بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ބަނޑިދޫގެ ލޮބުވެތި ރައްޔިތުން, ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު، މިއަތޮޅު ކައުންސިލްގެ ރައީސާއި ކައުންސިލަރުން. ރަށު ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން. ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، އަޅުގަނޑުމެންގެ މި މާތްވެގެންވާ އުފާވެރި ބޮޑުޢީދުގެ ތަހުނިޔާ، މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ރައްދުކޮށްދެއްވުން. ޢީދު މުބާރިކް!

އާދެ! މި ޢީދުގެ ތެރޭގައި، ރައްޔިތުންނާ އެކުގައި އުފާފާޅުކުރުމަށްޓަކައި ރައްޔިތުންގެ އުފަލުގައި ބައިވެރިވެލުމަށްޓަކައި އަޅުގަނޑު މިދަތުރު މިފެށީ. މި ދަތުރުގައި، އަޅުގަނޑު އަންނަ ދެވަނަ ރަށް މިރަށަކީ. އަޅުގަނޑު އުންމީދު ކުރަނީ، މިއަތޮޅުގެ ހުރިހާ ރަށަކަށްވެސް އަޅުގަނޑަށް މިދެތިން ދުވަހެއްގެ ތެރޭގައި ޒިޔާރަތް ކުރެވޭނެ ކަމަށް.

އާދެ! އަޅުގަނޑު ދެންމެ ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ދެއްކެވި ވާހަކަފުޅު ވަރަށް ކަނުލާ އަހަން އިނީ. އެމަނިކުފާނު އެ ދެއްކެވި ވާހަކަފުޅަކީ އެއީ ވަރަށް އަގުހުރި ވާހަކަފުޅެއް. ޤައުމެއް ބިނާކުރުމުގައި އަޅުގަނޑުމެން ބަލަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، އިންސާނީ ވަސީލަތްތައް ޤާއިމްކޮށް ވަރުގަދަކުރުން. އެގޮތުން، އަޅުގަނޑުމެންގެ ދަރިންނަށް ދެވޭ ތަޢުލީމުގެ ކަންކަމަކީ، އެވެސް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭ ކަމެއް. މިރަށުގައި މިހާތަނަށްވެސް މިއޮތް ކެތްތެރިކަމާއި، އުޚުއްވަތްތެރިކަމާއި، ރަށްވެރިކަމާ، މިކަންކަމަކީ މިއީ މިރަށުގެ ވެރިން، ދެން މި އިސްކޮށް ތިއްބެވި ބޭފުޅުން މިރަށުގައި ތަޢުލީމް ބިނާކުރައްވައި، މިރަށުގެ ޅަދަރިންނަށް ތަޢުލީމު ދެއްވުމުގެ ސަބަބުން، އޭގެ ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ އެކުވެރިކަމާއި، އުޚުއްވަތްތެރިކަމާއި، އެއްބާރުލުން. އެކަމަށްޓަކައި މިރަށުގެ ދުވަސްވީ ބޭފުޅުންނަށާއި އަދި މިރަށުގެ އެކި ދުވަސްވަރު ވެރިކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! ތަހުޒީބާއި ތަމައްދުން ގެނައުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަ ޤާއިމްވެފައި އޮތުން. އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ޤާއިމްވެފައި އޮތުން. އެކުވެރިކަމާއި، ޞުލްޙަވެރިކަމާއި، އަމާންކަން ނެތް ތަނެއްގައި ތަރައްޤީއަކަށް މާބޮޑު ޖާގައެއް ނޯންނާނެ. އަޅުގަނޑުމެންނަށް އޭގެ އަސަރު، މިވޭތުވެދިޔަ އަށެއްކަ މަސްދުވަހުގެ ތެރޭގައި ފެނިއްޖެ. އެތަކެއް ޒަމާނެއް ވަންދެން އަޅުގަނޑުމެން ކުރަމުންއައި މަސައްކަތްތައް، ތަރައްޤީގެ ގޮތުން ކުރެވިފައި ހުރި ކަންކަން، ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި ހަލާކުވެގެންދިޔަ ތަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުމެން ޤައުމުގައި އިންސާނީ ވަސީލަތްތައް ޤާއިމް ކުރުމަށްޓަކައި ކުރެވޭ އެންމެބޮޑު އެއް މަސައްކަތަކަށްވާން މިޖެހެނީ، އަޅުގަނޑުމެންގެ ދަރިންގައި ރަނގަޅު އަޚްލާޤެއް އަށަގަނުވަން. އަޅުގަނޑުމެންގެ ޤައުމުގައި އަމަންއަމާންކަން ޤާއިމް ކުރުމަށްޓަކައި، ޞުލްޙަ މަޞްލަޙަތު ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން. ތަޢުލީމްގެ ޒަރީޢާއިން ކުރެވޭނެ ވަރަށްބޮޑު ކަންތައްތަކެއްވޭ. އެގޮތުން، ތަޢުލީމްގެ ތެރޭގައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ކުދިންނަށް ތަރުބިއްޔަތު ދެއްވުން. ތަރުބިއްޔަތާއި ތަޢުލީމާ، މިއީ ތަފާތު ދެއެއްޗެއް. ތަޢުލީމު ދެވިދާނެ، ތަރުބިއްޔަތެއް ނެތިވެސް. ތަރުބިއްޔަތުގެ ތެރޭގައި އެބަ ހިމެނޭ، އަޚްލާޤީ ކަންކަމާއި، ސްލޫކީ އެކިއެކި ކަންކަން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ އަޚްލާޤީ މިންގަނޑުތަކެއް އެބަހުރޭ. އޭގެތެރޭގައި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، މައިންބަފައިންނަށް ކަމޭހިތުމާއި، މީހުންނާ ދޭތެރޭގައި ނެތިމޮށުމުގެ ބަސްތައް ނުބުނުމާއި، އެކަކު އަނެކަކަށް ޖާސޫސް ނުކުރުމާއި، އެކަކު އަނެކަކަށް އަޅައިގަނެގެން ނޫޅުމާއި، އެކަކު އަނެކަކަށް އަނިޔާވެރިނުވުމަށާއި، މިހުރިހާ ކަމެއް اللّـه سبحـانـه وتعـالى ވަނީ އިސްލާމްދީނުގެ ކަންތަކުގެ ތެރޭގައި ހިމަނުއްވާފައި. މިކަންކަން އެބަޖެހޭ، އަޅުގަނޑުމެންގެ ތަޢުލީމްގެ ތެރެއިން، އަޅުގަނޑުމެންގެ ތަރުބިއްޔަތުގެ ތެރެއިން އަޅުގަނޑުމެންގެ ޅަދަރިންނަށް ދަސްކޮށްދޭން. އެކަން އަޅުގަނޑުމެންނަށް ރަނގަޅު ކުރެވުނީމާ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މުޖްތަމަޢު ވެގެންދާނީ، ހަމަޖެހޭ، އެކަކު އަނެކަކަށް އަޅާލައި ޞުލްޙަވެރި ތަނަކަށް. އެމަސައްކަތް ކުރުމުގައި، އަޅުގަނޑުމެންގެ ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުން ވަރަށްބޮޑު ސަމާލު ކަމެއްދޭން އެބަޖެހޭ. އަޅުގަނޑުގެ މިދަތުރުގައި އަދި މިހާތަނަށް މިދެވުނު ދެރަށުގައިވެސް އަޅުގަނޑަށް ފެނިގެން މިދިޔައީ، އެކަމަށް ސަމާލުކަން ދެވުމުގެ ސަބަބުން ރަށުގެ އަމާންކަމަށް ވަރަށްބޮޑު ކުރިއެރުމެއް އައިސްފައިވާތީ. ފިކުރީ ތަފާތުކަން ނެތީކީ ނޫނޭ. މިއިން ކޮންމެ ރަށެއްގައިވެސް އެބަތިބި ތަފާތު ޚިޔާލުގެ ބޭފުޅުން. އެހެން ނަމަވެސް، ރަށުގެ މަޞްލަޙަތަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި އެ ފިކުރީ ތަފާތުތައް އިސްނުކުރައްވައި، ރަށުގެ މަޞްލަޙަތު އިސްކުރައްވައިގެން، ޤައުމުގެ މަޞްލަޙަތު އިސްކުރައްވައިގެން، ރައްޔިތުންގެ މަޞްލަޙަތު އިސްކުރައްވައިގެން، އެބޭފުޅުން އެކީގައި މަސައްކަތް ކުރައްވާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެކަން އިއްޔެވެސް، ރޭވެސް، މިއަދުވެސް އަޅުގަނޑަށް މިދެރަށުންވެސް ފެނުނީ. އަދި މިއަދު މިރަށުންވެސް މިފެންނަނީ. އެހެންވީމާ، އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި ފިކުރީ ތަފާތުތައް ހުރި ކަމުގައިވީ ނަމަވެސް، އޭގެ ސަބަބުން ރަށުގެ ތަރައްޤީއާއި ރަށުގެ ކުރިއެރުމަށް އަސަރު ފޯރުނުކުރައްވާށޭ. އަޅުގަނޑުމެންގެ އަމިއްލަ ކަންކަން، އަމިއްލަ ކަމެއްގެ ގޮތުގައި ބާއްވައި، އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުމާއި، އެ ތަފާތު ޚިޔާލުގެ ސަބަބުން އެކަކު އަނެކަކަށް ގޯނާ ނުކުރައްވައި، އެކަކު އަނެކަކަށް އިހާނެތިކޮށް ނުހެއްދެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަޅުގަނޑު ހިތާމަކުރަން، މިއަދު އަޅުގަނޑުމެންގެ ޢާއިލާތަކާއި، އަޅުގަނޑުމެންގެ ރަށްތަކާއި، އަޅުގަނޑުމެންގެ އަވަށްޓެރި ހިސާބުގަނޑުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ނުދެއްކުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ގޯނާކުރުމާ، މިބާވަތުގެ ކަންތައްތައް ބައެއް ރަށްރަށުގައި ހިނގަމުންދާތީ. އެކަންކަން ކުރިއަށް ގޮސްގެނެއް، އަޅުގަނޑުމެން ތަރައްޤީއަށްޓަކައި މިކުރާ މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމާ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، އަޅުގަނޑު ހުރިހާ ރަށްރަށުގެ ބޭފުޅުންނަށްވެސް، ވެރިންނަށްވެސް، ރައްޔިތުންނަށްވެސް އަދި އެކިއެކި އަމިއްލަ ޖަމާޢަތްތަކަށްވެސް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން.

އާދެ! މި ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ، ރަށްރަށުގެ އިޤްތިޞާދުގެ މައްޗަށް މި ޤައުމުގެ އިޤްތިޞާދު ރަނގަޅުވަނީ، މިރަށުގައި މަހަށްފުރާ 22 ދޯނި އޮންނާތީ. އަދި ދޯނިތަކުން މަސްހިފާތީ. އެ ދޯނިތައް ހަލާކުނުވެ ހުންނާތީ. އެހެންވެގެން މި ޤައުމުގެ އިޤްތިޞާދު ރަނގަޅުވަނީ. މިމަހު، މިއަހަރު ﷲ އިރާދަކުރެއްވީތީ، މަސްވެރިކަން ފުދޭވަރަކަށް ރަނގަޅުކޮށް މިދަނީ. އޭގެ ނަތީޖާއަކީ، ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް މަސްވެރިންނަށް މިހާރު ލިބިއްޖެ. އެކަން އެގޮތަށް އެދަނީ، މާތްﷲގެ ރަޙްމަތުން އެކަލާނގެ އަޅުގަނޑުމެންގެ ކުށްތަކާއި، އަޅުގަނޑުމެންގެ ޢަމަލުތައް ސާފުކޮށް އަޅުގަނޑުމެން ބަހައްޓާތީ. އަޅުގަނޑުމެންގެ ނިޢުމަތް ލިބިގެން މިދަނީ. އެކަމުގައި އަޅުގަނޑުމެންގެ ނިޢުމަތް ބަލައިގަތުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. އެއީ އަޅުގަނޑުމެންގެ ދޯނިތައް ރައްކާތެރި ކުރުމާއި، އަޅުގަނޑުމެން މުރާލިކަމާ އެކީގައި މަހަށް ފުރުމާ، މިހެން ހުރި ކަންތައްތަކެއް އެބަހުރޭ. އެހެންވީމާ، އެކަންކަމުގައި ދައުލަތުގެ ފަރާތުންވެސް ވެދެވެން އޮތް ހުރިހާ އެހީއެއް ވެދިނުމަކީ އެއީ ދައުލަތުގެ ވާޖިބެއް. އެހެންވީމާ، ސަރުކާރުގެ ފަރާތުން ބަނދަރުތައް ހެދުމާއި، ބަނދަރުތައް މަރާމާތު ކުރުމާއި، ތޮށިލުމާ، މިކަންކަމަށް ވަނީ ވަރަށްބޮޑު އަހަންމިއްޔަތެއް ދީފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް ގިނަ ރަށެއްގައި މިގޮތުން ކުރަންހުރި ޢުމްރާނީ މަސައްކަތްތައް ކުރެވޭތޯ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓްގައި، މިރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް ހިމެނިގެންދާނެ.

އަދި ހަމައެހެން، މިހާރު މި ޢިމާރާތް ކުރަން ފެށިފައިވާ 4 ކްލާސްރޫމްގެ ޢިމާރާތް މިހާރު މިގޮތަށް ހުންނަތާ އަހަރެއްހާ ދުވަސް މިވީ. އެގޮތަށް އެހެން ހުއްޓިގެން އެގޮތަށް ހުރުމަކީވެސް އެއީ ގެއްލުން ލިބޭ ކަމެއް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، ދެން މާލަސްތަކެއް ނުކޮށް، އެ ޢިމާރާތްވެސް އަލުން ހަދަން ފެށޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިދެކަންތައް މިއީ މިހާރު ވަރަށް ބޮޑަށް ރަށަށް ބޭނުންވެފައިވާ ދެކަންތައް. ނަމަވެސް، މީގެއިތުރުން ހުރި އެހެން ކަންކަންވެސް އެބަހުރިކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯފެނާއި ނަރުދަމާގެ ނިޒާމްނެތި، ދިރިއުޅެމުން އަންނަތާ ލައްކަ ޒަމާންވެއްޖެ. އެކަމަށް އިޞްލާޙު އަންނަންވީތާ ކިތަންމެ ދުވަހެއް. މިކަން އޮތީ މާބޮޑަށް ލަސްވެސްވެފައި. އަޅުގަނޑުމެންގެ ގިނަ ރަށްރަށުގައި ފެން ތަޣައްޔަރުވެ ފެނުން ފާވަސްދުވަނީ. ފާޚާނާ ކުރެވޭނެ ނިޒާމެއް ގިނަ ރަށްރަށުގައި ހެދިފައެއް ނެތް. އެހެންވީމާ، އެކަމަށް އަޅުގަނޑު އެންމެ އިސްކަންދޭ ކަމަކީ މިދެންނެވި ކަންތައް. އެއީ ފާޚާނާގެ ނިޒާމް ހެދުމާއި، ބޯފެނުގެ ކަންތައް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެހެން ހުރިހާ ކަމަކަށްވުރެ މުހިންމު ކަމެއް އެކަމަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާތްﷲގެ ވާގިފުޅާ އެކުގައި، އަޅުގަނޑަށް ފުރްޞަތު އޮތް ކަމަށްވާނަމަ، ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، ރާއްޖޭގެ ރައްޔިތުން އުޅޭ ހުރިހާ ރަށެއްގައިވެސް، ހުރިހާ ތަނެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ނަރުދަމާއާއި، ފާޚާނާ ކުރުމުގެ ނިޒާމް އަދި ބޯފެނުގެ ނިޒާމް ހަމަޖެއްސުމަކީ، އަޅުގަނޑު ދެކޭގޮތުގައި އެންމެ ފުރަތަމަ ވާޖިބު ކަމުގައި ދެކި، އެމަސައްކަތް އަޅުގަނޑު ކުރަމުން ގެންދާނަން.

އާދެ! މިވޭތުވެދިޔަ ތާނގައި، އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން މިއުޅެން ޖެހުނީ ކުޑަ ހާސްކަމެއްގެ ތެރޭގައި. އެ ހާސްކަން އެގޮތަށް ދިމާވި ނަމަވެސް، ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން ވީވަރަކުން ކުރަމުން މިގެންދަނީ. އަޅުގަނޑުމެންގެ އިޤްތިޞާދު ރަނގަޅަށް ކުރިއަށްދަނީ. އިޤްތިޞާދު ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާ އަޅާބަލާއިރުގައި ހަމަ ރަނގަޅު. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މި ދިމާވެފައި އޮތް ކަމަކީ، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ޚާއްޞަކޮށް، ސުނާމީ ކާރިޘާއަށްފަހުގައި، ޚަރަދުތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައި މިވަނީ. ކޮންމެ ސަރުކާރަކުންވެސް ބޭނުންފުޅުވަނީ ބައިވަރު ކަންތައްތަކެއް ކުރައްވަން. ބަޖެޓްގައި ނެތް ފެންވަރުންވެސް ކަންތައް ކުރައްވަން. ކޮންމެ އިންތިޚާބަކާ ދިމާވީމާ، ބޮޑެތި ކަންތައްތަކެއް ކޮށްލަނީ ލާރި ހުރެގެނެއް ނޫން. އެހެންވީމާ، މި ވެފައި އޮތް ގޮތަކީ، ރާއްޖޭގެ ބަޖެޓްގެ ޑެފިސިޓް، ދަރަނި މިއޮތީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައި. އަދި މިއަހަރު މިހާރު އަޅުގަނޑުމެންނަށް ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބެމުންދާއިރުވެސް، އެންމެބޮޑު ދައްޗަކަށް ދިމާވެފައި މިއޮތީ، މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި، ނުދައްކާ ހުރި ބިލްތައް އެބައަރާ ދެބިލިއަން ރުފިޔާއަށް. މިއަދު އަޅުގަނޑުމެން މިދަނީ އެ ދެބިލިއަން ރުފިޔާގެ ބިލް ދައްކަމުން. ﷲ އިރާދަކުރެއްވީތީ، މިހާތަނަށް އިތުރު ބޮޑު ދަރަނިވެރިކަމެއް ބޮލުގައި ނާޅައި، ޤައުމުގެ ބޮޑެތި މުދާތަކާއި، ރައްޔިތުންގެ އެސެޓްތައް ވިއްކާނުލައި، އަޅުގަނޑުމެން ޚަރަދުގެ ކަންތައްތައް ބަލަހައްޓަމުން މިގެންދަނީ. އެއިން ކުރެވެންހުރި ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ. އޭގެތެރޭގައި، ބޭރުގެ އެހީން ކުރެވޭ ބައެއް ކަންތައްތައްވެސް އެބަހުރި. ބޭރުގެ އެހީ، ކުރިން ލިބެމުންދިޔަ ވަރަކަށް، މިސާލަކަށް، ސުނާމީގެ ދުވަސްވަރުގައި ލިބެމުންދިޔަ ވަރަކަށް މިހާރަކު ނުލިބޭ. އެވާގޮތަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުވެސް މިވަނީ އެހެން ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރުގައި ކުރިއަށް ގޮއްސަ. އޭގެ ސަބަބުން ދުނިޔޭގެ އެކިއެކި ޖަމްޢިއްޔާތަކުން ކުރިން ދެމުން ގެންދިޔަ އެހީތައް މިހާރުވަނީ ކުޑަވެފައި. އަޅުގަނޑުމެންނަށްވުރެ ފަޤީރު ޤައުމުތަކަށް އެ އެހީތައް މިހާރު ދެމުން ގެންދަނީ. އެހެންވީމާ، އެ ކުޑަވެފައި މިއޮތީ. އެހެން ނަމަވެސް، ކޮންމެވެސް ވަރެއްގެ އެހީތަކެއް ލިބެމުން އެބަދޭ. އޭގެ ނަތީޖާއެއްގެ ގޮތުން، ބައެއް ބޮޑެތި ކަންތައް އިރާދަކުރެއްވިއްޔާ ކުރެވޭނެ.

އަޅުގަނޑު ދަންނަވާފައިވާނޭ ފަދައިން، މި ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި، ލ. އަތޮޅުގެ، ހައްދުންމަތީގެ ދިގު މަގު، އެއީ 16 ކިލޯ މީޓަރުގެ މަގެއް. އެ މަގު އިރާދަކުރެއްވިއްޔާ ހެދޭނެ. ހެދޭނީ ވަރަށް ރަނގަޅު ފެންވަރެއްގައި ތާރުއަޅާފައި. އޭގެ ސަބަބުން އެހިސާބަށް ވަރަށްބޮޑު ކުރިއެރުމެއް އަންނާނެ. މީގެއިތުރުން، އެހެނިހެން ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އެގޮތުން، އައްޑުއަތޮޅާއި، ކުޅުދުއްފުށްޓާއި، އަދިވެސް އެހެނިހެން ބައެއް ބޮޑެތި ރަށްރަށުގެ މަގުތައް، ފުރަތަމަ އިސްކަމެއް ދެވިގެން ހެދިގެންދާނީ. އެކަމަށްޓަކައި މިހާރު ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، އެކަން ކުރެވޭނެކަމުގެ. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، މަގު ހެދުމުގައި އަޅާ ގާތައްވެސް ބޭރުން އިމްޕޯޓް ނުކޮށް، ރާއްޖޭގައި އުފެއްދޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަން.

އާދެ! މިކަން ކުރަމުން ގެންދާއިރުގައި، ކުރިން ދެންނެވިހެން އެބަޖެހޭ، ދެންހުރި އެހެން އިންފްރާސްޓްރަކްޗަރ މަސައްކަތް ކުރަން. އެއީ ދެންނެވިހެން، ފާޚާނާ ހޮޅިލުމާ، މިބާވަތުގެ ކަންތައް. އެކަމަށްޓަކައި މިހާރު އަޅުގަނޑު ވަނީ އާ މިނިސްޓްރީއެއް އުފައްދާފައި. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ. އެމިނިސްޓްރީގެ ފަރާތުން މިހާރު ރާއްވަވަމުން ގެންދަވަނީ، މިއަންނަ އަހަރު ގިނަ ޢަދަދެއްގެ ރަށްރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމްކުރަން. އެކަމަށްޓަކައި އަޅުގަނޑުމެން ހޯދަންޖެހޭ އެއްޗެހި ހޯދަމުން މިހާރު މިގެންދަނީ.

އާދެ! މީގެއިތުރުން، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް، ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި، ހަމަ ރަނގަޅު ބޮޑެތި ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް. ރާއްޖޭގެ އެތަން މިތަނުގައި. ހަމައެކަނި މާލެއަކު ނޫން. މިކަންކަން ކުރެވިގެންދާނީ، ޞުލްޙަވެރިކަމާއި އެކުވެރިކަން އަޅުގަނޑުމެންގެ ތެރޭގައި އޮވެގެން. އެއީ، އެންމެ މުހިންމު އެއްކަންތައް. މިހާރު އަޅުގަނޑު ދަންނަވާނީ، އެންމެ އުނދަގޫ ދުވަސްވަރު މިއޮތީ މާޒީއާއެކީ ގޮއްސައޭ. ދެން ކުރިއަށް އޮތީ ރަނގަޅު ދުވަސްވަރޭ. އަޅުގަނޑު އުންމީދުކުރާ ގޮތުގައި، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ވަރަށް އުފާވެރި ދުވަސްވަރެއް. އަޅުގަނޑުމެން ހަމަ ބޭނުންވާ ގިނަ ކަންތައްތައް ފުރިހަމަވެގެން ﷲ އިރާދަކުރެއްވިއްޔާ ދާނެ ދުވަސްވަރެއް.

އާދެ! އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އިރާދަކުރެއްވިއްޔާ، މިރަށުގައިވެސް ކުރަންހުރި ކަންތައްތައް ހަމަ ވާނެއޭ. އަޅުގަނޑުމެންނަށް ރީތި ބަނދަރުވެސް ހެދޭނެ. ސްކޫލްވެސް ޢިމާރާތް ކުރެވޭނެ. އަދި ދެން ކުރަންހުރި ކަންތައްތައްވެސް އަޅުގަނޑުމެންނަށް ކުރެވޭނެ. މުޅި ރާއްޖޭގައި ކުރަންހުރި ކަންތައްތައްވެސް އެކި އަހަރުތަކަށް ބަހާލައިގެން، ވަކި ޕްލޭނެއްގެ ދަށުން އިރާދަކުރެއްވިއްޔާ ގޮސް، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދްމަތްތަކެއްވެސް ޤާއިމްކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ އޮތް ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު ނިންމާލުމުގެ ކުރިން، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން، މިރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން އަޅުގަނޑުމެންގެ އިސްތިޤްބާލުގައި ފާލަންދޮށަށް، ބަނދަރުމައްޗަށް ވަޑައިގެން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވީމަ. އެއީ އަޅުގަނޑު ދެކޭގޮތުގައި، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ވަރަށްބޮޑު އިޙްތިރާމެއް، ލޯތްބެއް. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه