بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ރިނބުދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ވަޒީރުންގެ މަޖިލީހުގެ މެންބަރުން. އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއުފާވެރި ޢީދުގައި، ތިޔަ ރައްޔިތުންނާ ބައްދަލުކޮށްލަން މިރަށަށް އައުމުގެ ނަޞީބު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި، އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މި ބޮޑު ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދެންނެވުން.

އަޅުގަނޑު މި ހޯލަށް ވަނުމުން ފެނުނު ކުރެހުންތައް ފެންނައިރަށް އަޅުގަނޑު ހިތަށްއެރީ، މިއީ އަޅުގަނޑު ދަންނަ ކުރެހުމެކޭ. އެކަން މިވީގޮތަކީ، އަޅުގަނޑު ބޮޑުވަމުން އައިއިރުގައި، އަޅުގަނޑުމެންގޭ ފެންޑާމަތީގައި ގިރުނބައެއް ނުހުންނަ ހަނދާނެއް އަޅުގަނޑުނުވޭ. އޭރުގައި އެތާ މަސައްކަތް ކުރަން އަބަދުވެސް އިންނާނެ، މިރަށުގެ ބޭކަލަކު. ދެން އަޅުގަނޑު ހިތަށްއަރަނީ، ދެބޭފުޅެއް ވަރަށްގިނަ ޒަމާންވަންދެން އަޅުގަނޑުމެންގެ ގޭގައި ފެންޑާމަތީގައި އަތްކަން ކުރައްވަން ތިއްބެވި މިރަށުގެ ދެބޭކަލަކު. އެ ދެބޭކަލުންނަށްވެސް ކިޔަނީ ދޮން ޢަލީ. ދެން އަޅުގަނޑު ހިތަށްއަރާ، މިރަށުގެ ހުރިހާ ބޭފުޅުންނަށްވެސް ކިޔަނީ ދޮން ޢަލީބާއޭވެސް. ކޮންމެއަކަސް އަޅުގަނޑު މަންމައަކީ ވަރަށް ގަހަނާއަށް ލޯބިކުރައްވާ ބޭކަނބަލެއް. އެހެންވީމާ، ވީގޮތަކީ އަދި އެހެން ގެއަކަށް ދުރުވެ، މީހެއް ކައިރިއަށް ދުރުވެ ގަހަނާ ހެއްދެވުމުގެ ބަދަލުގައި ގަހަނާ ހައްދަވާ ބޭފުޅުން ގެއަށް ގެންނަނީ. ގެންނަވައިގެން ގޭގައި ބައިންދަވައިގެން މި ގަހަނާ ހައްދަވަނީ. އެބޭފުޅުންގެ ތެރޭގައި އެއްދުވަހު އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދެއްވި އަނގޮޓިއެއް. މި އަނގޮޓީގައި މި ހުންނަނީ މި ކުރެހުން. މިއަދު މިބުނާ އަނގޮޓި އޮންނަނީ އިލްހާމް އަތުގައި.

އާދެ! އަޅުގަނޑު މިދެންނެވި ވާހަކަ މިދަންނަވާލީ، އަޅުގަނޑުގެ އެންމެ ކުރީގެ ހަނދާންތަކާ އެކީގައިވެސް މިވަނީ ރިނބުދޫގެ އުފެއްދުންތެރިކަމުގެ ހަނދާންތައް. އެހެންވީމާ އެވާހަކަ މިދަންނަވާލީ. ކޮންމެއަކަސް މިދެންނެވި ޢާއިލާގެ މަސައްކަތް އަދިވެސް ހަމަ ފެނިގެން އެބަދޭ. އޭގެތެރެއިން މިހާރު ދޮންޢަލީގެ އެއްބޭފުޅަކަށް މިހުންނަވަނީ މުޢީން. މުޢީން މިހާރު އެ އެޅުއްވަނީ އޭދަފުށީގައި، ބ. އަތޮޅުގައި. އެހެން ނަމަވެސް، އޭނާވެސް ދިރިއުޅުމަށް ކުރައްވާ އެންމެބޮޑު އެއްމަސައްކަތަކީ ހަމަ އަތްތެރިކަމުގެ މަސައްކަތް. ގަހަނާ ހެދުމުގެ މަސައްކަތް. އެހެންވީމާ، އަޅުގަނޑަށް ރަނގަޅަށް އިޙްސާސް ކުރެވޭ، މިރަށަކީ ކޮންކަހަލަ ރަށެއްކަން. މިރަށުގެ ރައްޔިތުންގެ ހުރީ ކޮންކަހަލަ ކުޅަދާނަކަމެއްކަން، އުފެއްދުންތެރި ކަމެއްކަން، ވަރަށް ރަނގަޅަށް އަޅުގަނޑަށް އިޙްސާސް ކުރެވޭ. ރާއްޖޭގެ ތާރީޚުގައި އަދި ރާއްޖޭގެ ޘަޤާފީގައި، އާދެ! ރިނބުދުއަކީ ކޮންކަހަލަ ރަށެއްކަން އަޅުގަނޑަށް ހަމަ ރަނގަޅަށް އެބަ އިޙްސާސް ކުރެވޭ.

ވީމާ، ފުރަތަމަ އަޅުގަނޑަށް މިރަށަކީ މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ރަށެއް ކަމަށް އެނގުނުއިރުގައިވެސް، އަޅުގަނޑުގެ ހިތުގައި ކޮންމެވެސްވަރެއްގެ ސުވާލުތަކެއް ދިޔައީ އުފެދިގެން. ދެން މި ދެންނެވި ސިޔާސަތަކީ އެއީ ތަންކޮޅެއް ކުރިއްސުރެ ހަމަޖެހިފައި އޮތް ސިޔާސަތެއް. މިރަށް އޮތީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި. އެހެންވީމާ، އެ ޕޮލިސީގެ ދަށުން، އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވިފަހުންވެސް އަޅުގަނޑުމެން އެއްގޮތަކަށްވެސް ކުރިންހުރި ޕޮލިސީތައް މާބޮޑަށް ބަދަލުކޮށް، ކުރިން ކުރަމުން ގެންދިޔަ ކަންތައްތައް ހުއްޓުވާލައި، މިހެނެއް ނަހަދަމު. ދިގުދެމިގެން ގޮސްފައި ހުރި އެކި ސިޔާސަތުތަކާއި މަސައްކަތްތައް ވީހާވެސް ބޮޑަކަށް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ.

އެގޮތުން، ސަރުކާރުގެ ފަރާތުން ފަށާފައި ހުރި ބޮޑެތި މަޝްރޫޢުތައްވެސް އަޅުގަނޑުމެން މިގެންދަނީ ހަމަ އެގޮތަށް ކުރިއަށް. ގެދޮރުއެޅުމާއި، ޓްރާންސްޕޯޓާ، މިހެންހުރި މަޝްރޫޢުތައްވެސް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. ނަމަވެސް، މިރަށުގެ ވާހަކަ ދާދިފަހުން އަޅުގަނޑަށް މިއިވުނީ. އިވުނީމާ، އަޅުގަނޑަށްވެސް ހަމަ ރަނގަޅަށް ވިސްނިއްޖެ، މިރަށަކީ އާ ވިސްނުމަކަށް ދާންވެފައި އޮތް ރަށެއްކަން. ރަށުގެ ކައުންސިލްގެ ފަރާތުން އަޅުގަނޑާ މިދިޔަ އަހަރު ތެރޭގައި ބައްދަލުކުރި. ބައްދަލުކުރައްވާފައި މިރަށުން އެ ބޭފުޅުން ގެންގުޅުއްވާ ތަޞައްވުރެއް އަޅުގަނޑާ ޙިއްޞާ ކުރެއްވި. ނަމަވެސް އެއީ ވަރަށް އާ، ވަރަށް އުފެއްދުންތެރި އަދި އެއްވެސް މީހަކު އެކަން ނުކޮށްގެން، ގޮތަކަށް ވިސްނަވާފައި އޮތް ވިސްނުމެއް ނޫން. އެހެންވީމާ، މިހާރު މިއަދުވެސް އަޅުގަނޑު ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށް މި ވާހަކަ ދައްކާލައިފިން. އަޅުގަނޑަށް ފެންނަނީ، މިހާރު އޮތް ސިޔާސަތު، މިރަށުން މީހުން ބަދަލުކުރުމުގެ ސިޔާސަތާމެދު އަލުން ވިސްނުމަކަށް އަޅުގަނޑުމެން ދާންވީ. އަލުން ވިސްނުމަކަށް ދިޔުމަކީ، އެކަން އަލުން މުޠާލިޢާ ކުރުން. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ، ރަށުގެ ތަރައްޤީއަށްޓަކައި މިހާރު ހެދިފައި އޮތް އެއްވެސް މަޝްރޫޢެއް އޮވެއްޖެއްޔާ، އެ މަޝްރޫޢުގެ މައްޗަށް ބިނާކޮށް، މަޝްވަރާތަކެއް މިރަށުގައި ބާއްވަން. ބާއްވާފައި ރަށުގެ ރައްޔިތުންގެ މީޓިންގއެއް ނަމަވެސް ބާއްވަވައިގެން، އެކަމާ ދޭތެރޭގައި ޚިޔާލުފުޅު ކުރައްވައި، ނިންމަވާގޮތް އެއީ ނިމުނުގޮތް ކަމަށް ހެއްދެވުން.

މީގެކުރިން ރަށްރަށުގެ ސިޔާސަތު ކަނޑައެޅުމުގައި ގެންގުޅުއްވާ ޢާންމު އުޞޫލަކީ، އެވަގުތަކު ވެރިކަމުގައި ތިއްބަވާ ބޭފުޅުންކޮޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ރަށްރަށާ މެދުގައި ކަންތައްތައް މިގެންދަވަނީ. ފަޅުކުރަންޖެހޭ ރަށްރަށާއި، އާބާދުކުރަންޖެހޭ ރަށްރަށާ، މިކަންކަން ނިންމަވަނީ، ވެރިކަމުގައި ތިއްބަވާ ބޭފުޅުންކޮޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް. އޭގެތެރޭގައި ޓެކްނިކަލް އެހީވެސް ހޯއްދަވަމުން. އެހެންވީމާ، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން އަދި މީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ނޫނީވިއްޔާ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވިސްނާވަޑައިގެންފައި ނިންމަވަނީ، މިކަހަލަ ބޮޑެތި ސިޔާސަތުތައް.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ޙަޤީޤީ ޑިމޮކްރަސީއަކަށް އަޅުގަނޑުމެން ދިޔައީ ރައްޔިތުންނާ އެއަށްވުރެ ބޮޑަށް މަޝްވަރާ ކުރަންވެގެން. ރައްޔިތުންނާ ރަނގަޅަށް މަޝްވަރާ ނުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ މަޢުލޫމާތު ނުލިބި، ކަންކަން ނިންމީމާ ދިމާވާގޮތް މިރަށުން އެ ފެނިގެންދަނީ. އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ، ރަށުގެ ކައުންސިލާއި އަދި ރައްޔިތުން، އޭގެތެރޭގައި ކަމުވޮށިވެގެންވާ ހަމަ ހުރިހާ ބޭފުޅުންނާއި ރަށުގެ ކިޔަވާ ކުދިންވެސް ހިމެނޭގޮތަށް، ޓައުންހޯލް މީޓިންގއެއް ބާއްވައި، އެއަށް ތައްޔާރުވުމުގެ ގޮތުން ތައްޔާރު ކުރަންޖެހޭ އެކިއެކި މަޢުލޫމާތުތައް ހޯދައި، އެކަން ކުރުމަށްފަހުގައި، މަޝްވަރާ ކުރުމަށްފަހު، މިރަށުގެ ރައްޔިތުން ގޮތެއް ނިންމަވައިދެއްވާނީ. އެކަކު ދެމީހަކު ބުނާ ވާހަކައަކަށް ނޫން. ނޫނީ ވަކި ވަޒީރަކު ވިދާޅުވާ ގޮތަކަށްވެސް ނޫން. ނޫނީ އަޅުގަނޑު ބުނާގޮތަކަށްވެސް ނޫން. ތިޔަ ރައްޔިތުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް، ޙަޤީޤީ ޑިމޮކްރަސީގެ އުޞޫލުތައް ބޭނުންކުރައްވައިގެން، އެގޮތް ނިންމަވާނީ. ނިންމެވީމާ އެކަންކަން އަޅުގަނޑު ހަމަ ސަތޭކައަކުންސަތޭކައަށް ތާއީދުކޮށް، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް އިރާދަކުރެއްވިއްޔާ އެކަން ކުރަމުން ގެންދާނީ.

އަޅުގަނޑު އުޞޫލެއްގެ ގޮތުން ދަންނަވާފައި އޮންނާނީ، އެއްވެސް ރައްޔިތަކު، އެ ރައްޔިތެއްގެ ވިސްނުމާ ދެކޮޅަށް، ގަދަބާރުން އަޅުގަނޑު އެއްވެސް މީހަކު އެމީހެއްގެ ވަޒަނުން ބޭރުކޮށް، ރަށް ބަދަލެއް ނުކުރާނަމޭ. އެއީ އަޅުގަނޑު ވަރަށް ސާބިތުކަމާ އެކީގައި، އެ އުޞޫލު އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން. ދެންމެ ވަރަށް އަސަރާ އެކުގައި ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޞިޔާމް މުޙަންމަދު އެ ދެއްކެވީ ހަމަ އެވާހަކަ. އެބޭފުޅާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށްވުރެ މާބޮޑަށް ޙަޤީޤަތުގައި މިރަށުގެ ޙާލަތު އޮތްގޮތާއި، މިއަތޮޅުގެ ޙާލަތު އޮތްގޮތާ އެނގިވަޑައިގަންނަވާނެ، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް. އެހެންވީމާ، ރަށެއްގެ އިޤްތިޞާދުވެސް މުޅިން އެކަމަށް ގެންގޮސްގެން ކަމަކުނުދާނެ. އަޅުގަނޑު ވަރަށް އުފާވެއްޖެ، މިރަށުގެ ބައެއް ބޭފުޅުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅުއްވާތީ. އެހެން ނަމަވެސް، އެ ވިދާޅުވިހެން އެކަން ކުރިއަށް ގެންދެވޭނީ، ބަނދަރުވެސް އޮވެގެން. އެކަން ކުރިއަށް ގެންދެވޭނީ ދޯނިފަހަރުވެސް އޮވެގެން. އެއީ ހަމައެކަނި އެހެން ރަށްރަށުގެ އެހެން މީސްމީހުންގެ ދޯނިފަހަރުގައި މަހަށް ގޮސްގެނެއްވެސް ނޫން. އެހެންވީމާ، މިހެންހުރި ތަފާތު އެއީ. އިޤްތިޞާދީ ގޮތުން ކުރެވެންހުރި ކަންތައްތައް އަޅުގަނޑުމެން އާލާކުރުން.

އަދި ކުރިން ދެންނެވިހެން، މިރަށުގެ އިޤްތިޞާދުގެ ވަރަށް މުހިންމު ބައެއް، މި ޘަޤާފީ ގޮތުން އިޤްތިޞާދީ މަސައްކަތެއްގެ ގޮތުގައި ކުރައްވަމުން ގެންދެވި މަސައްކަތް. އެހެންވީމާ، އެކަންކަންވެސް އާލާކުރުމަށްޓަކައި ރަށުގެ ކައުންސިލުންވެސް ވަރަށް ރަނގަޅު ޚިޔާލުފުޅުތަކެއް އެބަ ގެންގުޅުއްވާ. އެހެންވީމާ، އެކަންކަންވެސް އަޅުގަނޑު އުންމީދު ކުރަން، ކުރިއަށްދާނެ ކަމަށް.

މި ރަށްރަށުގެ ސްކޫލްގެ ކްލަބަށް، އެކްލަބުން ކޮންމެވެސް ކުއްޖަކާ އަޅުގަނޑާ މިއަދު ހެނދުނު ބައްދަލުވި. ބައްދަލުވީމާ އަޅުގަނޑު ހިތަށްއެރި، އެ ކްލަބްގެ ފަރާތުންވެސް އެކަހަލަ މަސައްކަތް ދަސްކޮށްދޭބާއޭ، މި ސްކޫލްގައިވެސް. ސްކޫލަކީ ހަމައެކަނި ލިޔަންކިޔަން ދަސްކުރާ ތަނެއް ނޫން. ސްކޫލަކީ މަސައްކަތްތައްވެސް ދަސްކުރަންޖެހޭ ތަނެއް. އަޚުލާޤުވެސް ދަސްކުރަންޖެހޭ ތަނެއް. އެހެންވީމާ، މި ސްކޫލްވެސް މުސްތަޤްބަލުގައި ވެގެންދާންޖެހޭނީ، މިރަށުގައި މިހިރަ މުއްސަނދި އުފެއްދުންތެރިކަމާއި ހުނަރުތައް ދަސްކޮށްދޭ ތަނެއްގެ ގޮތުގައި. އަޅުގަނޑުގެ އުންމީދު މިރަށާ ދޭތެރޭގައި ވަރަށް ރަނގަޅު. މިރަށުގެ މުސްތަޤްބަލް އޮތީ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި. އަޅުގަނޑު މިމަޤާމާ ޙަވާލުވެ ހުރިހާ ދުވަހަކު، ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް އިރާދަކުރެއްވިއްޔާ މިރަށުގެ ތަރައްޤީގެ ކަންތައްތައް ގެންދަން އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ.

އާދެ! އެހެންވީމާ، ފުރަތަމަ ކަމެއްގެ ގޮތުގައި، އަޅުގަނޑު މިއަދު ދެންނެވިން، މިރަށުގެ ކަރަންޓްގެ ޚިދްމަތް [ފެނަކާ]ގެ ދަށަށް ގެންދާގޮތަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަން ވެގެންދާނެ. އެކަމާ ބެހޭގޮތުން އަޅުގަނޑު ކުންފުންޏާ ވާހަކަ ދައްކައި، އެކަން އިންތިޒާމް ކުރެވޭތޯ ބަލާނަން. ދެން ދެވަނަކަމަކަށް އެދިވަޑައިގެންނެވި އަނެއް ކަމަކީ، މިހާރު ފަޅުކޮށް ހުރި ގޯތިތައް، ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ދިނުން. މިގޮތަށް ދިމާވެފައި ހުރި ބައެއް އެހެން ރަށްރަށްވެސް އެބަހުރި. އެގޮތަށް ހުރި ގޯތިތައް އެބަހުރި. އަދި އެކަމަށް އެދެމުންވެސް އެބަދޭ. އެހެންވީމާ، މިކަމާ ބެހޭގޮތުންވެސް. މިއީ އެއްގޮތަކަށްވެސް އަދި އަޅުގަނޑުމެން ނުކުރާ ކަމެއް. އެގޮތަށް އެހެން ފަޅުވާ ގޯތި ގޯތި އެހެން މީސްމީހުންނަށް ދިނުން. އެހެންވީމާ، ނުކޮށް އޮތް ކަމަކަށްވާތީ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާނަން. އެ ވިސްނާފައި އޭގެ ސަބަބުން އެހެން ރަށްރަށަށްވެސް ކުރާނީ ކޮން އަސަރެއްތޯ ބަލާފައި، އިރާދަކުރެއްވިއްޔާ އެކަންވެސް ރަނގަޅު ގޮތަކަށްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! ދެން އެންމެ ބޮޑަށް ތިޔަބޭފުޅުން ބޭނުންފުޅުވެފައިވާ ކަމަކީ ބަނދަރު ހެދުމުގެ ކަންތައް. އެކަމުގައި އަޅުގަނޑު މުޅިން ގޮތެއް ނިންމާނީ، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކުގައި. އެކަން އެހެންވީމާ، ވަރަށް އަވަހަށް އެކަން ކުރެއްވުން އަޅުގަނޑު އެދެން. އެކަމުގައި އިސްކޮށް އުޅުއްވަން އަޅުގަނޑަށް ވަރަށް ބޮޑަށް ފެނޭ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ހަމައެހެން އަޅުގަނޑުމެންގެ ޓުއަރިޒަމް މިނިސްޓަރުވެސް. އެއީ މިރަށް ތިޔަބޭފުޅުން ތި ތަޞައްވުރު ކުރާގޮތަށް ބަދަލުކުރާ ކަމަށްވާނަމަ، އެ ވެގެންދާނީ، ޓުއަރިޒަމްގެ އާ ޕްރޮޑަކްޓަކަށް. އާވައްތަރެއްގެ ޓުއަރިޒަމަކަށް. އެހެންވީމާ، ޓުއަރިޒަމް މިނިސްޓަރ އޭގައި އެބަޖެހޭ ބައިވެރިވެވަޑައިގަންނަވަން. ދެން ހަމައެއާއެކީގައި، އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ ހައުސިންގ މިނިސްޓަރ މީގައި ބައިވެރިވެވަޑައިގަންނަވަންވާނެ. އެހެންވީމާ، އެ ތިންބޭފުޅުންގެ ލީޑަރޝިޕްގެ ދަށުން މިރަށުގައި، ކޮންސަލްޓޭޝަންތަކެއް، މަޝްވަރާތަކެއް ބާއްވަން އަޅުގަނޑު އެދެން. އެކަން ކުރެއްވުމަށްފަހުގައި، ދެން މިރަށުގެ މުސްތަޤްބަލް، ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން ރާވާލައިގެން، މިހާރު ހެދިފައި އޮތް ޕްލޭންގެ މައްޗަށް ބިނާކޮށް، އެ މަޝްވަރާކޮށްގެން ކުރިއަށް ގެންދާ ގޮތަށް އަޅުގަނޑުމެން ނިންމާނީ.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ އޭރުން ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް އެކަން ނިމިގެންދާނެހެން. މިއީ އަލަށް ކުރެވޭ މަސައްކަތަކަށްވާނީ އިނގޭތޯ. އެހެން އެއްވެސް ރަށެއްގައި އަޅުގަނޑުމެން ނުކުރާ ކަމެއްގެ ވާހަކަ އަދި މިދައްކަނީ. އެހެންވީމާ، މިކަން ވަރަށް ޚާއްޞަ ގޮތަކަށް ކުރިއަށް ގެންދަން އަޅުގަނޑު އެދެން. އެކަން ކުރުމުގައި ހަމަ ވަގުތުތަކެއް ހޭދަނުކޮށް، ހަމަ ވަރަށް އަވަހަށް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ފެންނަނީ މި މަސައްކަތް ފަށްޓަވައިގެން ކުރިއަށް ގެންދަވަން. ގެންދަވާފައި އެ އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ގޮތެއް ނިންމަން. އެއީ އާ އަހަރާއެކީގައި، އަޅުގަނޑުމެންނަށް ދެން ކުރިއަށް ދާންވާގޮތަށް، އެ ހިންގަންޖެހޭ ބޮޑެތި މަޝްރޫޢުތައްވެސް ހަދައިގެން ކުރިއަށް ގެންދެވޭނީ.

އަޅުގަނޑު ހީކުރަން، މިދެންނެވި ގޮތް އެއީ ތިޔަ ހުރިހާ ބޭފުޅުންނަށް ޤަބޫލުފުޅު ކުރެއްވޭ ރަނގަޅު ގޮތަކަށްވާނެކަމަށް. އަޅުގަނޑަށްވެސް މިތާ ހުރެފައި ދެންނެވިދާނެ، އަޅުގަނޑު މިވެނި ކަމެއް ކުރާނަމޭ، އެވެނި ކަމެއް ކުރާނަމޭ ކިޔައިގެން ވާހަކަތަކެއް ދެއްކިދާނެ. ދައްކާފައި މާލެ ގޮސް ދެން ޚަބަރެއްނުވޭ. ވާނުވާއެއް ނޭނގެ. ދެން ތިޔަބޭފުޅުން އަނެއްކާވެސް އެ އިންތިޒާރުގައި ތިއްބަވަންވީ، ކުރިއަށް ފަސްއަހަރު ދުވަސް ވަންދެން. އެއީކީ އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫން އިނގޭތޯ. އެހެންވީމާ، މިގޮތަށް ކުރިއަށް ގެންދިޔުން އެއީ ތިޔަބޭފުޅުން ޤަބޫލުފުޅު ކުރައްވާނެ ގޮތެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން.

އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، މިރަށް ރަނގަޅަށް އާބާދުވެ، ރަށަށް ދިރުމެއް އައިސް، ރަށުގެ ރައްޔިތުން ބޭނުންފުޅުވާ ގޮތަށް، މިރަށުގެ ކަންކަން ކުރިއަށް ދިޔުން. އަދި ޚާއްޞަކޮށް، މިރަށުގެ ރައްޔިތުންގެ ދިރިއުޅުއްވުން ފަހިވުން. ތިޔަބޭފުޅުންގެ އާމްދަނީ އިތުރުވުން. ތިޔަބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ލިބި، ދުޅަހެޔޮ ޞިއްޙަތެއްގައި މި ޖަމާޢަތް ކުރިއަށްދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ ތިޔަ ހުރިހާ ރައްޔިތުންނަށްވެސް ރަޙްމަތް ލެއްވުން. އަޅުގަނޑުގެ ދުޢާއަކީ، މިރަށަށް އަދަށްވުރެ ފަހި މާދަމައެއް މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه