بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހުޅުދެލީގެ ލޮބުވެތި އަޚުންނާއި އުޚުތުން، މީދޫ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް އަޙްމަދު ޞިޔާމް މުޙަންމަދު. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއުފާވެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް އަޅުގަނޑު މި ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން. އަދި މި ޢީދުގެ އުފާވެރިކަން އަޅުގަނޑަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވިއްޖެ، މިރަށަށްވެސް ހަމަ އައިސް އެރުމާއެކުގައި. އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާ. މިރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން ނުކުމެވަޑައިގެން އަދި ވަރަށްރީތި ނަށާލުމަކުން އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ! އަޅުގަނޑަށް މިއަދު މިއީ އަޅުގަނޑަށް މިރަށަށް އާދެވުނު ފުރަތަމަ ފަހަރު. އެހެން ނަމަވެސް، އަޅުގަނޑު މިރަށަށް އައުމުން، އަޅުގަނޑަށް އިޙްސާސްވީ، މިރަށަކީ އަޅުގަނޑާ ވަރަށް ގާތް ރަށެއްގެ ގޮތުގައި. ތިޔަބޭފުޅުންނާ ވަރަށް ގާތް ގޮތަކަށް ތިޔަބޭފުޅުން އަޅުގަނޑާ ދޭތެރޭގައި ޢަމަލުތައް ބެހެއްޓެވީ. އެއްގޮތަކަށްވެސް ފުރަތަމަ ރަށަށްއަރާ މީހަކާ ދޭތެރޭގައި ކަންތައް ކުރަންވާ ގޮތަކަށް ނޫން. ވަރަށް ގާތް ތިމާގެ ގޮތެއް ބެހެއްޓެވީތީ، އަޅުގަނޑުވެސް ހަމަ މިރަށާ ދޭތެރޭގައި ވަރަށް ގާތް ތިމާގެ ގޮތެއް ބަހައްޓަން އަޅުގަނޑު ޤަޞްދު ކުރަނީ. އެގޮތުން، މިރަށަށް ކުރަން ޖެހިފައި ހުރި ކަންކަން ކުރުމުގައި، ޚާއްޞަ ސަމާލުކަމެއްދީގެން އެކަންކަން ކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

މިރަށުގެ ހީވާގި ކައުންސިލް އަޅުގަނޑާ ބައްދަލުކުރި. ހީވާގި ޒުވާން ކައުންސިލާ ދޭތެރޭގައި އަޅުގަނޑު ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހުނު. ޚާއްޞަކޮށް، އަޅުގަނޑުމެން ކައުންސިލްގެ ރައީސް އާދަމް ޒާހިރު އަދި ކައުންސިލްގެ އެހެން ބޭފުޅުންނާ ބައްދަލުވުމުން، އަޅުގަނޑަށް ހަމަގައިމުވެސް މިރަށާ ދޭތެރޭގައި ވަރަށް އުންމީދު އިތުރުވެގެން ހިނގައްޖެ. އަޅުގަނޑަށް ޔަޤީންކުރެވޭ އިރާދަކުރެއްވިއްޔާ، މިރަށުން ކުރަންޖެހޭ ކަންކަން ކުރެވިގެންދާނެ ކަމަށް.

އާދެ! ތިޔަބޭފުޅުންނަށް ދަތިފުޅުވެފައިވާ ކަންކަމާ ބެހޭގޮތުން އެކިބޭފުޅުން މިތާނގައި ވާހަކަ ދައްކަވައިފި. އެގޮތުން، ތިޔަބޭފުޅުންނަށް އެ ލިބިވަޑައިގެންނެވި އުންމީދުތަކަކީ، އަޅުގަނޑުވެސް އެ އުންމީދުތައް ޙާޞިލް ކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަންކަން. އެގޮތުން، އަންނަ އަހަރުގެ ތެރޭގައި، ﷲ އިރާދަކުރެއްވިއްޔާ، މިރަށުގައި ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ފެށޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. މިހާރު ހަމަޖެހިފައިވާ ގޮތުން، މިރަށުގެ އިންޖީނުގެ އަޕްގްރޭޑް ކުރުމަށް ވަނީ އެދިފައި. އަދި އެކަމާބެހޭ މަސައްކަތް ޙަވާލުކުރުމުގެ މަގުމަތީގައި މިހާރު ފެނަކައިން މަސައްކަތް ކުރައްވަމުން ގެންދަވަނީ. އެހެންވީމާ، ދާދި އަވަހަށް މިރަށުގެ ކަރަންޓްގެ މައްސަލަތައް ޙައްލުވެގެންދާނެ.

އާދެ! މިދެންނެވި ކަންކަމުގެ އިތުރުންވެސް، މިރަށަށް ކުރަންޖެހޭ ކަންކަން ﷲ އިރާދަކުރެއްވިއްޔާ، ހަމަ ރަނގަޅަށް ކުރިއަށްދާނެ. މިކަމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ ބަޔަކީ ރަށުގެ ރައްޔިތުން. ޚާއްޞަކޮށް، ރަށުގެ ކައުންސިލް. ރަށްރަށުގެ ކައުންސިލްތައް ޙަރަކާތްތެރިވެ، ކަންކަމުގައި އުޅުނުވަރަކުން، އެބޭފުޅުންނާ ގުޅިވަޑައިގަންނަވައިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަދި ސަރުކާރުންވެސް މަސައްކަތް ކުރައްވަމުން ހަމަ ގެންދަވާނީ. އަޅުގަނޑު މި ސަރުކާރާ ޙަވާލުވީކީ، ވަކިމީހަކަށް، ވަކިބަޔަކަށް މަސައްކަތް ކޮށްދޭކަށް ނޫން. ޤާނޫނުއަސާސީ ލާޒިމްކުރާ ގޮތުން، އަޅުގަނޑު އެވަގުތު ހުރި މަޤާމުގެ ޙައިޘިއްޔަތުން، އަޅުގަނޑަށް އޭރު ޖެހުނީ މި މަޤާމާ ޙަވާލުވާން. ﷲ އިރާދަކުރެއްވީތީ، މިހާތަނަށް ޤައުމުގެ ކަންކަން ވީހާވެސް އޮމާންކޮށް، ވީހާވެސް ޞުލްޙަވެރިކަމާއެކު ގެންދެވޭތޯ އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ. އެމަސައްކަތުގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް، އެއްވެސް ބަޔަކަށް ތަފާތު ނުކުރުން. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް، ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް އަދި އިންތިޚާބު ކުރެވޭ އެކިއެކި މަޤާމުތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުންވެސް، ޤައުމުގެ ރައްޔިތުންނަށް ހަމަހަމަކަމާ އެކީގައި، ޢަދުލުވެރިކަމާ އެކީގައި ކަންކަން ކުރަން އިންތިޚާބު ކުރެވެނީ. އެހެންވީމާ، ޕާޓީގެ ނިޒާމް ރާއްޖޭގައި އޮތް ނަމަވެސް، ވެރިކަމުގެ މަޤާމުތަކުގައި ތިބޭ މީހުން މަސައްކަތް ކުރަމުން ގެންދަންޖެހޭނީ، އެއްވެސް ޕާޓީއަކަށް ތަޢައްޞުބުނުވެ، އެއަށް އެއްވެސް ކަހަލަ އިމްތިޔާޒެއް ނުގެންގުޅެ. އެހެންވީމާ، އަޅުގަނޑު ހަމަ ފުރަތަމަ ދުވަހުވެސް ތިޔަބޭފުޅުންނަށް ވަޢުދުވީ، އަޅުގަނޑު މަސައްކަތް ކުރާނީ، ﷲ އިރާދަކުރެއްވިއްޔާ، ހުރިހާ އެންމެނަށްވެސް ހަމަހަމަކަމާއި ޢަދުލުވެރިކަމާ އެކުގައި.

އާދެ! ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމް މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. އެބަދަލު އައިސްފައި މިއޮތީ، ރާއްޖޭގައި މީގެކުރިން ނެތްފަދަ ވަރުގަދަ ޤާނޫނުއަސާސީއެއް، ރައްޔިތުން ޤަބޫލުކުރުމާ ގުޅިގެން. 2008 ވަނަ އަހަރު އަޅުގަނޑުމެންނަށް ލިބިފައިވާ އާ ޤާނޫނުއަސާސީން ރައްޔިތުންގެ ޙައްގުތައް ޙިމާޔަތްކޮށްދޭ، ރައްޔިތުންގެ އަސާސީ ޙައްޤުތައް، ރައްޔިތުންނަށް ލިބިދޭ، ވަރަށް ރަނގަޅަށް ތައްޔާރުކުރެވިފައިވާ ޤާނޫނުއަސާސީއެއް. މި ޤާނޫނުއަސާސީ ތަންފީޛު ކުރުމުގެ މަސައްކަތް ފެށިފައި މިއޮތީ 2008 ވަނަ އަހަރު. އެހެން ނަމަވެސް، އެކަން ކުރުމުގައި ދިމާވި ވަރަށްގިނަ ދަތިތަކެއް އެބަހުރި. އެންމެބޮޑު އެއްދަތިކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ކެތްތެރިކަމެއްނެތީ. އަލަށް އާ ޤާނޫނުއަސާސީ ތަންފީޛު ކުރަން އުޅޭއިރުގައި، ދިމާވާނެ ދަތިތައް ހުންނާނެ. އެކަންކަން ތަޙައްމަލް ކުރަން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުއަސާސީ ތަންފީޛު ކުރަން. ޤާނޫނުއަސާސީވެސް ހެދެނީ، ޤާނޫނުތައްވެސް ހެދެނީ، ރައްޔިތުންގެ މަޖިލިސް ހެދެނީވެސް އަދި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރަނީވެސް ރައްޔިތުންގެ މަޞްލަޙަތަށްޓަކައި. ރައްޔިތުންގެ ޙައްޤުތައް، ރައްޔިތުންނަށް ލިބިދިނުމަށްޓަކައި. ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުން ގެނައުމަށްޓަކައި. އެހެންވީމާ، ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެދި، ރައްޔިތުން ނިކަމެތިވާ ގޮތަށް ކަންތައްތައް ކުރަން އުޅުމަކީ އެއީ ފުރަތަމަ، ޤާނޫނުއަސާސީގެ ރޫޙާވެސް ޚިލާފު ކަމެއް. މިހުރިހާ ކަމެއް އަޅުގަނޑުމެން ކުރީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް. ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަޅުގަނޑުމެން އިސްކަމެއް ދޭން މިޖެހެނީ، ޤައުމުގައި އަމަންއަމާންކަން ޤާއިމް ކުރުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އުފާވެރިކަން އުފެއްދުމަށްޓަކައި. އުފާވެރިކަމެއްނެތި، އަޅުގަނޑުމެންގެ މެދުގައި ހިތްހަމަނުޖެހުމާއި ހިތްދަތިކަން އޮންނަ ކަމަށްވާނަމަ، ތަރައްޤީގެ ބޭނުމަކީ ކޮބައިތޯ؟ ކުރިއެރުމަށްޓަކައި ކުރާ މަސައްކަތުގެ އެއްވެސް ބޭނުމެއް ނޯންނާނެ، އަޅުގަނޑުމެން ހިތްދަތިކަމެއްގެ ތެރޭގައި އުޅެންޖެހޭ ކަމަށްވާނަމަ.
އެހެންވީމާ، އަޅުގަނޑުމެންގެ އާ ނިޒާމް، ޑިމޮކްރަސީގެ ނިޒާމް ތަންފީޛު ކުރުމުގައި، އަޅުގަނޑުމެން އެބަޖެހޭ، އެންމެ އިސްކަމެއްދޭން، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުމެއް ގެނައުމަށް. އަޅުގަނޑުމެންގެ މުޖްތަމަޢުތައް، އަޅުގަނޑުމެންގެ މުޅި ޤައުމު ބައިބައިކުރުމަށްޓަކައި އެކިއެކި ޖަމާޢަތްތައް އެކަހެރި ކުރުމަށްޓަކައި، ރުޅިވެރިކަމާއި ފިތުނަފަސާދަ އުފެއްދުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ ޑިމޮކްރަސީގެ ގޮތެއް ނޫން. އެއީ ޑިމޮކްރަސީއާ ޚިލާފު ކަމެއް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ފެނިގެން މިދިޔައީ، މިދެންނެވި ގޮތަކަށް ނޫން ކަންތައް ހިނގާފައި އޮތީ. ޑިމޮކްރަސީ އަޅުގަނޑުމެންނަށް މިހާތަނަށް ފެނިގެން މިދިޔައީ، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، ހަމަނުޖެހުން އުފެދޭ އެއްޗެއްގެ ގޮތުގައި. އެހެންވީމާ، ޑިމޮކްރަސީގެ މާނައާއި ޑިމޮކްރަސީއާ ދޭތެރޭގައި މިހާރު ސުވާލު އުފެދޭ ހިސާބަށް، ބައެއް ކަންކަން ގޮސްފައި އެބަވޭ. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، ޑިމޮކްރަސީއެއް ކުރިއަށް ގެންދެވޭނެ، ކެތްތެރިކަމާ އެކީގައިވެސް. އަޅުގަނޑު އުންމީދު ކުރަން، މިރަށުން އަޅުގަނޑު ފުރައިގެން ދިޔުމަށްފަހުގައި، މިއަދު ތިޔަ އޮތް ގަދަ ކުލަތައް ފަނޑުވަމުން ގޮސް، އަނެއްކާވެސް ހުރިހާ ބޭފުޅުން ސަލާން ޤަލާން ކުރައްވައި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ބާއްވަވާނެ ކަމަށް.

އަޅުގަނޑުމެންނަށް ފެންނަ އެއްޗަކީވެސް އެއީ ވަރަށް މުހިންމު އެއްޗެއް. މި އެކިއެކި ނިޝާންތައް މި ފެންނަނީ. ފެންނައިރުގައި، ގަދަ ކުލަކުލަ ފެނިފައި، ގަދަ ކުލަކުލައަށް މީހުން ބައިބައިވަމުންދާ ދިޔުން މިއީކީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ދުޅަހެޔޮ ކަމަށް ހުރި ރަނގަޅު ކަމެއް ނޫން. އިންތިޚާބުގެ ދުވަސްވަރެއްގައި، ސިޔާސީ ކަމެއްކުރާ ވަގުތެއްގައި، ޕާޓީގެ އައިޑެންޓިޓީ ދެމެހެއްޓުމަށްޓަކައި ކުލަޖެހުނުކަމުގައިވި ނަމަވެސް، ދުނިޔޭގެ އެހެން ތަންތާނގައިވެސް މިވަރުވާތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުވެސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި މަސައްކަތް ކޮށްފިން. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، ހަމަޖެހިލަން ސިޔާސީގޮތުން. ސިޔާސީގޮތުން އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ، އާ ވިސްނުމަކަށްދާން. އަޅުގަނޑުމެންގެ ޢާއިލާގެ ތެރޭގައި ކޮންމެ ކުލައެއްގެ، ކޮންމެ ފިކުރެއްގެ ވިސްނުމެއްގައި މީހަކު ހުރި ކަމުގައިވިނަމަވެސް، އެންމެ ފުރަތަމަ އަޅުގަނޑުމެން ޤަބޫލުކުރަނީ، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ މީހުންކަން. އަޅުގަނޑުމެންގެ ކުދިންނަކީ އަޅުގަނޑުމެންގެ ދަރިންކަން. އަޅުގަނޑުމެންގެ ދުވަސްވީ ބޭފުޅުންނަކީ އަޅުގަނޑުމެންގެ ބައްޕައިންކަން. މިކަން އަޅުގަނޑުމެން ހަނދާން ނެތިއްޖިއްޔާ، އަޅުގަނޑުމެންނަކަށް މި ޤައުމުގައި ޑިމޮކްރަސީއެއް ޤާއިމެއް ނުކުރެވޭނެ. ތަރައްޤީއެއްވެސް ނުގެނެވޭނެ. އެއްކަމެއްވެސް ނުކުރެވޭނެ. އަޅުގަނޑުމެންގެ ޤައުމު، ދުވަހަކަށްވުރެ ދުވަހެއް ދާނީ ހަމަ ދަށަށް.

އެހެންވީމާ، އަޅުގަނޑު އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވިން، އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި މަޤާމުގައި މަސައްކަތް ކުރަމުން ގެންދާނީ، ވަކި ކުލައަކަށް ނުބަލައި، ވަކި ޕާޓީއަކަށް ނުބަލައި، ހަމަ ހުރިހާވެސް ހަމަހަމަކަމާ އެކީގައި، އެންމެންނަށް އެއްގޮތަކަށް. ޤާނޫނާއި ޤާނޫނުއަސާސީގެ ހަމަތަކުގެ މަތިންނޭ. އެގޮތަށް އިރާދަކުރެއްވިއްޔާ ކަންތައް ގެންގޮސްފިނަމަ، އަޅުގަނޑުމެންނަށް ނަތީޖާވެސް ފެންނާނެ. އޭރުން އަޅުގަނޑުމެން އެންމެންނަށް އެއްބައިވެގެން، އެކަތިގަނޑަކަށްވެގެން، ރަށުގައި ކުރަންހުރި ކަންތައް ކުރެވޭނެ. ﷲ އިރާދަކުރެއްވިއްޔާ، މިރަށަށްވެސް އަޅުގަނޑުމެންނަށް އެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އުޚުއްވަތްތެރިކަމާއެކު، މިއަށްވުރެން ރަނގަޅު ކުރެވޭނެ. ރަނގަޅު ކުރެވިގެން، ކުރިންވެސް މިރަށް އޮތް ފަދައިން، އެއްބައެއްގެ ގޮތުގައި ރަށުގެ ތަރައްޤީގެ ކަންތައް ކުރިއަށް ގެންދިޔުމުގެ ނަޞީބު އަޅުގަނޑުމެންނަށް ލިބިގެންދާނެ.

އާދެ! މިރަށަށް އަޅުގަނޑުމެން އައުމުގައި އަދި އަތޮޅަށް އައުމުގައިވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ދެ މެންބަރުންގެ ހިތްވަރާއި އެހީތެރިކަން ވަރަށް ބޮޑަށް އަޅުގަނޑަށް ލިބުނު. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންނަށްވެސް، އަޙްމަދު ޞިޔާމަށްވެސް، އަޙްމަދު ޢާމިރަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ މިދަތުރުގައި ބައިވެރިވެވަޑައިގަންނަވައިގެން، ދަތުރުގައި އަޅުގަނޑަށް ހިތްވަރު ދެއްވީތީ. ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ދާއިރާތަކަށް ތިޔަކޮށްދެއްވާ ޚިދްމަތް އަޅުގަނޑަށް ވަރަށް ރަނގަޅަށް ފެނިއްޖެ. އެކަމުގައި ދެބޭފުޅުންވެސް ވަރަށް ހިތްވަރާއެކު މަސައްކަތް ކުރެއްވުމުގެ ނަތީޖާއަކީ، މިއަތޮޅަށް، އިރާދަކުރެއްވިއްޔާ، ހުރިހާ ރަށެއްގައިވެސް ވަރަށް ރަނގަޅު މަޝްރޫޢުތަކެއް މިހާރު ހިނގަމުން އެބަދޭ.

އާދެ! އަޅުގަނޑު ވަރަށް އުފާކުރަން، އަޅުގަނޑު މިފަހަރު އަޅުގަނޑުގެ ޓީމު، ވަޒީރުންގެ މަޖިލީހުގެ ދެމެންބަރުންނާއެކުގައި އަދި އަޅުގަނޑުގެ އޮފީހުގެ ބައެއް އިސްބޭފުޅުންނާ އެކުގައި އާދެވުނީތީ. މިއަތޮޅަށާއި އަދި ފ. އަތޮޅުގެ ނިލަންދުއަށް އަޅުގަނޑަށް މިކުރެވުނު ދަތުރުގައި، މިވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި، އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިއްޖެ. އެއީ މިއަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަކީ، ރަށްވެރިކަމަށް ލޯބިކުރައްވާ، ތަރައްޤީއަށް ލޯބިކުރައްވާ، ވަރަށް ޙަރަކާތްތެރި، ވަރަށް ހިތްވަރުގަދަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށްތަކެއް. މިރަށްތަކުގެ ތެރެއިން ގިނަ ރަށްތަކަކީ، ކުދި ރަށްތައް ކަމުގައިވީނަމަވެސް، މިތަންތާނގައި ދިރިއުޅުއްވާ ރައްޔިތުންނަކީ، ރަށްދެކެ ލޯބިވާ، ރަށް ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވާ ބައެއް. އަދި އެ މަސައްކަތުގައި ދައުލަތުގެ ފަރާތުން އެބަޖެހޭކަން އެއްވެސް ތަފާތެއްނެތި، އެކީގައި މަސައްކަތްކޮށްގެން، އަޅުގަނޑު ތިޔަބޭފުޅުންނަށް ފުރިހަމަ ޔަޤީންކަން އަރުވަން. ކިތަންމެ ކުޑަ ރަށެއްގައި ތިޔަބޭފުޅުން އުޅުއްވި ކަމުގައިވިނަމަވެސް، ކިތަންމެ ކުޑަ ޢާއިލާއެއްގައި އުޅުއްވި ކަމުގައިވީނަމަވެސް، ދައުލަތުގެ ފަރާތުން ދޭންޖެހޭ އެހީދިނުމުގައި، އަޅުގަނޑުމެންނަށް ހަމަ ލެވެންހުރި ހުރިހާ ބާރެއްލައި ތިޔަ އެންމެ ބޭފުޅުންނާ އެކީގައި މަސައްކަތް ކުރާނަން.

އާދެ! މިޢީދުގެ ތެރޭގައި ވަރަށް އުފާވެރި އެކިއެކި ޙަރަކާތްތައް ހިނގަމުން މިދަނީ، ރާއްޖޭގެ އެކި ކަންކޮޅުގައި، އަޅުގަނޑުމެންނަށް ޓީ.ވީ.ގެ ޒަރީޢާއިން އެބަ ފެންނަމުންދޭ، އެކިއެކި މަންޒަރުތައް، އެކި ރަށްރަށުގައި ހިނގަމުންދާތަން. އެހުރިހާ ރަށެއްގައި ހިނގާ ހުރިހާ ކަންތަކުގައި އަޅުގަނޑަށް ބައިވެރިނުވެވުނަސް، އަޅުގަނޑުވެސް މި ދެއަތޮޅަށް މިކުރާ ދަތުރަކީ، މިއީ ހަމަ ރައްޔިތުންގެ އުފަލުގައި ބައިވެރިވުމަށްޓަކައި އަޅުގަނޑު ކުރި ދަތުރެއް. އަޅުގަނޑަށްވެސް ގޮސް ކޮންމެވެސް ރިޒޯޓެއްގައިވެސް ހުރެވިދާނެ، ތިންދުވަސް ވަންދެން. ނޫނީވިއްޔާ ރާއްޖެއިން ބޭރުގައިވެސް ގޮސް ހުރެވިދާނެ، ތިމާގެ މީހުން ކައިރީގައި، ދަރިން ކައިރީގައި. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިކަހަލަ ފުރްޞަތެއްގައި ރައްޔިތުންނާ އެކީގައި، މި ޤައުމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެ ތިބޭ މީހުން، ރައްޔިތުންގެ ކައިރިން ރައްޔިތުންނާ އެކީގައި އުޅުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ރައްޔިތުންގެ ޙާލު ދަނެގެން، ރައްޔިތުންގެ ހިތާމައާއި އުފަލުގައި ބައިވެރިވުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އެގޮތުން އަޅުގަނޑަށް މި ނަޞީބު ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑަށް މިދަތުރުގެ ސަބަބުން ވަރަށްގިނަ ކަންތައްތަކެއް ސާފުވެގެން އެނގިގެން ހިނގައްޖެ. އެކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެވެސް ހުރިހާ ރައްޔިތުންނަށް، ކުދި ބޮޑު އެންމެންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއި، ފާގަތިކަމާ އެކީގައި އުޅުއްވާ ބޭފުޅުންކޮޅަކަށް މާތްﷲ މިންވަރު ކުރެއްވުން. މިރަށަށް އަޅުގަނޑު އެދެނީ، އަދަށްވުރެ ފަހި މާދަމައެއް. އަޅުގަނޑަށް ތިޔަބޭފުޅުން ބެހެއްޓެވި އިޙްތިރާމާއި، ބެހެއްޓެވި ދީލަތިކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه