ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ދެބޭފުޅަކު، އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ފޮނުއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަމަޖައްސަވައިފިއެވެ. މިގޮތުން، ދެކުނުގެ ބައެއް ރަށްތަކަށް ފޮނުއްވުމަށް ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރ އަލްފާޟިލް އިބްރާހީމް ލުޠުފީއެވެ. އުތުރަށް ފޮނުއްވުމަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު އަލްފާޟިލް މުޙަންމަދު ސަލީމެވެ.

މިބޭފުޅުން މިކުރައްވާ ދަތުރުފުޅުގައި، ވިއްސާރައިގައި މިހާތަނަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވައި، މިވަގުތަށް ސަރުކާރުން ކޮށްދެއްވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބައްލަވާނެއެވެ.