގައި ދިރިއުޅުއްވާ ރައްޔިތަކަށްވުން. އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، މާކުރަތަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه