بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ނައިބު ރައީސް، ޢިއްޒަތްތެރި މިނިސްޓަރ އޮފް އެންވަޔަރަންޓް އެންޑް އެނަރޖީ، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ އެންޑްރޫ ކޮކްސް، ޙާޒިރުވެވަޑައިގެން ތިއްބެވި އެކިއެކި ކައުންސިލްތަކުގެ މެންބަރުން، އަދި އެކިއެކި ރިޒޯޓްތަކުން ވަޑައިގެން ތިއްބެވި އަޅުގަނޑުމެންގެ ރަޙްމަތްތެރި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! 2007 ވަނަ އަހަރުން ފެށިގެން މިވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގައި، ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަން ރައްކާތެރި ކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައި. އެގޮތުން، ޚާއްޞަކޮށް، ބ. އަތޮޅަކީ ޤުދްރަތީގޮތުން ރައްކާތެރި ކުރެވިފައިވާ އަތޮޅެއް ކަމަށް ހެދުމަށްޓަކައި ބޭރުގެ ޖަމާޢަތްތަކާ ގުޅިގެން، އ.ދ.ގެ އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން، ޔޫ.އެން.ޑީ.ޕީ.އާއި ޔުނެސްކޯ ޚާއްޞަކޮށް. މިފަރާތްތަކުގެ އެހީގައި އަޅުގަނޑުމެންވަނީ ވަރަށްބުރަ މަސައްކަތްތަކެއް ކޮށްފައި. އެގޮތުން ޚާއްޞަކޮށް، ބ. އަތޮޅަކީ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ އެކިއެކި ތައްޔާރީތައްވެ، އެކަމުގެ ވިސްނުން އެ އަތޮޅުގެ ރައްޔިތުންނާ ޙިއްޞާކޮށް، ސްކޫލްތަކާއި ރަށްރަށުގައި މިވާހަކަ އެތައް ދުވަހަކު ދެކެވި، މިއާ ބެހޭގޮތުން މަޢުލޫމާތު ދެވި، މަސައްކަތް ކުރަމުން އައިސް، 2009 ވަނަ އަހަރުގެ ތެރޭގައި ކެބިނެޓުން ނިންމީ، ބ. އަތޮޅު، ބަޔޮސްފިއަރ ރިޒަރވަކަށް ހަދަން. އެ ހިސާބުން ފެށިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރުގެ ކުރީކޮޅުވަނީ ރަސްމީކޮށް، ބ. އަތޮޅަކީ އެއީ، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވެއް ކަމަށް ހަމަޖެހިފައި. އަދި އެކަން ކުރުމަށްޓަކައި ކޮންސަރވޭޝަން ފަންޑެއްވެސް އުފެދި، މި ހިންގާނެ ބަޔަކު ކަނޑައެޅިފައި. އަޅުގަނޑު މިއަދު ވަރަށް ބޮޑަށް އުފާކުރަން، ޚާއްޞަކޮށް، މި ފަންޑު މެނޭޖްކުރުމަށާއި، ފަންޑަށް އެހީތެރިވެދިނުމަށް އަދި ބަޔޮސްފިއަރ ރިޒަރވް ބ. އަތޮޅުގައި ހިންގުމަށްޓަކައި، ބ. އަތޮޅުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެކިއެކި ރިޒޯޓްތަކުގެ ވެރިންނާއި އަދި ޑައިވް ސްކޫލްތަކުގެ ބޭފުޅުންނާ، މިހުރިހާ ބޭފުޅުން އެކުވެވަޑައިގަންނަވައިގެން، އެގްރީމަންޓެއްގައި ސޮއިކުރައްވައި، މިކަމާއިގެން އެކީގައި މަސައްކަތް ކުރައްވަން ނިންމެވި ކަމަށްޓަކައި. މިއީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް. ވަރަށްބޮޑު ކުރިއެރުމެއް. އެހެންވީމާ، އެކަމަށްޓަކައި ޚާއްޞަކޮށް، ސަރުކާރާ ގުޅިގެން މިވަރުގެ ބޮޑުކަމެއް ކުރެއްވުމަށްޓަކައި ޕްރައިވެޓް ސެކްޓަރުން، އެކިއެކި ރިޒޯޓްތަކުން، ޑައިވް ސްކޫލްތަކުން، އަދި ލިވްއެބޯޑު ކުންފުނިތަކުން މި އެއެއްބަސްވެވި އެއްބަސްވެވަޑައިގަތުމަށްޓަކައި އަޅުގަނޑު އެހުރިހާ ފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން.

އާދެ! މިފަދަ ކަންކަމަކީ މިއީ ސަރުކާރުން އެކަނި ކުރެވޭނެ ކަންކަމެއް ނޫން. ސަރުކާރުން ދެއްކޭނީ ލީޑަރޝިޕް. ސަރުކާރުން އޭގައި ކުރިއަށްދާންވީ ގޮތާ ދޭތެރޭގައި ޚިޔާލުފާޅުކޮށް، އެކަމުގައި ވެދެވޭން ހުރި އެހީތައް ވެދެވޭނެ. އެކަން ކުރެވޭނީ، އެންމެ ފުރަތަމަ ރައްޔިތުންނާއި ރައްޔިތުން ތަމްސީލުކުރާ އެކިއެކި މަޖިލިސްތަކާއި، ޖަމާޢަތްތަކާއި، ކައުންސިލްތަކާއި އަދި އިޤްތިޞާދީ ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ އެހީފުޅާއެކީގައި. މި ބ. އަތޮޅުގެ ކޮންސަރވޭޝަން މަޝްރޫޢުން ވަރަށް ރީތިކޮށް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، އެކަމަކީ ކުރެވިދާނެ ކަމެއްކަން. އަޅުގަނޑު ވަރަށް އުފާކުރަން، މި ފަންޑުގެ، ކޮންސަރވޭޝަން ފަންޑުގެ ފުރަތަމަ ބޯޑު ޖަލްސާ އިއްޔެ ބޭއްވި. މިހާތަނަށް ލިބިފައި ހުރި ފައިސާގެ ތެރެއިން އެއްލައްކަ ޑޮލަރު، ބ. އަތޮޅުގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި، ހޭލުންތެރިކަމަށްޓަކައި، ތަޢުލީމަށްޓަކައި، އެކިކަންކަމަށް ޚަރަދުކުރަން އިއްޔެވަނީ ނިންމަވާފައި. މިވޭތުވެދިޔަ 5 އަހަރު ދުވަހުގެ ބުރަ މަސައްކަތާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް، އަޅުގަނޑު މި އުންމީދު ކުރަނީ، ކުރިއަށް އޮތް 5 އަހަރަކީ އެއީ މި ޚިޔާލު، މި ވިސްނުން ރާއްޖޭގެ އެހެނިހެން އަތޮޅުތަކަށްވެސް ފޯރުކޮށްދެވޭނެ 5 އަހަރު ކަމަށް. މިހާރަކު އަދި ދަންނަވާކަށް ނޭނގޭނެ، ކިހާ ދުވަހަކުން ކަމެއް، ކިހިނެއް ކަމެއް މިކަން ހާސިލު ކުރާނީ. ކޮންމެކޮންމެ ކަމަކީ އެއީ، އެކަން ކުރަން ފަށާއިރުގައި، އެކަން ކުރެވޭނެގޮތާއި، ކުރާނެގޮތާއި، ކުރީމަ ނުކުންނާނެ ނަތީޖާއާ، މިހުރިހާ އެއްޗެއް ކުރިން އެނގޭ ކަންކަމެއް ނޫން. އެހެން ނަމަވެސް، ހެޔޮވިސްނުމެއްގައި އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުންތަކަކީ އެއީ، ގިނަ ބައެއްގެ ތާއީދު ލިބުމުން، ﷲ އިރާދަކުރެއްވިއްޔާ އެ ޙަޤީޤަތަކަށް ވެގެންދާނެކަންކަން.

އަޅުގަނޑުމެންނަކީ ވަރަށް ނަޞީބުގަދަ ބައެއް. މާތްﷲ ދިވެހިރާއްޖެއަށް ދެއްވާފައިވަނީ، ވަރަށްވެސް ޚާއްޞަ، ވަރަށްވެސް އާދަޔާ ޚިލާފު މާޙައުލެއް. ދިވެހިރާއްޖެއަކީ ދުނިޔޭގެ އެހެން ތަންތަނާ އަޅާބަލާއިރުގައި، އާދަޔާ ޚިލާފަށް ރީތި، ޤުދްރަތީ ގޮތުން އާދަޔާ ޚިލާފަށް މުއްސަނދި، އަދި ހަމައެހެން، އެހާމެ ނާޒުކު ތަނެއް. މާތްﷲ މި ބިމުގައި، މި ކަނޑުތަކުގައި ލައްވަވާފައިވާ އެކިއެކި ދިރުންތައް އެކަތި އަނެކައްޗާ ގުޅިފައިވާ މިންވަރާއި، އޭގެ ނާޒުކުކަމާ، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނަ ތަނެއް، މި އަތޮޅުގެ ތިމާވެށީގެ މާޙައުލަކީ. އަޅުގަނޑުމެންނަށް ކުރެވޭ ކުޑަކުޑަ ކަމަކުން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭތަން އެބަފެނޭ އަޅުގަނޑުމެންނަށް. މި މުއްސަނދި ރީތި މާޙައުލު، މިވޭތުވެދިޔަ އެތަކެއް ހާސް އަހަރު ވަންދެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި މިއޮތީ. ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ މި ރައްކާތެރިކޮށް ދަމަހައްޓަން. ހަމައެކަނި މިއަދު ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުމަށްޓަކައި ހުރިހާ ކަމެއް ބޭނުންކޮށްލާ ހުސްކޮށްލުމަކީ އެއީ، ކޮށްގެން ވާނޭ ކަމެއް ނޫން. އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްވެސް ބޮޑު އެތިކަލް ރެސްޕޮންސިބިލިޓީއެއް، މަސްއޫލިއްޔަތެއް އަޅުގަނޑުމެން މުސްތަޤްބަލަށްޓަކައި މި ޤުދްރަތީ މުއްސަނދިކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ.

އެގޮތުން މިހާރު މިކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށްގެން، ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް ބަޔޮސްފިއަރ ރިޒަރވެއް ޤާއިމު ކުރެވޭނެގޮތް ހޯދުމަށްޓަކައި، އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަދު މި މަހާސިންތާ ބޭއްވިގެން މިދަނީ. އަޅުގަނޑުގެ އުންމީދަކީ، މި މަހާސިންތާގައި ތިޔަބޭފުޅުން މިކަން ކުރެވޭނެ ގޮތްގޮތް ވިސްނާވަޑައިގެން ދެއްވުން. މިކަން ކުރުމުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގޮސް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ކުރިއަށްދާނެ ގޮތްގޮތަށް ވިސްނާވަޑައިގެންނެވުން. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބައެއް ތަންތަނަކީ އެއީ ޙިމާޔަތް ކުރެވިފައި ހުރި ތަންތަން ކަމުގައި ހަމަޖެހި، އަނެއްބައި ތަންތަނަކީ އެއީ ރޭވިގެން، ބެލެހެއްޓިގެން މަސްވެރިކަން ކުރެވޭ ތަންތަން ކަމުގައިވުން. އަދި ދަނޑުވެރިކަން ކުރެވޭ ތަންތަން ކަމުގައިވުން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ވިސްނައިގެން، މުޅި ރާއްޖެއާ ދޭތެރޭގައި ޚިޔާލުކޮށް، މި މަސައްކަތް ފަށައިގަނެގެން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ވިސްނުމަށްޓަކައި އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެ މިތިބީ. އެކަމުގައި އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްވަރެއް ލިބިއްޖެ ބ. އަތޮޅުން. އަދި ހަމައެއާއެކީގައި، ޕްރައިވެޓް ސެކްޓަރުން ވަރަށްބޮޑު ހިތްވަރެއް މިއަދު ލިބިގެން އެދިޔައީ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންވެސް ހަމަ އެހާބޮޑު ހިތްވަރެއް މިހާރު އަޅުގަނޑުމެންނަށް ލިބެމުން މިދަނީ. ދިވެހިރާއްޖޭގައި މިބާވަތުގެ މަޝްރޫޢެއް ފަށައިގެން އަޅުގަނޑުމެން ހިންގާތީ. އަޅުގަނޑަށް ޔަޤީންކަން އެބައޮތް، މިކަމަކީ ކުރެވިދާނެ ކަމެއްކަން. އަޅުގަނޑުމެން އުންމީދު މިކުރަނީ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ލަނޑުދަނޑިއެއް ކަނޑައަޅައިގެން މަސައްކަތް ކުރުން. ޢާންމު ގޮތެއްގައި މީހުން ލަނޑުދަނޑި ކަނޑައަޅަނީ، އެ ލަނޑުދަނޑި ކަނޑައަޅާ ދުވަހު ހުރިހާ ކަމެއްވެ ފުރިހަމަވާނެ ކަމަކަށް ނޫން. އެހެން ނަމަވެސް، ގޯލެއް އޮވެގެން މަސައްކަތް ކުރެވޭނީ. އެހެންވީމާ، އެ ގޯލާ ދިމާއަށް މަސައްކަތް ކުރުމަށްޓަކައި މިއަދު އަޅުގަނޑުމެން މަސައްކަތް މި ފަށަނީ. ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެކަންކަން ކުރެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެއީ އަޅުގަނޑުމެންނަށް މިކަން އެއްއަތޮޅުގައި މިހާރު ކުރެވުނީމަ. އޭގެ ތަޖުރިބާ އަޅުގަނޑުމެންނަށް ލިބިފައި އޮތީމަ.
އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ހުރިހާ ބޭފުޅުންގެ އަރިހުންވެސް އެދެން. މިކަމަކީ މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވައިގެން، މިކަމުގައި ތިޔަ ހުރިހާ ބޭފުޅުން ޙިއްޞާވެވަޑައިގެން މަސައްކަތް ކޮށްދެއްވުމަށް.

Before I leave I particularly want to thank our international partners. Particularly United Nations, UNESCO and also our private sector colleagues. I think what you have demonstrated today is a clear example and encouragement for the government and the people of Maldives, that together we can actually do very valuble and wonderful things. Baa Atoll Biosphere Reserve is exemplary and with the short experience that you have had we are beginning to see that it is something appreciated by the people of the atoll and also by the private sector. I am quite confident that this is a economically feasible, sustainable programme. But we are hoping that based on the experience of the last five years we would be able to extend this to the rest of the country. Now today what we are trying to do is trying to figure out what needs to be done; try to clarify what it is that we are trying to achieve first, and then how it can be done. I have no doubt in my mind it can be done. It might take a little bit of time. But it is necessary and it’s feasible. So once again I really want to thank you for your contribution. I am very confident that this will bring many benefits both to the country and business sectors.

Thank you very much for being here and for engaging yourself in this very important exercise and working together towards a vision that will make Maldives even a more special place in the international community.

Thank you very much.

والســّلام عليــكم ورحـمــة اللّـه وبـركاتـه.