މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށް ދެއްވާނެކަން ޤައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ، މިއަހަރު ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ ކަންތައްތައް ގެންދެވި ގޮތާބެހޭ މަޢުލޫމާތު ދެއްވުމަށްޓަކައި އެކޮމިޓީގެ ފަރާތުން ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު މެންދުރުފަހު ބައްދަލުކުރައްވަމުން، އެ ކޮމިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގައި، ވަރަށްގިނަ ގޮތްގޮތުން ބައްލަވާފައިވާ ކަމަށް ވިދާޅުވެ، މިފަހަރު އިނާމަށް ނަންތައް ހުށަހެޅި ދާއިރާތަކަށް ބައްލަވާއިރު، ބައެއް ދާއިރާތަކުގައި ވަރަށް ވާދަވެރި ފަރާތްތައް ހިމެނޭކަން ޗެއަރމަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބައެއް ދާއިރާތަކުން އެކި ރޮނގުން ދެބޭފުޅަކަށް އިނާމު އެބަ އެރުވޭ ކަމަށާއި، އެއީ ކޮމިޓީން ބެއްލެވި ބެއްލެވުންތަކުން އިނާމު އެރުވޭ ފެންވަރަށް އެކަށީގެންވާ މަސައްކަތްތަކެއް އެބޭފުޅުން ކުރައްވާފައިވާތީ ކަމުގައިވެސް ޗެއަރމަން ވިދާޅުވިއެވެ. އިނާމު އެރުވޭ ފަރާތަކީ، މުޖްތަމަޢު ޤަބޫލުކުރާ ނަމޫނާ ފަރާތަކަށްވާންޖެހޭނެ ކަމަށް ކޮމިޓީން ދެކެވަޑައިގަންނަވާތީ، އިނާމަށް ބޭފުޅުން ހޮއްވެވުމުގައި މިކަމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ކޮމިޓީން ދެއްވިކަންވެސް ޗެއަރމަން ހާމަކުރެއްވިއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޮވެމްބަރ 11ވާ އާދީއްތަ ދުވަހުގެރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މިބޭފުޅުންނަށް އިނާމުތައް ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.