بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
މީދޫގެ ލޮބުވެތި ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު ސިޔާމް، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މި އަޟުޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކްބާދީ، ތިޔަ ހުރިހާ އެންމެހާ ރައްޔިތުންނަށް ރައްދުކުރުން. ޢީދު މުބާރިކް.

މީދޫ މިއީ ވަރަށް ޚާއްޞަ ރަށެއް. ދަންނަވަންތޯ، މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރިން، އަޅުގަނޑު ވަރަށް ގިނައިން ގޮސްއުޅުނު ގެއެއް، ޖަވާހިރުވާދީ ކިޔާ ގެއެއް. ދެން އެންމެފަހުން އުޅެމުން ގޮސް، އެގޭ އިލްހާމާ އަޅުގަނޑަށް މި ކައިވެނި ކުރެވުނީ. ދެން އިލްހާމް ހޯދަންދާ ދިޔުމުގައި، ބައެއްފަހަރު އެބަދާންޖެހޭ، މާފަންނުގައި އޭރު ހުންނާނެ ކުދިމާގެ ކިޔާ ގެއެއް. އެ ކުދިމާގެއަކީ މިއީ ކާކު ގެއެއްތޯ؟ އެއީ އަލްމަރްޙޫމް މީދޫ މޫސާ ތައްޚާންގެ ގެ. މީދޫ މޫސާ ތައްޚާން، އަޅުގަނޑަށް ދަސްވީ، އިލްހާމްގެ ފަހަތުން ދާން ހަދައިގެން. އެއީ، އިލްހާމްގެ ދޮންކާފަ. އޭރުއްސުރެ މި މީދުއާ އޮންނަނީ ވަރަށް ޚާއްޞަ ގުޅުމެއް އުފެދިފައި.

އާދެ! އެހެންވީމާ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މީދުއަކީ އަޅުގަނޑު ވަރަށް ލޯބިވާ ރަށަކަށްވާނީ އެހެން ނޫންތޯ. މީދޫދެކެ އަޅުގަނޑު ހިތްހަމަނުޖެހެންވީ ސަބަބެއް، އަޅުގަނޑު ފުރައްސާރަ ކުރަންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޯންނާނެ. އަޅުގަނޑު މީދޫދެކެ އަބަދުވެސް ހަމަ ވާނީ ލޯބި. އެހެންވީމާ، މިއަދު މިރަށަށް އައުން މިވީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލަކަށް. އަދި އިލްހާމަށްވެސް ލިބުނު ވަރަށްބޮޑު އުފަލަކަށް. އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައި މިރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން ބަނދަރު ކައިރިއަށް ވަޑައިގެންދެއްވި ކަމަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ދެން ތެދެއް، ކުޑަކޮށް އަޅުގަނޑުމެންނާ ޚިޔާލު ތަފާތު މަދު ބޭފުޅުންކޮޅެއް އެބަތިއްބެވި. އެހެން ނަމަވެސް، އަޅުގަނޑު ޤަބޫލެއް ނުކުރަން، އެތާނގައި އެންމެ އަޑުގަދަކޮށް އެއްވެ އުޅުއްވީކީ ކޮންމެހެން އަޅުގަނޑުމެންދެކެ ރުޅިއަންނަ ބޭފުޅުން ކަމަކަށް. ތެދެއް ކުޑަކޮށް، ފޮޓޯ ބޭނުންނުވާ ބޭފުޅުން އެބަ އުޅުއްވާ. އާދެ! އަޅުގަނޑުމެން މިއުޅެނީ ފޮޓޯ ވީހާވެސް ނުދީވޭތޯ. އެކަމަކު މި ފޮޓޯއަކީ ވަރަށް މުހިންމު އެއްޗެއް މިހާރު. ފޮޓޯ މުހިންމުވާ ސަބަބު އަޅުގަނޑު ދަންނަވާނަން. މި ފޮޓޯ މި މުހިންމުވަނީ، މި ފޮޓޯ ގެންގޮސް ބޭރުގެ ފަރާތްތަކަށް ދައްކާލަން އެބަޖެހޭ. ދައްކާލައި، އެކިއެކި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، ރައްޓެހި ބައެއް ފަރާތްތަކަށް ދައްކާލަން އެބަޖެހޭ. ދައްކާލާފައި ބުނަންޖެހޭ، ދިވެހިރާއްޖެ ހަމައެއްނުޖެހޭ. ދިވެހިރާއްޖޭގައި ވަރަށްބޮޑު ހަމަނުޖެހުން އެބައޮތޭ. މިކަންކުރާ ބަޔަކު އެބައުޅޭ. ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެދާނެތީ، ރާއްޖޭގެ ރައްޔިތުން ހަމަޖެހޭ ދިރިއުޅުމެއް އުޅެފާނެތީ، އެކަމާ ކަންބޮޑުވާ ބަޔަކު އެބައުޅޭ. އެމީހުންނަށް އެބަ އެނގޭ، މިވޭތުވެދިޔަ 8 މަސްދުވަހު މި ރާއްޖެ ވަރަށް ރީތިކޮށް، ވަރަށް ހަމަހިމޭންކަމާ އެކީގައި އެބަ ކުރިއަށްދާކަން. އަޅުގަނޑުމެން ކަންބޮޑުވެގެން، ކަމެއް ނުވެގެނެއް ނޫޅޭކަން.

އެހެންވީމާ، މިނޫން ތަޞްވީރެއް ރާއްޖެއިން ބޭރަށް ދެއްކުމަށްޓަކައި، އެއްކަލަ ފޮޓޯތައް ނަގާފައި އެބަ ފޮނުވަންޖެހޭ. ދެން އެނގިވަޑައިގަންނަވާނެ، މީގެކުރިންވެސް ވަރަށް ފާޑުފާޑުގެ މަންޒަރު ކުޅޭ ކަހަލަ ފޮޓޯތައް އެބަހުރި ނަގާފައި. އޭގެތެރޭގައި، ބޮޑަށް ހިމެނެނީވެސް ފިލްމު ކުޅެ އުޅުނު މީހުން. އެހެންވީމާ، އެކްޓަރުން ބައެއްފަހަރަށް މޭކަޕް ކޮށްލާފައި ނަގާފައި ހުންނަ ފޮޓޯވެސް ހުންނާނެ. މިކަހަލަ ފޮޓޯތަކެއްވެސް ހަދާފައި، އިންޓަރނެޓަށްލާ، ރާއްޖެއިން ބޭރަށް ފޮނުވާ، މިކަހަލަ ކުޅިވަރުތަކެއް ކުޅޭ. އަދި ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލުމަށްޓަކައި ވަރަށްބޮޑު މަސައްކަތްތަކެއް ކޮށްވެސްފި. މި ފޮޓޯތައް ދައްކައިގެން، ރާއްޖެއަށް ފަތުރުވެރިން ނާންނާށޭ ބުނެ، ރާއްޖެއަށް އެހީ ނުދޭށޭ ބުނެ، މިކަހަލަ ކިތަންމެގަނޑެއްގަނޭ. އެކަމަކު ދަންނަވަންތޯ، މިއިން އެއްވެސް މަސައްކަތަކުން އެއްވެސް ނަތީޖާއެއް އެމީހުންނަކަށް ނުފެނުނު. ދެއްކި ހުރިހާ ވާހަކަ ހަމަ އޮބިގެން ދިޔައީ. އެ ޤަބޫލުކުރާ މީހަކު މިހާރަކު ނޫޅޭ. ފުރަތަމަ ދެއްކީ ކީކޭތޯ. ފުރަތަމަ ގޮވީ މިއީ ބާޣީ ސަރުކާރޭ. ދެން އަޅުގަނޑުމެން މީގެ ޙަޤީޤަތް ދެއްކުމަށްޓަކައި އަޅުގަނޑުމެން ބުނެފިން، ބޭރު މީހަކު ފޮނުވާށޭ. އައިސް، ބަލާށޭ. ބުނިހާއިރުން މިމީހުން ފޮނުވައިފި، ފާޑުފާޑުގެ މީހުން. ނިއުޒީލަންޑް މީހަކާއި، ކެނެޑާ މީހަކާއި، ސިންގަޕޫރު މީހަކާ، މިކަހަލަ ކިތަންމެ ބަޔަކު ފޮނުވައިފި. މިމީހުން އައިސް މިތާނގައި އެތައް ދުވަހެއް ވަންދެން ތިބެނީ. ހަތަރު ފަސްމަސް ދުވަސް ވަންދެން މަސައްކަތް ކޮށްފައި، މި މީހުން ރިޕޯޓް ނެރެ، ތިޔަ ހުރިހާ ބޭފުޅުންވެސް މިހާރު އައްސަވާނެ، ކޯނީ ރިޕޯޓެއްގެ ވާހަކަ. މި ކޯނީ ރިޕޯޓްގައި ކީކޭތޯ އޮތީ؟ މި ކޯނީ ރިޕޯޓްގައި އޮތް ވާހަކައަކީ، ރާއްޖޭގައި އެކިއެކި ހަމަނުޖެހުން އުފައްދައި، ފެބްރުއަރީ 7 އާއި 8ގެ މިހާރު ހުރިހާ ކަމެއްގެ އަޞްލަކީ ހަމަ އެންމެ މީހެކޭ. ދެން އެމީހާގެ ނަން ނުބުންޏަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެއީ ކާކުކަން. ދެން އޭނަ ބުނީ ކީކޭތޯ. ދެން އޭނަ ބުނީ، އެމީހާ އަމިއްލައަށް އިސްތިޢުފާދީފައި ދިޔައްޔޭ. އޭނައަކަށް އެއްވެސް މަޖުބޫރު ކަމެއްނެތޭ. ހަމަ އަމިއްލައަށް އުޅެފައި އެކަން ނުވެގެން، މީނާ އަމިއްލައަށް ދުރުވީއޭ. މިހެން މި ބުނަނީ. އެހެންވީމާ، ބައްލަވާ، ދެން އަދިވެސް މިކަން ޤަބޫލުނުކުރާ ބަޔަކު، އަޅުގަނޑުމެންގެ ތެރޭގައި ތިބޭތީ އަޅުގަނޑު ޙައިރާންވަނީ. އެއީ ދުނިޔޭގެ ހުރިހާ ޤައުމަކުން މިކަން ޤަބޫލުކޮށްފި. މިހާރު ދެން މިކަން މިއީ ނެތް ކަމެއް ކަމަށް ބަލައި، ޤައުމާއިގެން ކުރިއަށް ދިޔުމަށް އަޅުގަނޑު ކައިރީގައި އަޅުގަނޑާ ދިމާވާ ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ ވެރިންވެސް ވިދާޅުވަމުން މި ގެންދަވަނީ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް މަދު މީހުންކޮޅެއް އެބައުޅޭ، އެކަމަކާއިގެން ކުރިއަށް ނުދެވިގެން އުޅޭ ބައެއް. އެކަހަލަ ބައެއް، މަދު ބައެއް މިރަށުންވެސް މިއަދު ފެނޭ. އެކަމަކާ އަޅުގަނޑު ދަންނަވާނީ، މާބޮޑަކަށް އަޅާލައްވާނެ ކަމެއްނެތޭ. އަޅުގަނޑުމެންގެ މި އުފާވެރި ޢީދު ދުވަހު އަޅުގަނޑުމެން އުފާކުރަންވީ. އަޅުގަނޑުމެންގެ މުސްތަޤްބަލް އޮތީ ވަރަށް އުޖާލާކޮށް. ވަރަށް އުފާވެރިކޮށް. އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް އިރާދަކުރެއްވިއްޔާ، ކުރެވޭގޮތަށް އޮތީ.

އަޅުގަނޑު މި ސަރުކާރުގެ ބަޖެޓްގައި ފައިސާ ނެތިގެން، ދައުލަތުގެ މުދާތައް ވިއްކައި، ރާއްޖޭގެ ރަށްތައް ވިއްކާލައި، މި ޤައުމު ބޭރުބަޔަކަށް ދޫކޮށްލާ، މިކަހަލަ ކަމެއް އަޅުގަނޑު ނުކުރާނަން. ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ހަމަ ލިބިފައި ހުރި ފޮތި ފޭއްޔެއްގެ މިނަކުން އަޅުގަނޑުމެން ފޫގަޅާނީ. އަޅުގަނޑުމެން ނުފޯރާ ފޮތިން ފޫގަޅާކަށް ނޫޅެން. ނުފޯރާ ފޮތިން ފޫގަޅަން އުޅުނު މީހުންނަށް ވީގޮތް އަޅުގަނޑުމެންނަށް އެއޮތީ އެނގި ސާބިތުވެފައި. ދެން އެވާހަކަ ދެއްކުން އެއީ ވަރަށް ހުތުރު ކަމަކަށްވާނީ. އާދެ! އެހެންވީމާ، އެވާހަކަ ނުދައްކަމާ ހިންގަވާ.

އާދެ! ތިޔަބޭފުޅުން ތިޔަ ވިދާޅުވި ކަންތައްތައް ކުރެވޭނެ އިރާދަކުރެއްވިއްޔާ. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރީމާ، އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް، އަދި އިރާދަކުރެއްވިއްޔާ މި ރާއްޖެއަކު ނެތް. މިރަށުގެ ބިންވެސް ބޮޑުކުރެވޭނެ. މިރަށު ބޭފުޅަކާ ކައިވެނިބައްލަވައިގަންނަވައިގެން އުޅުއްވާ ބޭފުޅެއް، ޑޮކްޓަރ މުޢިއްޒު. ދެން މިރަށުގެ ބިން ބޮޑުނުކޮށް، ކޮން ރަށެއްގެ ބިމެއްތޯ އެބޭފުޅާ ބޮޑުކުރައްވާނީ. ތިޔަބޭފުޅާއަށް މިރަށަށް އަރާވަޑައެއްވެސްނުގެންނެވޭނެ އެކަން ނުކުރައްވާ. އެހެންވީމާ، ދެން މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެކަން އެއީ ވާނެ ކަމެއްކަން އިރާދަކުރެއްވިއްޔާ. ދެން މާލަސްނުކުރައްވައި މުޢިއްޒު އެކަން ކުރެއްވުން އަޅުގަނޑު އެދެން.

އާދެ! ދެންވެސް ހަމަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ކަމަކަށްފަހު ކަމެއް ކުރަމުން ގެންގޮސް، ހަމަ ކުރަންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ވާނެ. އަޅުގަނޑު އެންމެ އިސްކަންދޭ އެއްކަމެއް، ނަރުދަމާ، ފާޚާނާގެ ނިޒާމް ޤާއިމްކުރުން. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިއީ މާބޮޑަށް ލަސްވެފައި އޮތް ކަމެއް. އަޅުގަނޑުމެންގެ އިންސާނިއްޔަތު ކަމާއި، އަޅުގަނޑުމެންގެ ނަފްސުގެ ޢިއްޒަތާއި ޤަދަރު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަމެއް އެއީ. ޤާނޫނަކުން އެކަން ލާޒިމްކުރިޔަސް ނުކުރިޔަސް، ކުރަންޖެހޭ ކަމެއް އެކަމަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަން ކުރުމުގައިވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ﷲ އިރާދަކުރެއްވިއްޔާ، މިރަށުގައިވެސް އަދި ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް ފާޚާނާއާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރެވޭނެ.

އާދެ! މިއުފާވެރި މުނާސަބަތުގައި، އަޅުގަނޑު ކޮންމެހެން މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމު. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވަން އޮތް ވާހަކައަށް، ދެތިން ވާހަކައެއް އެބަވޭ. ފުރަތަމަ ވާހަކައަކީ، މި ސަރުކާރަކުންނެއް އެއްވެސް ބަޔަކާ ދޭތެރޭގައި ތަފާތެއް ނުގެންގުޅޭނަމޭ އިނގޭތޯ. އަޅުގަނޑުމެންނަކީ ކުލައަކަށް ބަލާ ބައެއް ނޫން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުގެ ހުރިހާ ދަތުރުތަކެއްވެސް ދެވިފައި ހުންނާނީ ޤައުމީ ދިދައިގެ ދަށުގައި. އަޅުގަނޑުގެވެސް އޮވެއޭ ސިޔާސީ ޕާޓީއެއް. އޭގައި ކުލައެއްވެސް އޮވޭ. އެކަމަކު މިއަދު ދިވެހިރާއްޖެއަށް ބޭނުންވަނީ، ތަފާތު ކުލަތަކެއް ނޫން. މިއަދު އެންމެ ބޭނުންވަނީ އެންމެ ދިދައެއް. އެއީ ޤައުމީ ދިދަ. އެ ޤައުމީ ދިދައިގެ ދަށުގައި އަޅުގަނޑުމެން އެބަޖެހޭ، އެންމެން އެކީގައި މަސައްކަތް ކުރަން. އެއީ ދިވެހިރާއްޖެއަށް މިހާރު ވަރަށް ބޮޑެތި އުނދަގޫ ދަތިތަކަކާ ކުރިމަތިވެފައި މިހިރީ. ޑިމޮކްރަސީ ގެނައުމަކީ، އެއީކީ ފަސޭހަ ކަމެއް ނޫން. އެ ޑިމޮކްރަސީ ގެނައުމަށްޓަކައި އަޅުގަނޑުމެންވެސް ހަމަ ކެތްކުރަމުން މިގެންދަނީ. މިއީ ވަކިމީހަކު ގެނައި ކަމެއް ނޫން. ދިވެހިރާއްޖެއަށް ޑިމޮކްރަސީ އަންނާނީކީއެއް ވަކިމީހަކު ދޫކޮށްފައި ބެހެއްޓީމަކާއެއް ނޫން. އެކަމަށްޓަކައި މަސައްކަތްކުރާ ކިތަންމެ ބަޔަކު ރާއްޖޭގައި އެބަތިބި. ތިޔަބޭފުޅުން އެ މަސައްކަތް ކުރައްވާތީ، ޑިމޮކްރަސީ އަންނާނީ. އެހެންވީމާ، އެއްގޮތަކަށްވެސް ހީފުޅުނުކުރައްވާތި، ވަކިމީހަކު ވެރިކަމުގައި ނެތީމާ، ނޫނީ ވަކި ޕާޓީއެއް ވެރިކަމުގައި ނެތިއްޔާ، ތިޔަބޭފުޅުންނަށް ޑިމޮކްރަސީއެއް ނުލިބޭނޭ. އެއީ ޙަޤީޤަތެއް ނޫން. މި ޤައުމަށް ޑިމޮކްރަސީ ބޭނުންވެގެން އުޅެނީ، މި ޤައުމުގެ ރައްޔިތުން. ވަކި ޕާޓީއަކުން ނޫން. އެއީ އަޅުގަނޑެއްވެސް ނޫން. އަދި އެހެން ބޭފުޅެއްވެސް ނޫން. ތިޔަބޭފުޅުން ޑިމޮކްރަސީ ބޭނުންވެގެން އުޅެނީ. ތިޔަބޭފުޅުން ބޭނުންވާ ޑިމޮކްރަސީއަކީ، އެ ޑިމޮކްރަސީގެ ސަބަބުން ރާއްޖޭގައި ޢަދުލު އިންޞާފް ޤާއިމް ކުރެވި، އަމަންއަމާންކަން ޤާއިމް ކުރެވި، ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމާއި މުއްސަނދިކަން ލިބުން. އެކަހަލަ ޑިމޮކްރަސީއެއް ތިޔަބޭފުޅުން ބޭނުންފުޅުވަނީ. އެ ޑިމޮކްރަސީ ހޯދުމަށްޓަކައި ކުރަންޖެހޭ ކިތަންމެ މަސައްކަތްތަކެއް އެބަހުރި.

އަޅުގަނޑުމެން މިތިބީ ﷲ އިރާދަކުރެއްވިއްޔާ، އެކަމަށް ކެރި، އެކަމުގައި ޤާބިލްކަމާއި ކުޅަދާނަކަމާ އެކީގައި އެކަމާއިގެން ކުރިއަށްދާން. ރާއްޖޭގެ އިޤްތިޞާދު ރަނގަޅު. މީހަކު ދައްކާހާ ވާހަކައެއް އައްސަވާނެ ކަމެއްނެތް. ރާއްޖޭގެ އިޤްތިޞާދު ގޯސްވެގެން އުޅޭކަށްނުޖެހޭ. މިތިއްބެވި ބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ޓުއަރިޒަމް ދަނީ ކުރިއަށް. މިއަދު ރާއްޖޭގެ ހުރިހާ ރިޒޯޓްތައް ހުރީ ފުރިފައި. ރާއްޖޭގެ ޓުއަރިޒަމް ސެކްޓަރ ކުރިއަރަމުންދޭ ސަތޭކައަކުން ފަސް ޕަސެންޓް، ހަ ޕަސެންޓްގައި މިހާރު. މަސްވެރިކަން އިރާދަކުރެއްވިއްޔާ ރަނގަޅު. މިއަހަރު ވަރަށް މަސް ބާނައިފި މި ރާއްޖެއަށް. ހަމައެކަނި ދެކުނުގެ އަތޮޅުތަކަށް ކޫއްޑޫ މަސްކުންފުނިން އެކަނި ދުއިސައްތަ ފަސްދޮޅަސް ނުވަ މިލިއަން ރުފިޔާ، މިދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށްދީފި. މި ރާއްޖޭގައި އިރާދަކުރެއްވިއްޔާ އޮތީ ތިޔާގިކަމާއި ތަނަވަސްކަން. އަޅުގަނޑުމެންނަށް ދިމާވާ ބައެއް ކުދިކުދި ދަތިތައް އެބަހުރި. އެއީ ކީއްވެގެންތޯ އެ ދަތިތައް ނުހުންނާނީ؟ މިވޭތުވެދިޔަ ތާނގައި، ބަޔަކު އެމީހުން ޚަރަދުކޮށްފައި، ބިލްތަކަށް ފައިސާ ނުދައްކާ ދެބިލިއަން ރުފިޔާގެ ބިލް އަޅުގަނޑުމެންނަށް ދީފައި އެބަހުރި. އެހެންވީމާ، ދަތިތަކާ ކުރިމަތިލާންޖެހޭ. އެހެން ނަމަވެސް، ޤައުމުގެ އިޤްތިޞާދު ގޯސްވެގެނެއް އަޅުގަނޑުމެން ނޫޅެން. އިރާދަކުރެއްވިއްޔާ، އިޤްތިޞާދު ކުރިއަށް ދެން ދާނީ. އަދި އިޤްތިޞާދަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައްވެސް އަޅުގަނޑުމެން ހޯދާނަން. ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި، ބޮޑު ދެ ޕްރޮޖެކްޓެއް އަޅުގަނޑުމެން ފަށާނަން ރާއްޖޭގައި، ރާއްޖޭގެ އާމްދަނީ އިތުރުވާނެ. މި ޤައުމު އިރާދަކުރެއްވިއްޔާ ވާނީ ހަމަ ސުލްހަވެރި އަމާން ފާގަތި ތަނަކަށް. އެއްގޮތަކަށްވެސް އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއްނެތް. ކުރިއަށް އޮތީ އުޖާލާ، އުފާވެރި ދުވަސްތައް.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، އުފާވެރިކަމާއެކީގައި، ޞުލްޙަވެރިކަމާއެކީގައި، އަމާން އޮމާން ދިރިއުޅުމެއް އުޅުއްވާ ރައްޔިތަކަށްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه