މާލެއާއި ހުޅުމާލޭގަޔާއި އަތޮޅުތަކުގެ އާބާދީ ބޮޑު ރަށްރަށުގަޔާއި، ރާއްޖޭގައި ޤާއިމު ކޮށްފައި ހުރި ޞިނާޢީ ރަށްތަކުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި ނިޒާމު ހަރުދަނާ ކުރުމުގައި ހުރި ދަތިތައް ފާހަގަކޮށް، އެ ދަތިތައް އަވަހަށް ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިގޮތުން ވާހަކަފުޅު ދައްކަވައި، ރާއްޖޭގައި ހެދިފައި ހުރި އުސް ޢިމާރާތްތަކުގައި، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ ހާދިސާއަކުން މީހުން ސަލާމަތް ކުރުމަށް، ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންތައްތައް ކަނޑައަޅައި، އެކަންތައްތައް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް ނިންމެވިއެވެ. އަދި ރާއްޖޭގައި ކުރެވޭ އެކިއެކި ޢިމާރާތްތަކުގައި، ދުރު މުސްތަޤްބަލަށް ބަލައި، ސަލާމަތީ ރައްކާތެރިކަން ޤާއިމު ކުރުމުގެ މަޝްރޫޢެއް އެކުލަވާލައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ، ދެ މިނިސްޓްރީ ގުޅިވަޑައިގެން މިންގަނޑުތަކެއް އެކުލަވާލެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.