بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި އެޑިޔުކޭޝަން މިނިސްޓަރ އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ އެންމެހާ ބޭފުޅުން. އެޑިޔުކޭޝަން ދާއިރާގެ އިސްވެރިން. އަޅުގަނޑުމެންގެ ލޮބުވެތި ކިޔަވާ ކުދިން. އަދި އެކުދިންގެ ފަޚުރުވެރި ބެލެނިވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރޭ މިއުފާވެރި މުނާސަބާގައި އެއްޗެއް ދަންނަވާލުމުގެ ފުރްޞަތު ލިބުނީތީ އަޅުގަނޑު ވަރަށް އުފާކުރަން. މިރޭ އަޅުގަނޑުމެންނަށް މިތަނުން ފެނިގެން މިދަނީ މި ޤައުމުގައި ތިބި ޅަދަރިންގެ ތެރެއިން އެންމެ ވިސްނުން ތޫނު، އެންމެ ޤާބިލް، އެންމެ ކުޅަދާނަ ކުދިންކޮޅު. ވޭތުވެދިޔަ 17 ވަރަކަށް، 18 އަހަރު ދުވަހުގެ ތެރޭގައި، އެކުދިންނާއި އެކުދިންގެ މައިންބަފައިން ކުރަމުން އައި ބުރަމުން މަސައްކަތުގެ ފޮނި ނަތީޖާ މިރޭ ފެނިގެން މިދަނީ. އެކަމަށްޓަކައި މަތީ ޘާނަވީ ތަޢުލީމުގެ އިމްތިޙާނުތަކުން މި މަތީ ވަނަތައް ހޯދި ހުރިހާ ކުދިންނަށް އަޅުގަނޑު ވަރަށް އުފަލާ އެކީގައި މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން. އަދި ހަމަ އެހެން، އެކުދިންގެ ފަޚުރުވެރި މަންމައިންނާއި ބައްޕައިންނާއި ބެލެނިވެރިން ތިކުރައްވަމުން އަގުހުރި މަސައްކަތް، ބުރަ މަސައްކަތް، ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މަސައްކަތަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އަޅުގަނޑުމެންނަށް މިރޭ މި އެނގިގެން ދިޔައީ، އަޅުގަނޑުމެންގެ ކުދިންނަކީ ވަރަށް ވިސްނުންތޫނު، ވަރަށް ކުޅަދާނަ ކުދިންތަކެއްކަން. އަދި ހަމަ އެހެން، އަޅުގަނޑުމެންނަށް މިރޭ އެނގިގެން މިދިޔައީ، ރަނގަޅު ފެންވަރެއްގައި ތަޢުލީމު ދިނުމުން، އަޅުގަނޑުމެންގެ ކުދިން ތިބީ މަތީ ވަނަތައް ހޯދަން ތައްޔާރަށްކަން. ހަމައެހެން، ހިތްވަރާ އެކީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމުން ބެލެނިވެރިންނަށް ވަރަށް ބޮޑެތި ކާމިޔާބީތަކެއްވެސް ހޯއްދެވޭނެކަން. އަދި މިރޭ އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން. ފުރަތަމަ ކަމަކީ ވަކި ސްކޫލަކަށް، ވަކި ކޮލެޖަކަށް ދާކަށް ނުޖެހޭ ކޮންމެހެން މޮޅުވާކަށް. ކޮންމެ ސްކޫލެއްގައިވެސް ހަމަ މަތީ ވަނަތައް ހޯދިދާނެ. އެހެންވީމާ، އަޅުގަނޑުމެން ހީނުކުރާކަހަލަ ބައެއް ސްކޫލްތަކުން މިރޭ ވަނަތައް ހޯދައިފި.

އާދެ! މިރޭ އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން، އެހެން ނަމަވެސް ސީ.އެޗް.އެސް.އީ. އަޅުގަނޑުމެންނަށް މިހާތަނަށް މިއިވިގެންދިޔައީ، ވަރަށްގިނަ ޢަދަދެއްގެ ކުދިން މަތީ ވަނަތައް ޙާޞިލުކޮށްފައިވަނީ ސީ.އެޗް.އެސް.އީ އިން. އެހެންވީމާ، އެކަމަށްޓަކައި ސީ.އެޗް.އެސް.އީ.ގެ ޕްރިންސިޕަލަށާއި، އެސްކޫލްގެ މުދައްރިސުންނާއި ސްޓާފުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވެ، އެބޭފުޅުންނަށްވެސް މަރްޙަބާ ދަންނަވަން.

އާދެ! މި މަރްޙަލާގައި ތަޢުލީމު ޙާޞިލްކޮށް ނިމުމުން، ދެން އަޅުގަނޑުމެންނަށް މި އުންމީދު ކުރެވެނީ މަތީ ތަޢުލީމަށް. މަތީ ތަޢުލީމަށް ދިޔުމަށްޓަކައި މިރޭ މި ވަނަތައް ހޯދި ހުރިހާ ކުދިންވެސް އަދި މި ވަނަތައް ނުލިބުނު ކަމުގައިވީ ނަމަވެސް، މަތީ ޘާނަވީ ތަޢުލީމުގައި ބައިވެރިވި ސޯޅަސަތޭކައެއްހާ ކުދިން މިއަދު އުންމީދު ކުރަމުންދާނީ، ރަނގަޅު ފެންވަރެއްގެ މަތީ ތަޢުލީމެއް ހޯދުމަށް. އޭގެތެރެއިން ގިނަ ކުދިން މިރޭ ފުރްޞަތު ލިބޭނެ ކަމުގެ އުންމީދު އަޅުގަނޑު ކުރަން. އެގޮތުން، ދައުލަތުގެ ފަރާތުން ވަނީ ތަފާތު ޕްރޮގްރާމްތަކެއް ރާވާފައި. އޭގެތެރޭގައި، އެއްހާސް ކުދިންނަށް ސްޓޫޑަންޓް ލޯނު ދިނުމުގެ މަޝްރޫޢެއް މިހާރުވަނީ ރޭވިފައި. އެކަން އިރާދަކުރެއްވިއްޔާ، ހަމަޖެހިގެން ކުރިއަށް އެބަދޭ. ހަމައެއާއެކީގައި، އެނގިވަޑައިގަންނަވާނޭ ފަދައިން، އަދި އެހެނިހެން ސްކޮލަރޝިޕްތަކެއްވެސް އެބަހުރި. އޭގެތެރޭގައި ޒަކާތު ފަންޑުންދޭ ގާތްގަނޑަކަށް ފައްސަތޭކައެއްހާ ސްކޮލަރޝިޕާއި އަދި އެކިއެކި މެރިޓް ސްކޮލަރޝިޕްތައްފަދަ ސްކީމްތައްވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މަތީ ތަޢުލީމް ޙާޞިލު ކުރައްވަން ބޭނުންވެލައްވާ ހުރިހާ ކުދިންނަށްވެސް، އެފުރްޞަތު ﷲ އިރާދަކުރެއްވިއްޔާ ލިބިގެންދާނޭ ކަމަށް.

އަޅުގަނޑު މިރޭ ވާހަކަ މާދިގެއް ނުކުރާނަން. ސަބަބަކީ މިރޭ އަދި އެބައޮތް، ޕްރޮގްރާމްގައި ވަރަށްގިނަ ޢަދަދެއްގެ ކުދިންނަށް އެވޯޑުތައް ދިނުން. އެހެން ނަމަވެސް، އަޅުގަނޑު ދެވާހަކައެއް ދަންނަވާލާނަން.

ފުރަތަމަ ވާހަކަ އަޅުގަނޑު އަމާޒުކުރާނީ ބެލެނިވެރިންނަށް. މީގެ ގާތްގަނޑަކަށް އަށާރަވަރަކަށް އަހަރު ކުރިން، އަޅުގަނޑުގެ ދަރިފުޅުވެސް ސްކޫލް ނިމިގެން ޔުނިވަރސިޓީއަށްދާން ތައްޔާރުވީމާ، އަޅުގަނޑުގެވެސް ވަރަށް ފޮނި އުންމީދުތަކެއް ކުރީމު. އަދި ﷲ އިރާދަކުރެއްވިއްޔާ، އެ އުންމީދުތައްވަނީ ކާމިޔާބުވެސްވެފައި. އެހެން ނަމަވެސް، އަޅުގަނޑު ކުރި އުންމީދެއް ނޫން، އަޅުގަނޑު ދަރިފުޅު ކުރީކީ. އޭނާ ހައިސްކޫލްގެ ފަހު އަހަރުތަކުގައި، އަޅުގަނޑު އޭނައަށް ވިސްނައިދެމުން ގެންދިޔައީ، އާރކިޓެކްޗަރ ކިޔެވުމަށް. އާރކިޓެކްޗަރއަކީ އެއީ ފަސްއަހަރުން ޑިގްރީ ލިބޭ ކޯހެއް، ޔުނިވަރސިޓީގެ. ޢާންމުކޮށް ޔުނިވަރސިޓީ ކޯސްތައް މިހުންނަނީ ހަތަރު އަހަރުން ނިމޭގޮތަށް. މެޑިސިންއާއި އާރކިޓެކްޗަރއާ، މިރޮނގުތަކުން ކިޔަވަން އެބަ ނަގާ ފަސްއަހަރުވަރު. އެހެން ނަމަވެސް، އެއީ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭ، ރަނގަޅު ރޮނގަކަށްވާތީ، އަޅުގަނޑު ބޭނުންވީ ދަރިފުޅު އާރކިޓެކްޗަރ ކިޔަވަން. އެހެންވީމާ، އާރކިޓެކްޗަރއަށް އޭނަ ޝައުޤުވެރިވާނެ ކަހަލަ ކަންކަމަށް އަޅުގަނޑު އިސްކަންދީގެން، އޭރު އަޅުގަނޑު ހުރީ އެފްރިކާގެ ޤައުމެއްގައި، ޓެންޒޭނިއާގައި. އެހެންވީމާ، ކައިރީގައި ހުރި ތަންތަނަށް ގެންގޮސް، އެކިއެކި ކުރީގެ ކުރީ ޒަމާނުގެ އެކިއެކި ބިނާތަކާ އެއްޗެހި ދައްކައި، ޝައުޤުވެރިކަން އުފެއްދޭތޯ އަޅުގަނޑު މަސައްކަތް ކުރިން. އަދި ޔުނިވަރސިޓީއަށް ދާންޖެހުމުންވެސް، ޔުނިވަރސިޓީ އެޕްލިކޭޝަން ކަންކަމުގައިވެސް އަޅުގަނޑު އެހީތެރިވެދީގެން މީނަ ވަދެއްޖެ އާރކިޓެކްޗަރ ސްކޫލަކަށް. ފަސްއަހަރު ދުވަސް ފަހުން ދެން ކިޔަވާ ނިމިގެން އެނބުރި އައިސް، ޔުނިވަރސިޓީން އެނބުރި އައިސް، އަޅުގަނޑު ކައިރީގައި ބުނެފި، ބައްޕައަށް ގެނައި ހަދިޔާއެއް އޮންނާނޭ، ކިޗަންގެ ކައުންޓަރ މަތީގައި. ދެން އަޅުގަނޑު ވަރަށް އުފަލުން އަޅުގަނޑަށް ގަމީހެއް ނަމަވެސް، ކޮންމެވެސް އެއްޗެއް ލިބޭނެ ކަމަށް ހީކޮށް، ގޮސް ބަލައިލިއިރުގައި، ކައުންޓަރު މަތީގައި އޮތީ މީނައަށް ލިބުނީ ޑިގްރީ. މީނަ އެއްގޮތަކަށްވެސް އާރކިޓެކްޗަރއަކަށް ޝައުޤުވެރިކަމެއް ނެތް. ނަތީޖާއަކަށްވީ އޭގެފަހުން ގާތްގަނޑަކަށް ބާރަވަރަކަށް އަހަރުވީއިރުގައިވެސް، އެއްގޮތަކަށްވެސް އާރކިޓެކްޗަރގެ ރޮނގުން އެއްވެސް ކަމެއް ނުކުރޭ. އެހެން ނަމަވެސް، މީނަ ކުރާހިތްވާ ކަމަކަށްމިވީ ކޮމްޕިއުޓަރ ސައިންސް. އެހެންވީމާ، އެރޮނގުން އަމިއްލައަށް ޔުނިވަރސިޓީގައި އުޅެމުން ކިޔެވުމުގެ ނަތީޖާއަކަށްވީ، މިއަދު އޭނައަށް ވަރަށްބޮޑު ކުންފުންޏެއްގެ އައި.ޓީ ޑިޕާޓްމަންޓްގެ ޑިރެކްޓަރުކަން، ހޮންކޮންގގައި ވަނީ ލިބިފައި. އެހެންވީމާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިންނަށް ބޭނުންވާ ކަންކަން ގަދަބާރުއަޅައިގެން، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން އެކުދިން ލައްވައި ކުރުވުމަކީ އެހާ ބުއްދިވެރި ކަމެއް ނޫން. ގަދަބާރުން ކުދިން ލައްވައި އެކި ރޮނގު ރޮނގަށް ކިޔަވަން ދިޔުމަށް ބާރުއެޅުމަކީ އެއީ، އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއް ނޫންކަމަށް އަޅުގަނޑަށް ތަޖުރިބާ ކުރެވިގެން އެދިޔައީ.

ދެން ދެވަނަ ވާހަކައަކަށް އަޅުގަނޑު ދަންނަވާލާހިތްއޮތީ، ދަރިވަރުންނާ މުޚާޠަބުކޮށް. ތިހުރިހާ ކުދިންވެސް، ހުރިހާ ބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ، އެޕަލް ކޮމްޕިއުޓަރ. އެޕަލް ކޮމްޕިއުޓަރ ފުރަތަމަ ނުކުތްއިރުގައި މެކިންޓޮޝް ކިޔާ ކޮމްޕިއުޓަރެއް ފުރަތަމަ ނެރުނީ. އޭރު އަޅުގަނޑު ކިޔަވަން އުޅެނީ ޔުނިވަރސިޓީގައި. ގްރެޖުއޭޓް ސްކޫލްގައި. ދެން އޭރު މެކިންޓޮޝްއަކީ ވަރަށް އާ އެއްޗެއް. ވަރަށްމަދު މީހަކަށް ނޫނިއްޔާ ނުވެސް ލިބޭނެ. އެ އުފެއްދި މީހާއަށް މިކިޔަނީ ސްޓީވް ޖޮބްސް. އެނގިވަޑައިގަންނަވާނެ، އެޕަލް ކޮމްޕިއުޓަރުގެ މަޝްހޫރުކަން. މިއަދު ވަރަށްމަދުވާނެ އައި ފޯނެއް ނުގެންގުޅޭ ކުއްޖަކު. އައިޕޭޑެއް ނުގެންގުޅޭ ކުއްޖަކު. އެއީ، ސްޓީވް ޖޮބްގެ އުފެއްދުން. ސްޓީވް ޖޮބްސްވެސް ދިޔައީ އަޅުގަނޑު ހަމަ ދިޔަ ޔުނިވަރސިޓީއަށް ހަމަ އެދުވަސްވަރު. އެކަމަކު އޭނަ ފާހެއްނުވޭ. އޭނަވެސް ކިޔަވަން ފޮނުވީ. އޭނަގެ މައިންބަފައިން ބޭނުންވީ އޭނަ ލޯ ކިޔަވަން. އެހެން ނަމަވެސް، އޭނަ ލޯ ކިޔަވާހިތެއްނުވި. އެހެންވީމާ، ސްކޫލުން އޭނަ ވަކިވީ. އޭނާ ކުރާހިތްވާ ކަމެއް އޭނައަށް މިއެނގުނީ ސްކޫލުން ވަކިވެގެން އުޅުމުގެ ތެރޭގައި. އޭނާ ކުރާހިތްވާ ކަމަކަށް މިވީ ރީތިކޮށް ލިޔުން. ރީތިކޮށް ލިޔުމުގެ ހުނަރު އޭނަ ވަރަށް ރަނގަޅަށް ދަސްކުރީ. ދަސްކޮށްގެން އައިސް ކޮމްޕިއުޓަރގެ މަސައްކަތް ފެށިއިރުގައި، މެކިންޓޮޝް ހެދުމުގައި ލިޔުން މިވީ މާ މުހިންމު ކަމަކަށް. އެންމެފަހުން ގޮސް އޭނަ ކުރާހިތްވާ ކަމެއް އޭނަ މިކުރީ. ކުރުމުގެ ނަތީޖާއަކީ ދުނިޔޭގައި ނެތްވަރުގެ ބޮޑު އުފެއްދުންތެރިއަކަށްވީ. ދުނިޔޭގައި ނެތްވަރުގެ ބޮޑު މުއްސަންޖަކަށް އޭނަ ވެގެންދިޔައީ. މިއިން އަޅުގަނޑުމެންނަށް ދޭހަވަނީ، ކޮންމެ ކުއްޖަކުވެސްވީ އެކުއްޖަކު ކުރާހިތްވާ ކަމެއް ކުރުމަށްޓަކައި މަސައްކަތް ކުރާށޭ. މަސައްކަތް ކުރުމުގައިވެސް އަދި ޙަޔާތުގެ ބައިވެރިއަކު ހޯދުމުގައިވެސް އެންމެ މުހިންމު ކަމަކީ، ތިމާގެ ހިތް ބުނާގޮތަށް ތިމަންނަ މަސައްކަތް ކުރަމުން ގެންދިޔުން. އެހެންވީމާ، އެއީ ހުރިހާ ކުދިންވެސް ހަނދާން ބަހައްޓާނެ ފިލާވަޅެއް ކަމަށް އަޅުގަނޑު ހީކުރަން.

ތިޔަކުދިން ތިޔަކުރި މިންނެތް މަސައްކަތުގެ ނަތީޖާ މިހާރު ފެނިފައި މިއޮތީ. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ކުދިންނަށް، ތިޔަ ކުދިންގެ ހިތުގައިވާ، ތިޔަ ކުދިން ކުރާހިތްވާ ކަންތައް ކުރުމުގެ ފުރްޞަތު، މާތްﷲ ތިޔަ ކުދިންނަށް މިންވަރު ކުރެއްވުން.

އަޅުގަނޑުގެ އެދުމަކީ، ތިޔަ ހުރިހާ ކުދިންނަކީވެސް ޙަޔާތުގައި ކާމިޔާބު އަދި ވަރަށް ޕްރޮޑަކްޓިވް، އުފެއްދުންތެރި، މި ޤައުމަށް ފައިދާހުރި ކުދިބަޔަކަށްވާނޭ ކަމަށް. އަދިވެސް އެއްފަހަރު، އަޅުގަނޑު މިފުރްޞަތު ދެއްވި ކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.