بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރަސްމާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، މިރަށުގެ ރަށު ކައުންސިލްގެ ރައީސް އަދި މިއަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދު މި ހޫނުގަދަ ވަގުތުގައި، އަޅުގަނޑުމެންނަށް ތިޔަ ބެހެއްޓެވި އޯގާވެރިކަމާއި، ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

މިރަށުން މިއަދު ފެނިގެން މިދިޔަ މަންޒަރަކީ، މިރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ޤައުމީ ކަންކަމުގައި އެންމެން އެކީގައި މަސައްކަތްކުރާ ރައްޔިތެއްކަން. ތެދެއް، ރަށުގެ ތެރެއިންވެސް ކުލަކުލައިގެ ދިދަތައް އެބަ ފެނޭ. އެހެން ނަމަވެސް، އެކަން އޮންނަންވާނޭ ގޮތަކީ، ކުލަކުލައިގެ ދިދަތައްވެސް ހަމަ ހުންނަންވާނެ. އެހެން ނަމަވެސް، އެހުރިހާ ދިދަތަކެއްގެ މަތީގައި ހުންނަންވާނީ ޤައުމީ ދިދަ. އެގޮތުން، ޤައުމުގެ ކަންކަމުގައި ހުރިހާ ރައްޔިތުން، އެ ދިދައެއްގެ ދަށުގައި، އެއް ކުލަތަކެއްގެ ދަށުގައި، އެކީގައި މަސައްކަތް ކުރާތަން މިރަށުން ފެނިގެން އެބަދޭ. އަޅުގަނޑަށް އެނގޭ، މިރަށުގައިވެސް ފިކުރީ ތަފާތު ހުރި ބޭފުޅުން އެބަތިއްބެވި. އެހެން ނަމަވެސް، ޤައުމީ ކަންކަމުގައި، ރަށުގެ ތަރައްޤީގެ ކަންކަމުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވާ. އަދި ތަރައްޤީގެ މަޝްރޫޢުތަކުގައި، އެއްބާރުލުން ދެއްވާނެ ކަމުގެ ފޮތިގަނޑުތައް، ރަށުތެރޭގައި ލިޔުއްވާފައި ހުރީމާ، އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ.

އާދެ! ރަށެއްގެ ދިރުމަކީ ރަށުގެ ރައްޔިތުން. ޚާއްޞަކޮށް، އެރަށެއްގެ ޒުވާނުންނާއި ކުޑަކުދިން، އަންހެން، ފިރިހެން، މިއީ ވަރަށް މުހިންމު ބައެއް. އެހެންވީމާ، ޒުވާނުންނާއި ކުޑަކުދިންނަށްޓަކައި ރަށެއްގައި ދެވޭ އަހަންމިއްޔަތު އެއީ، އަޅުގަނޑުމެން ރަށުގެ ތަރައްޤީއަށްޓަކައި މޫނުބަލާ ލޯގަނޑު. މިއަދު މިރަށުން ފެނިގެން މިދަނީ، ރަށުގެ ކުޑަކުދިންނާއި ޒުވާނުންގެ ކަންކަމުގައި ރައްޔިތުން ވަރަށް ބޮޑު އެއްބާރުލުމެއް، އަހަންމިއްޔަތުކަމެއް ދެމުން ގެންދާތަން. އެގޮތުން، ދެންމެގައި އަޅުގަނޑު މި ސްކޫލްގެ ސްކައުޓް ކުދިންގެ ކޭމްޕެއް ސްކޫލުގެ ތެރޭގައި އެބަ ހިނގާ. އެތަނަށް އަޅުގަނޑު ގޮސްލާފައި މިއައީ. އެކަހަލަ ޙަރަކާތްތައް ހިންގުމަކީ އެއީ، ކުދިންގެ އަޚްލާޤަށާއި، ކުދިންގެ ތަރުބިއްޔަތަށް ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، ސްކޫލްގެ ފަރާތުން އެކަންކަން ކުރައްވަމުން ގެންދަވާތީ. އަދި ހަމައެހެން، ރަށުގެ ޒުވާނުންވެސް ވަރަށް ޙަރަކާތްތެރިކަމާއެކީ މަސައްކަތް ކުރައްވާ ކަމުގެ ދަލީލު ވަރަށް ރަނގަޅަށް މިރަށުން ފެންނަން އެބަހުރި. ވަކިން ޚާއްޞަކޮށް، ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން މިހާރު ޒުވާނުން އެއްވެ އުޅޭނެ ތަނެއް ޢިމާރާތް ކުރުމުގެ މަސައްކަތް ހުރީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި. އިރާދަކުރެއްވިއްޔާ، އެކަމުގައި އަޅުގަނޑުމެންނަށް ވެދެވެންހުރި ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ދޭނެ ވާހަކަ ދަންނަވަން. އަދި ޒުވާނުން ކުޅިވަރު ކުޅުމަށްޓަކައި މިހާރު ސަރުކާރުގެ ފަރާތުން އެހީތެރިވެގެން، ފުޓްސަލް ދަނޑެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެހެންވީމާ، އެކަމުގެ މަސައްކަތް، މިހާރުހުރީ ވަށާ ފާރު ލެވިފައި. ދެން ފެންސް ޖެހުމާ، މިކަންކަންވެސް އިރާދަކުރެއްވިއްޔާ، މާ ލަހެއްނުވެ ކުރިއަށްދާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑަށް ކައުންސިލްގެ ރައީސް މިހާރުވަނީ ދެއްވާފައި.

ދެން އިރާދަކުރެއްވިއްޔާ، މިރަށުގެ ބަނދަރު ފުންކުރުމުގެ މަސައްކަތް މިއޮތީ ކުރަން ޖެހިފައި. އެކަން ކުރުމަށްޓަކައި އަޅުގަނޑު، ސަރުކާރުގެ ފަރާތުން އެކަމާބެހޭ އިދާރާތަކުގައި ދަންނަވައިފިން. އިރާދަކުރެއްވިއްޔާ، ބަނދަރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވިގެންދާނެ. އަދި އެމަސައްކަތް ހިނގަމުންދާއިރުގައި، އެއަށްވުރެވެސް ކުރިން އިރާދަކުރެއްވިއްޔާ، ބޯޅަދަނޑު އެއްވަރު ކުރުމުގެ މަސައްކަތްވެސް އެބަ ކުރަން. މިރަށުގެ ބޯޅަދަނޑުގައި ބޯޅަ ކުޅުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮންނަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ބޯޅަދަނޑު ފަސްގަނޑު އެއްވަރުކޮށް، ބޯޅަދަނޑުގައި ބޯޅަ ކުޅެވޭނެ ގޮތެއް ހެދުމަށްޓަކައި އެމް.ޓީ.ސީ.ސީ.ގައި ދަންނަވައިގެން، އެކަން ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! މި ސްކޫލްގެ މި ޢިމާރާތް، އަޅުގަނޑު ހިތަށްއެރީ ކީއްވެގެންބާއޭ ހޮޅިލާފައި ވިއްދާފައި ނެތީ. އެހެން ނަމަވެސް، މިހާރު ތިޔަބޭފުޅުން ތިޔަ ވިދާޅުވީ އަޅުގަނޑު ކައިރީގައި. މިތަނަކީ ވަރަށް ބާވެފައި ހުރި ޢިމާރާތެއް. މިތަން ބަލައިލީމާވެސް އެނގޭ، މިކަމަށް ސަމާލުކަން ދޭންޖެހިފައި ހުރި ތަނެއްކަން މިއީ. އެހެންވީމާ، މިތަނުގައި، މި ސްކޫލްގައި ޢިމާރާތުގެ ކަންތައްތަކުގައި، ޚާއްޞަކޮށް، ހޯލެއް ހެދުމުގެ މަސައްކަތަށް އަޅުގަނޑުމެން އެބަޖެހޭ އަހަންމިއްޔަތުކަންދޭން. އެހެންވީމާ، އެކަމުގައި ކޮންމެވެސް ގޮތެއް ހޯއްދެވުމަށް އެޑިޔުކޭޝަން މިނިސްޓަރަށް އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑުމެން ތަޢުލީމީ ކަންކަމުގައި ކުޑަކޮށް ވިސްނާލަން އެބަޖެހޭ. ސަބަބަކީ 2010 ވަނަ އަހަރާއި، 2011 ވަނަ އަހަރާ އަޅާބަލާއިރުގައި، މި ސްކޫލް ކުދިންގެ ކިޔެވުމުގެ ފެންވަރު ތަންކޮޅެއް ދަށަށް ގޮއްސަ މިވަނީ. އެއީކީ އަޅުގަނޑުމެންނަށް ބަލަހައްޓައިގެން ތިބެވޭނެ ކަމެއް ނޫން. އެކަން އެހެން ވާން އެޖެހެނީވެސް މިތަނުގައި ތިބެންޖެހޭ ޓީޗަރުންނާއި، ހެޑްމާސްޓަރުން ނުތިބޭތީ، ގަވާއިދުން ތިބެންވާވަރަށް. ހެޑްމާސްޓަރެއް ނެތި، އެހާ ގިނަ ދުވަހެއް ވަންދެން، މިސްކޫލް ބެހެއްޓިފައި ހުރުމަކީ އެއީ ވެގެންވާނެ ގޮތެއް ނޫން. އެހެންވީމާ، އެކަންކަންވެސް ރަނގަޅު ކޮށްދެއްވުން އެދި އަޅުގަނޑު އެޑިޔުކޭޝަން މިނިސްޓަރަށް ދަންނަވަން. ދެން އިރާދަކުރެއްވިއްޔާ، މިހާރަށްވުރެ ރަނގަޅަށް، ސަރުކާރުގެ ފަރާތުން މި ސްކޫލަށް އަޅާލެވިގެން، މި ސްކޫލްގެ ކިޔެވުމުގެ ފެންވަރު، އިރާދަކުރެއްވިއްޔާ، ދެން އަންނަ އަހަރަކުން މިއަހަރަށްވުރެ ރަނގަޅު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! ކުރަންހުރި ކަންތައްތައް ވަރަށްގިނަ. އޭގެތެރެއިން މިހާރު ކުރެވެންހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ މިހާރު ކުރަމުން ގެންދާނަން. ދެން އޭގެތެރެއިން މިހާރުވެސް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް، ކަރަންޓްގެ މަސައްކަތް، ތިޔަ ވިދާޅުވިހެން. އެހެންވީމާ، މިހާރު ޔޫޓިލިޓީ ކުންފުނީގެ ދަށުން މިރަށުގެ ކަރަންޓް މި ހިނގަނީ. އަޅުގަނޑު، ފެނަކާ ކުންފުނީގެ ވެރިންނަށް ދަންނަވާނަން، މިރަށުގެ ކަރަންޓުގެ ކަންތައް، މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި މަސައްކަތެއް ކުރެއްވުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރަށުގެ ކަރަންޓް ގަވާއިދުން ލިބި، ކަރަންޓްގެ ޚަރަދު މާ މައްޗަށް ނުގޮސް، ތިޔަބޭފުޅުންގެ ޓީ.ވީތަކާއި، އެހެނިހެން އިކްވިޕްމަންޓްތައް ހަލާކުނުވާނެ ގޮތަކަށް، ކަރަންޓްގެ ކަންތައް އިންތިޒާމު ކޮށްދެއްވުމަށް އަޅުގަނޑު ދަންނަވާނަން.

އާދެ! މިވަގުތު 11 ވެސް ޖަހައިފި. ހުކުރު ދުވަހަކަށްވާތީ، މިވަގުތަކީ މިއީ، މާ ދިގުކޮށް ވާހަކަ ދެއްކޭ ކަހަލަ ވަގުތެއް ނޫން. އެހެންވީމާ، އަޅުގަނޑުވެސް މާ ވާހަކަ ދިގެއް ނުކުރާނަން. ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ހުކުރަށް ވަޑައިގަންނަވަން ޖެހޭނެ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލާނަން، ވަރަށް ކުރުކޮށް އަނެއްކާވެސް، އަޅުގަނޑަށް މިރަށަށް އާދެވުނީމާ އަޅުގަނޑުވެސް ވަރަށް އުފާކޮށްފިން. މިރަށުން ތިޔަ ހުރިހާ ބޭފުޅުން ވަރަށް ހޫނު ތަރުޙީބެއް ތިޔަ ދެއްވީ. އާދެ! ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނަށް އޮތް ލޯބި ވަރަށް ރަނގަޅަށް ސާބިތުވެގެން ހިނގައްޖެ. އަޅުގަނޑު އުންމީދު ކުރަން، ދެންވެސް މާގިނަ ދުވަސްތަކެއް ނުކޮށް، އަޅުގަނޑަށް މިރަށަށް އާދެވޭނެ ފުރުޞަތު ލިބޭނެ ކަމަށް. ދެން މިރަށުގައި ހަމަ ތިޔަ ރައްޔިތުން ބޭނުންފުޅުވާ ކަންކަން، ކައުންސިލުގެ ރައީސް މެދުވެރި ކުރައްވައިގެން އަދި އޮނަރަބްލް ޙަމްދޫން މެދުވެރި ކުރައްވައިގެން، ސަރުކާރރަށް އަންގަވަމުން ގެންދެވުން އެދެން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް، އާދެ! މިކަންކަން ރަނގަޅު ކުރުމަށްޓަކައި ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާއެކުގައި، ހިތްފަސޭހަ ދިރިއުޅުމެއް މިރަށުގައި އުޅުއްވަމުން ގެންދަވާ އަޚުންނާއި އުޚުތުން ކަމުގައި ލެއްވުން. މިރަށަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه