ނޮވެމްބަރ 3 ގެ ޙާދިޘާއިންނާއި، މާޒީގައި މިނިވަންކަމަށް ލޮޅުންއަރާފައިވާ ކޮންމެ ޙާދިޘާއަކުން ޢިބްރަތް ލިބިގަނެ، ޤައުމުގެ މިނިވަންކަމަށް ސަމާލުވެ ތިއްބެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ 3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމަށް ހެދިފައިވާ ހަނދާނީ ބިނާ ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީވަންތަކަމަށް އަޅުގަނޑުމެން ސަމާލުވެގެންނެވެ. އެހެންކަމުން، ކޮންމެ ދިވެއްސަކުވެސް، ޤައުމަށްޓަކައި ޚާއްޞަ ލޯތްބެއް ބާއްވަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ، މި ޤައުމު ފަސާދަވެ، އަޅުގަނޑުމެންގެ މިނިވަންކަން ބީވެގެން ހިނގައިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެދުވަހުގެ ޢުދުވާނީ ޙަމަލާއަކީ، ކުރިމަތިވެދާނެ ކަމަށް ދިވެހިން އެއްގޮތަކަށްވެސް ހީކޮށްގެންތިބި ޙަމަލާއެއް ނޫން ކަމަށާއި، ދިވެހިންގެ މިނިވަންކަމާ ތޮޅެން ބަޔަކު އަތުވެދާނެ ކަމަށް އެއްވެސް މީހަކު ފިކުރެއް ނުކުރާ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހި ތާރީޚުގައި ދިވެހިންގެ މިނިވަންކަމަށް ލޮޅުން އަރާފައިވާ ކޮންމެ ފަހަރަކު، އެކަން މެދުވެރިވީފަދައިން، ދިވެހިންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންތަކެއްގެ ސަބަބުން ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާ އަޅުގަނޑުމެންނަށް އަމާޒުވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެދުވަހުގެ ޢުދުވާނީ ޙަމަލާގައި، ދިވެހި ސިފައިން ވީ މަތިވެރި ޤުރުބާނީއާއި ކުރި އަގުހުރި ޖިހާދުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެއީ، ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ޤުރުބާނީއަކާއި ޖިހާދެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި އެ ޙަމަލާގެ އެންމެ ފުރަތަމަ ހިނދުކޮޅުން ފެށިގެން، ބާޣީންނަށް ރައްދު ޙަމަލާދިނުމުގައި، ދިވެހި ސިފައިން ދައްކައިދީފައިވާ ސާބިތުކަމާއި ހިތްވަރުގަދަކަން، ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ. ހަމައެއާއެކު އެޖިހާދަކީ، އަންނަން އޮތް ޖީލުތަކުގެ ދަރިން، އުފަލާއެކު، ދިވެހި ސިފައިންގެ ޚިދްމަތުގެ އަގު ވަޒަންކޮށް، ޝުކުރު އަދާކުރާނެ ޖިހާދެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅިގެން، ރާއްޖެއަށްވެސް މިދަނީ އެ ބަދަލުތައް އަންނަމުންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، އަޅުގަނޑުމެންގެ ވެށްޓަށް އައިސްފައިވާ ހަލަބޮލިކަމުން އޭގެ ނާޖާއިޒް ފައިދާ ނެގުމަށް، އެއްވެސް ފުރްޞަތެއް އަޅުގަނޑުމެން ދީގެނެއް ނުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ ހަމަޖެހުން ނަގާނުލުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުމާއި، އިޖުތިމާޢީ ޢަދާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ނޮވެމްބަރ 3 ގެ ޒިކުރާ އާ ކުރާއިރު، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ. އަދި ރައީސް މައުމޫން އެދުވަހު ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ، ޤައުމެއްގެ ވެރިއެއްގެ ޙައިޘިއްޔަތުން ވެރިއަކަށް ކޮށްދެއްވޭނެ އެންމެ ފުރިހަމަ މަސައްކަތްޕުޅުތައް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ، ދިވެހި ޤައުމު އަބަދުވެސް ޝުކުރުވެރިވާނޭ ޤައުމީ ބަޠަލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެ ދުވަހު ދިވެހި ފުރާނަތައް ސަލާމަތްކުރުމަށްޓަކައި އާންމު ރައްޔިތުންގެ ތެރެއިން އަމިއްލައށް ނުކުމެ މަސައްކަތްކުރި ހިތްވަރުގަދަ ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މިރޭގެ މިރަސްމިއްޔާތުގައި، 3 ނޮވެމްބަރުގެ ހަނދާނީ ބިނާ ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މި ރަސްމިއްޔާތުގައި 7 ބަޑީގެ ސަލާމެއް އަރުވައި، ނޮވެމްބަރ 3ގައި ޝަހީދުވި ފަރާތްތަކުގެ ހަނދާނުގައި 30 ސިކުންތުގެ ސުކޫތެއް ގެނެވުނެވެ.

3 ނޮވެމްބަރު ދުވަހާ ގުޅޭގޮތުން ތައްޔާރު ކުރެވިފައިވާ ފޮތް ނެރުއްވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.