ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ މި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

[ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން، ރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚުތުންނަށް، މި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ.

ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވަނީ، އިސްލާމީ ތާރީޚުގެ ވަރަށް މުހިންމު ޢިބްރަތްތެރި ހާދިސާއެއް ކަމަށްވާ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި، މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ހާދިސާއާއެވެ. ހިޖުރައިގެ ހާދިސާއަކީ މުސްލިމުންގެ މެދުގައި އަދި އިސްލާމީ އުންމަތުގެ މެދުގައި ޤާއިމު ކުރެވިފައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމުގެ ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ވަރަށް ޢިބްރަތްތެރި ހާދިސާއެކެވެ.

ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާއިރު، އަޅުގަނޑުމެންގެ ޢަޒުމަކަށްވާންވީ، މާތްވެގެންވާ އިސްލާމްދީނަކީ، އެއްބައިވަންތަ ކަމަށާއި އެއްބަނޑުއެއްބަފާ ކަމަށް ގޮވާލާ ދީނަކަށްވުމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮތް އިސްލާމީ އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ކުރުމެވެ. ހަމައެހެންމެ، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ހާސިލުކޮށް، އިސްލާމްދީނުގެ ޙަޤީޤީ ތަޞައްވުރު ފެންނަ ގޮތަށް، މުސްލިމް އަޚުންނާއި އުޚުތުންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އަދި މި ދިވެހި މުޖްތަމަޢުގެ ހަމަޖެހުން އިތުރުކުރުމަށް މަސައްކަތްކޮށް، އަމާން ވެށްޓެއް ޤާއިމު ކުރުމުގެ ޢަޒުމް އަލުން އާކުރުމެވެ.

މިފެށުނު 1434 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އުފާފާގަތި ބާއްޖަވެރި އަހަރެއް ކަމުގައި މާތްﷲ ލައްވާށިއެވެ! ރާއްޖޭގައި އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަން ޤާއިމު ކުރައްވާށިއެވެ! އަދި އިސްލާމީ ޤައުމުތަކުގެ މެދުގައިވެސް އެއްބައިވަންތަކަން ޤާއިމު ކުރައްވައި، އިސްލާމީ އުންމަތަށް އިތުރު ނަޞްރާއި ކާމިޔާބީ މިންވަރު ކުރައްވާށިއެވެ! އާމީން.]

ހިޖުރީ އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ތަހުނިޔާ ފޮނުއްވާފައެވެ.