بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހިޒް އެކްސެލަންސީ މިސްޓަރ ޔޫ އެމްބެސެޑަރ ފްރޮމް ޗައިނާ، ވައިސް ޕްރެޒިޑެންޓް ސީމެކް މިސްޓަރ ލީ، ޢިއްޒަތްތެރި މިނިސްޓަރުން، ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ނިޢުމަތް ލިބުމުގައި ވަރަށްވެސް ޚާއްޞަ ދުވަހެއް. އާދެ! 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢު ނިމިގެން، މި މަޝްރޫޢު ސަރުކާރާ ޙަވާލުކުރެވޭ ދުވަސް. އެހެންވީމާ، އެގޮތުން، މިހާތަނަށް މި ބޮޑު ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި ފުރަތަމަވެސް اللّـه سبحـانـه وتعـالىއަށް ޙަމްދާ ޝުކުރުކުރަން. އަދި މިކަމުގައި ޗައިނާ ސަރުކާރުން މިހާބޮޑު މަޝްރޫޢެއް ރާއްޖޭގައި ފަށްޓަވައި ހިންގަވައިދެއްވީތީ، ޗައިނާގެ ސަރުކާރަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން. އަދި ހަމައެހެން، މި މަޝްރޫޢު ހިންގުމުގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކުންފުނި (ސީމެކް) ކުރެއްވި މަސައްކަތަށް އަޅުގަނޑު ސީމެކުގެ ވެރިންނަށް އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރަކާއި މުބާރަކްބާދީއެއް ދަންނަވަން.

އާދެ! މި މަޝްރޫޢަކީ މިއީ 2009 ވަނަ އަހަރުގެ ތެރޭގައި، ސަރުކާރުން އަޅުގަނޑުމެން ރާވައިގެން ފެއްޓި މަޝްރޫޢެއް. މަޝްރޫޢުގެ ލޯނުގެ ކަންތައް ހަމަޖެހިފައިވަނީ 2010 ވަނަ އަހަރުގެ ތެރޭގައި. ހަމަޖެހިގެން 2010 ވަނަ އަހަރުގެ ނޮވެމްބަރ 11 ގައި މި މަޝްރޫޢުގެ މަސައްކަތްތައް ފެށުނީ. ބަރާބަރު ދެއަހަރު ދުވަހުގެ ތެރޭގައި، މަޝްރޫޢު ނިމިގެން އަޅުގަނޑުމެން މިއަދު މި ޢިމާރާތް ހުޅުވުމަށްޓަކައި އަޅުގަނޑުމެން މިތަނަށް އައިސް މިތިބީ. މަސައްކަތް ފެށުމުގައި ސަރުކާރުގެ އިސްވެރިންގެ ގޮތުން ކުރައްވާފައިވާ މި މަސައްކަތް އަޅުގަނޑު މިއަދު ފާހަގަކުރަންޖެހޭ. އެގޮތުން، ސަރުކާރުގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތާއި އަދި އޭރުގެ ހައުސިންގ މިނިސްޓަރ އަލްފާޟިލް މުޙަންމަދު އަސްލަމް ކުރެއްވި މަސައްކަތަށްޓަކައި، އެބޭފުޅުންނަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ! ރާއްޖޭގައި ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާތާ ދުވަސްގަނޑެއްވެއްޖެ. އެގޮތުން، 1980ގެ އަހަރުތަކުގެ ތެރެއިން ފެށިގެން ޚާއްޞަކޮށް، 1990 ވަނަ އަހަރުގެ ތެރޭގައި ބޭރުގެ ފަރާތްތަކާ ގުޅިގެން ސަރުކާރުން ހެޔޮ އަގެއްގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި މަޝްރޫޢުތައް ރާވައިގެން ވަނީ ހިންގާފައި. ދެންމެގައި ޗައިނާގެ އެމްބެސެޑަރ އެ ވިދާޅުވިފަދައިން، ޗައިނާގެ ސަރުކާރާ އެކުގައިވެސް މީގެކުރިން ހައެއްކަ މަޝްރޫޢުވަނީ ހިންގިފައި. އެހެންވީމާ، ގިނަ ޢަދަދެއްގެ މަސައްކަތްތަކެއް މިހާރުވަނީ ސަރުކާރުން އެކަމަށްޓަކައި ކުރެވިފައި. އަދި އަޅުގަނޑު އުފަލާއެކީ ދަންނަވަން، މިއަހަރު އަޅުގަނޑު ޗައިނާއަށް ކުރި ދަތުރުގައި، މިއަށްވުރެވެސް ބޮޑު މަޝްރޫޢެއް އެޅުމަށްޓަކައި މިހާރުވަނީ އެގްރީމަންޓްގައި ސޮއިކުރެވިފައި. އެއްބަސްވުމެއްގައި ސޮއިކުރެވިފައި، ޗައިނާ ސަރުކާރާ އެކުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިގޮތަށް ރައްޔިތުންނަށް ފޯރާފަށުގައި ދިރިއުޅެވޭނެ ތަންތަން ހޯދައިދިނުމުގެ މަޝްރޫޢުތައް، ކުރިއަށް އޮތް ތާނގައި ހިނގަމުންދާނެ. އަދި ކޮންމެ ސަރުކާރެއް އޮތް ކަމުގައިވި ނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، ރައްޔިތުންނަށް މި ޚިދްމަތް ފޯރުކޮށްދެވޭތޯ.

އާދެ! ހުޅުމާލޭގަޔާއި މާލޭގައި ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުތައް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދޭ. އެކަންކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަކަށްނުޖެހޭ. ނުވެސް ޖެހޭނަން. އެގޮތުން، މިހާރު އިތުރަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ދެންމެ މިދެންނެވި ބޮޑު މަޝްރޫޢުގެ އިތުރުން، ތުރުކީގެ ކުންފުންޏަކާއެކީގައިވެސްވަނީ އެއްބަސްވުމަކަށް އާދެވިފައި. ހުޅުމާލޭގައި އިތުރު 1100 ހައުސިންގ ޔުނިޓް އެޅުމަށް. އެހެންވީމާ، މި މަޝްރޫޢުތައް ވަރަށް ބާރުމިނެއްގައި، އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

އާދެ! މި ހުޅުމާލެއާއި މާލޭގެ އިތުރުން، ރާއްޖޭގެ ކަންކޮޅުތަކުގައި ޚާއްޞަކޮށް، ބޮޑެތި ރަށްރަށުގައި، އާބާދީ އެއްފަސްކުރުމަށް ޚިޔާލު ކުރެވިފައިވާ ދިމަދިމާލުގައި އިތުރު ގެތައް ޢިމާރާތް ކުރެވެމުންދާނެ. އަޅުގަނޑު އުފަލާއެކީގައި މިއަދު ފާހަގަކުރަން، ﷲ އިރާދަކުރެއްވިއްޔާ، އަންނަ ހަފްތާގެ ތެރޭގައި، މި ގެތަކަށް އެދިފައިވާ ފަރާތްތަކަށް، ވަރަށް އުފާވެރި ޚަބަރެއް ލިބިވަޑައިގަންނަވާނެ. އެދިވަޑައިގެންފައިވާ ބޭފުޅުންގެ އެޕްލިކޭޝަންތައް ޕްރޮސެސް މިހާރު ކުރެވެމުން ވަރަށް ބާރަށް މިދަނީ. އަދި އިރާދަކުރެއްވިއްޔާ، އަންނަ ހަފްތާގެ ތެރޭގައި، އެއިން ބީ ކެޓަގަރީގައި މިހާރު ފާހަގަކުރެވިފައި، ހޮވާލެވިފައިވާ ބޭފުޅުންގެ ނަންތައް އިޢުލާނު ކުރެވިގެންދާނެ. އަދި މިމަހުގެ ނިޔަލާ ހަމައަށް އެކަމާ ބެހޭގޮތުން އެއްވެސް މައްސަލައެއް އޮތް ކަމަށްވާނަމަ، ސާފުކުރުމުގެ މުހުލަތެއް ދެވި، އެއަށްފަހުގައި މިތަންތަން ޙަވާލުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ދެމަހެއްހާ ދުވަހޭ އަޅުގަނޑު މިދެންނެވީ، އަދި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި. ދެންމެ މިނިސްޓަރ އެވިދާޅުވި ފަދައިން، މި ކޮމްޕްލެކްސްގެ މަގުތަކާއި، ފާޚާނާ ކުރުމުގެ ނިޒާމާއި، ފެނާ، މިކަންކަން އެބަޖެހޭ އަދި ފުރިހަމަކުރަން. އެހެންވީމާ، އެމަސައްކަތް މިހާރު ވަރަށް ބާރު މިނެއްގައި އެބަ ކުރިއަށްދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، މި ޢިމާރާތްތަކަށް މިހާރު އެދިވަޑައިގަންނަވާ ބޭފުޅުންނަށް، އެ ފުރްޞަތު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އިރާދަކުރެއްވިއްޔާ، އެ ނަޞީބު ލިބިގެންދާނެ.

އަދިވެސް އެއްފަހަރު، މިމަސައްކަތް މިގޮތަށް ކޮށްދެއްވި ކަމަށްޓަކައި އަޅުގަނޑުމެންގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހުރިހާ ބޭފުޅުންނަށް، ޚާއްޞަކޮށް، މިނިސްޓަރ މުޢިއްޒަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މިފަދަ ފައިދާހުރި ޕްރޮޖެކްޓްތައް މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި މުސްތަޤްބަލުގައި ދިވެހިންގެ ބޯހިޔާވަހިކަމުގެ ބޭނުންތައް ފުރިހަމައަށް ކުރިއަށް ދިޔުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.