بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކިނޮޅަހުގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަތޮޅު ކައުންސިލްގެ ރައީސާއި، ރަށު ކައުންސިލްގެ ރައީސް.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުވެސް ހަމަ އެހެން ބޭފުޅުންނެކޭ އެއްފަދައިން، އެންމެ ފުރަތަމަވެސް، މިރަށަށް އަޅުގަނޑުމެން އައުމާއެކީގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިހާ ހޫނު މަރްޙަބާއެއް ވިދާޅުވީތީ، ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ދެތިން އެއްޗެއް ދަންނަވާލާނަން ހަމައެކަނި. އަޅުގަނޑަށް މިރަށަށް އައުމުން، އަޅުގަނޑަށް އިޙްސާސްވެގެން ދިޔައީ، މިރަށުގެ ރައްޔިތުންނަކީ، ވަރަށް އެކުވެރި، ވަރަށް އެއްބައެއްވަންތަ، އުޚުއްވަތްތެރި ބައެއްގެ ގޮތުގައި، އަޅުގަނޑަށް ފެނިގެން ދިޔައީ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަމުން، މިރަށުގެ އެކި ވަރުވަރުގެ ވެރިންނަށާއި، ރަށުގެ ކަމުވޮށިވެގެންވާ އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިރަށުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި، ހަމަ އެހެން ރަށްރަށެކޭވެސް އެއްފަދައިން. އެހެން ނަމަވެސް، އަޅުގަނޑުމެން ދިޔުމުން ގިނަ ރަށްރަށުން މިބުނަނީ، ބަނދަރު ހަދައިދޭށޭ، ބަނދަރު ނެހެދިއޭ އޮތީ. މިރަށުގެ ބަނދަރު އޮތީ ހެދިފައި. އެހެން ނަމަވެސް، ބަނދަރު އެބަޖެހޭ މަރާމާތު ކުރަން. ދެން ޕްރީ ސްކޫލެއްވެސް އަޅަންވެފައި މިއޮތީ. ކޮންމެ ރަށަކަށް ދިޔަސް ހަމަ ކުރަންހުރި ބައިވަރު ކަންތައްތަކެއްގެ ވާހަކަ، މި އިވެމުންދަނީ. މާނައަކީ، މިއޮއް ހުރިހާ ދުވަސްވީއިރުގައިވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ އަސާސީ ޚިދްމަތްތައް މިއޮތީ ނުދެވި. މި ރާއްޖޭގައި ރައްޔިތުން ދިރިއުޅޭތާ އެތަކެއް ހާސް އަހަރުވެއްޖެ. މި ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ޤާއިމުވެގެން ހިނގާތާވެސް އެތަކެއް އަހަރުވެއްޖެ. މި ރާއްޖޭގެ އާމްދަނީ، ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބެމުންދާތާވެސް ލައްކަ ޒަމާންވެއްޖެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށި، މަސްވެރިކަން ކުރިއަށް ގޮސް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާތާ މިހާރު 40 ހަކަށް އަހަރުވީ. މި 40 އަހަރު ދުވަހުގެ ތެރޭގައިވެސް، ރައްޔިތުންނަށް ފާޚާނާ ކުރެވޭނެގޮތް ނެތިފައި، ބޯފެންފޮދެއް ނެތިފައި، ތުއްތު ކުދިންނަށް ކިޔަވައިދޭނެ ޕްރީ-ސްކޫލެއް ނެތިފައި، މި ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ތިބެން ޖެހުމަކީ އެއީ މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. މިކަމަށްޓަކައި އަޅުގަނޑުމެން އެންމެ ފުރަތަމަ އެންމެ ޚާއްޞަ އަހަންމިއްޔަތެއް ދޭން މިޖެހެނީ.

ރާއްޖެއަށް ލިބޭ އާމްދަނީ ކުޑައެއް ނޫން. އެހެން ނަމަވެސް، މިއަދު ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މިދަނީ، އެކި ވަރުވަރުގެ ވެރިންގެ މުސާރައަށް. ދެން ވަރަށް ފަސޭހަވާނެ ފައިސާ ބަހަން. ދެން އޮތީ ދެންހުރި ފައިސާ ބެހުން. ޙަޤީޤީ ތަރައްޤީއެއް ގެނައުމަށްޓަކައި ކުރިއްސުރެ ޢުމްރާނީ މަސައްކަތްތަކާއި، މުޖުތަމަޢު އެކަންކަމަށް އަހުލުވެރިކުރުވުމަށްޓަކައި ރާވަންޖެހޭ ރޭވުންތައް ރޭވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނެތް. ތެދެއް، އަޅުގަނޑުމެންގެ ތެރޭގައި ތަޢުލީމަށްވެސް މަސައްކަތް ކުރެވިފައި އެބަހުރި. ޞިއްޙަތަށްވެސް މަސައްކަތް ކުރެވިފައި އެބަހުރި. އެހެން ނަމަވެސް، މަދު ތަނެއްގައި މެނުވީ، ރަނގަޅު ފެންވަރެއްގައި އެ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވެމަކުން ނުދޭ. ދާ ކޮންމެ ރަށަކުން މިބުނަނީ ކީކޭތޯ؟ ލެބޯރެޓަރީ މަސައްކަތެއް ނުކުރެއޭ. ޑޮކްޓަރު ކަމަކުނުދެއޭ. ނޫނީވިއްޔާ ބޭހެއް ލިބޭކަށްނެތޭ. ސްކޫލް މަރާމާތެއް ނުކުރެއޭ. ފާޚާނާއެއް ނެތޭ. މި ހާލެއްގައި މިއޮތީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ކަންކަން ރޭވުމަށްޓަކައި، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައިވަނީ މަސައްކަތްތަކެއް ކުރެވިފައި، އަޅުގަނޑުވެސް އެއްބަސް. އެކުރެވުނު މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މިފެންނަނީ އެންމެ ރަނގަޅަށްތޯ، ސުވާލު ކޮށްލުމަކީ އެއީ ހަމަ ކޮށްލުން އެންމެ ރަނގަޅު ސުވާލެއް. އަޅުގަނޑުމެންގެ ޤައުމަށް ލިބޭ އާމްދަނީ، އަޅުގަނޑުމެން މި ޚަރަދުކުރަނީ، އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތަށްތޯ، އަޅުގަނޑުމެން އެބަ ސުވާލުކޮށްލަން.

އެހެން ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު ރޭވިފައި އޮތް ގޮތުން، ރާއްޖޭގެ ވެރިއަކަށް ހުންނަ މީހާގެ އަތުގައި ހުރި ހުރިހާ ބާރުތައްވަނީ ކޮށައި ކުދިކުދިކޮށްލާފައި ބަހާލާފައި. ރިޔާސީ ބާރުވަނީ ފައިދަށުން ދަމައިގަނެފައި. ފުރަތަމަ ރައީސް މައުމޫން، މި ރާއްޖޭގެ ރައީސް ކަމުގައި ހުންނެވިއިރު، އެމަނިކުފާނަށް ޖެއްސުން ކުރުމުގެ ގޮތުން، އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ޤާނޫނުތައް ހެދި ހެދުމުގައި، އެބޭފުޅާގެ ބާރުތައް ކަނޑުވާލީ. 2008 ވަނަ އަހަރުގެ އާ ޤާނޫނުއަސާސީ ލިބުނުއިރުގައި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަނީ އަތުލައިގަނެވިފައި. ދެން ވަޑައިގެންނެވީ، ރައީސް ނަޝީދު. ރައީސް ނަޝީދަކަށް ނެތް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތެއް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ދެން ކަންތައް ކުރެއްވި ގޮތަކީ، ރައީސް ނަޝީދުގެ އަތްޕުޅުގައި އޮތް ހުރިހާ ބާރެއްވެސް ކަނޑުވާލީ. އެކި ބާވަތްބާވަތުގެ މުއައްސަސާތައް، މުސްތަޤިއްލު މުއައްސަސާތައް ނަމުގައި ހަދައި، ހަދަމުން ގޮސް، އެ މުއައްސަސާތަކަށް އެކިއެކި ބާރުތައް ދޫކޮށް، އެމީހުން އަމިއްލައަށް އެމީހުންގެ މުސާރަތައް، އަމިއްލައަށް ނިންމައި، ފާސްކުރާ ޤާނޫނުތަކުން ދައުލަތުގެ ބަޖެޓަށް ކުރާނެ އެއްވެސް އަސަރެއް އެއްވެސް މީހަކު ނުބަލައި، ޤާނޫނުތަކާ އެއްޗެހި ފާސްކޮށް، މިއަދު ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަންޖެހެނީ، އަޅުގަނޑުމެން ސުވާލުކޮށްލަން އެބަޖެހޭ، މިއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަށްތޯ؟ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ؟ މިއަދު ދިވެހިރާއްޖެއަށް އެބަ ލިބޭ، މީގެ ޒަމާނެއްކުރިންވެސް ކުރިން ނުލިބޭހާ ގިނަ އާމްދަނީ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން އަތަކު ނެތޭ، މިރަށުގައި ޕްރީސްކޫލް އަޅާނެ ލާރިއެއް. މިރަށުގެ ފަޅު، އާދެ! ބަނދަރު މަރާމާތު ކުރާނެ ލާރިއެއް. އެއީ، ކީއްވެގެންތޯ! މިހުރިހާ ލާރި ދޭގޮތަށް ހަމަޖައްސާފައި މިއޮތީ، އެކިއެކި މީސްމީހުންގެ ބޮޑެތި މުސާރަތަކަށް. އެކިއެކި މުއައްސަސާތަކަށް ބަހާލާފައި. ނޫނީވިއްޔާ، ކޮންމެވެސް ސަބްސިޑީއެއްގެ ތެރެއިން ބަޔަކަށް ދޭގޮތަށް ހަމަޖެހިފައި. ދެން އެކަން ރަނގަޅު ކުރަން އުޅޭ މީހަކަށް، ވަރަށް ބޮޑަތި ދުއްތުރާތަކާ ދިމާވާނެ. ރައްޔިތުންނަށް މިސާލަކަށް، ތެލުގެ ސަބްސިޑީ ލިބެމުން މިދަނީ. ދޭއިރުގައި ތެލުގެ އަގު މިދަނީ ދުވަހަކަށްވުރެ ދުވަހެއް މައްޗަށް. އެކަމަކު އެއްކަލަ ސަބްސިޑީ ހަމަ ދޭންޖެހޭ. ދޭއިރުގައި ނުބަލާ ކާކަށް ކަމެއް މި ސަބްސިޑީ މިދެވެނީ. ދުނިޔޭގައި ސަބްސިޑީ ދިނުން އޮންނަނީ ނުފޯރާ މީހުންނަށް. އާމްދަނީ ނުލިބޭ މީހުންނަށް ދައުލަތުގެ އެހީ ދޭން އޮންނަނީ. އެކަމަކު މި ރާއްޖޭގައި އެކަން ރޭވިފައި އޮތީ ކިހިނެއްތޯ. ބޭނުން މީހަކަށްދޭގޮތަށް. އެވަރުން އަދި ނުފުދިގެން، ދިވެހިރާއްޖޭގައި އުޅޭ ތިންލައްކަ މީހުންގެ އިތުރުން، ރާއްޖޭގައި އުޅޭ އެއްލައްކަ ބިދޭސީންނަށްވެސް ސަބްސިޑީ ދޭގޮތަށް. އެހެންވީމާ، މިކަންކަން އިންތިޒާމްކޮށް، މިކަންކަން އިޞްލާޙުކޮށްގެން އަޅުގަނޑުމެންނަށް ބަނދަރުވެސް ހެދޭނީ. އަޅުގަނޑުމެންގެ ޕްރީސްކޫލްވެސް އެޅޭނީ. އެހެން ކަންކަންވެސް ކުރެވޭނީ.

ނަމަވެސް، އަޅުގަނޑުގެ ވާހަކައަކީ، އެކަންކަންވެސް ކުރެވޭނީ، ދައުލަތް ހިންގަން މިވަގުތު އޮތް މުއައްސަސާތަކުންވެސް، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެގެން އެއްބާރުލައިގެންނޭ. ސިޔާސީ ފިކުރުގެ ތަފާތުތައް ހުރެގެން، އެއްބަޔަކު އަނެއް ބަޔަކާ ވާހަކައެއް ނުދެއްކޭނެ. ނޫނީވިއްޔާ، ކޮންމެ ކަމެއް ހުށަހަޅާއިރަށް، އެކަމަށް ޖެއްސުން ކުރުމުގެ ގޮތުން، ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ވަގުތުތައް ބޭކާރުކޮށް، އެކިއެކި ޒުވާބުތަކުގައި ހޭދަކުރަމުންދަނީ. ދެން އެވާހަކަ ދެއްކީމާ މިބުނަނީ، ރައީސުލްޖުމްހޫރިއްޔާ ތިމަންނަމެންގެ ކަންތަކާ ބެހެނީޔޭ. އަވަހަށް އޭނަ މަޤާމުން ވަކިކުރާށޭ. މިހާލުގައި އަޅުގަނޑުމެން މިއަދު މިތިބީ. ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުމަށްޓަކައި މިހާރު ބަޔަކު މަސައްކަތްތަކެއް ކޮށްގެން މިއަދު މިތިބީ. ކީއްވެގެންތޯ؟ އެއްކަމަކަށް އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފާޑުކިއީއޭ. އެއްބަޔަކު ދެކޭގޮތުގައި، ދިވެހިރާއްޖޭގައި މިހާރު ވެރިއަކު ނުހުރޭ. ދިވެހިރާއްޖޭގައި ތިބެނީ އެއްވަރުގެ ވެރިން، އެތައް ބައިވަރު ވެރިންތަކެއް. އެހެންވީމާ، ހުރިހާ އެންމެން ދެން ދައުލަތް ހިންގާނެ ގޮތަކަށް ހިންގަންވީ. އެހެންވީމާ، އިސްކޮށް ހުންނަ މީހަކު ނުވާނެ އަނގައިން ބުނެގެނެއް. ބުނެފިއްޔާ ވަކިކޮށްލަންވީ އަވަހަށް. މިދަރަޖައިގައި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތު މިއަދު މިއޮތީ. އެހެންވީމާ، އެކަމާވެސް އެއްޗެއް ބުނާމީހާ މި ގޯސްވަނީ.

ދަންނަވަންތޯ، އަޅުގަނޑުމެންވެސް ދުނިޔޭގައި އުޅެފިން. އަޅުގަނޑުގެ ޢުމުރުންވެސް މިހާރު ގާތްގަނޑަކަށް 60 އަހަރު މިވަނީ. ތިޔައިން އެއްވެސް ބޭފުޅަކަށްވުރެ ގިނަ ޤައުމުތަކުގައި އަޅުގަނޑު އުޅެފިން. ދުނިޔޭގެ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް. އެންމެ ބޮޑެތި ޑިމޮކްރަސީތަކުގައިވެސް، އެންމެ ޚުދުމުޚްތާރު ވެރިކަން ކުރި ޤައުމުތަކުގައިވެސް އަޅުގަނޑު މަސައްކަތް ކޮށްފިން. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި މިފެންނަ ކަހަލަ ކަންތަކެއް ނުފެނޭ. ރާއްޖެއަށް މިއައި ބަދަލު އައިސްފައި މިއޮތީ ވަރަށް ކުއްލި ގޮތަކަށް. އޭގެ ކުޑަކުޑަ އެއް މިސާލު، ކައުންސިލްތަކަކީ. ލޯކަލް ކައުންސިލްތަކަކީވެސް އޭގެ ކުޑަކުޑަ މިސާލެއް. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ ރަށްރަށުގައި ވެރިކަން ކުރައްވަމުން ގެންދެވި ވެރިން، ކުއްލިއަކަށް އެކަހެރިކޮށްލާފައި، އަޅުގަނޑުމެން މި ހޮވީ އިންތިޚާބުކުރި ކައުންސިލަރުންތަކެއް. އެތައް ބައިވަރު ވެރިންތަކެއް އަނެއްކާވެސް. ކޮންމެ ރަށަކަށް 5 މީހުން، 7 މީހުން އިންތިޚާބުކޮށްގެން މި ނެގީ. އެބޭފުޅުން ކުރައްވަންވީ މަސައްކަތެއް އެބޭފުޅުންނަކާ ޙަވާލެއް ނުކުރޭ. އެބޭފުޅުންނަކަށް ޓްރޭނިންގއެއް ނުދޭ. އެބޭފުޅުންނަށް އާމްދަނީ ހޯދޭނެ ގޮތެއްނެތް. ދެން އެކަން އެންމެފަހުން ނުކުރެވިގެން ގޮސް، އަނެއްކޮޅުން މި އުފެއްދީ އަނެއްކާވެސް އެހެން މުއައްސަސާއެއް، ޤައުމީ މުއައްސަސާއެއް. ޤައުމީ އިދާރާއެއް ކޮންމެ އަތޮޅެއްގައި. އޭގެ ސަބަބަކުންނެއް، އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކަށް އެއްވެސްކަހަލަ އެހީތެރިކަމެއް ނުލިބޭ. ހައްތަހާވެސް އެއްކަލަ އުފެއްދި މިދެއަހަރު މިވީ ލޯކަލް ކައުންސިލްތަކުގެ ބާރު ކެނޑުން ނޫން އެހެން ކަމެއްނުވި. މިއަދު ހުރިހާ ކައުންސިލްތައް އޮތީ ކުރިމަރުވެފައި. ކުރަންވީ ކަންތައް ބައިވަރު. އެ އަޑު އަޅުގަނޑުމެންނަށް އިވެމުން މިދަނީ ހުރިހާ ތަނަކުން. އަދި މިއަދު ކިރިޔާ މިއަހަރު އަޅުގަނޑުމެންނަށް ރަށްރަށުގެ ބިން، ކައުންސިލްތަކާ މި ޙަވާލުކުރެވެނީ. އަދިވެސް ހުރިހާ ބިންތައް ޙަވާލުކޮށް ނުނިމޭ. ސަތޭކައެއްހާ ރަށުގެ ބިން މިހާރު ރަށްރަށުގެ ކައުންސިލްތަކާ ޙަވާލުކުރެވިއްޖެ. އެހެން ނަމަވެސް، އެ ބިންތައް ބޭނުންކުރާނެ ގޮތެއް، އެ ބިންތައް ދެވޭނީ ކޮން ބަޔަކަށް ކަމެއް، ކޮން އަގެއްގައި ކަމެއް، މިކަހަލަ ކަމެއްވެސް އަދި މުޅިން ހަމަޖެހުނީކީ ނޫން.

އެހެންވީމާ، ކުއްލިއަކަށް މިހާ ބޮޑެތި ބަދަލުތައް ރާއްޖެއަށް މިއައީ، އެއްގޮތަކަށްވެސް އޭގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތަކަކާ ދޭތެރޭގައި މާބޮޑު ފިކުރެއްނެތި. އެކަން ކުރާ ބަޔަކު އޭގެ ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް ނުގެންނާނެ. ދިވެހިރާއްޖެއަކީ އިއްޔެ އުފަންވީ ޤައުމެއް ނޫން. ދިވެހިރާއްޖެއަށް މުޅިން އާ ނިޒާމެއް ގެނެސްލާއިރުގައި، މިއީ އަލަށް އުފަންވެގެން އުޅޭ ޤައުމެއް ނޫން. މި ޤައުމުގައި ހިނގަމުން އައި މުއައްސަސާތައް، ދުސްތޫރީ ކަންތައްތައް މި ޤައުމުގައި ހުރި. އެކަންކަމުން ދައުލަތަށް، ރައްޔިތުންނަށް ފައިދާކުރާނެ ގޮތަށް ހުރި ކަންތައްތައްވެސް ހުރި. އެހެން ނަމަވެސް، އަޅުގަނޑުމެން މި ގެނައި ބަދަލުތައް މިއަދު މިތިބީ ގެނެސްގެން. އެކަމަކު މީތި ރަނގަޅުވާނީ، އަޅުގަނޑުމެން އެންމެން އެކުވެގެން. ސިޔާސީ ޕާޓީތައް އުފެދިގެން، އެއްބަޔަކު ކުރާން ޤަޞްދުކުރާ ކަމަކަށް އަނެއް ބަޔަކު ޖެއްސުންކޮށް، އެބަޔަކާ ދިމާކޮށް، އެކަން ކޮށްގެން އަޅުގަނޑުމެންނަކަށް މިކަން ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންނަށް އެކަންތައް ރަނގަޅު ކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކޮށްލައިގެން. ދުވަސްކޮޅެއް ވަންދެން އެކީގައި އުޅެގެން، މިކަންކަން ރަނގަޅު ކުރަން، ރައްޔިތުންނަށްޓަކައި މިކަން ކޮށްގެން. އެނޫން ގޮތަކަށް މިކަމެއް ނުވާނެ.

މި ހުރިހާ ކަމެއްގެވެސް އަސަރު މިކުރަނީ ކާކަށްތޯ. ހަމަ ނިކަމެތި ރައްޔިތު މީހާއަށް. ހަމަ ރައްޔިތުންނަށް މިހުރިހާ ދެރައެއް މިލިބެނީ. މި ސްކޫލްތައް މަރާމާތު ނުކުރެވި، ބަނދަރުތައް މަރާމާތު ނުކުރެވި، ފަށާފައި ހުރި މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުރީ ކީއްވެގެންތޯ. އެއީ އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުންކުރާތީ. މި ރާއްޖޭގައި ލާރި ނެތިގެނެއް ނޫން. ފައިސާ ނެތިގެނެއް ނޫން. ލިބޭ ފައިސާ ޚަރަދު ކުރަންވީ ގޮތަށް ނޫން ގޮތްގޮތަށް ޚަރަދު ކުރާތީ. ކުރަން އުޅޭ މަސައްކަތަށް އެކަކު އަނެކަކަށް ހުރަސްއަޅާތީ. ފިކުރީ ތަފާތުވުމަކީ، އެއްބަޔަކު އަނެއްބަޔަކާ އަރާރުންވެ، ޒުވާބުކޮށް ޖެއްސުންކޮށް ހަދަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ދަސްކުރަންވީ، އަޅުގަނޑުމެންގެ ފިކުރީ ތަފާތުތައް އެއީ، އަޅުގަނޑުމެންގެ އަމިއްލަ ކަމެއް ކަމުގައި ހަދައި، އޭގެ ބޭނުން އަޅުގަނޑުމެންގެ ޤައުމަށްޓަކައި ފައިދާހުރި ގޮތެއްގައި ކުރެވޭތޯ ބަލަން. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނީ، ސަލާމަތްވެވޭނީ.

ދިވެހިރާއްޖޭގެ މި ޅަ ޑިމޮކްރަސީ، މި އާ ޑިމޮކްރަސީ ރަނގަޅަށް ހިންގުމަށްޓަކައި ހުރިހާ ފަރާތެއްގެ އެއްބާރުލުން އޮތުން އެއީ މުހިންމު ކަމެއް. އެކަމަށްޓަކައި އަޅުގަނޑު ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރަން. އަޅުގަނޑު އާދޭހާއެކު ހުރިހާ ބޭފުޅުންނަށް ދަންނަވަން، ކޮންމެ ރަށެއްގައިވެސް، އެއްގޮތަކަށްވެސް އެ ފިކުރީ ތަފާތުތައް ބޮޑުކޮށްގެން، އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކުރުމުގެ ކަންތައް ނުކުރެއްވުމަށް. އަދި ހަމައެހެން، ޤައުމީ ފެންވަރެއްގައިވެސް، ރައްޔިތުންގެ މަޖިލީހުގައިވެސް، ސަރުކާރުގައިވެސް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ އެއީ މިހާރު ވަރަށް މުހިންމު ކަމެއް. ރާއްޖެ އަޅުގަނޑުމެންނަށް ރާއްޖެއަކަށް ހެދޭނީ، ރާއްޖޭގައި އޮތް ހިތްފަސޭހަކަމާއި، ފާގަތިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހިރާއްޖޭގެ އިސްލާމީ އުޚުއްވަތްތެރިކަމާ، މިހުރިހާ ކަމެއް އަޅުގަނޑުމެން އެބަޖެހޭ ސަލާމަތްކުރަން. މިކަން އެބަޖެހޭ ކުރިއަރުވަން. އެހެންވީމާ، އެކަމަށްޓަކައި، އަޅުގަނޑުމެން އެއްޤައުމެއްގެ ގޮތުގައި، އެއްބައެއްގެ ގޮތުގައި އަބަދުވެސް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه