بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކުޑަހުވަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއުފާވެރި ބޮޑު ޢީދުގެ މުނާސަބަތުގައި، މި ޢީދުގެ އުފަލުގައި ބައިވެރިވުމަށްޓަކައި ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހަށް އަޅުގަނޑަށް އާދެވުނީތީ، އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މި ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން. އަދި އަޅުގަނޑާއި އަޅުގަނޑާ އެކުގައި ވަޑައިގެންނެވި އެންމެހާ ބޭފުޅުން މިރަށަށް ވަޑައިގަތުމުން، މިރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި، އަޅުގަނޑު ވަރަށް އުފަލާ އެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން މިރަށަށް އާދެވޭ ފުރަތަމަފަހަރު މިއީ. އެހެންވީމާ، މި މުނާސަބަތުގައި އަޅުގަނޑު ކުޑަކޮށް، ވޭތުވެދިޔަ އަށެއްކަ މަސްދުވަހާ ދޭތެރޭގައިވެސް ވިސްނާލާނަން. އެކަމާ ބެހޭގޮތުން ކުޑަކޮށް އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، އޭރު ދިވެހިރާއްޖޭގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު އިސްތިޢުފާ ދެއްވުމުން. އަދި އެ އިސްތިޢުފާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން، އަޅުގަނޑު މި މަޤާމާ ޙަވާލުވީ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޅުގަނޑަށް ރައީސްކަމުގެ ހުވާލައްވައިދެއްވުމުން. އާދެ! އެކަން ހިނގާދިޔަގޮތް، ތިޔަ ހުރިހާ ޢިއްޒަތްތެރި ރައްޔިތުންނަށް އޮންނާނީ ފެނިވަޑައިގެންފައި. ރާއްޖޭގެ ޓީ.ވީ.ގެ ކުރިމަތީގައި، އޭރު ހުންނެވި ރައީސް ނަޝީދު ވަރަށް ހަމަޖެހިވަޑައިގެން ހުންނަވައިގެން، ރައްޔިތުންނާ މުޚާޠަބުކޮށް، ލައިވް ޓީ.ވީ.ގައި އެމަނިކުފާނު އިސްތިޢުފާ ދެއްވީ، އިސްތިޢުފާ ދެއްވި ސަބަބު ވިދާޅުވެފައި. ނަމަވެސް، 24 ގަޑިއިރުވެސް ނުވަނީސް ނުކުމެވަޑައިގެން ވިދާޅުވަނީ، ތިމަންނަ، އިސްތިޢުފާއަށް މަޖުބޫރުކޮށްގެންނޭ އިސްތިޢުފާ ދިނީ. ކޮންމެއަކަސް އެއީ ވަރަށް ސީރިއަސް މައްސަލައެއް، އެހިސާބުން އެޖެހުނީ. އެހެންވީމާ، އެ މައްސަލަ އެބަޖެހޭ ޙައްލުކުރަން. އެކަން ޙަޤީޤަތުގައި ވީގޮތް އެބަޖެހޭ ސާފުކުރަން. އަދި ދުނިޔޭގެ އެކިއެކި ޤައުމުތަކަށް، މި ޚަބަރު ފެތުރިގެން ދިޔައީ، ދިވެހިރާއްޖޭގައި ވެރިކަން ބަދަލުކޮށް، ޢަސްކަރީ ވެރިކަމެއް ޤާއިމްކޮށްފި ކަމުގެ ޚަބަރު. މީގެ ސަބަބުން އަޅުގަނޑުމެންގެ ރަޙްމަތްތެރި ވަރަށްގިނަ ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށް، އެކަމާ ބެހޭގޮތުން ނުތަނަވަސްވެ ވާހަކަ ދައްކަން ފެށި.

ވީމާ، ކަމުގެ ޙަޤީޤަތް ސާފުކުރުމަށްޓަކައި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ލިބިފައިވާ ބާރުގެ ދަށުން އަޅުގަނޑު ރިޔާސީ ކޮމިޝަނެއް އުފެއްދިން. ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީގެ ނަމުގައި. ފަހުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، [ކޯނީ]ގެ ނަމުގައި. އެ ކޮމިޝަން އަޅުގަނޑު އުފެއްދީ، މި ޤައުމުގެ މަޞްލަޙަތަށްޓަކައި. މި ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި. ކަމުގެ ޙަޤީޤަތް އެންމެންނަށް ސާފުކޮށްދިނުމުގެ ގޮތުން. އެވަގުތު މި ރާއްޖޭގައި ސިޔާސީގޮތުން ވަކިފަރާތަކަށް ޖެހިވަޑައިނުގެން ތިއްބެވި ބޭފުޅުންކޮޅެއް، އަޅުގަނޑު ފާހަގަކުރިން. ކޮމިޝަންގެ ރައީސަކަށް އޯކިޑްމާގޭ އަލްފާޟިލް އިސްމާޢީލް ޝަފީޢު އަޅުގަނޑު ހަމަޖެއްސީ، އެމަނިކުފާނަކީ ސަރުކާރުގެ ވަރަށް އިސް މަގާމުތައް ފުރުއްވާފައި ހުންނެވި އަދި ފަހަކަށް އައިސް، ވޭތުވެދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި، ސިޔާސީ ކަންކަމުން ދުރުވެވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ. ވަރަށްގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ބޭފުޅަކަށްވާތީ. އޭގެއިތުރުން އަޅުގަނޑު ޢައްޔަންކުރީ، ވަރަށް ޤާބިލް، ޒުވާން، ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހިވަޑައިނުގެން ތިއްބެވި ދެބޭފުޅުން. މަސައްކަތް ކުރިއަށް ދަމުން ގޮސް، މަހެއްހާ ދުވަސްވީފަހުން، އަނެއްކާވެސް ކުރީގެ ރައީސް މި ވިދާޅުވަނީ، މިއީ ވަކިފަރާތަކަށް ނުޖެހި އޮތް ކޮމިޝަނެއް ނޫނޭ، ތިމަންނަމެން ޤަބޫލެއް ނުކުރަމޭ، މި ކޮމިޝަނުން ކުރާ މަސައްކަތެއް. ތިމަންނަ ބޭނުންވަނީ، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ބުނާ ބަޔަކު މީގައި ހިމަނާށޭ. މިހެން ވިދާޅުވުމުން، އަޅުގަނޑުމެން ބޭރުގެ ޖަމްޢިއްޔާތަކާ ގުޅައިގެން، މި ކޮމިޝަންގެ ރައީސާ އެކީގައި ހަމަ ދެވަނަ ރައީސެއް އަޅުގަނޑު ކަނޑައެޅީ، ސިންގަޕޫރުގެ ފަނޑިޔާރެއް. ވަރަށްގިނަ ދުވަސްވީ، ވަރަށް ތަޖުރިބާކާރު ބޭފުޅެއް. އެބޭފުޅާ އަޅުގަނޑު ކަނޑައެޅީ، ކޮމަންވެލްތް ޖަމާޢަތުގެ ފަރާތުން އެބޭފުޅާ ފާހަގަކޮށް، އެބޭފުޅާގެ މުސާރަ އެފަރާތުން ދެއްވާގޮތަށް. ދެން ހަމަ އެޔާއެކީގައި، އެކަން ހިނގަމުންދާ ގޮތް ބެލުމަށްޓަކައި، ވަކިފަރާތަކަށް ނުޖެހި، އެކަން ދާނުދާގޮތް ބެލުމަށްޓަކައި، އ.ދ.ގެ ފަރާތުން ފޮނުއްވި ބޭފުޅަކު. އ.ދ.ގެ ފަރާތުން ފޮނުއްވީ، ދުސްތޫރީ ކަންކަމާބެހޭ މާހިރެއް. އެއީ، ކެނެޑާގެ ވަރަށް މަޝްހޫރު ބޭފުޅެއް. ހަމައެހެން، ކޮމަންވެލްތްގެ ޖަމްޢިއްޔާގެ ފަރާތުންވެސް މިކަން ދާނުދާގޮތް ބެލުމަށް އަނެއްކާވެސް ބޭފުޅަކު ފޮނުއްވައިފި. އެބޭފުޅަކީ އެއީ ނިއުޒީލަންޑްގެ ފަނޑިޔާރުކަން 25 އަހަރު ދުވަސް ވަންދެން ކުރައްވާފައި ހުންނެވި އަދި އިނގިރޭސި ރާނީގެ ނައިޓްހުޑް ލިބިވަޑަގެންފައިވާ ބޭފުޅެއް. އެ ތިންބޭފުޅުން، ދުނިޔެ ޤަބޫލުކުރާ ފެންވަރުގެ ތިންބޭފުޅުން ވަޑައިގެން، އަޅުގަނޑު ޢައްޔަންކުރި ތިން ބޭފުޅުންނާ އެކީގައި މަސައްކަތް ކުރައްވަން ފެށްޓެވި. ފެށްޓެވި ފަހުން އަނެއްކާ ވިދާޅުވެއްޖެ. ތިމަންނަގެ ފަރާތުންވެސް މީހަކު ތީގައި ހުންނަންޖެހޭނޭ. ދެން މިކަން ނުކުރަންޏަކާ، ތިމަންނަ ތިއަކަށް އެއްވެސް ބަޔާނެއްވެސް ނުދޭނަމޭ. އެހެންވީމާ، އެހިސާބުން އަޅުގަނޑު ޤަޞްދުކުރީ، އަޅުގަނޑު މީގައި ފޮރުވާކަށް ހަމަ އެއްވެސް ކަމެއް ނެތޭ. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރީ، އެމަނިކުފާނު ހުށަހެޅުއްވި މީހުން. އާދެ! އެމަނިކުފާނު ހުށަހެޅުއްވި މީހަކުވެސް އަޅުގަނޑު ޤަބޫލުކުރީ. ޤަބޫލުކޮށްގެން، މަސައްކަތް ކުރިއަށް ގޮސް، ހަތަރު ފަސްމަސް ވަންދެން މަސައްކަތްކޮށް، މަސައްކަތް ނިމިގެން، ރިޕޯޓްވެސް ނިމިގެން، ރިޕޯޓް ނެރެން އޮތް ދުވަހުގެރޭ، އެބޭފުޅާ އެ ހުށަހެޅުއްވި ބޭފުޅާ ނިކުމެ މި ވިދާޅުވަނީ، ތިމަންނަ ޤަބޫލެއް ނުކުރަމޭ، ކުރި މަސައްކަތެއް. ކިޔާފައި މިމަސައްކަތުން ނުކުމެވަޑައިގެންފި. އެކަމަކު އެ ރިޕޯޓް ނިމުމަށްފަހުގައި، މިއަދު ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން އެއްކަލަ ރިޕޯޓް ބަލައިގެންފި. އެއްކަލަ ރިޕޯޓް ބަލައިގެންފި. ބަލައިގަނެގެން، އެ ރިޕޯޓްގައި ކީކޭތޯ މިއޮންނަނީ. އެ ރިޕޯޓްގައި މިއޮންނަނީ، ފުރަތަމަ މިއޮންނަނީ [ރައީސް ނަޝީދު އިސްތިޢުފާ ދެއްވީ، އޭނާގެ އަމިއްލަ އިޚްތިޔާރުގައޭ. އެއްވެސް މަޖުބޫރު ކަމެއްނެތިއޭ.] ފުރަތަމަ މި ރިޕޯޓްގައި އޮންނަނީ. ދެން ރިޕޯޓްގައި މިއޮންނަނީ ކީކޭތޯ؟ [ފެބްރުއައީ 7، 8 ގައި ހިނިގި ޙާދިޘާގައި، މި ހިނގީ، އެމަނިކުފާނު ކަންތައް ކުރެއްވި ގޮތުންނޭ.] ވަރަށް ސާފުކޮށް މިވާހަކަ މިއޮތީ ލިޔެވިފައި.

މިއަދު އެއްކަލަ ރިޕޯޓް ޤަބޫލުކޮށްފި، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުން. މިއަދު މި ސަރުކާރު ޤަބޫލުނުކުރާ އެއްވެސް ބަޔަކު ނެތް. ބޭރުގެ ޤައުމުތަކުގެ ހުރިހާ ސަފީރުންތައް ރާއްޖެ އައިސް، އެމީހުންގެ ފަތްކޮޅުތައް އަރުވަމުން އެ ގެންދަނީ. އަޅުގަނޑުމެންގެ ސަފީރުންގެ ފަތްކޮޅުތައް، އެހެން މީހުން ޤަބޫލު ކުރަމުން އެ ގެންދަނީ. އެކަމަކު ކީކޭތޯ ބުނާނީ؟ އަޅުގަނޑުމެންގެ ތެރޭގައި، މި ސަރުކާރުގެ ތެރޭގައި، ސަރުކާރުގައި ހިމެނޭ މުއައްސަސާތަކެއް ކަމުގައިވާ ކައުންސިލްތަކުގެ ތެރެއިން މަދު ކައުންސިލްތަކެއް އެބަ ބުނޭ، ތިމަންނަމެން މި ސަރުކާރު ޤަބޫލެއް ނުކުރަމޭ. މިއީ ދެން ކިހާ ހެއްވާ ކަމެއްތޯ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުގައި، ރާއްޖޭގެ ޤައުމެއް ހިންގުމުގެ ހުރިހާ ކަމެއް ކަނޑައެޅިފައި މިއޮންނަނީ. އޮންނައިރުގައި ރާއްޖޭގައި މިއޮންނަނީ ތިންބާރު. ޤާނޫނުއަސާސީއިން ކަނޑައަޅާފައި އޮންނަ ތިންބާރު މިއޮންނަނީ. މި ތިންބާރު މިއޮންނަނީ ވަކިކުރެވިފައި. އެ ބާރުތަކަކީ އެއީ ޤާނޫނުހަދާ މަޖިލީހާއި، ޤާނޫނު ތަންފީޛުކުރާ މަޖިލީހުގެ ކޯޓުތައް. ދެން މިއޮންނަނީ ސަރުކާރު. ހަމަގައިމުވެސް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިމެނޭ ބައެއް ނޫން، ކައުންސިލް މެންބަރުންނަކީ. ހަމަގައިމު، ކޯޓުތަކުގެ ތެރޭގައި ހިމެނޭ ބައެއް ނޫން، ކައުންސިލްތަކަކީ. އެހެންވީމާ، ކައުންސިލްތައް މިވަނީ މި ސަރުކާރުގެ ބަޔަކަށް. ޤާނޫނުއަސާސީ ބުނާގޮތުން، މި ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔަކަށް މިހުންނަނީ ރައީސުލްޖުމްހޫރިއްޔާ. އެކަމަކު ކައުންސިލްތައް އެބަބުނޭ، ތިމަންނަ ޤަބޫލުކުރާ ސަރުކާރެއް ނޫނޭ މިއީކީ. މިއީ މިކަން ވާނެ ގޮތެއް ނޫން. މިކަން ކުރެވޭނެ ގޮތެއްވެސް ނޫން. ބުއްދި ހަމަޖެހޭ ބަޔަކު ދައްކާކަހަލަ ވާހަކައެއްވެސް ނޫން. އެހެން ނަމަވެސް، މިކަން އެބަ ހިނގާ.

ދިވެހިރާއްޖޭގެ ދުސްތޫރީ، ދީމުޤްރާޠީ ނިޒާމަކީ، ވަރަށް ޅަ ނިޒާމަކަށްވާތީ، އަޅުގަނޑުމެން ކެތްތެރިކަމާ އެކީގައި، އަޅުގަނޑުމެން މިކަންކަން ތަޙައްމަލް ކުރަމުން، އަޅުގަނޑުމެންނަށް ވެވުނުވަރަކުން ކަންކަމުގައި އެހީތެރިވަމުން މިގެންދަނީ. އެއްގޮތަކަށްވެސް އެއްވެސް ބޭފުޅަކު ހީފުޅުނުކުރައްވާތި، އަޅުގަނޑުމެންގެ ކެތްތެރިކަމަކީ، އަޅުގަނޑުމެންގެ ނިކަމެތިކަމޭ. އެކަން އޮތީ އެހެނެއް ނޫން. ކެތްތެރިކަމާއެކީ، ދިމާވާ ހުރިހާ އުނދަގޫތަކާއި އަނިޔާތައް ތަޙައްމަލްކޮށް، ޤައުމާއިގެން ކުރިއަށް ދިޔުމަކީ، މިއަދު އަޅުގަނޑުމެންނަށް ކުރަންޖެހޭ ކަމެއް. ޤައުމު އަޑިގަނޑަކަށް ވައްޓާނުލައި، ސިޔާސީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މި ޤައުމު ކުރިއަށް ގެންދިޔުމަކީ މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް. އެހެންވީމާ، އެކަން ކުރުމުގައި، އަޅުގަނޑުމެން ގެންގުޅޭނީ، ޤައުމަށް އެންމެ ރަނގަޅު އުޞޫލުތައް. އަޅުގަނޑުގެ ނަފްސަށް ނޫނީ އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހަށް އަދި އެންމެ މަޞްލަޙަތު ހުރި ގޮތެއް ނޫން. ޤައުމުގެ ރައްޔިތުންނަށް އެންމެ މަޞްލަޙަތު ބޮޑު ގޮތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކަންތައް ކުރަމުން ގެންދާނީ.

އާދެ! އެހެންވެގެން އެންމެ ފުރަތަމަ ދުވަހުވެސް އަޅުގަނޑު ދެންނެވިން، އަޅުގަނޑު ބޭނުންވަނީ، ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދާށޭ. ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށްޓަކައި، ފެބްރުއަރީ 7 ވަނަ ދުވަހުގެ ހަވީރު އަޅުގަނޑު، ހުރިހާ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ދެންނެވިން. އޭގެތެރޭގައި، އެމް.ޑީ.ޕީ.ގެ ރައީސްވެސް ވަޑައިގެން. އެމް.ޑީ.ޕީ.ގެ ރައީސްވެސް އިންނަވައިގެން، އަޅުގަނޑުމެން އެއްބަސްވީ، ޤައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފައްދަން. ހުރިހާ ބޭފުޅުން ވަޑައިގެން، އެބޭފުޅުންގެ ޕާޓީތަކުގެ ކައުންސިލްތަކާ މަޝްވަރާ ކުރެއްވުމަށްފަހުގައި، އެނބުރި ވަޑައިގެން، ވަޒީރުންގެ މަޖިލީހަށް ހިމަނުއްވާނެ ބޭފުޅުންގެ ނަންފުޅު ދެއްވަން. ނަމަވެސް، ފެބްރުއަރީ 8 ވަނަ ދުވަހު ކަންވެގެންދިޔައީ އެހެނެއް ނޫން. އެމް.ޑީ.ޕީ ފިޔަވައި ހުރިހާ ޕާޓީތަކެއްގެ ބޭފުޅުން ވަޑައިގެންނެވި، ނަން ހިއްޕަވައިގެން. އެމް.ޑީ.ޕީ އިން ނަޝީދު ނިންމެވީ، މަގުމައްޗަށް ނިކުމެވަޑައިގަންނަވަން. މަގުމައްޗަށް ނިކުމެވަޑައިގެން، ތަންތާނގައި ހުޅުޖައްސަވައި، ރާއްޖޭގައި ހަމަނުޖެހުން އުފެއްދެވުމަށް މަސައްކަތް ކުރެއްވީ. އެމަސައްކަތް އަދިވެސް މިގެންދަވަނީ ކުރައްވަމުން. ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލުމަށްޓަކައި. މި ރާއްޖެއަކީ މިއީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއަކުން ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ޤައުމެއް. މިއަދު ރާއްޖެއަށް އެންމެބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުން. އެހެންނަމަވެސް، އެންމެފަހުން މިދިޔަ ހަފްތާގައިވެސް އެކިއެކި ބޭރުގެ ނޫސްތަކުގައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށްޓަކައި ފާޑުފާޑުގެ އެއްޗެހި ލިޔުއްވަމުން ގެންދަވާ.

އެހެންވީމާ، އަޅުގަނޑުމެން ވަރަށް ސަމާލުވެގެން ތިބެން މިޖެހެނީ. އަޅުގަނޑުމެންގެ ޤައުމު، ސިޔާސީގޮތުން ހަލަބޮލިކޮށް، އިޤްތިޞާދީ ގޮތުން ޤައުމު ހަލާކުކޮށްލުމަށްޓަކައި މަސައްކަތްކުރާ މަދު ބަޔަކު، އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ. އަދި ރާއްޖޭގައި ކުރިން ނުފެންނަ ކަހަލަ ކަންތައްތަކެއް މިހާރު މަދުމަދުން ނަމަވެސް ފެންނަމުން އެބަދޭ. ޚާއްޞަކޮށް، މާރާމާރީގެ ކަންތައްތައް އެބަ ފެނޭ. މިއަދު އެންމެ ފަހުން މިއަދު މިއިންނެވި މަނިކުފާނު މީދޫގައި އުޅުއްވަނިކޮށް، އެބޭފުޅާގެ ލޯންޗަށް މީހަކު އެއްލައިފި، ގޭގައި ހަދާފައި އޮތް ބޮމެއް. މި ކީކޭތޯ ދަންނަވާނީ. މިއީ ކުޅޭކުޅޭ ކުޅިވަރެއް ނޫނޭ އިނގޭތޯ. މި ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުންވެސް ފެތެނީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި. މިއަށް އިނގިރޭސިބަހުން ކިޔަނީ، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސަސް. އަޅުގަނޑަކީ އަފްޣާނިސްތާނުގައި ވަރަށްގިނަ ދުވަހު އުޅުނު މީހަކަށްވާތީ، އަޅުގަނޑަށް އެނގޭ، މިއީ ކޮން ބާވަތެއްގެ އެއްޗެއްކަން މިމީހުން މި ހަދަނީ. އެހެންވީމާ، މިބާވަތުގެ ކަންތައްތައް، މި ޤައުމަށް ހެޔޮއެދޭ މީހަކު ނުކުރާނެ. ނުވެސް ކުރުވާނެ، އެހެން މީހުން ލައްވާ. އެހެން ނަމަވެސް، ކަންއޮތީ މިގޮތަށް. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމު އަދި އަޅުގަނޑުމެން ހިތްހަމަޖެހޭ ހިސާބަށް ސަލާމަތްވެގެން ދިޔައީކީ ނޫން. މިބާވަތުގެ ކަންތައްތައް، ޤައުމުގައި ކުރާ މީހުންނާ ދޭތެރޭގައި، އަޅުގަނޑުމެން ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނަން. އަޅުގަނޑުމެން މާރާމާރީގެ މައްސަލަތަކުގައި، މި ސަރުކާރުގެ ސިޔާސަތަކީ، ހަރުކަށި ސިޔާސަތެއް ކަމުގައި އަޅުގަނޑުމެން މީގެފަހުން ބަލާނީ. މިހާރު ހަރުކަށިނުވެ ނެތް ވާކަށެއް.

އެހެންވީމާ، މިހާރު އެނގިވަޑައިގަންނަވާނެ، މާރާމާރީގެ ކަންތައް މަދުކުރުމަށްޓަކައި، އެކަމާބެހޭ ޚާއްޞަ ޓާސްކްފޯހެއް އަޅުގަނޑު ވާނީ އެކުލަވައިލާފައި، އެ ޓާސްކްފޯސްގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދޭ. އަދި މިހާރު ރަށްރަށް އަމާން ކުރުމުގެ ގޮތުން، މިހާރުވާނީ ރޭގަނޑުގެ ވަކި ވަގުތެއްގެ ފަހުން، ރެސްޓޯރަންޓްތަކާއި ފިހާރަތައްވެސް ބަންދުކުރަން ހަމަޖައްސާފައި. މިގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނަން. އޭގެ ސަބަބުން، ރަނގަޅު ނަތީޖާ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ފެންނަމުންދާނެ.

އާދެ! އަޅުގަނޑު އަބަދުވެސް ދަންނަވަމުން ގެންދަން. އަޅުގަނޑަކީ ވަކި ކުލައެއް ތަމްސީލުކުރާ މީހެއް ނޫނޭ. ވަކި ޕާޓީއެއްވެސް ތަމްސީލުކުރާ މީހެއް ނޫނޭ. އަޅުގަނޑު މި ތަމްސީލު ކުރަނީ، ތިޔަ ލޮބުވެތި ރައްޔިތުން. ކޮންމެ ޕާޓީއެއްގެ މީހަކަށްވިޔަސް ވަރިހަމަ. އެއީ އެމް.ޑީ.ޕީ މީހަކަށްވިޔަސް، ޕީ.ޕީ.އެމް މީހަކަށްވިޔަސް އަދި އެހެން ޕާޓީއެއްގެ މީހަކަށްވިޔަސް، އަޅުގަނޑު މި މަޤާމުގައި ހުރިހާ ދުވަހަކު، އަޅުގަނޑު ތަމްސީލުކުރާނީ ތިޔަ ހުރިހާ ބޭފުޅުން. އަޅުގަނޑާއި ރައީސް ނަޝީދާ ޚިޔާލު ތަފާތުވާން ޖެހުނު އެންމެ ފުރަތަމަ ކަމަކީ މިދެންނެވީ. އަޅުގަނޑު ދެންނެވިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރާ މީހަކު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ މަޤާމަށް އިންތިޚާބުކުރާ މީހަކު އެއީ ވަކި ޕާޓީއަކަށް މަސައްކަތް ކުރަންޖެހޭ މީހެއް ނޫން. އެއީ މުޅި ޤައުމަށް މަސައްކަތް ކޮށްދޭންޖެހޭ މީހުން. އެމީހާގެ ކަންކަން ކުރުމުގައި، އެމީހާ މަޤާމުތައް ދިނުމުގައި، ސަރުކާރުގެ އެހީތައް ދިނުމުގައި، ދައުލަތުގެ މަޝްރޫޢުތައް ހިންގުމުގައި، ޕާޓީއަކުން ތަފާތުނުކޮށް ހުރިހާ ކަމެއް ކުރަމުން ގެންދަންޖެހޭނޭ. މިވާހަކަ އަޅުގަނޑު ދެއްކުމުން، އަޅުގަނޑުވީ ވަރަށް ގޯސް މީހަކަށް. އެހެން ނަމަވެސް، ކުރާނެ ކަމެއްނެތް. މިހިސާބަށް މިކަން މި ދާންޖެހުނީވެސް، އަޅުގަނޑުމެން އޭރުގައި، އިޚްލާޞްތެރިކަމާއެކީގައި މަސައްކަތް ކޮށްދޭން ތިބިއިރުގައިވެސް، އަޅުގަނޑުމެންގެ ބަސްނޭހީމާ.

އާދެ! މިއަދު އަޅުގަނޑު ތިޔަ ޢިއްޒަތްތެރި ރައްޔިތުންގެ އަރިހަށް މިއައީ ކުޑަކޮށް ލަދުންހުރެ. އޭގެ ސަބަބަކީ ކީއްވެތޯ؟ އެއީ މިދިޔަ އިންތިޚާބުގެ ތެރޭގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި، އަޅުގަނޑު ނައިބު ރައީސަކަށް ހުރިއިރުގައި، މިރަށަށް އަޅުގަނޑަށް އަންނަން، އަޅުގަނޑު ކައިރީގައި އެދިވަޑައިގަތް، އޭރުގެ ޚާރިޖީ ވަޒީރު. މިރަށުގައި އެއަރޕޯޓް ޢިމާރާތް ކުރުމާއި، އެގްރީމަންޓެއްގައި ސޮއިކުރަން އެބަ އުޅެމޭ. އެހެންވީމާ، ނައިބު ރައީސް ވަޑައިގެން ދެއްވަންވީ ނޫންތޯއޭ. ދެން އަޅުގަނޑުވެސް، އެ އެގްރީމަންޓެއް އަޅުގަނޑު އޭރަކު ނުދެކެން. އަޅުގަނޑު އައީ، އިންތިޚާބުގެ ދުވަސްވަރު އެއީ. އައިސް މިރަށުގައިވެސް އަޅުގަނޑު އިނިން. އަދި އެއަރޕޯޓެއް ދެވޭނެ ކަމުގެ އުފާ އަޅުގަނޑުވެސް ފާޅުކުރިން. ހަމައެގޮތަށް، މިރަށަށް އައުމުގެ ކުރިން، ތ. އަތޮޅު ތިމަރަފުށްޓަށްވެސް އަޅުގަނޑު ގެންދިޔަ. ގެންގޮސް، އެރަށުގައިވެސް ހަމަ މިދެންނެވި ގޮތަށް، އެގްރީމަންޓެއްގައި ސޮއިކުރި. ދެން މިވާހަކަ ވާނީ ތިޔަބޭފުޅުން މިހާރު ޓީ.ވީ.އިންވެސް ވަރަށްގިނަފަހަރަށް އައްސަވާފައި. އެ ހަމަ ވީގޮތްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، ދެން އެވާހަކަ ތަފްޞީލުކޮށް ދައްކާކަށް ނެތިން.

އަޅުގަނޑު ދަންނަވަން ބޭނުން ވާހަކައަކީ، މިހާރު ތ. އަތޮޅު ތިމަރަފުށީގެ އެއަރޕޯޓް ވަރަށް ބޮޑަށް ކުރިއަށް ހިނގައްޖެ. އެއަރޕޯޓް އެދަނީ ހެދެމުން. ﷲ އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ކުރީކޮޅު އެއަރޕޯޓް ހުޅުވޭނެ. ހަމައެހެން، އިރާދަކުރެއްވިއްޔާ، މިރަށުގައިވެސް މާލަހެއްނުވެ އެއަރޕޯޓްގެ މަސައްކަތް ފެށޭނެ. އާދެ! އެކަން ކުރުމަށްޓަކައި މިރަށުގައި އެބަޖެހޭ، ބިން ހިއްކަން. އެހެންވީމާ، ބިން ހިއްކުމުގެ މަޝްރޫޢު ފުރަތަމަ ފަށަން މިޖެހެނީ. ﷲ އިރާދަކުރެއްވިއްޔާ، އެކަން މިއަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ.

އާދެ! ކުރިން ދެންނެވިހެން، މިވޭތުވެދިޔަ ނުވަވަރަކަށް މަސްދުވަހަކީ އެއީ މާފަސޭހަ ދުވަސްވަރެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން މަޑެއްކޮށް ނުތިބެން. އޭގެ މިސާލު، އަޅުގަނޑުމެންނަށް މިރަށުން ފެންނަމުން މިދަނީ. އާދެ! އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިވޭތުވެދިޔަ ނުވަމަސް ދުވަހުގެ ތެރޭގައި، މިރަށުގެ ބަނދަރުވެސް ހަދަން ފެށި، މިހާރު ބަނދަރު ދަނީ ކުރިއަށް ހެދެމުން. އަދި މިރަށުގެ ބޯޅަދަނޑު ހެދުމަށްޓަކައި ބޭނުންވާ ފައިސާވެސް މިހާރުވަނީ ކައުންސިލަށް ޖަމާކުރެވިފައި. މިރަށުގެ ޔޫތު ސެންޓަރުވަނީ ހުޅުވިފައި. އަދި އޭގެއިތުރުން، އެމް.އެން.ޑީ.އެފް.ގެ ޕޯސްޓެއް މިރަށުގައި ހެދި، މިރަށުގައި ފަޔަރ ބްރިގޭޑް ޓްރޭނިންގ ދީފައި، ވަޒީފާ ނެތިފައި ތިބި ކުދިންތަކަކަށް ވަޒީފާވެސް ދެވިއްޖެ.

އާދެ! އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ރައްޔިތުން އުޅޭ ހުރިހާ ރަށެއްގައިވެސް، ފުރަތަމަ އިސްކަންދީގެން، ބޮޑެތި ރަށްރަށުގައި، އާބާދީ ބޮޑު ރަށްރަށުގައި، މަގުތައްވެސް ހަދަމުން ގެންދިޔުން. އެގޮތުން، މިހާރު އަޅުގަނޑުމެން މަގުހަދަން ފަށާފައި ހުރި ރަށްރަށް އެބަހުރި. އޭގެތެރޭގައި، އައްޑުއަތޮޅުގެ ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ލ. އަތޮޅު ގަމު. ލ.އަތޮޅުގައި އަޅުގަނޑުމެން 16 ކިލޯ މީޓަރުގެ ވަރަށްދިގު މަގެއް، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ހަދާނަން، ތާރު އަޅާފައި، ރަނގަޅު ފެންވަރެއްގައި. އައްޑުއަތޮޅުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަދި ކުޅުދުއްފުށީގެ މަގުވެސް، ﷲ އިރާދަކުރެއްވިއްޔާ، އަހަރު ނިމެންވާއިރަށް ހަދާ ނިމޭނެ. ހަމައެގޮތަށް، އިރާދަކުރެއްވިއްޔާ، މިރަށުގެވެސް އަޅުގަނޑުމެން މަގުހަދަން ފަށާނަން.

އާދެ! ދެން އެހެން ރަށްރަށުން އަޅުގަނޑަށް، އަޅުގަނޑުގެ ކައިރީގައި ނޭދި އޮތް ކަމެއް. އެހެންނަމަވެސް، މިއީ ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް މިރަށުން ޔަޤީންވި. އެއީ ވަރަށްގިނަ ރަށްރަށުގައި މިހާރު އެބަހުރި، ޒުވާނުން ގޯތި ނަގާފައި. އެހެން ނަމަވެސް، އެ ގޯތި މިހުންނަނީ ނެހެދި، ވަރަށްގިނަ ދުވަސް ވަންދެން. މި ގޯތި ނަގައިގެން، ގޯތި ނެހެދި ހުރުމުގެ ޙައްލަކީ، ވަރަށް އަވަހަށް އައިސް ފަންސަވީހަކަށް ފްލެޓް އަޅާލުމެއް ނޫން. އެއީކީ ނޫން ޙައްލަކީ. ޙަޤީޤީ ޙައްލަކީ ގޯސް ނަގާފައި ތިބި މީސްމީހުންނަށް، އެކަން ކުރެވޭނެ ގޮތެއް، މިތާނގައި ގެދޮރުއެޅޭނެ ގޮތެއް ހޯދައިދިނުން. އެހެންވީމާ، އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ، ގޯތި ނަގާފައި، ގެދޮރު ނެހެދި ހުރި މީސްމީހުންނަށް، ލުއި ލޯނެއް ލިބޭނެގޮތެއް ހަދަން. މިކަމާ ބެހޭގޮތުން ނަގަންޖެހޭ ހުއްދަ ހޯދުމަށްޓަކައި، ދާދި އަވަހަށް އަޅުގަނޑުމެން ރައްޔިތުން މަޖިލީހަށް މައްސަލަ ފޮނުވާނެ ވާހަކަ ދަންނަވަން.

އާދެ! އަޅުގަނޑުމެން އަބަދުވެސް ބަލަނީ، ކުޑަހުވަދުއަކީ ރާއްޖޭގައި އޮތް އެންމެ ރީތި އެއްރަށް ކަމަށް. އާދެ! މިރަށަށް އައީމަ އެކަން އެނގޭނީ އެހެން ނޫންތޯ. އެހެންވީމާ، މިއަދުވެސް މިރަށަށް އައީމަ، އަޅުގަނޑަށް އިޙްސާސް ކުރެވިއްޖެ، މިރަށަކީ ހަމަ ޙަޤީޤަތުގައިވެސް ވަރަށް ރީތި ރަށެއްކަން.

އާދެ! އަޅުގަނޑު ކޮންމެހެން ތިޔަބޭފުޅުންނަށް ބޮޑެތި ހުވަފެންތަކެއް ދައްކާކަށް ނެތީމު. އެހެން ނަމަވެސް، އަޅުގަނޑު ދެކޭހިތްވާ ހުވަފެނަކީ، މިރަށަކީ މިއީ ރާއްޖޭގައި އޮތް އެންމެ ތަހުޒީބު، އެންމެ ކުރިއަރާފައި އޮތް، އެންމެ ރީތި އަދި އެންމެ އުޅެން ފަސޭހަ ރަށް ކަމުގައިވުން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް، މާތް ﷲ ރަޙްމަތް ލައްވައި، ތިޔަ ހުރިހާ ބޭފުޅުންނަކީ، އުފާވެރިކަމާ އެކީގައި، ފާގަތިކަމާ އެކީގައި، ޞުލްޙަވެރިކަމާ އެކީގައި ދިރިއުޅުއްވާ ރައްޔިތަކަށްވުން.


والســّلام عليــكم ورحـمــة اللّـه وبـركاتـه