ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް ބަޔޮސްފިއަރ ރިޒާރވެއް ޤާއިމު ކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށްޓަކައި ބާއްވާ ނޭޝަނަލް ސްޓޭކް ހޯލްޑަރ ކޮންފަރެންސް އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި އޮތް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެހެން ރަށްރަށުގައި ބަޔޮސްފިއަރ ރިޒަރވެއް ޤާއިމު ކުރުމުގެ ގޮތްތައް ހޯދުމުގެ މަސައްކަތްތައް، މި ކޮންފަރެންސުން ކުރަމުން ގެންދާއިރު، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންގޮސް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުންވެސް ކުރިއަށް ގެންދާނެ ގޮތަކާ ދޭތެރޭގައި ވިސްނާވަޑައިގަތުމަށް، އެކޮންފަރެންސްގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ބައެއް ތަންތަނަކީ ޙިމާޔަތް ކުރެވިފައިވާ ތަންތަން ކަމުގައި ހަމަޖެހި، އަނެއްބައި ތަންތަނަކީ ރޭވިގެން ބެލެހެއްޓިގެން މަސްވެރިކަމާއި ދަނޑުވެރިކަން ކުރެވޭ ތަންތަން ކަމުގައި ހެދުމާ ދޭތެރޭގައިވެސް ވިސްނާވަޑައިގަތުމަށް އެދިވަޑައިގެންނެވިއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ޤުދްރަތީ މުއްސަނދިކަން ރައްކާތެރި ކުރުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތަކުގެ ދަށުން ބ. އަތޮޅު، ބަޔޮސްފިއަރ ރިޒަރވަރކަށް ހެދުމަށް 2009 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި އެހިސާބުން ފެށިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބ. އަތޮޅަކީ އެއީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވެއް ކަމަށް، މިއަހަރުގެ ކުރީކޮޅު ރަސްމީގޮތުން ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެހެނިހެން އަތޮޅުތަކަކީވެސް ބަޔޮސްފިއަރ ރިޒަރވް ޤާއިމު ކުރެވިފައިވާ އަތޮޅުތަކަކަށް ހެދުމުގެ މަސައްކަތަކީ، ހަމައެކަނި ސަރުކާރުން ކުރެއްވޭނެ މަސައްކަތްތަކެއް ނޫން ކަމަށާއި، އެކަމުގައި ރައްޔިތުންނާއި ރައްޔިތުން ތަމްސީލުކުރާ އެކިއެކި މަޖިލިސްތަކާއި، ޖަމާޢަތްތަކާއި، ކައުންސިލްތަކާއި، އިޤްތިޞާދީ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ކުރެވިދާނެކަން ބ. އަތޮޅުގެ މަޝްރޫޢުން އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް ފެނިގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.