بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ފައިނުގެ ލޮބުވެތި ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްގެ އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ފައިނަށް އައިސް ފޭބުމުން، ތިޔަ ހުރިހާ ރައްޔިތުން، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! މިރަށަށް އައިސް ފޭބުމުން، މިރަށުގައި ހުރި މައްސަލަތައް އަޅުގަނޑުމެންނަށް ވަރަށް ސާފުވެއްޖެ. މާބޮޑަށް އަދި ރަށުތެރޭގައި ހިނގާލާނެ ފުރްޞަތެއްވެސް ނުލިބޭ. ހަމަ އައިސް ފޭބުމުންވެސް މިފެނުނީ، މިރަށުގެ ރައްޔިތުންގެ ވަރަށްބޮޑު އުންމީދެއް ހުއްޓިފައިވާތީ. ވަރަށްބޮޑު ހުވަފެނެއް ކާމިޔާބުނުވެ، ނާއުންމީދުވެފައިވާތީ. އެހެންވީމާ، އެކަމާ ބެހޭގޮތުން އެއްޗެއް ދެންނެވުންހެން އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ މިއަދުގެ ފުރަތަމަ ވާޖިބަކަށްވާންވާނީ. އަޅުގަނޑު ވަރަށް ހިތާމަކޮށްފިން، މިރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ހުއްޓާލެވިފައިވާތީ. އެކަން އެހެން ވާންޖެހުނީ، އެކަން ކުރުމަށް ނާޤާބިލް ބަޔަކާ ޙަވާލުކުރެވި، އެކަން ރަނގަޅަށް މެނޭޖް ނުކުރެވޭތީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، ދެން ސަރުކާރުގެ ފަރާތުން މި ބަނދަރު ހެދުމުގެ މަސައްކަތް ފަށާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އާދެ! އަލުން މި މަސައްކަތް ފެށުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިހާރު ގެންދަވަނީ އެމަސައްކަތް ރާއްވަވަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާލަހެއްނުވެ، އެކަމާބެހޭ މެޝިނަރީއާއި، ކޮންނަ މެޝިނާ، މިބާވަތުގެ މެޝިންތައްވެސް މޮބިލައިޒްކޮށް، މިތަނަށް ގެނެވޭނެ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ކަންކަން، މާލަހެއްނުވެ އެކަން ޙާޞިލުވެގެންދާނެ ކަމަށް.

އާދެ! މިއިން ކޮންމެ ރަށެއްގައިވެސް ކުރަންޖެހޭ ކިތަންމެ ކަންތަކެއް އެބަހުރި. އޭގެތެރެއިން ޚާއްޞަކޮށް، ޞިއްޙަތާއި ތަޢުލީމުގެ ކަންތަކަކީ އެއީ، އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން. ސަބަބަކީ އާބާދީއެއް ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް، އަސާސީ ޚިދްމަތްތަކެއް އެބަޖެހޭ ދެވެން. އަސާސީ ޚިދްމަތްތަކުގެ ތެރެއިންވެސް އެންމެ އަސާސީ ޚިދްމަތަކީ ޞިއްޙަތާއި ތަޢުލީމް. އަޅުގަނޑުމެން ތަރައްޤީއަށް ކުރާ މަސައްކަތަކީ އެއީ، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ޅަދަރިންނާއި، އަޅުގަނޑުމެންގެ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން. ޙަޤީޤީ ތަރައްޤީއަކީ ބަނދަރު ހެދުމެއްވެސް ނޫން. ޙަޤީޤީ ތަރައްޤީއަކީ ބޮޑެތި ޢިމާރާތްތައް ހެދުމެއްވެސް ނޫން. އެއީ، އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ކުރިއެރުވުން. އިންސާނީ ވަސީލަތޭ މިދެންނެވީ، އަޅުގަނޑުމެންގެ ޅަދަރިންނަށް ދެވޭ ތަޢުލީމާއި، އަޅުގަނޑުމެންގެ ޒުވާނުންނަށް ދެވޭ ތަޢުލީމާއި، ތަމްރީނާ، އެހުރިހާ އެންމެން، އެމީހުންގެ ޙަޔާތް ހޭދަކުރާގޮތް. އެމީހުންގެ ޙަޔާތަކީ އެއީ މިރަށަށާއި، މިޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ބައެއް ކަމުގައި ހެދުން. އެކަން އެގޮތަށް ކުރެވޭނީ، ޚިދްމަތް ކުދިންނަށް ދެވިގެން. ރަނގަޅު ޞިއްޙަތެއްގައި އެކުދިން ބޮޑެތި ކުރެވިގެން. ޒުވާނުންނަށް ތަމްރީނު ދެވިގެން. އެމީހުންނަށް މަސައްކަތްތެރިކަން ހޯދައިދީގެން. އެހެންވީމާ، އެގޮތުން، ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، ﷲ އިރާދަކުރެއްވިއްޔާ، ދައުލަތުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނަން.

މިރަށުގައި އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މަޝްރޫޢެއް ފެށިގެން މިހާތަނަށް މަސައްކަތް ކުރަމުން އައިސް، އެވެސް ވަނީ މިވަގުތު ހުއްޓިފައި. އެއީ އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، މިރަށުގެ ކަރަންޓްގެ އަގު ތިރިކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތެއް. މި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ އަގަކީ، މިހާރު ހުންނަންވީ ވަރަށްވުރެ މާ މަތީ ފެންވަރެއްގައި ހުރި އަގުތަކެއް. މި ރާއްޖޭގައި ކަރަންޓް އުފެއްދުމަށްޓަކައި ޑީސަލް ބޭނުންކޮށްގެން މިކުރާ ޚަރަދަކީ، އެއީ ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ކުރެވޭނެ ޚަރަދެއް ނޫން. އެހެންވީމާ، އެކަމުގެ ޙައްލެއް ހޯދުމުގެ ގޮތުން ފެށިފައިވާ މަސައްކަތެއް، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ކަރަންޓްގެ އަގު ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު އެމަސައްކަތްވެސް ވަނީ ކޮންމެވެސްވަރަކަށް ހުއްޓުމެއް އައިސްފައި. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، އެ ކަރަންޓް އުފެއްދުމުގެ މަސައްކަތުގައިވެސް، ބޭނުންވާ ބެޓެރީއާއި އެއްޗެހި ހޯދައި، އަލުން އެމަސައްކަތް ފެށޭނެ ގޮތެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަޖައްސާނަން.

އާދެ! ފައިނަކީ ކިތަންމެ މަދު މީސްކޮޅެއް އުޅޭ ރަށެއް ކަމުގައިވީނަމަވެސް، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މުޅި ރާއްޖެއަށް އޭގެ އަސަރު ކުރާނެ. ތިޔަބޭފުޅުން ކަރަންޓްގެ ކަންތައްތައް، މިދެންނެވި ގޮތަށް، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ކަރަންޓްގެ އަގު ތިރިކުރެވޭނެ ގޮތް އިންތިޒާމުވެ، އެކަން ރަނގަޅަށް މިރަށުން ދެއްކިއްޖިއްޔާ، އެއީ ވާނީ މުޅި ރާއްޖެއަށްވެސް ދެވޭ ވަރަށްބޮޑު ފިލާވަޅަކަށް. އޭގެ އަލީގައި ރާއްޖޭގެ އެހެނިހެން ހުރިހާ ރަށްރަށުގައިވެސް ކަރަންޓްގެ ކަންތައް، މިހާރަށްވުރެ ރަނގަޅަށް އިންތިޒާމު ކުރެވިގެން، އެރަށްރަށުގައިވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރެވިގެން، ކަރަންޓްގެ ޚަރަދު ކުޑަކޮށް، އަޅުގަނޑުމެންގެ ތަރައްޤީއަށް އޭގެ ސަބަބުން ވަރަށް އެދެވޭ، ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމާމެދު އެއްވެސް ޝައްކެއްނެތް.

އާދެ! އަޅުގަނޑުމެންގެ މިދަތުރުގައި، މިއީ ވަރަށް ކުރު ވަގުތުކޮޅަކަށް މިރަށަށް އާދެވުމުގެ ނަޞީބު މި ލިބުނީ. ވަރަށް ދެރަ ކަމެއް. އެހެން ނަމަވެސް، މި ކުޑަވަގުތުކޮޅުގެ ތެރޭގައިވެސް، ތިޔަބޭފުޅުންނަށް ކަންބޮޑުވާ ކަންކަމާއި، ތިޔަބޭފުޅުން އުފާފުޅު ކުރައްވާ ކަންކަމާ، މިކަންކަން ކޮންމެވެސްވަރަކަށް އެނގުމަކީ މިއީވެސް އަޅުގަނޑުމެންނަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ތިބޭ މަޤާމުތަކުން ކުރަންޖެހޭ ކަންތައްތަކާއި، ދާންޖެހޭ ތަންތަން ގިނަކަމުން، ބައެއްފަހަރަށް އަޅުގަނޑުމެން ބޭނުންވާހާ ރަށްރަށަށް އައިސް، ވަގުތުތައް ހޭދަކުރެވޭ ގޮތަކަށް ދިމަލެއްނުވޭ. އެއީ އަޅުގަނޑުމެންގެ ކަންތައްތައް ރޭވިފައި ހުންނަގޮތް. އެހެންނަމަވެސް، މި އާދެވުނު ދަތުރުގައި، އަޅުގަނޑު އުންމީދު ކުރަން، އަދިވެސް ތިޔަބޭފުޅުންނާ ބައްދަލުކޮށް، ވާހަކަ ދައްކާލުމުގެ ފުރްޞަތު ލިބޭނެ ކަމަށް. އަޅުގަނޑުމެން މިރަށްރަށަށް އަންނަނީކީ، ހަމައެކަނި އަޅުގަނޑުމެން ދައްކަން ހުރި ވާހަކަތަކެއް ތިޔަބޭފުޅުންނަށް އިއްވާކަށް ނޫން. އެއަށްވުރެ މުހިންމީ، ތިޔަބޭފުޅުން ދައްކަވަން ހުރި ވާހަކަފުޅުތައް އަޅުގަނޑުމެން އަޑުއެހުން. އެހެންވީމާ، އެގޮތުން އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ. ކުރުކޮށްލާފައި، ދެން އޮތް ވަގުތުކޮޅުވެސް ތިޔަބޭފުޅުންނާއެކީގައި މިގޮތަށް މަޝްވަރާކޮށް، ވާހަކަ ދައްކާލުމުގެ ފުރްޞަތު ހޯދޭތޯ އަޅުގަނޑު ބަލާނަން.

އަދިވެސް އެއްފަހަރު، އަޅުގަނޑުމެން މިރަށަށް އައުމުން، ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިރަށުގެ އަތިރިމަތިން މިފެނުނު މަންޒަރަކީ އަޅުގަނޑުމެންގެ ހިތް ވަރަށް އުފާކުރުވި މަންޒަރެއް. ވަރަށްގިނަ ކުޑަކުޑަ ކުދިންކޮޅެއް، ސްކޫލް ކުދިންތައް އަޅުގަނޑުމެންނާ ބައްދަލުކުރީ. ވަރަށް ލޯބި ލޯބި ކުދިންކޮޅެއް. އެކުދިންގެ މުސްތަޤްބަލް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ޤައުމީ ފެންވަރެއްގަޔާއި، މިރަށުގެ ފެންވަރުގައި ވަރަށްގިނަ ވިސްނުން އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެކުދިންގެ މުސްތަޤްބަލް އޮތީ ކިހިނެއްތޯ، އެކުދިން ކިޔަވައިގެން ކިހާ ހިސާބަކަށް ދެވޭނެތޯ، އެކުދިންގެ ޞިއްޙަތުގެ ކަންތައްތައް ކިހިނެއްތޯ ފުރިހަމަ ކުރާނީ. މިކަންކަން މިއީ އަޅުގަނޑުމެންގެ މި ޤައުމުގައި މިހާރު އެންމެ އިސްކޮށް ވިސްނަންޖެހޭ ކަންކަން. މިކަންކަމުގައި މިރަށުގެ ވެރިންވެސް ރަނގަޅަށް ވިސްނާވަޑައިގެން، ދައުލަތާ އެކުވެގެން މަސައްކަތް ކޮށްދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން.

އަޅުގަނޑުމެންގެ ރާއްޖެއެއް، އަޅުގަނޑުމެންގެ ރަށްރަށެއް ކުރިއަކަށް ނުދާނެ، އަޅުގަނޑުމެންގެ އެންމެން ގުޅިގެން މަސައްކަތް ނުކޮށެއް. މިހާ ކުދިކުދި ރަށްރަށުގައި މިހާ ބޮޑެތި މަސައްކަތް ކުރަން އެބަޖެހޭ. ވަރަށް ބޮޑެތި ކަންކަން ނުކުރެވި އެބަހުރި. އަޅުގަނޑުމެންގެ އަސާސީ ޚިދްމަތްތައް ހުރީ ހުއްޓިފައި. މިހެން އޮއްވައި އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވެ، އަޅުގަނޑުމެންގެ ތެރޭގައި، އެއްބަޔަކު އަނެއްބަޔަކަށް ވާހަކަ ނުދެކެވި، އެއްބަޔަކު ކުރާ މަސައްކަތަށް އަނެއް ބަޔަކު ހުރަސްއަޅައި، މިހެން ހަދާ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް ޙަޤީޤީ ތަރައްޤީއެއް ނުލިބޭނެ. އަބަދުވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ދަތިކަމުގެ ތެރޭގައި. މި ނިކަމެތި ކަމުގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު އާދޭހާ އެކުގައި، މިރަށުގެ ހުރިހާ ޒުވާނުންނަށްވެސް އަޅުގަނޑު އެދެން. ތިޔަބޭފުޅުންގެ ފިކުރީ ޚިޔާލުތައް އެއްކިބާކޮށްލައްވާފައި، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރެއްވުން. ﷲ އިރާދަކުރެއްވިއްޔާ، މި ސަރުކާރަކުންނެއް، ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ނުބަލަން. މިރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި، ދައުލަތުގެ ކެރިފޯރުން ހުރިވަރަކުން މަސައްކަތް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ، ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލުކުރެއްވީތީ. ﷲ އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާ ލަސްތަކެއްނުވެ، އަޅުގަނޑަށް މިރަށަށް އައުމުގެ ފުރްޞަތު މާތްﷲ މިންވަރު ކުރެއްވުން އަޅުގަނޑު އެދެން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުން، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާ އެކުގައި އުޅުމުގެ ނަޞީބު މާތްﷲ މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه