بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އިނގުރައިދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޢިއްޒަތްތެރި ވަޒީރުން އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ ރައީސާ.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އަޅުގަނޑުމެން މިރަށަށް އައިސް ފޭބުމާއެކީގައި، މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާ، ޚާއްޞަކޮށް، މިރަށުގެ އަންހެން ބޭފުޅުން ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ޢާންމު ގޮތެއްގައި އަޅުގަނޑުމެން މިކުރާ މިކަހަލަ ދަތުރުތަކުގައި، އެއްގޮތަކަށްވެސް ރަށްރަށަށް އާދެވެނީކީ، ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ ވަގުތަކު ނޫން. އަޅުގަނޑުމެންގެ ދަތުރު ރޭވޭގޮތުން މި އާދެވެނީ، އަޅުގަނޑުމެންނަށް އާދެވޭނެ އިރެއްގައި. އެހެންވީމާ، ރައްޔިތުންނަށް ގިނަފަހަރަށް ވަރަށް އުނދަގޫވާކަހަލަ ވަގުތުވަގުތު، މެންދުރު އެންމެ ހޫނުވާ ވަގުތު، ނޫނީވިއްޔާ ކުދިން ސްކޫލަށް ގެންދަންޖެހޭ ވަގުތު. މިކަހަލަ ކޮންމެވެސް ވަގުތަކާ މި ދިމާވަނީ. އެހެންވީމާ، މިއަދުވެސް އަޅުގަނޑަށް އެނގޭ، އެންމެ ހޫނުވަމުން އައި ވަގުތު، މަގުމަތީގައި ރަތްދަކަ އަވީގައި، ރަށުގެ ރައްޔިތުންނަށް އުޅުއްވަން ޖެހުމަކީ އެއީ، މާ ފަސޭހަ ކަމަކަށް ނުވާނެކަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އެހެން ނަމަވެސް، މިރަށަށް އައި އައުން އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބުނު ކަމެއް. އަދި ހަމައެހެން، އަޅުގަނޑުގެ އިތުރުން މިރަށުގެ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށްވެސް އުފަލަކަށްވާނެ ކަމެއް.

އާދެ! މިރަށުތެރޭގައި މާބޮޑަކަށް ހިނގާލުމުގެ ފުރްޞަތެއް މިފަހަރަކު އަޅުގަނޑަކަށް ނުލިބޭ. އަދި މިރަށަށް ނާންނަތާވެސް ލައްކަ ގިނަ ދުވަސްވެފައި އަޅުގަނޑަށް މި އާދެވުނީ. އެހެންވީމާ، ރަށުގެ ޙާލަތު ހުރިނެތްގޮތް ރަނގަޅަކަށް އެނގެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެހެންނަމަވެސް، މިރަށަށް އައި މަގުމަތީގައި، އަޅުގަނޑަށް މިފެނުނު މަންޒަރުން އަޅުގަނޑު ވަރަށް އުފާކޮށްފިން. ސަބަބަކީ ރަށުގެ ރައްޔިތުންގެ ވަރަށްބުރަ މަސައްކަތުން، އެންމެން އެކީގައި މަސައްކަތް ކޮށްގެން، އެހާ ރީތި ބޮޑު މިސްކިތެއް ޢިމާރާތްކޮށް ނިމިގެންދާތީ. އެއްގޮތަކަށްވެސް އެހެން ފަރާތެއްގެ، ސަރުކާރުން އެކަން ކޮށްދޭނެ ކަމަށް ނުތިބެ، އަމިއްލަ މަސައްކަތުން، އަމިއްލަ ހިތްވަރުން އެވަރުގެ ރީތި، އެވަރުގެ ބޮޑު މިސްކިތެއް ޢިމާރާތްކޮށް ނިމުނުކަން އެއީ، އަޅުގަނޑުމެން އެންމެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ތިޔަ ހުރިހާ ރައްޔިތުންނަށް ޝުކުރުކުރާ ކަމެއް. އާދެ! އެއިން ދައްކައިދެނީ، މިރަށުގެ ރައްޔިތުންނަކީ، ވަރަށް ހީވާގި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެދޭ، ރައްޔިތުންގެ ކަންކަމުގައި އިސްކަންދޭ ރައްޔިތެއް އުޅޭ ރަށެއްކަން.

އެހެންނަމަވެސް، މިފަހަކަށްއައިސް އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށްރަށެއްވެސް މިވަނީ ސިޔާސީ އޮއިވަރުގެ ތެރޭގައި ޖެހިފައި. އޭގެ ސަބަބުން މަދު ބައެއް ނަމަވެސް އުޅޭނެ، ކަންކަމާ ހިތްހަމަނުޖެހޭ ބަޔަކު. މިރަށަކުން އަޅުގަނޑުމެންނަކަށް އެ މަންޒަރެއް މާބޮޑަކަށް ނުފެނޭ. އެހެންނަމަވެސް، ކޮންމެ ރަށެއްގައިވެސް އޮންނަ ކަމެއް އެއީ. އެއް ޢާއިލާގެ ތެރޭގައިވެސް ހިތްހަމަނުޖެހޭ މީހުން ތިބުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަނީ، އަބަދުވެސް އަޅުގަނޑު އަރުވާނީވެސް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެން ބަލަނީ، ވީހާވެސް ބޮޑަކަށް އެއްވެސް ބަޔަކަށް ތަފާތުނުކޮށް، ސަރުކާރާ ދޭތެރޭގައި ހިތްހަމަނުޖެހޭ ބަޔަކު ތިބި ކަމުގައިވީނަމަވެސް، އެމީހުންނަށްވެސް އިހުމާލުނުކޮށް، ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަމުގައި، ބަރާބަރަށް އެކަންކަން ކުރެވޭތޯ ބެލުން. އެހެންވީމާ، އެގޮތުން، މިރަށަށްވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަންކަމުގައި، ކުޑަކޮށްވެސް އަޅުގަނޑުމެން ނުބަލާނަން، މިރަށުގެ ރައްޔިތުންގެ ތެރެއިން ކޮންބައެއް ތިބީ، ކޮން ޕާޓީއެއްގައި، ކޮން ކުލައެއްގައި ކަމެއް. އެއީ އިރާދަކުރެއްވިއްޔާ، މި ސަރުކާރަކުން އަޅުގަނޑުމެން އެކަމަކަށް ނުބަލާނަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސަރުކާރަކީވެސް މިއީ ވަރަށްގިނަ ޕާޓީ އެކުލެވޭގޮތުން އަޅުގަނޑުމެން އުފައްދާފައިވާ ސަރުކާރެއް. އެހެންވީމާ، ސަރުކާރުގެ މާލިއްޔަތު ތަންދިން މިންވަރަކުން ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކަންކަން ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެގޮތުން އަޅުގަނޑުމެންނަށް މިއަދު ވަރަށްގިނަ ކަންތައްތަކެއް، މިރަށުގައި ނުވެ ހުރި ވާހަކަ އިވިގެން މިދިޔައީ. އާދެ! އެކަންކަމުގެ ތެރެއަށް ދިޔުމުގެ ކުރިން އަނެއްކާވެސް އަޅުގަނޑު ހަމަ އުފަލާއެކީގައި ދަންނަވަންޖެހޭ އިތުރު ވާހަކައެއް އެބައޮވޭ. އެއީ މި ސްކޫލްގެ މަރާމާތުގެ ކަންތަކާއި، ޖާގައިގެ ދަތިކަމާ ހުރި ނަމަވެސް، ސްކޫލްގެ މަސައްކަތް ދަނީ ވަރަށް ރަނގަޅަށް. އޭގެ ނަތީޖާއެއްގެ ގޮތުން، ކުރީ އަހަރުގެ އިމްތިޙާނުގެ ނަތީޖާތަކަށްވުރެ، އެންމެފަހުން ލިބުނު ނަތީޖާ އޮތީ ރަނގަޅުވެފައި. އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އާދެ! މިހާރު އަނެއްކާ އަޅުގަނޑުމެން މިދަނީ އިމްތިޙާނުގެ ދުވަސްވަރުގެ ތެރޭގައި. އެހެންވީމާ، މިއަދުވެސް އަޅުގަނޑުމެން މާދިގުކޮށް މި ޖަލްސާ ބޭއްވޭކަށްވެސް ނެތް. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑު ހީކުރަން، މިއަހަރުގެ އިމްތިޙާނުގައިވެސް މި ސްކޫލްގެ ފަރާތުން ބައިވެރިވާ ކުދިން ހަމަ ރަނގަޅު ވަނަތަކެއް ހޯދައި، ކުރީގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް.

އާދެ! މުޅި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބަލައިލިޔަސް، ގިނަ ޢަދަދެއްގެ ސްކޫލްތަކެއް ހުރީ، މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި މަރާމާތު ނުކޮށް. އޭގެ ނަތީޖާއަކީ، ފާޚާނާތައް ހަލާކުވެ، ޕާޓިޝަންތައް ހަލާކުވެ، ފުރާޅުތަކުން ވާރޭވެހި، މި ދަރަޖައަށް ސްކޫލްތަކުގެ ކަންތައްތައް ހުރީ އިހުމާލު ކުރެވިފައި. އެހެންވީމާ، މި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ދައުލަތުގެ ފަރާތުން އެންމެބޮޑު އަހަންމިއްޔަތުކަމެއް ދޭނީ، މިހާރުހުރި ޢިމާރާތްތައް ރަނގަޅު ކުރެވޭތޯ. އެތަންތަން މަރާމާތުކޮށްގެން، އެތަންތަން ރަނގަޅަށް ފަންކްޝަން ކުރާނެ ގޮތެއް ހޯދުމަށްޓަކައި. އެހެން ނޫނީވިއްޔާ، ދެން އަޅުގަނޑުމެން ކުރަންޖެހޭ އިންވެސްޓްމަންޓް އަދި އެއަށްވުރެވެސް ބޮޑުވާނެ. އެއަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން، އަލަށް ތަންތަން ޢިމާރާތް ކުރެވޭނީ. ފުރަތަމަ އަހަންމިއްޔަތު ކަމެއްދޭނީ، އެތަންތަން މަރާމާތުކޮށްގެން، ރަނގަޅަށް އެކަންކަން ކުރެވޭތޯ.

އާދެ! އަދިވެސް އަޅުގަނޑު މި ސްކޫލްގެ ކަންތަކާ ދޭތެރޭގައި ވިސްނާއިރުގައި، އަޅުގަނޑު ވަރަށް އުފާކުރަން، މި ސްކޫލްގައި މި ތިއްބެވި ސްކައުޓުން، ސްކައުޓް މޫވްމަންޓް މިރަށުގައި، މިސްކޫލްގައި ރަނގަޅަށް ހިންގަވާތީ އަޅުގަނޑު ވަރަށް އުފާކުރަން. އާދެ! މުޅި ރާއްޖެއަށް ބަލައިލާއިރުގައިވެސް، ސްކައުޓުންގެ ތެރޭގައި އުޅޭ ކުދިންނަކީ، ޢާންމު ގޮތެއްގައި އަޚްލާޤު ރަނގަޅު ކުދިން. ރަނގަޅު ތަރުބިއްޔަތެއް ލިބޭ ކުދިން. ތަޢުލީމެއްގެ އިތުރުން، ކުދިންނަށް ތަރުބިއްޔަތުގެ ފިލާވަޅުތަކެއް ލިބޭ ކުދިންތަކެއް. އޭގެ ސަބަބުން ސްކައުޓް މޫވްމަންޓްގައި އުޅޭ ކުދިންނަކީ، ޑްރަގް ބޭނުންކުރާ ކުދިންނެއް ނޫން. ގޭންގްތަކާ ގުޅޭ ކުދިންނެއް ނޫން. އެހެންވީމާ، މިބާވަތުގެ ޙަރަކާތްތައް، ސްކޫލްތަކުގައި ހިންގުން މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ވަރަށް އުފާކުރަން، މި ސްކޫލްގައި ސްކައުޓް މޫވްމަންޓް ކުރިއަށްދާތީ. އެހެންވީމާ، ސްކައުޓް ލީޑަރުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދެން ޞިއްޙީ ގޮތުން ވަރަށް ދެރަ ކަމެއް. ޞިއްޙީ ދާއިރާވެސް މިވަނީ ހަމަ ވަރަށް ބޮޑަށް އިހުމާލު ކުރެވިފައި. އެހެންވީމާ، މިހާރު މިރަށުން އަޅުގަނޑުމެންނަށް މި އެނގިގެން ދިޔައީ، މިރަށުގައި ލެބޯރެޓަރީއެއްވެސް ޤާއިމުކުރި. މިރަށުގައި ނިއު ބޯން، މި އަލަށް އުފަންވާ ކުދިންނަށް އިންޓެންސިވް ކެއަރ ދޭނެ ޔުނިޓެއްވެސް އުފެއްދުނު. އެހެން ނަމަވެސް، މިއިން އެއްވެސް އެއްޗެއް މަސައްކަތެއް ނުކުރޭ. އެއީ ކީއްވެތޯ؟ އެތަންތަން ހަދާފައި، އެތަންތަން ކުރިއަށް ގެންދެވޭނެ ގޮތަކަށް އެހީތެރިވެނުދީ، އެތަންތަން ކުރަންޖެހޭ މަރާމާތުނުކޮށް، ހަލާކުވާ މެޝިންތައް ނަހަދާ، ތަންތަނަށް ފޮނުވަންޖެހޭ މީހުން ނުފޮނުވާ ހުރުމުގެ ސަބަބުން އެކުރަން އުޅުނު ކަންތައް މިއޮތީ ނުވެފައި. ނަތީޖާއަކީ އިއްޔެ މި ދިމާވިކަހަލަ ހިތާމަވެރި ޙާދިޘާއެއް، އަޅުގަނޑުމެންނަށް ދިމާވެގެން ދިޔުން. މިއީ މިހާރު ދިވެހިރާއްޖޭގައި ޢާންމުކޮށް ވާ ކަންތައްތަކެއް ނޫން. އެހެންވީމާ، މިއަދު އަޅުގަނޑުމެން މިރަށަށް އައުމުން، މިލިބުނު ހިތާމަވެރި ޚަބަރަކީ އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. އެހެންވީމާ، އެކަންކަން ރަނގަޅު ކުރުމަށްޓަކައިވެސް އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން، ހެލްތް ސެކްޓަރގެ ކަންކަން މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ހިންގުމަށްޓަކައި ވެދޭންޖެހޭ އެހީ. އެހެންވީމާ، ދައުލަތުގެ ބަޖެޓުގައި، ހުރިހާ މިނިސްޓްރީތަކަށް ބަލާއިރުގައިވެސް، އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިގެންދާނީ، ހެލްތް މިނިސްޓްރީއަށާއި، އެޑިޔުކޭޝަން މިނިސްޓްރީއަށް.

އާދެ! ދެން ތިޔަބޭފުޅުންނަށް ހަމަ ކަންބޮޑުވާ ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ ފަޅުގެ ކަންތައް. ދެންމެ އެ ވިދާޅުވި ފަދައިން، ފަޅު ފުންކުރުމުގެ ކަންތައް އޮތީ ބަޖެޓް ކުރެވިފައި. އެކަމަކީ ކުރުން ލަސްވެފައި އޮތް ކަމެއް. އެކަން އެބަޖެހޭ ކުރަން. އެހެންވީމާ، އަޅުގަނޑު ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ވަޒީރު އެބަ އިންނެވި މިތާނގައި. އެހެންވީމާ، އެބޭފުޅާއަށް ދަންނަވައިފިން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، މިރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވާށޭ. ދެން ތިޔަ ވިދާޅުވިހެން، މިރަށުގައި މާރާމާރީގެ ކަންތައް، ކުރީ އަހަރުތަކަށްވުރެން ތަންކޮޅެއް މިހާރުވަނީ އިތުރުވެފައި. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، މިރަށުގައި ޕޮލިސް ޕޯސްޓެއްވެސް އަންނަ އަހަރުގެ ތެރޭގައި ޤާއިމުކުރާނެ ވާހަކަ ދަންނަވަން.

އާދެ! އަނެއްކާވެސް މިއައި ބަދަލުތަކާ ގުޅިގެން، އިންޖީނުގެ މިވަނީ ޔޫޓިލިޓީ ކުންފުންޏާ ޙަވާލުކުރެވިފައި. މިހާރު ޔޫޓިލިޓީ ކުންފުނީގެ ކަންތައް ހުންނަގޮތަކީވެސް، މިހާތަނަށް ޔޫޓިލިޓީ ކުންފުނީގެ ހުރިހާ ބިލްތައް ސަރުކާރުން ދައްކަނީ. އެކަމަކު ތިޔަބޭފުޅުން އަތުން ލާރިވެސް ނަގާ. ނަގާފައި އެ ލާރިއަށް ވާނުވާއެއް ނޭނގެ. މިކަހަލަ އުޞޫލެއްގެ މަތިން ކަންކަން ގޮސްފައި މިހިރީ. މިހާރު އަޅުގަނޑުމެން މިވަނީ، މިހުރިހާ ކުންފުނިތައް އެކުލެވޭގޮތަށް އެއްކުންފުނި އުފައްދާފައި. [ފެނަކަ] ކިޔާ ކުންފުންޏެއް. އެހެންވީމާ، [ފެނަކަ]އިގެ ޚިދްމަތުގެ ތެރެއަށް މިހާރު މިރަށުގެ އިންޖީނުގޭގެ ކަންތައްވެސް އެކުލެވިގެންދާނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ފެނަކައިގެ ދަށުން މިރަށުގެ މަގުތަކުގެ ބައްތި ދިއްލުމުގެ ކަންތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަޖައްސައިދޭނަން.

ދެން އާދެ! އަޅުގަނޑު ވަރަށްއުފާކުރާ އަނެއް ކަމަކީ، މިހާރު މިއަތޮޅުގައި ދަތުރުފަތުރު ކުރުމުގެ ކަންތައް ފަހިކޮށްދިނުމަށްޓަކައި، އެއަރޕޯޓެއްގެ މަސައްކަތް ފެށިއްޖެ. އެއަރޕޯޓްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ މެދެއްހާ ތާނގައި އަޅުގަނޑު އުންމީދު ކުރަން، ރ. އަތޮޅުގައި އެއަރޕޯޓެއް، ޑޮމެސްޓިކް އެއަރޕޯޓެއް ހުޅުވިގެންދާނެ ކަމަށް.

އާދެ! މިދެންނެވި ކަންކަން އިރާދަކުރެއްވިއްޔާ ކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. ކުރިން ދެންނެވިހެން، ބަޖެޓު ތަންދިން މިންވަރަކުން، ދެން ހުރި ކަންކަންވެސް ކުރެވޭތޯ އަޅުގަނޑު ބަލާނަން. އަދިވެސް ކުރަންހުރި ބޮޑެތި ކަންކަން އެބަހުރި. ނަރުދަމާވެސް އެބަ ލާންޖެހޭ. އަދި ބޭރުތޮށިވެސް އެބަ ހަދަންޖެހޭ. އެކަންކަމަކީ އެއީ ފުދޭވަރެއްގެ ބޮޑު ޚަރަދެއްދާނެ ކަންކަން. އެހެން ނަމަވެސް، އެކަންކަންވެސް އެހެނިހެން ގޮތްގޮތުން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނެ ވާހަކަ ދަންނަވަން.

އާދެ! ދައުލަތުގެ އާމްދަނީގެ ކަންތަކުގެ ވާހަކަ ދެން ދައްކާނެ މާގިނަ ވަގުތެއް މިވަގުތަކުއެއް ނެތް. އެހެންވީމާ، ރ. އަތޮޅަށް އަޅުގަނޑު މިކުރާ ދަތުރުގައި އިރާދަކުރެއްވިއްޔާ، ކޮންމެވެސް ވަގުތެއްގައި، ވަގުތު ހޯދައިގެން އަޅުގަނޑު އާމްދަނީގެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާނަން. އެހެންނަމަވެސް، ލިބޭ އާމްދަނީއަކުން އިރާދަކުރެއްވިއްޔާ، ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ފައިދާހުރި، ރައްޔިތުންނަށް ޚިދްމަތް ދެވޭ ކަންކަން ކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށް ނެތިން. އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ވަރަށް ބޮޑަށް އުފާކުރަން، މިރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި، އެއްބާރުލުމާއި، އުޚުވަތްތެރިކަން ބަދަހިކޮށް އޮތީމާ. މިރަށުގެ ރައްޔިތުން، ރައްޔިތުންގެ ކަންކަމުގައި އިސްނަގައިގެން، ހުރިހާ ބޭފުޅުން އެކުވެރިވެގެން މަސައްކަތް ކުރައްވަމުން ގެންދަވާތީ. އަޅުގަނޑުމެންގެ ރަށަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ތަނެއް. އަޅުގަނޑުމެން ކުރަންހުރި ކަންތައް ވަރަށްގިނަ. އަޅުގަނޑުމެންގެ އަސާސީ ޚިދްމަތްތައް މިއުޅެނީ އަދި ނުލިބިގެން. އުޅޭއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުމާއި، އެއްބަޔަކު އަނެއް ބަޔަކާ ދިމާކުރުމާއި ޖެއްސުންކުރުމުގެ ކަންތައް ހިނގާ ކަމަށްވާނަމަ، އަޅުގަނޑުމެން ކުރަންޖެހޭ މުހިންމު ކަންތައްތައް އޮންނާނީ ނުވެ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، ކުރިއަށް އޮތް އަހަރުގެ ތެރޭގައިވެސް، ވީހާވެސް ބޮޑަކަށް ހުރިހާ ރައްޔިތުން އެކުވެރިކަމާއެކީ މަސައްކަތް ކޮށްދެއްވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި ފާގަތިކަމާއެކީ ދިރިއުޅުއްވާ ބޭފުޅުންނަށްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه