އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑު އަތޮޅަކީ އާބާދީ ބޮޑު އަތޮޅަކަށް ވުމާއެކު އެއަތޮޅުގައި ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާބެހޭ މަޢުލޫމާތު، ކޮމިޓީގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، ވަޒީފާގެ ފުރުސަތުތައް ނެތުންފަދަ އެކިއެކި އިޖްތިމާޢީ މައްސަލަތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި އެއަތޮޅަށް އެކި ދާއިރާތަކުން ގެނެވިދާނެ ތަރައްޤީގެ މައްޗަށްވެސް ކޮމިޓީގެ މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައި، އެކަންތައް ކޮށްދެއްވުމަށް، ސަރުކާރުން ކުރެއްވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.