بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލަނީ، މިވޭތުވެދިޔަ ދެދުވަހެއްގެ ތެރޭގައި، ރާއްޖެއަށް ވަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިހާރުވަނީ ފެންބޮޑުވެ، ބައެއް ޢާއިލާތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައި. އެހެންވީމާ، މި ޢާއިލާތަކަށް، މި ރަށްތަކަށް އެހީވެދިނުމަށްޓަކައި މިހާރު ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ގެންދާ ވާހަކަ ދެންނެވުމަށް. އަދި އެހުރިހާ ޢާއިލާތަކަށްވެސް ސަރުކާރުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެރުވުމަށްޓަކައި.

އާދެ! މިހާރު މިކުރާ ވިއްސާރައިގެ ސަބަބުން ގާތްގަނޑަކަށް މިހާރު ރާއްޖޭގެ ސައްވީހަކަށް ރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ޢާއިލާތަކަށް އަސަރުކޮށްފައިވަނީ. އެކިއެކި ގޯތިތަކަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗާއި އަދި ގޭގެއަށް ގެއްލުން ލިބިފައިވަނީ. އެގޮތުން، މިއަދު އަޅުގަނޑު މިއައީ އުތުރުގެ ދެރަށަކަށް ޒިޔާރަތް ކޮށްފައި. އެންމެބޮޑަށް މި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައިވާ އެއްރަށަކީ، ހއ.ހޯރަފުށި. އަދި ހަމައެހެން، ހއ. ކެލާ އަދި ހަނިމާދޫ. މީގެއިތުރުން، އެނގިވަޑައިގަންނަވާނޭ ފަދައިން، އައްޑުއަތޮޅަށްވެސް ވަނީ ވަރަށް ބޮޑަށް ވިއްސާރައިގެ އަސަރުކޮށް، ބައެއް ގޭގޭގެ ފުރާޅު އެއްލާލައި، ގޭގެއަށް ހުރީ ގެއްލުން ލިބިފައި. އަދި މިހާރު އަޅުގަނޑުމެންނަށް ޚަބަރު ލިބެމުންދާގޮތުން، ހައްދުންމަތީގެ ގިނަ ރަށްތަކަކަށް، މި ވިއްސާރައިގެ ސަބަބުން ގެއްލުން ލިބެމުން އެބަދޭ. އެހެންވީމާ، މިކަމާ ބެހޭގޮތުން ބައެއް މަޢުލޫމާތު ދަންނަވާލުމަކީ، އަޅުގަނޑުގެ ވާޖިބެއް މިވަގުތު.

މިހާރު ޑިޒާސްޓަރ މެނޭޖްމަންޓް ޓީމުގެ ފަރާތުން އިއްޔޭއްސުރެ މަސައްކަތް ކުރަމުން މިގެންދަނީ، އެފަރާތްތަކަށް އެހީތެރިވެދިނުމަށްޓަކައި. އާދެ! އެގޮތުން ފުރަތަމަ އެއްކުރަންޖެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. އެނގިވަޑައިގަންނަވާނޭ ފަދައިން، އިއްޔެވާނީ އަޅުގަނޑު ރާއްޖޭގެ އުތުރަށާއި ދެކުނަށް ދެ މަންދޫބުން ކަނޑައަޅައި ފޮނުވާފައި. އަދި ހަމައެއާއެކީގައި، ޑިޒާސްޓަރ މެނޭޖްމަންޓްގެ އެކިއެކި ސެކްޓަރތައް ބައިވެރިވާގޮތަށް މިހާރު ވަނީ ރެޕިޑް އެސެސްމަންޓް ޓީމްތަކެއް ފޮނުވިފައި.

ދެން މިއަދު އަޅުގަނޑު ގިނަ ވަގުތު ހޭދަވީ ވިއްސާރައިގައި އަސަރުކޮށްފައިވާ ހޯރަފުށީގެ ޢާއިލާތަކާ ބައްދަލުކޮށް، އެމީހުންގެ ޙާލު ބެލުމަށްޓަކައި. އެހެންވީމާ، އެގޮތުން އަޅުގަނޑަށް ލިބުނު މަޢުލޫމާތަކީ، ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ ގޭގޭގެ ޢާއިލާތަކަށް ވިއްސާރައިގެ އަސަރުކޮށްފި. އޭގެ ސަބަބުން ބައެއް ގޭގޭގައި ކައްކާ ކައިބޮއި ނޫޅެވޭވަރަށް ގެއްލުން ލިބިފައި އެބަހުރި. އަދި ހިފާ ގެންގުޅޭ ތަކެތި ހަލާކުވުމާއި، ފަރުނީޗަރާއި އަދި ގޮދަޑިތައް ހަލާކުވުމުގެ ސަބަބުން ނިދޭނެގޮތް ނެތިފައިވެސް ބައެއް ގޭގެ އެބަހުރި. އެހެންވީމާ، މިއީ ވަރަށް ސީރިއަސް ޙާލަތެއް. މި ޙާލަތުގައި އަޅުގަނޑު ވަރަށް ބޮޑަށް ޚާއްޞަކޮށް، މިރަށުގެ ރަށު ކައުންސިލާއި، ރަށުގެ އިސްބޭފުޅުންނާއި އެކިއެކި ޖަމްޢިއްޔާތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ތަޢުރީފް ކުރަން. އެއީ އަޅުގަނޑަށް މިފެނުނީ، ހުރިހާ އެންމެން އެކުވެގެން ވަރަށް ބޮޑަށް ރަށުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް އެހީތެރިވެދިނުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ތަން. އެގޮތުން، ނިދޭނެގޮތެއް ނެތިފައި ތިބި މީހުންނަށް، އެހެން ގޭގޭގައި ނިދޭނެގޮތް ހަދައިދީ، އަދި ކެއްކޭނެ ގޮތް ނެތް މީހުންނަށް ކެވޭނެގޮތްވެސް އިންތިޒާމުކޮށްދީ، މިހުރިހާ ކަމެއް ކުރަމުން އެބަގެންދޭ. އެހެންވީމާ، އަޅުގަނޑު އެ އެހީވެ ދެއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.

މިހާރު މި ސިޓުއޭޝަން، މި ޙާލަތުވަނީ ކޮންމެވެސް ވަރެއްގެ ހަމަޖެހުމަކަށް އައިސްފައި. ހޯރަފުށީގެ ގިނަ މަގުތަކުގެ ފެން މިހާރުވަނީ ހިއްކިފައި، ޕަމްޕް ޖަހައިގެން އަދި ކޯރު ކޮނެގެން. ނަމަވެސް، ހަނިމާދޫގެ މަގުތައް ހުރީ އަދިވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައި. މިހާރުވެސް ޕަމްޕް ޖަހައިގެން މަގުތައް ހިއްކަމުން އެ ގެންދަނީ. އެހެން ނަމަވެސް، އަދިވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހަނިމާދޫގެ މަގުތައް ހިކޭނެ ކަމަކަށް ނުފެނޭ. އެއަށްވުރެ މާބޮޑަށް ފެންބޮޑުވެފައި އޮތީ. ހަނިމާދޫގައި މާގިނަ ގެތަކަކަށް ގެއްލުމެއް ނުލިބޭ ނަޞީބަކުން. އެހެން ނަމަވެސް، ބައެއް މަދު ގޭގެއަށް އޭގެ އަސަރުކޮށްފައި އެބަހުރި.

ދެން ބައެއް އަމިއްލަ ފަރާތްތަކުންވެސް ވަރަށްބޮޑެތި އެހީތައް ލިބެމުންދާ ވާހަކަ އަޅުގަނޑު އުފަލާ އެކީގައި ފާހަގަކުރަން. އެހެންވީމާ، އެފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ހަމައެކަނި ހޯރަފުށްޓަށް އެހީވެދިނުމުގެ ގޮތުން، ބައި މިލިއަނެއްހާ ރުފިޔާގެ އެހީ، އެކި ފަރާތް ފަރާތުން ރަށުގެ ރިލީފް ފަންޑަށް މިހާރު ހަދިޔާކޮށްފި. އަދި އެހެން ރަށްރަށަށްވެސް އެހީ ލިބެމުންދަނީ. ދެން މުޅި ރާއްޖެއަށް ދިމާވެފައިވާ މިޙާދިޘާގައި އެހީތެރިވެދިނުމަށް ބޭނުންފުޅުވާ އަމިއްލަ ފަރާތްތަކަށްވެސް އެ ދޮރު މިހާރުވަނީ ހުޅުވިފައި. އެހެންވީމާ، މާދަމާއިން ފެށިގެން އިމަރޖެންސީ އެހީތެރިވެދޭ ފޯނު ނަންބަރެއް މިހާރުވަނީ ހަމަޖެހިފައި. އެއީ 115. ދެން އެ ފޯނު ނަންބަރަށް ގުޅުއްވުމުން، އަމިއްލަ އަތުން ފައިސާނުދާގޮތަށް އެކަން އިންތިޒާމު ކުރެވިފައިވަނީ. އެހެންވީމާ، މިހާރު އެހީވެވަޑައިގެން ދެއްވޭގޮތަށް އެކަން ހަމަޖެހިފައި އެއޮތީ.

ދެން އަޅުގަނޑު މިއަދު ނިންމައިފިން، ސަރުކާރުގެ ބަޖެޓުން މިހާރުން މިހާރަށް ބޭނުންވާ ޚަރަދުތައް ކުރުމަށްޓަކައި ދިހަ މިލިއަން ރުފިޔާ ކަނޑައަޅަން. އެގޮތުން، މިހާރު މިރަށްރަށަށް އެހީތެރިވުމުގެ މަސައްކަތް ހިނގަމުން އެބަދޭ. މި މަސައްކަތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޓީމުތަކާއި އަދި ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް އާއި، ޕޮލިސްއާއި، ރަށްރަށުގެ ރަށު ކައުންސިލްތައް ވަރަށް ޙަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. ދެން ހަމަ އެހެން، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން ޚާއްޞަކޮށް، އެސް.ޓީ.އޯ. އިން، މިހާރު ބޭނުންވާ ކާޑުގެ އެކިއެކި ބާވަތްތައް، އެކިދިމަދިމާއަށް ފޮނުވުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަވާ. އެގޮތުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އުތުރުގެ ދެތިން ރަށަކަށް ކާޑު މިހާރުވަނީ ބޭނުންވެފައި. އެމަސައްކަތް މިހާރު ވަރަށް ބާރަށް ހިނގަމުން އެބަދޭ.

ދެން މި ގެއްލުން ލިބުނު ހުރިހާ ރަށަކަށް އަޅުގަނޑަށް އަދި ނުދެވޭ. ނުދެވުނު ކަމުގައިވީ ނަމަވެސް، އަޅުގަނޑު ވަރަށް ގާތުން މިހާރުގެ ޙާލަތު މޮނިޓަރކޮށް ބަލަމުން މިގެންދަނީ. އެހެންވީމާ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް އަޅުގަނޑުމެން ވަރަށް ގާތުން މިބަދަލުވަމުންދާ ޙާލަތު ބަލަމުން ގެންގޮސް އެހީދޭންޖެހޭ ފަރާތްތަކަށް އެހީ ރައްދުކުރުމުގެ މަސައްކަތް ވަރަށް ފޯރިއާ އެކީގައި ހިނގަމުންދާނެ.

އަޅުގަނޑު ޚާއްޞަކޮށް، މި ފުރްޞަތުގައި، މިހާތަނަށް މިކަމުގައި ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވި ފަރާތްތަކެއް އަޅުގަނޑު ފާހަގަކޮށްލަން. އެގޮތުން، ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް އަޅުގަނޑު ފާހަގަކުރަން. އެމް.އެން.ޑީ.އެފް.ގެ ފަރާތުން އެކިއެކި ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރައްވަމުން ގެންދަވާތީ. ދެން އަދި ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލަން، އަމިއްލަ ބައެއް ފަރާތްތައް. އެގޮތުން، އެންމެ ބޮޑަށް އެހީވެވަޑައިގެންދެއްވި ބައެއް ފަރާތްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު ސަން ޓްރެވަލް، އަދި ހަމައެހެން، އަލްފާޟިލް ޤާސިމް އިބްރާހީމްފަދަ ބޭފުޅުން، އަޅުގަނޑު ޚާއްޞަކޮށް ފާހަގަކޮށްލަން. އެއީ މިކަމުގައި އެބޭފުޅުންގެ ދީލަތި އެހީފުޅުތައް ލިބެމުންދާތީ.

އާދެ! އަޅުގަނޑު އަދިވެސް އެއްފަހަރު ހުރިހާ ބޭފުޅުންނަށް ޔަޤީންކަން އަރުވަން، ސަރުކާރުގެ ފަރާތުން މިކަމުގައި ވަރަށް ގާތުން ބަލަމުން ގެންދާ ކަމާއި އަދި ސަރުކާރުން ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދެމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަދި ހަމަ މި ފުރްޞަތުގައި، އުފާވެރި ޚަބަރެއްވެސް އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުން. އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި ކަރަންޓްގެ ޚިދްމަތް ރަނގަޅު ކުރުމަށްޓަކައި، ކަރަންޓްގެ އަގު ހެޔޮކުރުމަށްޓަކައި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ މަޝްރޫޢުތަކެއް އަޅުގަނޑުމެން ފަށައިގެން ކުރިއަށް މިގެންދަނީ. ގެންދިޔުމުގެ ތެރޭގައި، މުޅި ރާއްޖޭގައި އިރުގެ އަލި ބޭނުންކޮށްގެން، ކަރަންޓް އުފެއްދުމުގެ، ސޯލަރ އެނަރޖީގެ މަޝްރޫޢުތަކެއް ރޭވި، މިހާރު އެ މަޝްރޫޢުތައް ލާޖް ސްކޭލެއްގައި، ފުޅާ ދާއިރާއެއްގައި ފެތުރުމަށްޓަކައި އަޅުގަނޑުމެން ވަނީ ކްލައިމެޓް ޗޭންޖް އިންވެސްޓްމަންޓް ފަންޑުގެ އެހީއަކަށް އެދިފައި. އެކަމަށް ފޮނުވި ޕްރޮޕޯޒަލް އެއީ ދިވެހިރާއްޖެއަށް 30 މިލިއަން ޑޮލަރު، ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ފޮނުވުނު ޕްރޮޕޯޒަލެއް. މިއަދު އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ފަންޑުގެ އެކަމަށް ކަނޑައެޅިފައިވާ ސަބް ކޮމިޓީއިން މިއަދު ވަނީ އެ އެޕްރޫވްކޮށްދެއްވާފައި. އެހެންވީމާ، މިއީ ލިބުނު ވަރަށްބޮޑު އެހީތެރިކަމެއް ދިވެހިރާއްޖެއަށް. އަޅުގަނޑު މި އުންމީދު ކުރަނީ، ދާދި އަވަހަށް އެ 30 މިލިއަން ޑޮލަރުގެ އެހީގައި، ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓްގެ އަގު، މިހާރަށްވުރެ ކުޑަކުރެއްވުމަށްޓަކައި މަސައްކަތް ކުރެވޭނެ ކަމަށް. ދެން މި 30 މިލިއަން ޑޮލަރަކީ މުޅި ރާއްޖޭގައި މި މަޝްރޫޢު ފެތުރުމަށްޓަކައި ހެދިފައިވާ 139 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢުގެ ދަށުން ލިބިފައިވާ އެހީ. އަދި މީގެއިތުރުން، އެކިއެކި އަމިއްލަ ފަރާތްތަކުންނާއި، އެކިއެކި ބޭންކްތަކުންވެސް އިތުރު ފައިސާ ލިބޭގޮތަށް ވަނީ ހަމަޖެހިފައި. ޚާއްޞަކޮށް، މިހާރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އިތުރު 6 މިލިއަން ޑޮލަރަކާއި، ވާރލްޑް ބޭންކުން އިތުރު 10 މިލިއަން ޑޮލަރުވެސް ލިބުމުގެ މަގުމަތީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އެހެންވީމާ، މި ވާހަކަ ވަރަށް އުފަލާއެކީގައި އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން.

ދެން މީޑިއާގެ ފަރާތުން އެއްވެސް ސުވާލެއް އޮތިއްޔާ، އަޅުގަނޑު ސުވާލަށް ޖަވާބު ދަންނަވާލާނަން.

ޢަބްދުﷲ ޖަމީލް – ހަވީރު ނޫސް:

އަޅުގަނޑު ފުރަތަމަ ސުވާލެއްގެ ގޮތުގައި އަހާލަން ބޭނުންވަނީ، މަނިކުފާނު މިއަދު ހޯރަފުށްޓަށް ވަޑައިގެން، ރަށުގެ ޙާލަތު ބައްލަވާފައި ތިޔަ ވަޑައިގެންނެވީ. ދެން ވިދާޅުވެއްޖެ، ރާއްޖޭގެ ސައްވީސް ރަށަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާ ކަމަށް. މިހާރު ލަފާކުރެވޭ ގޮތުގައި، ވިއްސާރައިގެ ސަބަބުން ގާތްގަނޑަކަށް ކިހާވަރެއްގެ ގެއްލުމެއް ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެއްޖެތޯ؟ ކާޑުގެ ބާވަތްތަކާއި އަދި އެނޫންވެސް ކަންތައްތަކުގައި ދަތިތަކެއް ހުރި ވާހަކަ ތިޔަ ވިދާޅުވީ. އެކަންތައްތައް ކިހާ މުއްދަތެއްގެ ތެރޭގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށްތޯ ލަފާކުރެއްވެނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

މި ވިއްސާރައިގެ ގެއްލުމުގެ ޖުމްލަ ޢަދަދެއް އަދި އަޅުގަނޑުމެންނަކަށް ނުބެލޭ. އެ މަޢުލޫމާތުތައް މިހާރު އެއްކުރަމުން މިދަނީ. އެކި ރަށްރަށުން އެ މަޢުލޫމާތު އަންނަމުން އެބަދޭ. ދެން ރެޕިޑް އެސެސްމަންޓް ޓީމްތަކެއް މިހާރު ފޮނުވާފައިވީ. އެހެންވީމާ، އެބޭފުޅުން އޭގެ ތަފްޞީލުތައް ހޯއްދަވަމުން އެ ގެންދަވަނީ. ދެން މިހާރުން މިހާރަށް ވެދޭންޖެހޭ އެހީތައް، އަޅުގަނޑު މިދެންނެވީ، ސަރުކާރުގެ ބަޖެޓުންވެސް ޚަރަދުކޮށްގެން، އެ އެހީތައް ދެމުން ގެންދާނަމޭ. އެގޮތުން، އަޅުގަނޑަށް މިކުރި ދަތުރުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ، ވާރޭވެހި ބިމުން ފެން އެރުމުގެ ސަބަބުން ވަރަށް ބޮޑަށް ފެން ތަޣައްޔަރުވެފައި ހުރިކަން. އެހެންވީމާ، އެންމެ ފުރަތަމަ އެހީއެއްގެ ގޮތުގައި އަޅުގަނޑުމެން ފޮނުވަންޖެހޭ އެހީތަކުގެ ތެރޭގައި އެބަ ހިމެނޭ، ތަންތަން ސާފުކުރުމަށްޓަކައި ބޭނުންވާ ކްލޮރިންއާއި ޑިޓޯލްއާ، މިބާވަތުގެ ސާފުކުރާ ސާމާނު. އަދި ހަމަ އޭގެއިތުރުން، ނިދޭނެ ގޮދަޑިއާއި ބެޑްޝީޓާ، މިބާވަތުގެ އެއްޗެހި އެބަ ބޭނުންވޭ މިހާރުން މިހާރަށްވެސް. ދެން ހަމަ އެހެން، ބައެއް ރަށްރަށަށް ކާޑުގެ ބާވަތްތައް އެބަ ބޭނުންވޭ. ދެން ވަރަށް ރަނގަޅު އާދައެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ، މިހާރު ވަރަށްގިނަ ގޭގޭގައި، ކާބޯތަކެތި ރައްކާކުރަނީ ޕްލާސްޓިކް ކޮންޓެއިނަރުގައި. އޭގެ ސަބަބުން ވަރަށްގިނަ ގޭގޭގައި ކާބޯތަކެތި ސަލާމަތް ކުރެވުނު މިފަހަރު. އެގޮތަށް ރައްކާ ނުކުރެވޭ ގޭގޭގައި ކާބޯތަކެތި ހަލާކުވީ. އެހެންވީމާ، ކޮންމެވެސްވަރަކަށް ކާބޯތަކެތީގެ އެހީ ފޮނުވަންޖެހޭ. މިހާރު އެސް.ޓީ.އޯ. އިން ހޯރަފުށްޓަށް، އުތުރުގެ ބައެއް ރަށްތަކަށް 150 ބަސްތާ ހަނޑުލާއި، 150 ބަސްތާ ފުށާއި އަދި 100 ބަސްތާ ހަކުރު މިހާރުވަނީ ފޮނުވިފައި. އަދި މިރޭގެ ކޮންމެވެސް ވަގުތެއްގައި އިތުރަށް ބޭނުންވާ ގޮދަޑިއާ، މިބާވަތުގެ ބައެއް ތަކެތި މާލެއިން ފޮނުވޭނެ. ރޭގެ ވަގުތެއްގައި ވަނީ ބޯފެނާއި، ކްލޮރިނާ، މިބާވަތުގެ ތަކެތިވެސް ފޮނުވިފައި. އެހެންވީމާ، މިމަސައްކަތް އެބަދޭ މިހާރު ކުރިއަށް.

ޢަބްދުﷲ މުޙަންމަދު – ދި ޓީ.ވީ:

އާދެ! މިހާތަނަށް ބެލިފައިވާ ބެލުމަށް ބަލާއިރުގައި، ބޭރުގެ އެހީއަށް އެދެން ޖެހިދާނެ ކަމަށް ޤަބޫލުކުރެވޭތޯ؟ އަދި މިހާތަނަށް އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވާފައިވާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ކުއްލިއަކަށް މިވަގުތުން މިވަގުތަށް ބޭނުންވާ އެހީއެއް ކޮންމެހެން ބޭރުން ނުލިބުނަސް، އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. އެހެން ނަމަވެސް، މި ޙާލަތު، މި އިމަރޖެންސީ ޙާލަތުން ކުޑަކޮށް ހަމަޖެހިލީމާ ކުރަންޖެހޭ ކަންތައްތައް އެބަހުރި. މިހާރު މިސާލަކަށް ދަންނަވަންޏާ، ހޯރަފުށީގެ ހެލްތް ސެންޓަރ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. މިއައި ގަދަ ވިއްސާރައިގެ ސަބަބުން ފުރާޅު ހަލާކުވެ، އެތަނަށް ވާރޭވެހެމުން އެބަދޭ. އެތަނަކީ ވަރަށް ދުވަސްވެފައި ހުރި ޢިމާރާތެއް. ފާރުތައްވެސް ހަލާކުވެއްޖެ. ވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ހަމަ ހޯރަފުށީގައި އަލުން ހަމަ ޞިއްޙީ މަރްކަޒެއް އެބަ ޢިމާރާތް ކުރަންޖެހޭ. އެހެންވީމާ، އެބާވަތުގެ ކަންތައް ކުރުމުގައި، ބޭރުގެ ފަރާތްތަކުން ބައެއް އެހީ ހޯދުން އެއީ މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ، މިވަގުތު އޮތް ބަޖެޓްގައި އެކަން ހަމަޖެހިފައި ނެތަސް. ދެން މީގެއިތުރުން، މިއިން ބައެއް ރަށްރަށުގައި ވަރަށް އަވަހަށް އެބަ ފާޚާނާގެ ނިޒާމު ހަމަޖައްސައިދޭންޖެހޭ. މިހާރުވެސް މީގެ ބައެއް ރަށްރަށުގައި، އެންމެ ފެންބޮޑުވި އަވަށްތަކުގައި ފާޚާނާ ކުރެވޭނެ ގޮތެއްނެތް. އެހެންވީމާ، ފާޚާނާ ކުރުމަށް ދާންޖެހެނީ ރަށުގެ ކޮންމެވެސް އެހެން ގެއަކަށް. އެކަމުގައިވެސް އެހީތެރިވެދޭން އެބަޖެހޭ. އެހެންވީމާ، މިކަހަލަ ބައެއް ކަންކަމުގައި ބޭރުގެ ބައެއް އެހީއަށް އަޅުގަނޑުމެން އެދޭނަން. އަޅުގަނޑުގެ އުންމީދަކީ، އެ އެހީވެސް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް.

މުރްޝިދު – ސަން މީޑިއާ ގްރޫޕް:

މަނިކުފާނު ތިޔަ ކުރެއްވި ދަތުރުފުޅުގައި، ހޯރަފުށީގައި އެއްވެސް މަޝްރޫޢެއް ފަށްޓަވަން ނިންމަވާފައިވޭތޯ؟ އަޅުގަނޑަށް މަޢުލޫމާތު އެބަ ލިބޭ، ނަރުދަމާގެ ނިޒާމް ހޯރަފުށީގައި ޤާއިމް ކުރުމަށް ނިންމަވާފައިވާ ކަމަށް.


ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ހޯރަފުށީގައި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރެވިފައެއް ނެތް އަދި މިހާތަނަކަށް. އެހެންވީމާ، ގޭގޭގައި ހުރި ވަޅުގަނޑުތަކުން ފެންބޮޑުވުމުގެ ސަބަބުން އޭގައި ހުރި ނަޖިސް ބޭރުވުމުގެ ވަޅުތަކާއި، އަދި ގޭތެރެއަށް ވަން ފެންވެސް ނަޖިސް ހުރުމުގެ ސަބަބުން އެންމެ ބޮޑަށް ފެން ތަޣައްޔަރުވެ، ހިފާ ގެންގުޅޭ ތަކެއްޗާއި، ނިދާ މެޓްރެސްއާ، މި އެއްޗެހި ހަލާކުވެގެން މިއުޅެންޖެހޭ އެންމެބޮޑު އެއްސަބަބަކީ އެއީ. އެހެންވީމާ، އެ ބޭނުން ނުކުރެވޭ ދަރަޖައަށް އެ އެއްޗެހި ގޮއްސަ އެހެރީ. އޭގެ ބަދަލުގައި އެބަޖެހޭ، ބާލީހާ މިބާވަތުގެ މެޓްރެހާއި ޝީޓްސްއާ، މިކަހަލަ އެއްޗެހި ފޮނުވަން.

އާދެ! ދެން އިތުރު ސުވާލެއް ނެތިއްޔާ، މިހާހިސާބުން އަޅުގަނޑު ނިންމާލާނީ. އަޅުގަނޑުމެން މިކަމާ ބެހޭ މަޢުލޫމާތު ހަމަ ބަރާބަރަށް ގަވާއިދުން މީޑިއާއަށް އަޅުގަނޑުމެން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް އަރުވަމުން ގެންދާނެ ވާހަކަ ދަންނަވަން.