ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދެއްވުމާއި، ޙައްޖަށްދާ މީހުންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުން ކަމާބެހޭ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚު މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ޑޮކްޓަރ ފަޒީލް ނަޖީބާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހެޑް އޮފް އިސްލާމިކް ފައިނޭންސް އަލްއުސްތާޛާ ޢާއިޝަތު މުނީޒާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ކުޑަ އަގެއްގައި ލުއިފަސޭހަ ގޮތަކަށް ޙައްޖަށްދެވޭނެ ގޮތެއް ހޯއްދެވުމާ ގުޅޭގޮތުންނާއި، ރާއްޖެއިން ޙައްޖަށްދާ މީހުންގެ އަތުން އެކި ގްރޫޕްތަކުން ފައިސާ ނެގުމުގައި، ހަރުދަނާ އުޞޫލުތަކެއް ޤާއިމު ކުރުމާ ގުޅޭގޮތުން އެޅުއްވެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ނުދެއްވާ ޖަމާޢަތަކުން ޙައްޖަށް މީހުން ގެންދިޔުމަށް ފައިސާ ނަގާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، މިކަހަލަ ކަންތައްތައް ކުރިއަށް އޮތް ތާނގައި ނުވާނެ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.