ބްރެޒިލްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަރސެލޯ ވަސްކޮންސެލޮސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބްރެޒިލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބްރެޒިލާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ދެބޭފުޅުންގެ ވާހަކަފުޅުގައި، ބްރެޒިލްގެ ރިއޯޑިޖެނީރޯގައި ބޭއްވުނު އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ބައްދަލުވުމުން ނިންމުނު ކަންކަމަކީ، ކުރިއަށްއޮތްތާނގައި ބާއްވާ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ބައްދަލުވުންތަކުގައި އިތުރަށް މަޝްވަރާ ކުރުމަށް މަގުފަހިކުރެވޭ ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަރަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، އެކި ގެއްލުންތައް ލިބެމުންދާތީ، ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ މަޢްލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ބްރެޒިލް ސަފީރާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ އަދި ބަޖެޓުގެ ދަތިތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބްރެޒިލް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިހާރު އެހީތެރިކަން ބޭނުންވެފައިވާ ދާއިރާތައް ފާހަގަކޮށް، އެޤައުމުގެ ފަރާތުން ކޮށްދެއްވެން ހުރި ކަންތައްތައް ބެއްލެވުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ސިޔާސީ، އިޤްތިޞާދީ އަދި ތިމާވެށީގެ ރޮނގުން މެދުވެރިވެފައިވާ އެކިގޮންޖެހުންތަކުގެ މަޢުލޫމާތު އިތުރަށް ސާފުކުރައްވައި ވިޔަފާރީގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.