ހުޅުމާލޭގަޔާއި މާލޭގައި ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫޢުތައް، ބާރަށް ކުރިއަށް ގެންދިޔުމުގައި، ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ ލޯނު އެހީގައި ހުޅުމާލޭގައި އިމާރާތްކުރި 1000 ފްލެޓް، ސަރުކާރާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިއްޔެ ހަވީރު ހުޅުމާލޭގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން މިހާބޮޑު މަޝްރޫޢެއް، ރާއްޖޭގައި ހިންގަވައިދެއްވީތީ، ޗައިނާ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. އަދި މަޝްރޫޢު ހިންގުމުގައި، ޗައިނާގެ ސީމެކް ކުންފުނިން ކުރި މަސައްކަތްތައް ފާހަގަކުރައްވައި، ސީމެކްގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރާ އެކީގައި، މީގެކުރިންވެސް އެކި މަޝްރޫޢުތައް ހިންގާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަހަރު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، މިއަށްވުރެ ބޮޑު މަޝްރޫޢެއް ހިންގެވުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެގްރީމަންޓެއްގައި ސޮއިކުރައްވާފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލޭގައި އިތުރު 1100 ހައުސިންގ ޔުނިޓް އެޅުމަށް، ތުރުކީގެ ކުންފުންޏަކާ އެކީގައިވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުވެސް ވަރަށްބާރު މިނެއްގައި ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ.