بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އައިލެންޑް އޭވިއޭޝަންގެ ޗެއަރމަން، މެނެޖިންގ ޑިރެކްޓަރ އަދި އޮނަރަބްލް ޔާމީން، އޮނަރަބްލް މުޙަންމަދު މަނިކު، މިނިސްޓަރުން، ހައިކޮމިޝަނަރުން އަދި އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، އައިލެންޑް އޭވިއޭޝަން މި ހޯއްދަވާ ބޮޑު ކާމިޔާބީއަށްޓަކައި، އައިލެންޑް އޭވިއޭޝަންގެ ހުރިހާ މުވައްޒަފުންނަށާއި، ޗެއަރމަނަށާއި، ބޯޑް އޮފް ޑިރެކްޓަރުންނަށް އަދި މެނެޖިންގ ޑިރެކްޓަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން.
އާދެ! މިއަދަކީ ވަރަށް ތާރޚީ ދުވަހެއް. ދިވެހިރާއްޖޭގެ އަމިއްލަ އެއަރލައިނަކުން ކައިރި ޤައުމުތަކަށް މިވަރުގެ ބޮޑު މަތިންދާބޯޓެއްގައި ދަތުރުތައް ފެށުމުގެ އިފްތިތާޙީ ޖަލްސާ ބާއްވާ ދުވަސް. އާދެ! މިއީ، ރާއްޖޭގެ އެއަރލައިނަކުން، ރާއްޖޭގެ އަމިއްލަ އެއަރލައިނަކުން ޖެޓް ފްލައިޓެއްގައި، A 320 މަތިންދާބޯޓެއްގައި ދަތުރު ފަށާ ފުރަތަމަ ފަހަރު. އެއިން ރަމްޒުކޮށްދެނީ، ރާއްޖޭގައި އަޅުގަނޑުމެންގެ އެއަރލައިން ކުރިއެރުވުމަށްޓަކައި ބަޔަކު ވަރަށް އިޚްލާޞްތެރިކަމާއެކީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން. އަޅުގަނޑު ދަންނަވާނީ، އައިލެންޑް އޭވިއޭޝަނަކީ އެއްގޮތަކުން ވަރަށް ނަޞީބު ގަދަ ކުންފުންޏެކޭ. ސަބަބަކީ، ކުންފުނި ތަރައްޤީ ކުރެއްވުމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ގިނަ ދުވަސްތަކެއްގައި ބޭފުޅުން މަސައްކަތް ކޮށްދެއްވާފައިވާތީ. އެގޮތުން، މިތަނުން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް މިއަދު މި ދެއްކެވި ވާހަކަފުޅުތަކުންނާއި އަދި މިތަނުން ފެންނަ މަންޒަރުން އަޅުގަނޑަށް އެބަ އެނގޭ، މި ކުންފުނި ތަރައްޤީކޮށްދެއްވުމަށްޓަކައި، ކުންފުނި ފެށުނީއްސުރެވެސް ކުންފުނީގެ އެކިއެކި ޗެއަރމަނުން ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން. އެގޮތުން، އަޅުގަނޑުވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި، މިކުންފުނީގެ ކުރީގެ ދެ ޗެއަރމަނުން، އޮނަރަބްލް ޢަބްދުﷲ ޔާމީނާއި، އޮނަރަބްލް މުޙަންމަދު ޢުމަރު މަނިކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިއަދުގެ ޗެއަރމަން ބަންދު އިބްރާހީމް ސަލީމަކީ، އަޅުގަނޑު ދެކޭގޮތުގައި، ނޯ ނޮންސަންސް ބިޒިނަސް އޮރިއެންޓަޑް ބޭފުޅެއް. އޭނާއަކީ ބޭކާރު ކަންތައްތައް ކުރެއްވުމާއި، ބަހަނާ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން. އެކަން ކުރަން އޮންނަ ގޮތަށް ކުރައްވައި، ނަތީޖާ ނެރުއްވާ ބޭފުޅެއް. އޭގެ ފުރިހަމަ ދަލީލެއް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ. ވަރަށް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި، އެބޭފުޅުން ކުރެއްވި މަސައްކަތުން މިހާބޮޑު ކާމިޔާބީއެއް މިދެއްކެވީ. އަޅުގަނޑު ވަރަށް ބޮޑަށް ފަޚްރުވެރިވަން، އަޅުގަނޑު ވަރަށް އުފާކުރަން، މިހާބޮޑު ކުރިއެރުމެއް، ކުންފުންޏަށް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯއްދަވައިދެއްވީތީ. އެކަމަށްޓަކައި ޗެއަރމަނަށާއި، މެނެޖިންގ ޑިރެކްޓަރ އަދި ބޯޑް އޮފް ޑިރެކްޓަރުންނަށާއި މުވައްޒަފުންނަށް އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ދުނިޔޭގެ ނިސްބަތުން، އެހެން އެއަރލައިންތަކުގެ ނިސްބަތުން އައިލެންޑް އޭވިއޭޝަނަކީ ވަރަށް ކުޑަކުޑަ ކުންފުންޏެއް. އެހެން ނަމަވެސް، ކުންފުނިން މިފެންނަނީ ވަރަށް ރަނގަޅު ޕްރެކްޓިސްތަކެއް. ވަރަށް ރަނގަޅު މެނޭޖްމަންޓެއް. އަދި އާދަކާދަތަކެއް. ދެންމެގައި އެކަމާ ބެހޭގޮތުން ކުޑަކޮށް ދެބޭފުޅުންވެސް ވާހަކަ ދައްކަވައިލައްވައިފި. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީވެސް ކުޑަކުޑަ އެންޓިޓީއެއް. ހަމަ އައިލެންޑް އޭވިއޭޝަންސްވެސް ކުޑަކުޑަ އެންޓިޓީއެއް ފަދައިން. އެހެންވީމާ، މީގައި އެބަހުރި ޕެރެލަލް ތަކެއްވެސް. އަޅުގަނޑުމެންގެ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އަޅުގަނޑުމެންގެ މި ރާއްޖެއަށް. މި ރާއްޖޭގެ ކަންކަން އިޞްލާޙުކޮށް ކުރިއަށް ގެންދިޔުމަށްޓަކައިވެސް ރާއްޖޭގައި ކުރިން މަސައްކަތް ކޮށްދެއްވާފައި ތިއްބެވި ވެރިންނާއި މެނޭޖަރުންނަކީވެސް އެއީ، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ބޭނުން ބައެއް. ދެން މީގައި، ބަންދު ވިދާޅުވިފަދައިން، މިކުންފުނީގައި މެނެޖިންގ ސްޓައިލް މިއޮތީ އެހެން ގޮތަކަށް. ރިލޭ ރޭހެއްހެން. ކުރިން ވަޑައިގެންނެވި ބޭފުޅުން، ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ބެޓްން ޕާސްކުރައްވާފައި ވަޑައިގަންނަވާ ގޮތަށް. އަޅުގަނޑަށް ހީވަނީ ދިވެހިރާއްޖޭގައިވެސް އެކަން އެންމެ ރަނގަޅަށްދާނީ އެގޮތަށް އެކަން ކުރިއަށް ގެންދެވީމަހެން. ބައެއްފަހަރު ދެން ބެޓްން ވައްޓާލާތަންވެސް އަންނާނެ. ދެންހުރި މީހަކަށް ޖެހޭނެ، ނަގައިގެން ދުއްވައިގަންނަން. އެހެން ނަމަވެސް، އެ އުޞޫލު އެއީ އަޅުގަނޑު ދަންނަވާނީ، އެއްބަޔަކު އަނެއް ބަޔަކަށް ދޫކޮށްގެން، އެއްބަޔަކު އަނެއް ބަޔަކަށް ސަޕޯޓްކޮށްގެން މަސައްކަތްކުރާ އުޞޫލު އެއީ، އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމު ކަމެއްހެން.

ދެން އެހެންވީމާ، އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން އެބައޮތް، އައިލެންޑް އޭވިއޭޝަނަކީ ވަރަށް ކާމިޔާބު ކުންފުންޏަކަށްވާނެ ކަމަށް. އަދި ހަމައެހެން، މިކުންފުނީގެ މުސްތަޤްބަލް އޮތީ ވަރަށް ރަނގަޅަށްކަން. އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަހަށް އަނެއްކާވެސް އިތުރު ޖެޓް ބޯޓުތައް ގެންނަވައި، އަޅުގަނޑުމެންގެ ޑެސްޓިނޭޝަންތައް، މިއަށްވުރެންވެސް އިތުރުވެގެންދާނެ ކަމަށް. އަޅުގަނޑުގެ ފުރިހަމަ ޔަޤީންކަން، އެކަމުގައި އެބައޮތް، ތިޔަ ބޭފުޅުންނަށް އެކަން ކުރެއްވޭނެ ކަމުގެ. ދެން ތިޔަ ވިދާޅުވިހެން، އެކަން ފަހިކުރުމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އަޅުގަނޑުވެސް އެއްބަސް، މިހާރު އަޅުގަނޑުމެންގެ ސަޕޯޓް، އެކިއެކި އިންސްޓިޓިއުޝަންތަކުގެ ކެޕޭސިޓީ އެހާ ރަނގަޅެއް ނޫން. ޚާއްޞަކޮށް، ތިޔަ ވިދާޅުވިހެން، އަޅުގަނޑުމެން އެބަޖެހޭ، ރެގިއުލޭޓްރީ ބޮޑީ ވަރުގަދަކުރަން. އެ އެޖެންސީ މިހާރަށްވުރެ ބޮޑަށް، އޮތޯރިޓީ ރިސޯސް ކުރަން. އަދި ހަމައެހެން، މި ކެޕޭސިޓީ ރަނގަޅު ކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައްދީ، ހަދަންޖެހޭ ގަވާއިދުތަކާއި، ޤާނޫނުތަކާ އެއްޗިއްސަށް ގެންނަންޖެހޭ އިޞްލާޙުތައް ގެންނަން. މިއީ ކުރަންޖެހޭ ކަމެއް. އެކަން ކުރުމުގައި އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން އިސްނަގައިގެން، މިމަސައްކަތްތައް ކުރުމަށްޓަކައި ތިޔަބޭފުޅުންނާ އެކީގައި މަސައްކަތް ކުރާނަން.

އާދެ! މިކަމަކީ މިއީ، މިއަދު މިފެށޭ މަސައްކަތަކީ މިއީ އަޅުގަނޑުމެންނާ ކައިރި ޤައުމުތަކާ އޮތް ގުޅުންވެސް، މިހާރަށްވުރެ ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމެއް. ޚާއްޞަކޮށް، އިންޑިއާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން، މިހާރަށްވުރެވެސް ބަދަހިވެގެންދާނެ އެއް ސަބަބު، މި ކޮމިއުނިކޭޝަން ލައިން މިހެން އުފެދުން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ރާއްޖެއަށް އިންޑިއާއިން އަންނަނީ ގާތްގަނޑަކަށް ތިރީހަކަށްހާސް ފަތުރުވެރިން. ދެން އޮތް އަނެއް ބޮޑު ޤައުމުން އެބަ އާދޭ، އޭގެ ދިހަގުނަ އިތުރަށް. އެހެންވީމާ، އިންޑިއާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮތް ފަތުރުވެރިކަމުގެ ގުޅުން، މިހާރަށްވުރެ މާބޮޑުތަން ކުރިއަރައިގެންދާނެ، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި. މި އެއަރލައިނުން ދަތުރުތައް ފެށްޓެވުމާ ގުޅިގެން ހަމަ ވަރަށް އަވަހަށް ތިޔަ ވިދާޅުވިހެން ތިރީސްހާސް، ފަސްދޮޅަސްހާހަށް ބަދަލުވެގެންދާނެ. އޭގެ ސަބަބުން އިންޑިއާގެ މާކެޓް އަޅުގަނޑުމެންނަށް ޓެކް ކުރެވި، ދިވެހިރާއްޖޭގެ ޓޫރިޒަމް މާކެޓް ޝެއަރގައި އިންޑިއާ ކުޅޭ ރޯލު، މިހާރަށްވުރެން ބޮޑުވެގެންދާނެ. އަދި އަޅުގަނޑު އުންމީދުކުރާ ގޮތުގައި، އިންޑިއާގެ އިންވެސްޓްމަންޓްސްވެސް، ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި މިހާރަށްވުރެ ބޮޑަށް އިތުރުވެގެންދާނެ. ހަމައެހެން، ބަންގްލަދޭޝާ ދޭތެރޭގައި އޮތް ގުޅުންވެސް މިހާރަށްވުރެ ބަދަހިވެގެންދާނެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު އަޅުގަނޑުމެން، ބައެއްކަހަލަ މުދާ ގެނައުމަށް މި ބަރޯސާވަނީ ވަރަށްމަދު ޤައުމުކަށް. އެހެން ނަމަވެސް، މިދަތުރުތައް ބަންގާޅާ ދޭތެރޭގައި އުފެދުމުން، ދެން ބައެއްކަހަލަ މުދާ ވަރަށް އަގުހެޔޮކޮށް ބަންގްލަދޭޝްއިންވެސް ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމުގެ ފުރްޞަތު، ކުއްލިއަކަށް މި ހުޅުވިގެން ދިޔައީ. އެހެންވީމާ، އެ މަސައްކަތް، ދިވެހިންގެ ވިޔަފާރިވެރިން ކުރައްވަން ފަށްޓަވައިފި ކަމަށްވާނަމަ، އަޅުގަނޑަށް ހީވަނީ ތަކެތީގެ އަގުވެސް ރަނގަޅުވެގެންދާނެހެން. ޚާއްޞަކޮށް، ބައެއްކަހަލަ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުތައް. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މި ދަތުރުފަތުރުތައް ފެށުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް.

އާދެ! ދެން އަޅުގަނޑުވެސް ވަރަށް ބޮޑަށް ފާހަގަކުރަން، ބަންދު ސަލީމް އެދެއްކެވި ވާހަކަފުޅު. އެއީ އެއަރޕޯޓްތައް މިހާރު މިދަނީ އެޅެމުން. މިހާރު އަޅުގަނޑުމެންގެ އޮތް އަށެއްކަ، ނުވަވަރަކަށް އެއަރޕޯޓް އެބައޮތް ރާއްޖޭގައި. މީގެތެރެއިން ދެ އެއަރޕޯޓަކީ އެއީ، އިންޓަރނޭޝަނަލް އެއަރޕޯޓް، މާލެއާއި ގަން. މި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ހަނިމާދޫ އެއަރޕޯޓްވެސް އިންޓަރނޭޝަނަލްވާނެ. ދެން އެކަމަށްޓަކައި ކުރަންޖެހޭ ތައްޔާރުތައް މިހާރު އެދަނީ ފައިނަލައިޒްވަމުން. އިރާދަކުރެއްވިއްޔާ، އިންޓަރނޭޝަނަލް ފްލައިޓްތައް، ހަނިމާދޫން ފެށޭނެ ވަރަށް އަވަހަށް. އެހެންވީމާ، ތިން އެއަރޕޯޓުން، އަދި މުސްތަޤްބަލްގައި އެއަށްވުރެ ގިނަ އިންޓަރނޭޝަނަލް އެއަރޕޯޓް ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އިތުރު އެއަރޕޯޓްވެސް އަޅުގަނޑުމެންނަށް ޢިމާރާތް ކުރެވޭނެ. އެގޮތުން، ދެކުނުގައި ތ.އަތޮޅުގައި އެއަރޕޯޓެއްގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަހަރުގެ ކުރީކޮޅުގައި، އެއަރޕޯޓްވެސް ނިމޭނެ. ދެން އަދި މީގެއިތުރުން، ހުވަދުއަތޮޅުގައިވެސް އިތުރު އެއް އެއަރޕޯޓް އެޅުމަށްވަނީ ރޭވިފައި. ހަމައެހެން، އުތުރުން މިހާރު ބ.އަތޮޅުގައި އެއަރޕޯޓެއް އިހަށްދުވަހު އެ ހުޅުވުނީ. މީގެއިތުރުން، އަދި ރ. އަތޮޅުގައި، ށ.އަތޮޅުގައި އެއަރޕޯޓް އެޅުމުގެ މަސައްކަތްވެސް މިހާރު އެބަދޭ ކުރިއަށް.

އެހެންވީމާ، ކުއްލިއަކަށް ހަމަ މިވޭތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި، ގިނަ ޑޮމެސްޓިކް އެއަރޕޯޓްތަކެއް އުފެދިގެން މިދިޔައީ. އޭގެ ސަބަބުން ފަތުރުވެރިންނަށް، އެބޭފުޅުން ވަޑައިގަންނަވަންޖެހޭ ރިޒޯޓްތަކަށް، ވަރަށް ގާތުން އެއަރ ކްރާފްޓެއްގައި ވަޑައިގެންނެވޭނެ. ކަނޑުމަގުން ދަތުރުކުރުމަކީ، ޚާއްޞަކޮށް، ގަދަ ދުވަސްވަރެއްގައި ވަރަށް އުނދަގޫ މަސައްކަތެއް. އެހެންވީމާ، އެއަރޕޯޓްތައް އެޅުމުގެ ސަބަބުން ގިނަ ޓުއަރިސްޓުންނަށް އާދެވުމުގެ ފުރްޞަތުތައް ހުޅުވިގެން އެދިޔައީ. ދެންމެ އެ ވިދާޅުވިހެން އަޅުގަނޑުމެން އެބަޖެހޭ، ޓުއަރިޒަމް ސެކްޓަރުން އިތުރު ރިޒޯޓްތަކާއި ޖާގަ އުފައްދަން. ދެން މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުންވަނީ އިތުރު 14 ރަށެއް ޓުއަރިޒަމަށް ދޫކުރުމަށް އިޢުލާނު ކުރުމަށް ނިމިފައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަސް ފުރްޞަތެއްގެ ތެރޭގައި އެކަން އިޢުލާނު ކުރެވި، އެކަން ހަމަޖެހިގެން ގޮސް، އިތުރު 14 ރިޒޯޓް ހުޅުވުމުގެ ފުރްޞަތު ފަހިވެގެންދާނޭ ކަމަށް. ދެން ހަމައެހެން، މިހާރު ދޫކުރެވިފައި ހުރި ރިޒޯޓްތައްވެސް، ބައެއް ރިޒޯޓްތައް އެބަހުރި ހަމަ ނިމެން ކައިރިވެފައި. އެހެންނަމަވެސް، އެކިއެކި ސަބަބުތަކާހުރެ ނުނިމި ހުރި ތަންތަން. ދެން އެތަންތަނަށްވެސް ފައިނޭންސިންގ ހޯދައިދިނުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން.

އަޅުގަނޑު ޔަޤީންކުރަން، ދާދި އަވަހަށް އިތުރު ރިޒޯޓްތައް ހުޅުވިގެންދާނެ ކަމަށް. މިއަހަރުގެ ތެރޭގައި، މިހާރު އިތުރު ދެރިޒޯޓް އަޅުގަނޑުމެން ހުޅުވައިފީމު. އެނގިވަޑައިގަންނަވާނޭ ފަދައިން، ބ. އަތޮޅުގައި ރިޒޯޓެއް އަދި ހުވަދުއަތޮޅުގައި އެއް ރިޒޯޓް. ހަމައެހެން، ރިޒޯޓްގެ މެނޭޖްމަންޓްވެސް، ރިޒޯޓް ޓްރާންސްސެކްޝަންތައްވެސް މިހާރު، ކުރީ އަހަރާ އަޅާބަލާއިރުގައި، މިއަހަރު އެބަ ރަނގަޅުވަމުންދޭ. ބައެއް ރިޒޯޓްތައް ވިއްކާ، ގަނެ، މި ޓްރާންސްސެކްޝަން، މި ބިޒްނަސް، ކުރިއަށްވުރެ ބޮޑަށް ތަންކޮޅެއް ރަނގަޅުވަމުން އެބަދޭ މިހާރު. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، ހަމަ ވަރަށް އަވަހަށް ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ މައި ނާރަކީ ފަތުރުވެރިކަން. ފަތުރުވެރިކަމަށް ހަމަ އެދެވޭ ރަނގަޅު ބަދަލުތަކެއް އައިސް، އިރާދަކުރެއްވިއްޔާ، އޭގެ ސަބަބުން ޤައުމުގެ އިޤްތިޞާދުވެސް މިހާރަށްވުރެން މާބޮޑުތަން ހަމަ ރަނގަޅުވެގެންދާނެ ކަމަށް. އަޅުގަނޑު ވަރަށް އޮޕްޓިމިސްޓިކްކޮށް މިކަމުގައި ދެކެނީ. ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ދެން ޤައުމުގެ އިޤްތިޞާދު ހަލާކުވަނީއޭ. ތިމަންނަމެންނަށް ދެން މިއަންނަ އަހަރު މުސާރަވެސް ނުދޭނޭ. ބައެއް ބޭފުޅުން ވާހަކަ ދައްކަވާފައި އެބަހުރި، ސެޕްޓެމްބަރާ ހަމައަށް އަންނައިރުގައި، އަޅުގަނޑުމެން މުޅިން ބަނގުރޫޓުވާނޭ. އެހެންވެސް ވާހަކަފުޅު ދައްކަވާފައި. އެހެން ނަމަވެސް، އަޅުގަނޑުމެން ވަރަށް ކެތްތެރިކަމާއެކީގައި، މި މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކުން ވީހާވެސް ބޮޑަކަށް ހަމަޖެއްސޭތޯ ބަލަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ހަމަ ޤައުމީ އިޤްތިޞާދުވެސް މިހާރު މަޑުމަޑުން ރަނގަޅުވާނީ. އަދި އަންނަ އަހަރުގެ ބަޖެޓްގެ ޕްރޮސެސް މިހާރު އަޅުގަނޑުމެން މިގެންދަނީ. ގެންދާއިރުވެސް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ، ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންގެ މި ބެލެންސް އޮފް ޕޭމަންޓްގައި ހުރި ބޮޑު ތަފާތުތައްވެސް ކުޑަކުރެވޭތޯ.

ދެން އަޅުގަނޑު އަދިވެސް އެއްފަހަރު އައިލެންޑް އޭވިއޭޝަނުން ތިޔަ ކުރައްވާ މަސައްކަތް ރެކޮގްނައިޒްކޮށް، ހަމަ ވަރަށް ބޮޑަށް ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީވެސް ދިވެހިރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ، ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ދިޔުން. އަދި އަޅުގަނޑުމެންގެ އެއަރލައިންގެ ފްލައިޓްތައް، ދުނިޔޭގެ އަދި އިންޑިއާއާއި ބަންގްލަދޭޝަށްވުރެންވެސް ދުރު ޑެސްޓިނޭޝަންތަކަށް ދިޔުމުގެ ފުރުޞަތު ހުޅުވިގެން ދިޔުން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!
والســّلام عليــكم ورحـمــة اللّـه وبـركاتـه.