އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެޤައުމުގެ ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންނެވި ބަރަކް އޮބާމާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި މި ކާމިޔާބީއިން ދައްކައިދެނީ، ރައީސް އޮބާމާއަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި އެމެރިކާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބޭނެކަން ޔަޤީން ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ހަމަކުރައްވާފައިވެއެވެ. އަދި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިއަށް އޮތް ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.