ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، މިހާރުން މިހާރަށް ބޭނުންވާ ޚަރަދުތައް ކުރުމަށްޓަކައި ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ވިއްސާރައިގެ ސަބަބުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ސައްވީހަކަށް ރަށުގައި މިހާރު ވަރަށް ބޮޑަށް ފެންބޮޑުވެ، ޢާއިލާތަކަށް އަސަރުކޮށްފައިވާ ކަމަށާއި، ގޯތިތަކަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗަށާއި، އެ ގޯތިތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގެއްލުން ލިބުނު ފަރާތްތަކަށް އެހީވެދިނުމަށްޓަކައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޓީމުތައް، އިއްޔެއިން ފެށިގެން މަސައްކަތް ކުރަމުން އެބަ ގެންދާ ކަމާއި، އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކުރަމުން ގެންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިއަދު ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން، ހޯރަފުށީގެ ޢާއިލާތަކާ އެމަނިކުފާނު ބައްދަލުކުރައްވައި، އެމީހުންގެ ޙާލު ބެއްލެވި ކަމަށާއި، ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ ގޭގޭގެ ޢާއިލާތަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރަށުގެ ކައުންސިލާއި، ރަށުގެ އިސްބޭފުޅުންނާއި، އެކިއެކި ޖަމްޢިއްޔާތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ތަޢުރީފް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަނިމާދުއަށްވެސް ގެއްލުންތައް ލިބިފައިވާ ކަމަށާއި، ގިނަ މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ބައެއް އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑެތި އެހީތައް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، އެފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. އަދި ގެއްލުން ލިބުނު ހުރިހާ ރަށްރަށަށް ވަޑައިނުގެންނެވުނު ކަމުގައިވީނަމަވެސް، އެރަށްރަށުގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.