بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ނިލަންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. އަޅުގަނޑާ އެކީގައި ވަޑައިގެން ތިއްބެވި ދައުލަތުގެ އެންމެހާ ޢިއްޒަތްތެރި ވެރިން. ނިލަންދޫގެ އަތޮޅު ކައުންސިލްގެ ރައީސާއި ކައުންސިލަރުން. އަދި މިރަށުގެ ރަށު ކައުންސިލްގެ ރައީސާއި ކައުންސިލަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ފުރަތަމަވެސް އަޅުގަނޑުގެ އެންމެބޮޑު އުފަލަކީ، މިއުފާވެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި، ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން. މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި!

އާދެ! މިއުފާވެރި ދުވަހު މިރަށަށް އަޅުގަނޑަށް އާދެވުމުގެ ނަޞީބު ދެއްވި ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރު ކުރަން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިރަށަށް އަޅުގަނޑުވެސް އަބަދުވެސް މިހުންނަނީ ހަމަ އަންނަހިތުން. އަދި ތިޔަބޭފުޅުންވެސް އަޅުގަނޑު ގެންނަހިތްޕުޅުން އުޅުއްވާތާވެސް ކިތަންމެ ދުވަހެއް. އެހެން ނަމަވެސް، ކަންދިމާވި ގޮތުން، ހަމަ ކަމަކަށްފަހު ކަމެއް ޖެހެމުން ގޮސް، ލަސްވަމުން ލަސްވަމުން ގޮސް މިއަދު އަޅުގަނޑަށް މި އާދެވުނީ. އަދި މިއަދު މި އާދެވުނީވެސް ވަރަށް އާދަޔާ ޚިލާފު ގޮތަކަށް. ވިއްސާރައިގެ ތެރޭގައި. އެހެން ނަމަވެސް، އަޅުގަނޑު ހިތަށްއެރީ، މިއަދު ދެން އަޅުގަނޑު އެންމެ ފުރަތަމަ ދާ ރަށަކަށްވާނީ ނިލަންދުއޭ. އިރާދަކުރެއްވިއްޔާ، މިއަތޮޅުގެ އެހެން ރަށްރަށަށްވެސް ޒިޔާރަތް ކުރުމުގެ ނިޔަތުގައި އަޅުގަނޑު މިހުރީ. އެހެންވީމާ، މާލަސްތަކެއްނުވެ، އިރާދަކުރެއްވިއްޔާ، މޫސުމް ރަނގަޅުވުމަށްފަހުގައި، އަނެއްކާވެސް އަޅުގަނޑު މިރަށަށް އައިސް، މިރަށުގައި މަޑުކޮށްލައި އަދި ދެންހުރި އެހެން ރަށްތަކަށްވެސް ދިޔުމުގެ އުންމީދުކުރާ ވާހަކަ ދަންނަވަން.

އާދެ! މިރަށުން އަބަދުވެސް އަޅުގަނޑުމެންނަށް ފެންނަނީ، މިރަށަކީ ނަމޫނާ ރަށެއްގެ ގޮތުގައި. އެއީ ކީއްވެތޯ؟ އެއީ މިރަށުގެ ރައްޔިތުންނަކީ، އަޚްލާޤު ރަނގަޅު، ތަޢުލީމަށް ލޯބިކުރާ، އެއްބައިވަންތަ ރައްޔިތަކަށްވާތީ. މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ހަމަ އެމަންޒަރު. އަޅުގަނޑު ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ހިނގައްޖައީމު. މިރަށުން މިފެނުނު އެކުވެރިކަމާއި، އެއްބައިވަންތަކަން ފެނިގެންދަނީ ވަރަށްމަދު ރަށަކުން. އެގޮތަށް އެކަން އޮތީ ސަބަބެއް އޮވެގެން. އެއީ މިރަށުގެ ލޮބުވެތި ރައްޔިތުން، ޚާއްޞަކޮށް، މިރަށުގައި އިސްކޮށް މަސައްކަތް ކޮށްދެއްވި، މިރަށުގެ ޢިއްޒަތްތެރި ވެރިން، އެކި ޒަމާންތަކުގައި މިރަށުގައި ރަނގަޅު ފެންވަރެއްގެ ތަޢުލީމެއް ޤާއިމު ކުރައްވައި، މިރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށް، ޅަދަރިންނަށް ރަނގަޅު އަޚްލާޤެއް އަށަގެންނެވުމަށްޓަކައި މަސައްކަތް ކުރައްވާފައިވާތީ. އެކަން އަޅުގަނޑުމެން ހަނދާންކޮށް، ކުރިއަށް އޮތްތާނގައިވެސް އަޅުގަނޑުމެންގެ ކޮންމެ ރަށަކީވެސް، އަޅުގަނޑުމެންގެ ޒުވާނުންގެ، އަޅުގަނޑުމެންގެ ޅަދަރިންގެ އަޚްލާޤު ރަނގަޅު ތަރުބިއްޔަތެއްދެވޭ ތަނަކަށް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ.

އާދެ! މި ވޭތުވެދިޔަ އަށެއްކަ މަސްދުވަހަކީ މިއީ ރާއްޖެއަށް ދިމާވި އާދަޔާ ޚިލާފު ދުވަސްވަރެއް. ކޮންމެވެސްވަރެއްގެ ހަލަބޮލިކަމެއްގެ ތެރޭގައި އަޅުގަނޑުމެން އުޅެމުން އައީ. އަދިވެސް އަދިވެސް ހަމަ އެ ހަލަބޮލިކަމުން މުޅިއަކުން އަޅުގަނޑުމެންނަކަށް އަރައެއްނުގަނެވޭ. މި ރާއްޖޭގެ ރައްޔިތުން ނިކަމެތި ކޮށްލުމަށްޓަކައި، ރާއްޖޭގެ އިޤްތިޞާދު ހަލާކު ކުރުމަށްޓަކައި، މި ޤައުމުގައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި މަސައްކަތް ކުރަމުންދާ ރައްޔިތުންގެ ޢުދުވާނުންތަކެއް މި ޤައުމުގައި އަދިވެސް އުޅެމުން އެބަދޭ. އެކަމަށްޓަކައި އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް އަދި އަޅުގަނޑުމެންގެ ސަރުކާރުވެސް ތިބޭނީ ސަމާލުވެ. ﷲ އިރާދަކުރެއްވިއްޔާ، އެފަދަ މީހުންނަށް މި ޤައުމުގައި ފިތުނަފަސާދަ އުފައްދައި، ޤައުމު ހަލާކުކޮށްލުމުގެ ފުރްޞަތެއް، އަޅުގަނޑުމެން ދުވަހަކުވެސް ނުދޭނަން. މި ޤައުމާއިގެން ކުރިއަށް ދިޔުމުގެ ޤާބިލުކަން އަޅުގަނޑުމެންގައި އެބަހުރި. އަޅުގަނޑުމެންގެ ރައްޔިތުންގައި މި ޤައުމާއިގެން ކޮޅަށް ތެދުވެ، މިދިޔަހާތަނަށްވެސް، މާޒީވި ދުވަސްތަކުގައި ދިވެހި ރައްޔިތުން ފަޚްރުވެރިކަމާއެކީ ތިބިގޮތަށް، އަޅުގަނޑުމެންގެ ޙުއްރިޔަތުލް ވަޠަނަށް އަޅުގަނޑުމެން ފަޚްރުވެރިވެ، އެކަން އަޅުގަނޑުމެން ޙިމާޔަތްކޮށް، އަޅުގަނޑުމެން އަޅުގަނޑުމެންގެ ފައިމައްޗަށް ތެދުވެ، ފަޚްރުވެރިކަމާ އެކީގައި އަބަދުވެސް އަޅުގަނޑުމެންނަށް ތިބުމުގެ ލިޔާޤަތާއި ޤާބިލިއްޔަތުކަން އަޅުގަނޑުމެންގެ އެބަހުރި.

އެހެންވީމާ، މިއަދު މިވޭތުވެދިޔަ އަށެއްކަ މަސް ދުވަހުގެ ތަޖުރިބާއާ އެކުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނީ، މި ޤައުމާއިގެން ކުރިއަށް ދިޔުމުގެ ފުރިހަމަ ޤާބިލުކަމާއި ޔަޤީންކަން އަޅުގަނޑުމެންގެ އެބަހުއްޓޭ. ﷲ އިރާދަކުރެއްވިއްޔާ، ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް. ދެން ކުރިއަށް އޮތީ ހަމަޖެހުމުގެ ދުވަސްތައް. މި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑުމެންގެ އެބައޮތް. މި ރާއްޖޭގެ ރައްޔިތުންނަށް މާ ބޮޑެތި ކަންތައްތަކެއް ބޭނުމެއްނުވޭ. މިހާރު ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ، އަބަދާއި އަބަދު އެދެމުންދަނީ، އަސާސީ ޚިދްމަތްތަކެއް ޤާއިމު ކުރުމަށް. މިރޭ މި ޖަލްސާއިންވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ހަމަ އެ އަޑު. އެހެންވީމާ، އަޅުގަނޑުގެ ހިތުގައި ހަމަ ކުޑަވެސް ޝައްކެއްނެތް. ﷲ އިރާދަކުރެއްވިއްޔާ، މި ދިވެހި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ހުރިހާ އަސާސީ ޚިދްމަތްތަކެއް އަޅުގަނޑުމެންނަށް ޤާއިމް ކުރެވޭނެ. އެގޮތުން، މި ރާއްޖޭގެ ހުރިހާ މީހުން އުޅޭ ރަށްރަށެއްގައި، އިރާދަކުރެއްވިއްޔާ، ނަރުދަމާވެސް ޤާއިމް ކުރެވޭނެ. ބަނދަރުވެސް ހެދޭނެ. އަދި ދަތުރުފަތުރުގެ ނިޒާމްވެސް ކުރިއަށް ގެންދެވޭނެ. ދަތުރުފަތުރު ކުރެވޭނެ އާ ގޮތްތައްވެސް އަޅުގަނޑުމެންނަށް ހޯދޭނެ. ސްކޫލްތައްވެސް މިހާރަށްވުރެ ރަނގަޅުކޮށް، އަޅުގަނޑުމެންގެ ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ވަޒީފާގައި އުޅެވޭނެ ގޮތްތައް އަޅުގަނޑުމެންނަށްވެސް ހަމަ ކުރެވޭނެ. އެ ޔަޤީންކަން އަޅުގަނޑުމެންގެ އެބައޮތް. އަޅުގަނޑުމެންގެ މިރޭގެ މިޖަލްސާގައި، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަންތައްތަކަކީ އެއީ، ނުކުރެވޭވަރުގެ ކަންތައްތަކެއް ނޫން. މިހާ ދުވަސް ވަންދެންވެސް އެކަން ނުކުރެވި އޮތީ، އެކަން ކުރަން ބަޔަކު ނޫޅޭތީ. ބައެއްފަހަރު އެކަމަށް ވަގުތު ނުދެވޭތީ. އެހެންވީމާ، އަޅުގަނޑު މި އުފާވެރި ޖަލްސާގައި، މި ޙަފްލާގައި އަޅުގަނޑު ތިޔަބޭފުޅުންނަށް އުފާވެރި ޚަބަރު މިރޭ ދޭނަން. އެގޮތުން، މިރަށަށް އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާނަން. ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ބޭންކްގެ ބްރާންޗް، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ މިރަށުގައި އަޅުގަނޑުމެން އުފައްދައިދޭނަން.

އާދެ! ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި، ބޭންކްގެ ބްރާންޗް ޤާއިމް ކުރެވިފައި، މިއަތޮޅުގައި ބްރާންޗެއް ޤާއިމް ނުކުރެވެންވީ ސަބަބައެއް ނެތް. މި ހުރިހާ އަތޮޅުތަކަކީވެސް ހަމަ އެއްވަރެއްގެ އަތޮޅުތަކެއް. އަޅުގަނޑުމެން ކުޑަވެގެންނެއް، ބޮޑުވެގެންނެއް އަތޮޅުތަކެއް ތަފާތެއް ނުކުރަން. އެހެންވީމާ، ސަރުކާރުގެ ކުރިމަތީގައި، މިއަތޮޅެކޭ، އައްޑުއަތޮޅެކޭ ނޫނީ ހއ. އަތޮޅެކޭ، ހދ. އަތޮޅެކޭ ހަމަ އެއްވަރު. މިހުރިހާ އަތޮޅެއްގައިވެސް އުޅެނީ ދިވެހި ރައްޔިތުން. ރައްޔިތެއްގެ ޙައްޤު އެއީ އަޅުގަނޑުމެން ޙިމާޔަތް ކުރަންޖެހޭ އެއްޗެއް. އެއީ ޙައްޤު އެއްޗެއް. ރައްޔިތުންގެ ޙައްޤުތަކަކީ، މީހުން ބޯވެގެން، ގިނަވެގެން ދޭންޖެހޭ އެއްޗެއް ނޫން. ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ ޙައްޤެއް، އަސާސީ ޙައްޤުތަކަކީ. މިއަދު އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ވަރަށް ސާފުކޮށް އެކަން ބަޔާންކޮށްފައި އޮތީ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، މި ރާއްޖޭގައި ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަންހުރި ކަންތައް ކުރާނަމޭ. އަދި މިރަށުގައި ﷲ އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ބޭންކްގެ ބްރާންޗެއްވެސް ހުންނާނެ.

އާދެ! ދެން، ދެން ވިދާޅުވި ކަންތައްތަކުގެ ތެރެއިން ތެޔޮ ޖެޓީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ މާދަން ފުރުމުގެ ކުރިން ތެޔޮ ޖެޓި ބަލާލަން ދާނަން. އެހެން ނަމަވެސް، މިހާރުވެސް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަންނަ އަހަރުގެ ބަޖެޓު މިހާރުދަނީ ތައްޔާރު ކުރެވެމުން. މިރަށުގެ ތެޔޮ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ޚަރަދުތައް މިހާރު އޮތީ ބަޖެޓްގައި ހިމެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެކަންވެސް ހަމަ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައިވާނެ. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން ކުރަން އުޅުނީމަ، ދެންހުރި ކަންތައްތައްވެސް ވާނެ.

އާދެ! ދެން ތިޔަބޭފުޅުންނަށް މިހާރު ކަންބޮޑުވެފައިވާ އެއްކަމެއް، ނަރުދަމާގެ ކަންތައް. އެއީ ވަރަށްބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް، ރައްޔިތުންގެ އަތުން. އެކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޙައްލު ކުރެވޭނެ ގޮތެއް އެބަ ހޯދަން. އަޅުގަނޑު ފެނަކައާ ވާހަކަ ދައްކާނަން، ފެނަކައިން މި ނަރުދަމާ ހެދުމަށް. ނަމަވެސް އެކަންވާނީ ދަންނަވަންތޯ، ނަރުދަމާއާއި ކަރަންޓާއެކީގައި ބޭއްވީމާ. ނަރުދަމާއާއި ކަރަންޓާ ދެބައި އެއްކޮށް ޙަވާލުކުރެއްވީމާ، އޭރުން ވަރަށް އޮމާންކޮށް، އެދެކަންތައްވެސް ކުރެވިގެންދާނެ. އެހެންވީމާ، އެގޮތަށް ތިޔަބޭފުޅުން ތިއްބެވިއްޔާ، އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ފެނަކައިން އެދެކަންތަކާ ޙަވާލުވެގެން، އެކަން ކުރިއަށް ގެންދާނެ. މިހާރު ހަމަޖެހިފައި އޮތްގޮތުން [ފެނަކަ] އަކީ އެއީ ރައްޔިތުންގެ ކުންފުންޏެއް. އަޅުގަނޑުމެން ކެބިނެޓުން ކަނޑައަޅާފައި އޮތީ، އެ ކުންފުނީގައި ރައްޔިތުންގެ ޙިއްޞާ އޮންނަ ގޮތަށް. އެހެންވީމާ، މިސާލަކަށް، މިރަށުގެ އިންޖީނުގެ ފެނަކައަށް ނަންގަވާ ކަމަށްވަންޏާ، އެ އިންޖީނުގެ އަގުކުރެއްވުމަށްފަހުގައި، އެއަށްޖެހޭ އަގެއް، އެއީ މިރަށުގެ ރައްޔިތުންގެ ޙިއްޞާ ފެނަކާގައި އޮންނަން. އެގޮތަށް އެކަން ހަމަޖެހިގެންދާނީ.
އާދެ! އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ތިޔަބޭފުޅުންގެ އެހީފުޅާއެކީގައި ހަމަޖެހިގެންދާނެ.
އާދެ! ދެން އޮތީ ސީޕްލޭން ޖެއްސުމުގެ ވާހަކަ. އެވާހަކަ އަޅުގަނޑު ކައިރީގައި ހަމަގައިމުވެސް އަޅުގަނޑުގެ ކޮމިއުނިކޭޝަން މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރ ދައްކަވާފައި އޮތީ. އެކަން ކުރައްވާ ވާހަކަ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، ހަމަ އެކަންވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ.

އާދެ! މި ހަތަރު ކަންތައް، އަޅުގަނޑު މިދެންނެވި ހަތަރު ކަންތައް، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މިރަށުގައި ހަމަޖެހިގެންދާނެ. އެކަމަށްޓަކައި އަޅުގަނޑަށް ކުރެވެންހުރި ހަމަ ހުރިހާ މަސައްކަތެއް ކޮށްދޭނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އާދެ! އަޅުގަނޑު ދަންނަވަން، އަޅުގަނޑުމެންނަށް ﷲ އިރާދަކުރެއްވިއްޔާ، މިކަންކަން ކުރެވޭނެ. އަޅުގަނޑުމެން ހެޔޮ ނިޔަތާއިގެން ރައްޔިތުންނަށްޓަކައި ޚިދްމަތް ކުރާހާ ހިނދަކު، އަޅުގަނޑުމެންނަށް ﷲ މަގުފަހިކުރައްވާނެ.

އާދެ! ކުރިއަށް އޮތް ހަމަސް ދުވަހަކީ އެއީ ވަރަށް މުހިންމު ހަމަސްދުވަސް. އަޅުގަނޑުގެ ސަރުކާރުގެ މާގިނަ ދުވަހެއް ބާކީއެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ވަރަށް ބޮޑެތި ނަތީޖާތަކެއް، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ދައްކައިދޭނަން. އެގޮތުން، މިހާރު ލިޔެވިފައި ހުރި ކަންތައްތަކުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، މި ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި، ހައްދުންމަތީގައި އޮތް 16 ކިލޯ މީޓަރުގެ މަގު، ތާރުއަޅާ، މާލޭގެ މަގުތަކަށްވުރެ ރަނގަޅު ފެންވަރެއްގައި ހަދާ ނިންމުން. އޭގެއިތުރުން، މާލޭގައި ހުރި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލްގައި އަލަށް ހަދާ ޢިމާރާތްވެސް، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ހަދާ ނިންމާލެވޭނެ. އޭގެ ސަބަބުން އައި.ޖީ.އެމް.އެޗް.އަށްވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މީގެއިތުރުން، އައްޑުއަތޮޅުގައި އާ ހޮސްޕިޓަލެއްގެ ބިންގާ ވަރަށް އަވަހަށް އެޅިގެންދާނެ. ހަމަ މިހެން، ޓްރާންސްޕޯޓަށް ބައްލަވާލެއްވިޔަސް، މިހާރު ލިބިފައި އޮތް، ދާދި އިހަކަށް ދުވަހަކު އަޅުގަނޑުމެންގެ ޤައުމީ އެއަރލައިނަށް A320ގެ މަތިންދާބޯޓެއް ފުރަތަމަފަހަރަށް ލިބިގެން ދިޔައީ އެ. އެއީ އަޅުގަނޑުމެންގެ މަތިންދާބޯޓުގެ ޞިނާޢަތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. ﷲ އިރާދަކުރެއްވިއްޔާ، އެ ކުންފުނި ހުރީ ރަނގަޅަށް. ރަނގަޅަށް ކުރިއަށްދަނީ. އެހެންވީމާ، މާލަސްތަކެއްނުވެ، ހަނިމާދޫން އިންޓަރނޭޝަނަލް ފްލައިޓްތައްވެސް ފެށޭނެ. އަދި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ބޮޑެތި ރަށްތަކަށް، ބޮޑެތި ސިޓީތަކަށް ދަތުރު ފެށޭނެ. އަދި އޭގެއިތުރުން، ބަންގާޅަށްވެސް ސީދާ ދަތުރުތައް ފެށޭނެ.

މިހެން ހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންނަށް ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކުރެވޭނެ. އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖެއަށް އިތުރު އާމްދަނީ ވަންނާނެ ބޮޑު ދެ މަޝްރޫޢެއް ފެށިގެންދާނެ ކަމަށް. އޭގެ ތަފްޞީލު އަޅުގަނޑު ދަންނަވާނީ، އެކަން މުޅިން ހަމަޖެހުނީމަ.

އާދެ! މިރެއަކީ އަޅުގަނޑުމެން އުފާކުރަންވީ ރެއެއް. އަޅުގަނޑު އެހެންވީމާ، މިރޭ ދަންނަވާނީ، އުފާވެރި ޚަބަރު. ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، އަޅުގަނޑުމެން މިހާތަނަށް މިއައީ، މިވީ 8 މަސް ދުވަހު ދައުލަތުގެ މުދަލެއް އަޅުގަނޑުމެން ވިއްކައެއްނުލަން. ދައުލަތަށް ޚިޔާނާތްތެރިއެއް އަޅުގަނޑުމެން ނުވަން. ބޭރުގެ ފަރާތަކުން ބޮޑެތި ލޯނުތަކެއް ނަގައިގެން، އަޅުގަނޑުމެން ޚަރަދެއް ނުކުރަމު. އަޅުގަނޑުމެންގެ ކަންތައްތަކަކަށް. އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން އަޅުގަނޑުމެން ފުއްދައިގެން، އަޅުގަނޑުމެންގެ ޚަރަދުތައް ބަލަހައްޓަމުން މިގެންދަނީ. ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރަމުން. ޤައުމުގެ އިޤްތިޞާދު ދަނީ ކުރިއަށް. ކުރިން ނެގިފައި ހުރި އެތައް ބައިވަރު ލޯނުތަކަކާއި ދަރަނިތަކެއް ބޮލުގައި އަޅައިގެން، އަޅުގަނޑުމެން ކުރިއަށް މިދަނީ. އެހެންވީމާ، އަޅުގަނޑުމެން މިއަދު އަޅުގަނޑު މި މަގާމާ ޙަވާލުވިއިރުގައި، ނުދައްކާ އޮތް ދެ ބިލިއަން ރުފިޔާގެ ދަރަނި ބިލްތައް، ބިލުތަކަށް ފައިސާ ނުދައްކާ ދެބިލިއަން ރުފިޔާ އޮތް. އެވެސް ދައްކަމުން މިގެންދަނީ. އެހެން އެކަން މިކުރެވެނީ، ޤައުމުގެ އިޤްތިޞާދު ރަނގަޅުވަމުން އަންނާތީ. މިޤައުމުގެ އިޤްތިޞާދު މިއަދު ކުރިއަށްދަނީ. މިއަދު ދިވެހިރާއްޖޭގައި އޮތް 106 ރިޒޯޓްގެ ތެރެއިން އެއް ރިޒޯޓްގައިވެސް ހުހަށް ކޮޓަރިއެއް ނެތް. ހުރިހާ ކޮޓަރިތައް ހުރީ ފުރިފައި.

ހަމައެހެން، ވޭތުވެދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ހަމައެކަނި އެންމެ މަސް ކުންފުންޏަކުން، ކޫއްޑޫ މަސް ކުންފުނިން އެކަނި ދުއިސައްތަ ހަތްދިހަ މިލިއަންރުފިޔާ، މަސްވެރިންނަށް މަސްގަނެފައި ދީފި. ރައްޔިތުންގެ އަތަށް ފައިސާ އެބަ ވަދޭ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ޤައުމުގެ އިޤްތިޞާދު އެބަދެއޭ ކުރިއަށް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ކުރިމަތިވެފައި ހުރި ދަތިތަކެއް އެބަހުރި. އެ ދަތިތައް އަޅުގަނޑުމެން މިދަނީ ޙައްލު ކުރަމުން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެއަރޕޯޓް ދެނެއް ވިއްކައެއްނުލާނަން. އަޅުގަނޑުމެންނަށް ކުރެވިފައި ހުރި ގޯސް ކަންތައްތައް ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އޭގެ ނަތީޖާ، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ. މިހާރުވެސް އެދަނީ ފެންނަމުން.

އެހެންވީމާ، އަޅުގަނޑު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ދަންނަވަން. މި އުފާވެރި ޢީދުގައި، ތިޔަބޭފުޅުން ހިތްޕުޅު ހަމަޖައްސަވާލައްވާށޭ. މި ޤައުމާއިގެން އަޅުގަނޑުމެންނަށް ކުރިއަށް މިދެވެނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މި އަމާނާތް ޙަވާލުކުރެއްވުމާ ގުޅިގެން، އަޅުގަނޑުމެންނަށް ވީހާވެސް ރަނގަޅަށް އިޚްލާޞްތެރިކަމާއެކީގައި ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް ކަންތައް ދާނީވެސް. ކުރިއަށް އޮތީ ހަމަ އުފާވެރި ދުވަސްތައް. އަޅުގަނޑަށް މިރަށުން ތިޔަ ދެއްވި ހޫނު މަރްޙަބާ އަޅުގަނޑު ހަމަ ވަރަށް އުފަލާއެކީގައި އަޅުގަނޑު ގަބޫލުކުރަން. މިއަދު އެހާ ބޯ ވިއްސާރަގަނޑެއްގެ ތެރޭގައި، ތުއްތު ކުދިންނާއެކީގައި، ހުރިހާ ބޭފުޅުން، ކުދި ބޮޑު އެންމެން މިރަށުގެ އަތިރިމައްޗަށް ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް، އަޅުގަނޑާއި އަޅުގަނޑާއެކީގައި ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް މަރްޙަބާ ވިދާޅުވިކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ހިތުގެ އެންމެ އަޑިން ވަރަށް އުފަލާއެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ، ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި އުފަލާއި އަރާމާއި ޞުލްޙަވެރި މާޙައުލެއްގައި އުޅުއްވާ ބޭފުޅުން ކަމުގައި ލެއްވެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه