بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އުނގޫފާރުގެ ލޮބުވެތި ރައްޔިތުން، މިރަށުގެ ރަށު ކައުންސިލްގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެވެސް އެންމެ ފުރަތަމަ އުފަލަކީ، ހިޖުރީ އާ އަހަރުގެ ތަހުނިޔާ، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދެންނެވުން. އެއަށްފަހު، އަޅުގަނޑުމެން މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ދެއްކެވި އުފާވެރިކަމާއި، ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ! މިރޭ އަޅުގަނޑު ތިޔަބޭފުޅުންގެ އިޒުނައާ އެކީގައި، ފުރަތަމަ ހިތާމަވެރި ވާހަކަކޮޅަކުން ފަށާނީ. ތިޔަ ހުރިހާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާފައިވާ ހިތާމައާއި، ހިތް ނުތަނަވަސްވުމާއި، މިއީ އަޅުގަނޑުވެސް ހަމަ ޙިއްޞާކުރާ ހިތާމައެކޭ ތިޔަބޭފުޅުންނަށް ދަންނަވަން. އަޅުގަނޑުމެންގެ ލޮބުވެތި އަޚު އައްޝަހީދު އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީ ވަރަށް އަނިޔާވެރި ގޮތަކަށް މާލޭގައި އަވަހާރަކޮށްލުމާ ގުޅިގެން، މިރަށަށް އެކަންޏެއް ނޫން، އެކަމުގެ ހިތާމަވެރިކަމާއި އުދާސްކަން ލިބިފައިވަނީ. މުޅި ދިވެހި ޤައުމަށް އެކަމުގެ ހިތާމަ ވަނީ ވެރިވެފައި. އަދި އެކަމުން އަޅުގަނޑުމެންނަށް މިއުޅެނީ އަދި އަރައިނުގަނެވި. އަޅުގަނޑުމެންގެ އަޚު ޝަހީދު އަލްމަރްޙޫމް ޑޮކްޓަރ އަފްރާޝީމަކީ، ހިތްޕުޅު ހެޔޮ، ވަރަށް ރަޙްމަތްތެރިންނާ ދޭތެރޭގައި އޯގާތެރި ބޭފުޅެއް. އެބޭފުޅާގެ ރަޙްމަތްތެރިންނާއި، ރައްޓެހިންނާއި، ޚާއްޞަކޮށް، ޢާއިލާއާ، ވަރަށް އޯގާތެރި ބޭފުޅެއް. އެމަނިކުފާނަކީ މިހާތަނަށް ދިވެހިރާއްޖެ ދުށް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހޮވާލައިގެން ނެގޭފަދަ ކުޅަދާނަ ޢާލިމެއް. އެމަނިކުފާނު މި ދުނިޔެ ދޫކުރައްވައި ވަޑައިގަތުމުން، މުޅި ދިވެހި އުންމަތަށް ވަނީ ވަރަށްބޮޑު އުނިކަމެއް ލިބިފައި. ވަރަށްބޮޑު ހިތާމައަކާ ކުރިމަތިވެފައި.

އާދެ! ތިޔަ ހުރިހާ ބޭފުޅުންވެސް މިހާރު ކެތްތެރިކަންކުޑަވެ އިންތިޒާރު ކުރައްވަމުން ގެންދަވާނީ، އެ އަނިޔާވެރި ޖަރީމާ ހިނގި ގޮތަކާއި، ހިންގި ބަޔަކާއި، އެކަމުގެ ފަހަތުގައި ތިބި ބަޔަކާ، މިކަންކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި. އަޅުގަނޑު މިރޭ ފުރަތަމަފަހަރަށް، މިކަމާ ބެހޭގޮތުން އެއްޗެއް މި ދަންނަވަނީ. ވަރަށް ކެތްތެރިކަމާއެކު، އަޅުގަނޑުމެންނަށް ދިވެހި ދައުލަތަށް ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އަދި އެވަރުން ނުފުދިގެން ރާއްޖެއިން ބޭރުން އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، މިކަމުގެ ތަޙުޤީޤު ކުރަމުންދާތާ ދުވަސްތަކެއްވެއްޖެ. އޭގެ ނަތީޖާ އަންނަނީ ދައްކަމުން. އެ ތަޙުޤީޤު އިރާދަކުރެއްވިއްޔާ، ރަނގަޅަށް ދަނީ. އަދި މި ކުރިއަށް އޮތް ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި، ދިވެހި ފުލުހުންގެ ފަރާތުން މިކަމާބެހޭ ތަފްޞީލުތައް، ތިޔަ އެންމެހާ ރައްޔިތުންނަށް ހާމަކޮށްދެއްވާނެ.

މިކަމުގައި އަޅުގަނޑު ދަންނަވަން އޮތީ، ތަޙުޤީޤުގެ ވަރަށް ބޮޑެތި ކާމިޔާބުތަކެއް ހޯދިއްޖެއޭ. އެހެން ނަމަވެސް، އޭގެ ތަފްޞީލަށް އަޅުގަނޑަށް މިރޭ އަދި ދެވޭކަށް ނެތް. އަޅުގަނޑު ކުރިން ދެންނެވިހެން، ފުލުހުންގެ ފަރާތުން އެ ތަފްޞީލު ފުރަތަމައަށް ހާމަކޮށްދެއްވާނީ. މިކަން ކުރުމުގައި، މިވޭތުވެދިޔަ ސާޅީސް ފަހެއްހާ ދުވަހު، ރެޔާއި ދުވާލު ފުލުހުންގެ މިކަމަށް ޚާއްޞަ ކުރެވިފައިވާ ޔުނިޓުތަކުން ދަނީ މަސައްކަތް ކުރަމުން. އަދި މިކަމުގައި އެހީތެރިވެދިނުމަށްޓަކައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ އޮފިސަރުން ރާއްޖެ ވަޑައިގެން، އަޅުގަނޑުގެ އެދުމުގެ މަތިން، ރާއްޖެ ވަޑައިގަންނަވައިގެން، އެބޭފުޅުންވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުން. އަދިވެސް ރާއްޖޭގައި އޭގެ ބޭފުޅަކު އެބަ ހުންނެވި. އެހެންވީމާ، މިކަމާ ބެހޭގޮތުން މީގެ ޙަޤީޤަތް ސާފުވެގެންދާއިރުގައި، އެކަން ވާނީ ވަކި ފަރާތަކަށް ނުޖެހި، މީގެ ޙަޤީޤަތް ވީހާވެސް ރަނގަޅަކަށް ހާމަކުރެވޭ ހާމަކުރެވުމަކަށް.

އާދެ! އަދުގެ ދިވެހިރާއްޖެއަކީ އިހުގެ ދިވެހިރާއްޖެއެއް ނޫން. ރާއްޖެ މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ރާއްޖޭގެ ރައްޔިތުން، އިހު އުޅެމުން ގެންދިޔައީ ވަރަށް އަމާން މާޙައުލެއްގައި. ރާއްޖޭގެ ރަށްތަކުގައި ވަރަށް ޞުލްޙަވެރިކަމާ އެކީގައި. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ބަދަލުވެފައި. ރާއްޖޭގެ މާޙައުލު ވަރަށް ބޮޑަށް ކުރިއާ ތަފާތުވެފައި. ރާއްޖޭގެ ރައްޔިތުން ބިރުގަންނަންޖެހޭ އާ ކަންތައްތަކާ ކުރިމަތިވެފައި. އިއްޔެ އުޅުނު މީހުން ބިރުގަންނަނީ، އަނދިރީގައި ހިނގަންޖެހޭތީ. މިއަދު ވަނީ އަލިކަން ލިބިފައި. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން ބިރުގަންނަން ޖެހެނީ، ޑްރަގް ނަގާ މީހުންނާއި، ގޭންގްތަކުގައި މަސައްކަތްކުރާ މީހުންނާ. އަޅުގަނޑުމެންގެ ހަމަ ތެރެއިން އުފެދިފައި ތިބި، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ދެކެ. އެކަން އެހިސާބަށް އެ ދިޔައީކީ، ނޭނގި ތިބެގެނެއް ނޫން. ތަރައްޤީވާ ހުރިހާ ޤައުމެއްގައި، ކޮންމެހެން އެކަން ވާގޮތެއް ނޫން އެއީކީ. ތަރައްޤީވެފައި ހުރިހާ ޤައުމުތަކެއްގައިވެސް، ކޮންމެހެން ވާންޖެހޭ ކަމެއް ނޫން، އެ ޤައުމުގައި ޑްރަގްގެ ކަންތައް އިތުރުވުމާއި، ގޭންގްގެ އަނިޔާވެރިކަން އިތުރުވުމަކީ. އެހެން ނަމަވެސް، ރާއްޖޭގައި އެކަން އެގޮތަށް ހިނގައިފި. އެކަން ހިނގީ އެތައް ދުވަހެއްގެ މަތިން. އެކަމަށްޓަކައި ދިވެހި ސަރުކާރުންނާއި، ދިވެހި މުޖްތަމަޢުން އަޅަންޖެހޭ ފިޔަވަޅުތައް، އެކަށީގެންވާ ގޮތެއްގައި ނޭޅުމުގެ ސަބަބުން. އެކަންކަން ކުރާ މީހުންނަށް އެހީތެރިވެދެއްވުމުގެ ސަބަބުން. ކޮންމެވެސް ބަޔަކު، އޭގެ ސަބަބުން ފައިދާތަކެއް ނަގާފައި ތިބީމާ، އެހިސާބަށް އެކަން ގޮއްސަ މިއޮތީ. މިއަދު އަޅުގަނޑުމެންނަށް މިއޮތީ ނުރައްކާތެރި ދަރަޖައަކަށް އެކަން ގޮއްސަ. މިއަދު ދިވެހިރާއްޖޭގައި ގޭންގްތަކުގެ އަނިޔާ، ރޭވިގެން، ގްރޫޕް ހަދައިގެން، މާރާމާރީގެ ކަންކަން ހިންގާ މީހުން މިއަދު މިވަނީ ރާއްޖޭގައި އިތުރުވެފައި.

މިކަންކަން ހުއްޓުވުމަށްޓަކައި މިހާރު ސަރުކާރުގެ ފަރާތުން ދަނީ ފިޔަވަޅު އަޅަމުން. އެގޮތުން، އަޅުގަނޑުމެން މިއަހަރު ވަނީ ކުށް މަދުކުރުމާބެހޭ ޓާސްކްފޯހެއް އެކުލަވައިލާފައި. އެ ޓާސްކްފޯސްގެ ފަރާތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އެޅި އެއް ފިޔަވަޅަކީ، ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން ވިޔަފާރިކުރާ ތަންތަނާއި، ރެސްޓޯރަންޓްތައް ހުޅުވާފައި ނުބެހެއްޓުން. އެ ފިޔަވަޅު އެޅިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އޭގެ ނަތީޖާ ދައްކަނީ، އިރާދަކުރެއްވީތީ ރަނގަޅަށް. އޭގެ ސަބަބުން ޤާނޫނުގެ ބާރު ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންވެސް ހިނގައްޖެ. އަދި ހަމަ އެހެން، ޚާއްޞަކޮށް، މާލޭގައި އޭގެފަހުން ވަނީ ކުށް މަދުވާން ފަށާފައި. މީގެއިތުރުން، ދާދި އަވަހަށް އަންނަ އަހަރުގެ ބަޖެޓްގައި، އަޅުގަނޑުމެން އެބަ ހިމަނަން، މި ޤައުމުގެ ހަމަ ހުރިހާ ދިމާލެއްގައިވެސް، އިރާދަކުރެއްވިއްޔާ، ވީހާވެސް ގިނަ ރަށްތަކެއްގައި، ފުލުހުންގެ ޕޯސްޓް ޤާއިމު ކުރުމަށް. އަދި ފުލުހުންގެ ރައްކާތެރިކަން، ވީހާވެސް ގިނަ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓްގައި އެކަން ވާނީ ހިމަނާފައި. އަދި ހަމައެހެން، މާލޭގައި ޚާއްޞަކޮށް، މާލޭގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި، މިހާރުގެ ޓެކްނޯލޮޖީ ބޭނުންކޮށް، މަގުމަތީގައި ހިނގާ ކަންކަން ބެލޭނެ އިންތިޒާމެއް، އިލެކްޓްރޯނިކް ނިޒާމެއް ޤާއިމު ކުރުމަށްޓަކައި މިއަންނަ އަހަރު މަސައްކަތް ކުރެވޭނެ ވާހަކަވެސް ދަންނަވަން.

އާދެ! މިކަންކަން މިހާރު ކުރަން ޖެހިފައި މިއޮތީ. ދެންމެގައި ވަރަށް އަސަރާ އެކީގައި އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހެލްތް އެ ދެއްކެވީ، އަޅުގަނޑުމެންގެ ތެރެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީންނަށްވެސް ދިމާވާ އެކިއެކި ނުރައްކާތަކުގެ ވާހަކަ. އެ ނުރައްކާތަކަކީ ހަމަ އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް ހަމަ ދިމާވާ ނުރައްކާތައް. މިއަދު ދިވެހިރާއްޖޭގައި އަޅުގަނޑުމެން ނުދަންނަ ކިތަންމެ ބަޔަކުވެސް އެބައުޅޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖޭގައި އުޅޭ ރައްޔިތުންގެ ހަތަރު މީހުންކުރެ ކޮންމެ އެކަކީ ބިދޭސީއެއް. މިއަދު ދިވެހިރާއްޖެއަށް ގެންނަ ބިދޭސީން އިތުރުވަމުން މިދާ ސްޕީޑްގައި ދާކަމަށްވާނަމަ، މީގެ ކުޑަ ދުވަސްކޮޅެއް ފަހުން، ދިވެހިރާއްޖޭގައި އުޅޭ ރައްޔިތުންނެކޭ އެއްވަރަށް އުޅޭނީ ބިދޭސީން. އެއްލައްކައަށްވުރެ ގިނަ ބިދޭސީން މިއަދު ރާއްޖޭގައި އެބައުޅޭ. އޭގެތެރެއިން ވަރަށްގިނަ ބަޔަކު އެއުޅެނީ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް. އެއްވެސް ޞައްޙަ ލިޔުމެއްނެތި. އެހެން ނަމަވެސް، މިކަންކަން ކޮންޓްރޯލް ކުރުމަށްޓަކައި މަސައްކަތް ހަމަ ފަށާއިރަށް، އެކަމާވެސް ދެކޮޅު ހަދާ ކިތަންމެ ބަޔަކު އެބައުޅޭ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޔަޤީންކަން އެބައޮތް، ﷲ އިރާދަކުރެއްވިއްޔާ، މިކަންކަން އަޅުގަނޑުމެން ކޮންޓްރޯލް ކުރާނަން. ދިވެހިރާއްޖެއަށް ވަދެ ނިކުންނަ ކޮންމެ މީހަކީ، ޞައްޙަ ޑޮކިއުމަންޓެއް އޮވެގެން، ލިޔުން ކިޔުން ހުރެގެން، ވަދެ ނިކުމެވާ މީހުން ކަމުގައި އިރާދަކުރެއްވިއްޔާ ހަދާނަން. އަދި ދިވެހިރާއްޖެއަކީ އިންސާނުންގެ ވަގު ވިޔަފާރި ނުކުރެވޭ ތަނެއް ކަމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަދާނަން.

އާދެ! ދެންމެގައި ޑޮކްޓަރު އެ ވިދާޅުވި ފަދައިން، މިރަށަކީ ހަމަ އަޅުގަނޑުމެން ވަރަށް ޚާއްޞަ އަހަންމިއްޔަތެއްދޭ ރަށެއް. މިރަށުގައި ކުރަންހުރި ކަންކަން އެބަހުރި. އަދި ރަށުގެ ރައްޔިތުންނާއި، ރަށުގެ ވެރިން އަމިއްލައަށް އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ ކަންކަން އެއީ އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ތަރުޙީބުދޭ ކަންކަން. އަދި އެކަމަށްޓަކައި އުފާކޮށް، ތިޔަ ހުރިހާ ރައްޔިތުންނަށްވެސް މުބާރަކްބާދު ދަންނަވާ ކަންކަން. އަޅުގަނޑު ހިތަށްއަރާ، މި ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް، އުނގޫފާރެކޭ އެއްގޮތަށް، ކަރަންޓްގެ ކަންތައްވެސް އަމިއްލައަށް ހުރިހާ އެންމެންނަށްވެސް ކުރެވޭނެނަމައޭ. އެކަމަކު ޙަޤީޤަތް އޮތީ އެހެނެއް ނޫން. ތިޔަ ވިދާޅުވީ ރަނގަޅު ވާހަކައެއް. ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަރަންޓްގެ ސަބްސިޑީ ލިބެންޖެހޭ. އެއީ އެ ރައްޔިތަކީ އެއީ ސަބްސިޑީ ދޭންޖެހޭ މީހެއް ކަމަށްވާނަމަ. މިހެން މިދެންނެވީ ކީއްވެގެންތޯ؟

މިއަދު ކޮންމެހެން ކަރަންޓްގެ ސަބްސިޑީ ލިބެނީކީ، އެ ބޭނުންވާ މީހުންނަކަށް ނޫން. އެ ކޮންމެހެން ދޭންޖެހޭ މީހުންނަކަށްވެސް ނޫން. ރަނގަޅަށް ބިލްތަކާ އެއްޗެހި ދެއްކޭވަރުގެ، ފޯރުންތެރިކަން ހުރި މީހުންނަށްވެސް މިއަދު އަޅުގަނޑުމެން ސަބްސިޑީ ދެމުން މިދަނީ. އެއްވެސް ޤައުމެއްގައި އެކަން އޮންނަ ގޮތެއް ނޫން އެއީކީ. ކޮންމެ ޤައުމެއްގައިވެސް ޚާއްޞަ އެހީއަށް ބޭނުންވާ ނިކަމެތިންނަށް ސަބްސިޑީ ދީ އުޅެނީ. އެހެން ނަމަވެސް، މި ރާއްޖޭގައި އެކަން އޮތީކީ އަދި އެހެނެއް ނޫން. ކަރަންޓް ސަބްސިޑީގެ ކަންތައްވެސް ރޭވިފައި އޮތީ، ކުންފުނިތަކެއް ހަދައި، އެ ކުންފުނިތަކުގެ ބައިވަރު ބޯޑު މެންބަރުތަކެއްލައި، މި ކުންފުނިތަކުން ދައްކާހާ ތެޔޮ ބިލަކަށް ދައުލަތުން ފައިސާ ދައްކާގޮތަށް. ވީމާ، އެ ދައްކާ ފައިސާއަކީ އެއީ ޙަޤީޤަތުގައި އެކަމަށްދާ ޚަރަދު ކަމެއްވެސް، އެބިލްގެ ޚަރަދު ކަމެއްވެސް ނޭނގެ. އަދި އެކަން އެއަށްވުރެ މާ ރަނގަޅަށް ކުރެވޭނެ ކަމުގެ ދަލީލުތައް މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. އެހެންވީމާ، ދާދި އަވަހަށް ކަރަންޓް ސަބްސިޑީގެ ކަންތައް، މިހާރަށްވުރެ ރަނގަޅު އިންތިޒާމެއް ރާވައި، އެއިން މިހާރަށްވުރެ އެއިން ހޭދަވާ، އެއިން ބޭކާރުވެގެންދާ ބައި ކުޑަކޮށްލެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ކައުންސިލްތައް އުފެދިފައިވަނީވެސް ރަށްރަށުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި. އެ ކައުންސިލްތައް ބާރުވެރިކުރުވައިގެން އެކަން ވާނީ. އެހެން ނަމަވެސް، މި ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަ ޙަޤީޤަތަކީ، އިންތިޚާބުތަކުގެ ނަތީޖާ ދެއްކިގޮތުން، ސަރުކާރުގެ ފަރާތުން ސީދާ ކަންކަން ކުރުމުގެ އާ ރޫޙެއްގައި އަނެއްކާވެސް ސީދާ ކަންކަން ކުރަމުން ގެންދިޔައީ. ކައުންސިލްތަކަށް ދޭންޖެހޭ ބާރުތައް ނުދީ. ނަމަވެސް، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން، އަޅުގަނޑު މި މަސައްކަތް ކުރަނީ، ވީހާވެސް ބޮޑަކަށް ކައުންސިލްތައް ބާރުވެރިކުރުވޭތޯ. އެގޮތުން، ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ޤައުމީ އިދާރާތައް އުވާލައި އަދި މިހާރު ސަތޭކައަށްވުރެ ގިނަ ރަށުގެ ރަށު ކައުންސިލްތަކާ، އެރަށްރަށުގެ ބިންތައް ވަނީ ޙަވާލުކުރެވިފައި. ތިޔަ ވިދާޅުވިފަދައިން، މައްސަލަތަކެއް އެބައުޅޭ. އެ މައްސަލަތައް އަޅުގަނޑުމެން ޖެހޭނެ ޙައްލުކުރަން. އެ ބިންތައް ކައުންސިލްތަކުން އާމްދަނީއެއް ލިބޭގޮތަށް ބޭނުންކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަޖެހޭ ފަހިކޮށްދޭން.

އެގޮތުން، ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމުގެ ތެރެއިން މިސާލަކަށް، ގެސްޓްހައުސް ހިންގެވުމަށްޓަކައި ހުށަހަޅުއްވާ ހުށަހެޅުއްވުމަށް ހުއްދަ ދޫކުރުމަކީ އެއީ މިހާރުވެސް ކުރެވިދާނެ ކަމެއް. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެކަމުގައި މިރަށު ކައުންސިލަށް ހެޔޮ މަގެއް ފެނޭތޯ މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ! ދެން ތިޔަ އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން މިރަށުގައި ގްރޭޑް 11، 12 އަށް ކިޔެވޭނެގޮތް، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަޖައްސާނަން. ތަޢުލީމީ ގޮތުން މިރަށަށް އަޅުގަނޑުމެން އެބަޖެހޭ ސަމާލުކަންދޭން. އެއީ މިރަށަކީ ރަނގަޅު ނަތީޖާ ނެރޭ ރަށަކަށްވާތީ. މިރަށަކީ މިއަތޮޅުގެ އެހެން ރަށްރަށުންވެސް ކިޔަވަން ކުދިން އަންނާނެ ރަށަކަށްވާތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، 11، 12ވެސް އުފެދި، މިރަށުގެ ތަޢުލީމީ ކަންކަން، މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ! ދެން ހަމަ އެހެން، ދެންމެ އިވިވަޑައިގަތީ، މިނިސްޓަރ އެ ވިދާޅުވީ، މިއަހަރުގެ ބަޖެޓް، މިއަންނަ އަހަރުގެ ބަޖެޓްވެސް އޮތީ ވަރަށް ދަތިކޮށް. ވަރަށް ތާށިކޮށް އޮތީ. ވަރަށް މަދު ކަމެއް ނޫނީ ހެލްތް މިނިސްޓްރީގެ ބަޖެޓުން އަލަށް ޢިމާރާތްކުރާ ކަމެއް ނުކުރާގޮތަށް އޮތީ. އަޅުގަނޑަށް އަދި މިހާތަނަށް ބަޖެޓްގެ އެސްޓިމޭޓްތައް ފެނިފައި އޮތްގޮތުންވިއްޔާ، ހަމައެކަނި އެންމެ ކަމެއް، އެންމެ އާ ޢިމާރާތެއް މިއަންނަ އަހަރު، ހެލްތް ބަޖެޓުން ކުރާގޮތަށް އޮތީ. އެއީ މިރަށުގެ ހޮސްޕިޓަލް. މިނިސްޓަރު ދެއްކެވި ބަޖެޓްގެ ވާހަކަތަކުގެ ތެރޭގައި ވަރަށް ބޮޑަށް އެކަމުގައި ހިއްޕެވި. އެކަމަށްޓަކައި އަޅުގަނޑު މިނިސްޓަރަށް މިރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ އެދުމަކީ، އުނގޫފާރަކީ އަބަދުވެސް އެއްބައެއްވަންތަ، އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ އަދި ރައްޔިތުންގެ ކަންކަމުގައި އަބަދުވެސް ހަމަ އިސްނަންގަވައިގެން، މިހާރުވެސް ތިޔަ މަސައްކަތް ކުރައްވާ ރޫޙުގައި، ރަށުގެ ކަންކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވާނެ ރައްޔިތަކަށްވުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، ހުރިހާ ބޭފުޅުންނަކީވެސް އުފާވެރި، ފާގަތި ދިރިއުޅުމެއް އުޅުއްވާ ރައްޔިތަކަށް މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه