بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މާއެނބޫދޫގެ ލޮބުވެތި ރައްޔިތުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަދި ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑަށް މާއެނބޫދުއަށް މިއާދެވުނީ، ޢީދުގެ އުފަލުގައި ބައެއް ރަށްރަށަށް ކުރާ ޒިޔާރަތުގެ ތެރެއިން. އަޅުގަނޑު ހަނދާންވާ ގޮތުގައި، މީގެކުރިއަކުން މިރަށަކަށް އަޅުގަނޑަކަށް ނާދެވޭ. އެހެންވީމާ، މިއީ ފުރަތަމަފަހަރު އަޅުގަނޑަށް މާއެނބޫދުއަށް އާދެވޭ. ދެން އަޅުގަނޑު ޢާމިރު އަރިހުން އެހިން، މިރަށަށް މާއެނބޫދޫ ކިޔަނީ ކީއްވެގެންބާއޭ؟ މިރަށަކީ ކުރީގައި ވަރަށް ބޮޑަށް ބޮޑެތި އެނބޫ ހެދޭ ރަށެއްބާއޭ. ޢާމިރަކަށްވެސް ކޮންމެއަކަސް އެނގިވަޑައެއްނުގެންނެވި އެކަމެއް. ކޮންމެވެސް ސަބަބެއް އޮވެގެންތާ، ނަން ރަށްރަށަށް މިކިޔެނީ. ދެން ކޮންމެއަކަސް މިއީ ފުރަތަމަފަހަރު މިރަށަށް އަޅުގަނޑަށް އާދެވޭފަހަރު ކަމަށްވުމާ އެކީގައި، މިރަށުތެރެ ބަލައިލުމުގެ ފުރްޞަތު ލިބޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ކޮންމެވެސްވަރަކަށް ރަށް ގިރަމުން މިހާރު މިދަނީ. އަދި އެކަމަށް ޙައްލެއްވެސް ހޯދަން ޖެހިފައި މިއޮތީ. ދެން ވާހަކައާއިގެން ކުރިއަށް ދިޔުމުގެ ކުރިން، އެންމެ ފުރަތަމަވެސް އަޅުގަނޑު މިދެންނެވިހެން މިރަށަށް އަޅުގަނޑު މިއައީ ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން. އެހެންވީމާ، އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މި ބޮޑު ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން.

އާދެ! މިރަށަކީވެސް ކުޑަ ރަށެއް. އާބާދީގެ ގޮތުންނާއި އަދި ބިމުގެ ގޮތުން. އަޅުގަނޑުމެންގެ މި ރާއްޖޭގެ ރަށްތަކަކީ ޢާންމު ގޮތެއްގައި ކުދި ރަށްރަށް. މާބޮޑެތި ރަށްރަށެއް ނުހުރޭ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރުގައި، މި ރާއްޖޭގެ ރަށްތަކަކީ ވަރަށް ކުދިކުދި ރަށްރަށް. ދެން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ވަރަށް ސާފުކޮށް އެނގޭނެ، ރާއްޖެ ބަލައިލީމާ މިފެންނަނީ މާސިންގާ ކަނޑެއްގެ ތެރޭގައި ހުރި ކުދިކުދި ތިކިތަކެއްހެން. ރާއްޖެއިން ބޭރުގެ ގިނަ މީސްމީހުންނަށް ތަޞައްވުރު ކުރަންވެސް އުނދަގޫ، ރާއްޖެއަކީ ކިހާ ކުޑަކުޑަ ތަނެއްކަން. އަނެއްކާ ވަރަށްބޮޑު ދާއިރާއެއްގެ ތެރޭގައި، ގާތްގަނޑަކަށް ހާހެއްހާ ކިލޯ މީޓަރުގެ ދިގުމިނުގައި މިރަށްތައް މިހިރީ އެތުރިފައި. އެހެން ނަމަވެސް، އެތަކެއް އަހަރު ވަންދެން، އެތަކެއް ސަތޭކަ އަހަރު ވަންދެން، މި ރާއްޖެ ހަމަ ﷲ އިރާދަކުރެއްވީތީ އެބައޮތް. ފަހަކަށްއައިސް، ބައެއް ބޭފުޅުން ވިދާޅުވަމުންދަނީ، ރާއްޖެ ދެން ނެތިގެން ހިނގައިދާނޭ. އެހެން ނަމަވެސް، އަޅުގަނޑު އެވާހަކަ މުޅިއަކުން ޤަބޫލެއް ނުކުރަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މާތްﷲ މިރަށްތައް ހައްދަވައި، މިރަށްތައް ދިރުއްވައި، މިރަށްތަކުގައި އާބާދީއެއް ލައްވައި، މިކަން މިގޮތަށް ނިންމަވާފައި މިވަނީ، ސަބަބެއް ނެތިއެއް ނޫން. އަދި މިކަންކަން އިންތިޒާމު ކުރެއްވުމުގައި ސިއްރުތަކެއްވެސްވާނެ.

އާދެ! އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކަށް ވިސްނަވާލައްވާއިރުގައި، ރަށެއް ޤުދްރަތީ ގޮތުން އުފެދިފައި އޮންނައިރުގައި މިއޮންނަނީ، ރަށް ހަމަ ގާތްގަނޑަކަށް ބޯކޮށް ގަސްހެދިފައި. އާ ރަށަކަށް ވަޑައިގަތުމަށްފަހުގައި، ފުރަތަމަ ޖެހޭނީ ވާ ކޮށަން. ކޮށައިގެން އެތާ އެތެރެއަށް ވަދެވޭނީވެސް. އެހާ ބޯކޮށް ރަށް ހެދިފައި މިއޮންނަނީ. ޤުދުރަތީ ގޮތުން މިރަށްތައް އުފައްދަވާފައިވާ ގޮތް އެއީ. ދެން އެރަށްރަށް އާބާދުވެގެން އަންނައިރުގައި، އަޅުގަނޑުމެން މަގުހަދާ، ގޯތިތައް ސާފުކޮށް ހަދަމުން މި ގެންދަނީ. އެކަން ކުރާއިރުގައި، ރަށުގައި ހުންނަ ގަސްތަކާ އެއްޗެހިވެސް ކޮންމެވެސްވަރަކަށް ކަނޑަން އެބަޖެހޭ. އެހެން ނަމަވެސް، ބައެއް ރަށްރަށަށް ވިސްނާއިރުގައި، ވަރަށްގިނަ ޢަދަދެއްގެ ގަސް، އޭގެތެރޭގައި ކެނޑިގެންދޭ. ކެނޑުމުގެ ސަބަބުން ވާގޮތަކީ، ރަށް މި ހިޔާވެފައި މިއޮންނަ ހިޔާވަހިކަން، ގަސްތަކުގެ ފަތްތަކުން ހިޔާވެފައި އޮންނަ ހިޔާވަހިކަން ކެނޑިގެންދަނީ. ކެނޑިގެން ދިޔައީމަ، މިވާގޮތަކީ ރަށް ހޫނުވޭ އެބަ. ބިންގަނޑު އެބަ ހަނަފަސްވޭ. އަދި އޭގެ ސަބަބުން ބިންގަނޑުގައި ހުންނަ ފެންވެސް އެބަ އިވަޕަރޭޓް ވެގެން އެބަދޭ، ވަޔަށްވެގެން. މިކަހަލަ ބަދަލުތަކެއް ރަށަށް މިއަންނަނީ. ރަށް އުފެދިފައި މިއޮންނަނީ ވަރަށް ނާޒުކު ގޮތަކަށް. ރަށުގެ ވަށައިގެން ފަރެއް ލެވިފައި. އަދި ގޮނޑުދޮށުގައި ވަށައިގެން ހޭޅިއެއް ހެދިފައި. ހޭޅީގެ ފަހަތުގައި ގަސްތައް ހެދިފައި މިއޮންނަނީ. މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާއިރުގައި، ބައްލަވާ، މި ގަސްގަހުގެ ފަތްތައްވެސް މިހުންނަނީ، ވަކިވަރެއްގެ ހޫނުމިނެއް ހިފެހެއްޓިފައި އިނގޭތޯ. އަޅުގަނޑުމެންގެ ހަށިގަނޑުވެސް ވަކިވަރަކަށް، ވަކި ހޫނުމިނެއްގައި ހިފެހެއްޓިފައި ހުންނަ ގޮތަށް، ހަމަ ގަސްގަސްވެސް މިހުންނަނީ ވަކި ހޫނުމިނެއްގައި ހިފެހެއްޓިފައި. ﷲގެ ކުޅަދުންވަންތަކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ. މި ފަތްތައް މިހުންނަނީ ގާތްގަނޑަކަށް 21 ޑިގްރީ ސެލްސިއަސްގައި، ހޫނުމިން ހިފެހެއްޓިފައި. އެހެންވީމާ، ވާގޮތަކީ ގާތްގަނޑަކަށް ރާއްޖޭގެ ހޫނުމިން، 30 އަށް، 32 އަށް އަރައިގެންދާއިރުގައި، ގަސްތައް މިހުންނަނީ 21 ގެ ތެރޭގައި. ދެން އޭގެދަށުގައި އަޅުގަނޑުމެން އުޅޭގޮތަށް މިކަން މިއޮންނަނީ. އެހެން ނަމަވެސް، ގަސްތައް ކަނޑާލީމާ މިވާގޮތަކީ، އެއްކަލަ ފިނި ފަށަލަ އަޅުގަނޑުމެންގެ ބޯމަތިން ކެނޑިގެން މިދަނީ. ކެނޑިގެން ދިޔައީމާ ރަށް އެހާ ބޮޑަށް މި ހޫނުވަނީ. މިކަމާ ދޭތެރޭގައި ރަނގަޅަށް، ޚާއްޞަކޮށް، ސްކޫލް ކުދިން ވިސްނައި ފިކުރުކޮށްލައިފިއްޔާ އެނގޭނެ، މިއީ ވަކިކަހަލަ ގޮތަކަށް، ވަރަށް ނާޒުކު މާޙައުލެއްގައި، ﷲ ގެ ކުޅަދުންވަންތަކަމުން އާބާދު ކުރައްވާފައިވާ ތަނެއްކަން މިއިން ކޮންމެ ރަށަކީވެސް.

އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުންވެސް މިޖެހެނީ، މި މާޙައުލުގެ ތެރޭގައި، އަޅުގަނޑުމެންނަށް އުޅެވޭނެ އެންމެ ހިތްފަސޭހަކޮށް އުޅެވޭނެ ގޮތެއް ހޯދަން. ބައެއް ރިޒޯޓްތައް މިހާރު ހަދާއިރު، މިކަމަށް ވަރަށް ބޮޑަށް އެބަ ވިސްނާ. އެ ވިސްނާފައި މަގުތައްވެސް މި ހުންނަނީ ގަސްތަކުގެ ތެރެއިން މަގުހަދާފައި. އޭރުން ނުޖެހޭ ފައިވާނަކަށް އަރާކަށްވެސް. ބައެއް ރިޒޯޓްތައް އެބަހުރޭ ފައިވާނަށް އެރުން މަނާ ރިޒޯޓްވެސް. އެ މީސްމީހުން ރާއްޖެއިން ބޭރުގައި އުޅެ، ބޭރުގައި ތިބި މީހުން ވީމާ، އެމީހުން ފުރަތަމަފަހަރު ރާއްޖެ އައިސް މިބާވަތުގެ ކަންތައްތައް އެބަ ދެނެގަނޭ. އަޅުގަނޑުމެންނަކީ ރާއްޖޭގައި އަބަދު އުޅޭ ބަޔަކަށްވާތީ، މަޑުމަޑުން މިބަދަލުތައް އަންނަމުންދާއިރުގައި، އަޅުގަނޑުމެންނަށް މިކަމާ ދޭތެރޭގައި ވިސްނަންވާ ވަރަށް މި އޮންނަނީ ނުވިސްނިފައި. އެހެންވީމާ، ރަށްރަށުގެ ގަސްތައްވެސް ކަނޑާލާއިރު ތަންކޮޅެއް ބޮޑަށް ކަނޑާލެވެނީ.

އަޅުގަނޑަށް ގޯއްޗެއް ލިބިއްޖެ. ލިބިގެން ދެން މި ގޯތީގައި ވަރަށް ބައިވަރު ގަސްތަކާ އެއްޗެތި އޮތީމަ، އަޅުގަނޑަކަށްވެސް އޭރަކު ދެން މިކަންކަމާ ދޭތެރެއަކު މާބޮޑަކަށް ނުވިސްނޭ. މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރި. ދެން އަޅުގަނޑު ބުނެފިން ރައްޓެހިން ކައިރީގައި، އެރަށުގައި ތިބި މީހުން ކައިރީގައި، މި ގޯތި ކުޑަކޮށް ސާފުކޮށްލަން އެބަޖެހެއޭ. ކިޔާފައި ލާރިކޮޅެއްވެސް ދީފައި މިދިޔައީ. އެނބުރި އައިއިރުގައި ގޯތީގައި ނެތް އެންމެ ގަހެއްވެސް. ހުރިހާ ގަސް ކަނޑާލައިފި. މިހާރު އަޅުގަނޑު މިއުޅެނީ ގަސް އިންދަންވެގެން. އެކަމަކު ގަހެއް ރަނގަޅަށް ހެދި ބޮޑުވާން އެބަނަގާ، ވަރަށްގިނަ ދުވަސް. ދެން އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑު މުސްކުޅިވާއިރުގައި، ކިރިޔާ އެރަށުގައި އެގޯތީގައި ގަހެއް ހެދިގެން، ގަހުގެ ހިޔަލުގައި އިނދެވޭވަރުވާނީ. އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗަކީ، އެހެންވީމާ، ކުދި ގަސްގަސްވެސް ކަނޑުއްވާއިރުގައި، ވަރަށް ބައްލަވާފައި ކަނޑުއްވާލައްވަންވާނީ.

ދެން ހަމަ ޢާންމުކޮށް އަޅުގަނޑުމެންގެ ތެރޭގައި ކޮށްއުޅޭ ކަމެއް، މި ހޭޅި ސާފުކޮށްލުން. ދެން ހޭޅިއަކީ އެއީ ގޮނޑުދޮށް ހިފެހއްޓުމަށްޓަކައި ގޮނޑުދޮށް ގިރުނަ ނުދިނުމަށްޓަކައި ލައްވަވާފައިވާ ގަސްތަކެއް. އެ ހުރުމުގެ ސަބަބުން ގޮނޑުދޮށް ގިރުން ކުޑަވެގެން އެދަނީ. މިދެންނެވި ކަންކަމަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާންޖެހޭ. ސަބަބަކީ ބޮޑެތި ބައްރުތައްލާފައި ހުންނަ ބޮޑެތި ޤައުމުތަކާ ޚިލާފަށް، އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ކުޑަކުޑަ ތަނެއް. ވަރަށް ކުދިކުދި ނާޒުކު ރަށްތަކެއް އެކުލެވިފައިވާ ތަނެއް. މިހާރު ބައްލަވާ، އަޅުގަނޑުމެން މިއުޅެނީ، މި ދިރިއުޅެނީ 195 ރަށުގައި. އުޅޭއިރުގައި މީގެތެރެއިން 113 ރަށް އެބަ ވަރަށް ބޮޑަށް ގިރާ. މިރަށްވެސް އެބަ ގިރާ ވަރަށް ބޮޑަށް ހަމަ. މިރަށް ވަކި އިސްތިސްނާއެއްނުވާނެ. ދެން މިހާރު އަޅުގަނޑުމެން މިޖެހެނީ ހުރިހާ ރަށްރަށުގެ ގޮނޑުދޮށްތައް ވަރުގަދަކޮށް އާބާދުކުރަން. އެކަން ކުރުމަށްޓަކައި ތޮށިލުން. ތޮށްޓަކީ ފާޑެއްގެ ފަރެއް މިލެވެނީ. ޤުދްރަތީ ގޮތުން ލެވިފައި ހުރި ފާރު ހަލާކުވުމުގެ ސަބަބުން އަޅުގަނޑުމެން މިޖެހެނީ، އަޅުގަނޑުމެން އަމިއްލައަށް ފަރެއް ހަދާފައި ލާން، ތޮށްޓެއްގެ ނަމުގައި. މިކަހަލަ ބަދަލުތަކެއް މި އަންނަމުން މިދަނީ. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑު ދެންނެވިހެން، ޚާއްޞަކޮށް، ސްކޫލް ކުދިން ވިސްނައި، އަޅުގަނޑުމެންގެ އާބާދުވެފައިވާ ރަށަކީ ހިތްފަސޭހަ، ތިމާވެށްޓާ ރަޙްމަތްތެރި، ދިގު މުއްދަތަކަށް އަޅުގަނޑުމެންނަށް އެތަންތާނގައި ދިރިއުޅެވޭނެ ތަނަކަށް ހަދަން އެބަޖެހޭ.

ދެން ކޮންމެއަކަސް ރަށްރަށަށް މިހާރުވަނީ ކޮންމެވެސްވަރެއްގެ ގެއްލުންތަކެއް ލިބިފައި. އެހެންވީމާ، އެކަންކަން ރަނގަޅު ކުރުމަށްޓަކައި ތޮށިވެސް ލާންޖެހޭ އެބަ. ބަނދަރުވެސް ހަދަން އެބަޖެހޭ. އެގޮތުން، މިރަށުގައިވެސް އެހެން ކުރަންހުރި ކަންތައްތައް އަޅުގަނޑުމެން އެބަޖެހޭ ކުރަން. އަޅުގަނޑު ވަރަށް ޙައިރާންވެސްވެއްޖެ. އަޅުގަނޑު ވަރަށް ދެރަވެސްވަން. މިވޭތުވެދިޔަ ތާނގައި މިރަށަކަށް ސަރުކާރުގެ ފަރާތުން މާބޮޑު ކަންތައްތަކެއް ކޮށްދީފައި ނެތްކަން އެނގިފައި. ސުނާމީ އައިސްފައި ދިޔަފަހުންވެސް މިހާރު މިއީ ގާތްގަނޑަކަށް 8 އަހަރު، 9 އަހަރުވަނީ. މި މުއްދަތުގެ ތެރޭގައި ތިޔަ ވިދާޅުވީ، ޕްރީސްކޫލެއް އެކަންޏޭ މިރަށުގައި ސަރުކާރުން ހެދިފައި އޮތީ. އެއީ ވަރަށް ދެރަ ކަމެއް. ﷲ އިރާދަކުރެއްވިއްޔާ، އެއަށްވުރެން ބޮޑަށް ސަރުކާރުގެ އެހީ މިރަށަށް ލިބޭނެ ގޮތަކަށް އަޅުގަނޑުމެން ހަމަޖައްސަމުން ގެންދާނަން. ދެން މިކަމުގައި މި ދާއިރާގެ މެންބަރު ޢާމިރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑަށްވެސް ހަމަ ދޭތެރެ ދޭތެރެއިން މިކަންކަން ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން އެބަ ގެންދަވާ. ދެން މިދަތުރުގައި މިރަށަށް އައުމުގެ އެންމެބޮޑު އެއްބާރަކީވެސް ހަމަ ޢާމިރު. އެހެންވީމާ، ޢާމިރު ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މިހާރު ތިޔަ ވިދާޅުވިހެން ވަރަށްގިނަ ކަންތައްތަކެއް އެބަހުރި މިރަށަށް ކުރަން ޖެހިފައި. އޭގެތެރޭގައި ހުރި ކަންކަން ދެންމެ ލިސްޓް ކުރެވިގެން ދޔައީ. އަޅުގަނޑު ދެން އަންނަ ޖަލްސާއެއްގައި، ކައުންސިލްގައި އަޅުގަނޑަށް އެނގޭ، އެހުރިހާ ވާހަކައެއް އަންނާނެކަން. އެހެން ނަމަވެސް، މިހާރުވެސް އަޅުގަނޑު ދަންނަވަން ބޭނުން، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ބަޖެޓްގައި، މިރަށުގެ ބަނދަރު ހިމަނައިގެން، ބަނދަރުގެ މަސައްކަތް ފެށްޓޭތޯ ބަލާނަން. ދެން މީގެއިތުރުން ހަމަ ދާދި އަވަހަށް ނަރުދަމާގެ ކަންތަކުގައިވެސް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަންވެސް ފެށޭނެ. ދެން މިވަގުތު އަޅުގަނޑު އިތުރު ކަންތައްތަކެއްގެ ވާހަކައެއް ނުދަންނަވާނަން. އެއީ ހުރިހާ ކަމެއްގެ ވާހަކަ ދަންނަވައިގެން، އަނެއްކާ އެކަންކަން ނުނިމުނީމާވެސް ކަމަކުނުދާނެ. އެހެންވީމާ، އެންމެ އިސްކަންދޭ ދެކަމެއް ފާހަގަކޮށްގެން، އެކަންކަމަށް އަޅުގަނޑުމެން ސަމާލުވެގެން، އެކަންކަމަށް އަމާޒުކޮށް، އެކަން ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ.

އާދެ! ދެން އަޅުގަނޑު ފާހަގަކޮށްލަން އޮތް އަނެއް ނުކުތާއަކީ، އަޅުގަނޑަށް އެނގޭ، މިރަށުގެވެސް ތަފާތު ފިކުރުގެ ބޭފުޅުންވެސް ތިއްބެވިކަން. އެހެންނަމަވެސް، މިރަށަކުން އަޅުގަނޑަކަށް ނުފެނޭ ތަފާތު ކުލަތަކެއް. މިރަށުން އަޅުގަނޑަށް ފެންނަނީ ހަމަ ޤައުމީ ކުލަތައް. ޤައުމީވަންތަކަން. އަޅުގަނޑު މިރަށަށް މިއައީކީވެސް ކުލައެއް ހިފައިގެނެއް ނޫން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، މިރަށުގެ ރައްޔިތުން، ޤައުމީ ކަމެއްގެ ގޮތުގައި ބައްލަވައިގެން، އަޅުގަނޑުގެ މިދަތުރަށް ތަރުޙީބު ދެއްވައި، އަޅުގަނޑާއި އަޅުގަނޑާއި އަޅުގަނޑާ އެކުގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައި އަތިރިމައްޗަށް ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކޮށްލެއްވީތީ. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ! އަޅުގަނޑުމެންގެ ކުރިން މިދެންނެވިހެން އަޅުގަނޑުމެންގެ ރަށްތައް ޤުދްރަތީ ގޮތުން ހަމަ ނާޒުކުވީ ވަރަށް އަޅުގަނޑުމެންގެ ކޮމިއުނިޓީވެސް، އަޅުގަނޑުމެންގެ އާބާދީވެސް މިއީ ވަރަށް ނާޒުކު ގޮތަކަށް އިޖްތިމާޢީ ގޮތުން މި އޮންނަނީ. އަޅުގަނޑުމެންގެ ހުރިހާ ޢާއިލާތައް މި ހުންނަނީ ގުޅިފައި. އެއް ޢާއިލާއަކަށް ކުރާ އަސަރު އަނެއް ޢާއިލާއަކަށްވެސް ކުރާނެ. އެއްގޮތަކަށްވެސް ބައިބައިވެގެން އުޅެވޭކަހަލަ ގޮތަކަށް ނޫން، އަޅުގަނޑުމެންގެ މުޖުތަމަޢު ބިނާވެފައި މި އޮންނަނީކީވެސް. އެހެންވީމާ، ވަރަށް މުހިންމު ކަމެއް. ބޭރުގެ ޤައުމުތަކަށްވުރެ މާ މުހިންމު، ދިވެހިރާއްޖޭގެ ކުދި ރަށްތަކުގައި ރަށްރަށުގެ އާބާދީގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަން ދެމެހެއްޓުމަކީ. ބޭރު ބޮޑު ޤައުމެއްގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ނުދައްކައި މާދުރު ދުރުގައިވެސް އުޅެވިދާނެ. އެހެން ނަމަވެސް، ދިވެހިރާއްޖެއަކު އެހެނެއް ނޫޅެވޭނެ. އެއީ މިއަންނަ ބޮޑެތި ބަދަލުތައް، ފިކުރީގޮތުން އަންނަ ބަދަލުތައްވެސް، އޭގެ އަސަރު އެބަކުރޭ އެންމެ ޢާއިލާއަކަށްވެސް. އެންމެ ޢާއިލާއެއްގެ ތެރޭގައިވެސް. އަނެއްކާ ޖެހިގެން ހުންނަ ގެއަކަށްވެސް. މިހާ ކައިރީގައި، މިހާ ގައިގޯޅިކޮށް ދިރިއުޅޭ އާބާދީއެއްގައި އެކަހަލަ ބޮޑެތި ފިކުރީ ތަފާތުތައް އައިސްގެން، އެ ފިކުރީ ތަފާތުތައް އަޅުގަނޑުމެންގެ އިސްލާމީ އުޞޫލުތަކާއި، އިސްލާމީ އެއްބައިވަންތަކަމާއި، އަޅުގަނޑުމެންގެ ޤައުމީ އާދަކާދަތަކާ، މިކަންކަމުގެ މައްޗަށް އުފުލާލުމުން ދެންވާގޮތަކީ، މުޅި މުޖުތަމަޢު ގުޑައިގެން މިދަނީ. އަޅުގަނޑުމެންގެ ތެރޭގައި ވަރަށްބޮޑު ހަމަނުޖެހުން އުފެދޭ. އެއް އަޚު އަނެއް އަޚަކާ ވާހަކަ ނުދެކެވޭ. އެއްބަޔަކު އަނެއް ބަޔަކަށް އުނދަގޫކޮށް، މިކަހަލަ ބޮޑެތި ކަންތައްތަކެއް މި ހިނގަމުން މިދަނީ. އެހެންވީމާ، ބަޔަކު ކޮންމެ ގޮތަކަށް ތަނެއްގައި އުޅުނު ކަމުގައިވީނަމަވެސް، ރާއްޖޭގައި އަޅުގަނޑުމެންގެ ކުދި އާބާދީތަކުގައި، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ އުޚުވަތްތެރިކަމާއި، އެކުވެރިކަމާއި، އެއްބާރުލުން، އެހެން ހުރިހާ ކަމަކަށްވުރެ މައްޗަށް ނަގަން. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. މުސްލިމް އަޚުންނާއި އުޚުތުން. އެހެންވީމާ، އަޅުގަނޑުމެން އެކަން ހަނދާންކޮށް، ސިޔާސީ ގޮތުން އަންނަ އެކިއެކި ތަފާތުތަކާއި ވިސްނުންތަކާ، މިކަންކަން އެއީ މާބޮޑު ކަމަކަށް ނަހަދާ، އަޅުގަނޑުމެން ވިސްނަންވީ، ޤައުމީ އުޚުއްވަތްތެރިކަން އެއީ، އެންމެ މުހިންމު ކަމަކަށް ހަދަން. އޭރުން އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރެވޭނީ. އަދި އަޅުގަނޑުމެންގެ ރަށްވެސް ތަރައްޤީ ކުރެވޭނީ. އެހެން ނޫނިއްޔާ ތަރައްޤީއަށްޓަކައި ކުރާ ކޮންމެ މަސައްކަތަކަށް ކޮންމެވެސް ބަޔަކު ހުރަސްއަޅާނެ. އެކަން ކުރިޔަނުދޭން އުޅޭނެ. އެގޮތަކަށް އަޅުގަނޑުމެން ކުރިއަކަށް ނުދެވޭނެ. މިހާތަނަށްވެސް މިރަށަށް އައިއްސަ އޮތް ހުރިހާވެސް ކުރިއެރުމެއް އައިއްސަ މިއޮތީ، ރަށުގެ ރައްޔިތުން އެކީގައި، އެކުވެރިކަމާ އެކީގައި މަސައްކަތް ކޮށްގެން. ރަށުގެ ރައްޔިތުންނާއެކީގައި މަސައްކަތްކުރާ ވެރިން، އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކުރީމަ. އެ ވެރިން ބުނާގޮތަށް، ރައްޔިތުންވެސް އެހީތެރިވެދިނީމާ. އެގޮތް ކަނޑައިގެން ދިޔައީމަކާ ދެންވާނެ ގޮތަކީ ކުރިއެރުމެއް ނާންނާނެ. ދެންވެސް ހުރި ހުރިހާ ކަމެއް ހަލާކުވެގެންދާނީ. އެހެންވީމާ، މިކަމަށް މިރަށުގެ ލޮބުވެތި އެންމެހާ ރައްޔިތުން ސަމާލުވެވަޑައިގެން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑުމެންގެ ސްކޫލްގަޔާއި، އަޅުގަނޑުމެންގެ ޢާއިލާތަކުގެ ތެރޭގައި، މިކަންކަމަށް ސަމާލުވެވަޑައިގެން، މިކަންކަމަށް ނަސޭހަތްތެރިވެވަޑައިގެން ދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ! އަދިވެސް އެއްފަހަރު މިއުފާވެރި ޢީދުގެ ތަހުނިޔާ ދަންނަވަން. އަޅުގަނޑު ހީކުރަން، މިރަށުގައިވެސް ކޮންމެވެސް ވަރެއްގެ ޢީދުގެ ކުޅިވަރުތަކެއްވެސް އޮންނާނެ ކަމަށް. އަދި ޢީދުގެ އުފާފާޅުކުރުންވެސް އެބައޮތް ކަމަށް. އެހެންވީމާ، މިހެން އަންނަ މުނާސަބާތައް ކުލަގަދަގޮތެއްގައި ފާހަގަކުރައްވައި، ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވުން އަޅުގަނޑު އެދެން. އަދިވެސް އެއްފަހަރު، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ޝުކުރު ދަންނަވަމުން، އަޅުގަނޑު ވަކިވެލާނީ.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ އުފާވެރިކަމާއި ފާގަތިކަމާއި، ފުރިހަމަ ޞިއްޙަތެއްގައި މިރަށުގައި އުޅުއްވާ، ހިތްހަމަޖެހިގެން އުޅުއްވާ ބޭފުޅުން ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه