ގަދަބާރުން ކުދިން ލައްވައި އެކި ރޮނގު ރޮނގުން ކިޔަވަން ދިޔުމަށް ބާރުއެޅުމަކީ، އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް، އިނާމާއި ހަނދާނީ ލިޔުން ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނަށް ކުރެއްވުނު ތަޖުރިބާ، މިޖަލްސާގައި ޙިއްޞާ ކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ރޮނގަކުން ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ޤައުމުގައި ތިބި ޅަދަރިންގެ ތެރެއިން އެންމެ ވިސްނުންތޫނު، އެންމެ ޤާބިލް، އެންމެ ކުޅަދާނަ ކުދިން ކަމުގައި ވިދާޅުވިއެވެ. އަދި މިރޭ ފެނިގެން މިދިޔައީ، މިވޭތުވެދިޔަ 18 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އެކުދިންނާއި އެކުދިންގެ މައިންބަފައިން ކުރަމުން އައި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމުގައި ވިދާޅުވެ، މަތީ ޘާނަވީ ތަޢުލީމުގެ އިމްތިޙާނުތަކުން މަތީ ވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި އެދަރިވަރުންގެ ފަޚުރުވެރި މަންމައިންނަށާއި ބައްޕައިންނަށާއި، ބެލެނިވެރިންނަށްވެސް އެމަނިކުފާނު މަރްޙަބާ ވިދާޅުވިއެވެ.

ރަނގަޅު ފެންވަރެއްގައި ތަޢުލީމުދޭ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ކުދިން ތިބީ، މަތީ ވަނަތައް ހޯދަން ތައްޔާރަށްކަން މިރޭ އެނގިގެން ހިނގައްޖެ ކަމަށާއި، ކޮންމެ ސްކޫލެއްގައިވެސް މަތީ ވަނަތައް ހޯދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަތީ ޘާނަވީ އިމްތިޙާނުން މިއަހަރު މަތީ ވަނަތައް އެންމެ ގިނައިން ޙާޞިލު ކޮށްފައިވަނީ ސީ.އެޗް.އެސް.އީގެ ދަރިވަރުންކަން ފާހަގަކުރައްވައި، އެސްކޫލްގެ ޕްރިންސިޕަލަށާއި، އެސްކޫލްގެ މުދައްރިސުންނަށް އެމަނިކުފާނު މަރްޙަބާ ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަރުޙަލާގައި ތަޢުލީމު ހާސިލުކޮށް ނިމުނު ކުދިން މަތީ ތަޢުލީމަށް ދިޔުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާއިރު، ގިނަ ކުދިންނަށް މި ފުރުޞަތު ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި، މަތީ ޘާނަވީ ތަޢުލީމުގެ އިމްތިޙާނުތަކުން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މި އިނާމާއި ސްކޮލަރޝިޕް، 23 ދަރިވަރުން ޙާޞިލު ކުރިއެވެ.