ޑިމޮކްރަސީގެ ނިޒާމް ތަންފީޛު ކުރަމުންދާއިރު، އެންމެބޮޑު އިސްކަމެއް ދޭންޖެހޭނީ، ރައްޔިތުންގެ މެދުގައި ހަމަޖެހުން ޤާއިމް ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގައި، އެންމެފަހު މަންޒިލެއްގެ ގޮތުން ހުޅުދެއްޔަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޖްތަމަޢު ބައިބައިކުރުމަށްޓަކައި މަސައްކަތް ކުރުމަކީ، ޑިމޮކްރަސީއާ ޚިލާފު ކަމެއް ކަމަށާއި، މިވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި، ޑިމޮކްރަސީ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ބައިބައިވުމާއި ހަމަނުޖެހުންތައް އުފައްދާ އެއްޗެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ ނިޒާމް މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި، އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށި ހިސާބުން ފެށިގެން މި ބަދަލުތައް އައިސްފައިވާ ކަމުގައި ވިދާޅުވިއެވެ. ޤާނޫނުއަސާސީ ތަޞްދީގު ކުރުމުގައި، ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށާއި، އެހެން ނަމަވެސް، ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް، އަޅުގަނޑުމެން ޢަމަލުކޮށްގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންވާނީ، ޤައުމުގައި އަމަންއަމާންކަން ޤާއިމް ކުރުމަށާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމުގެ ކަންކަން އަމާންކަމާއި ޞުލްޙަވެރިކަމާއެކީގައި ގެންދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން މިގެންދަވަނީ، ވަކި ކުލައަކަށް ނުވަތަ ވަކި ޕާޓީއަކަށް ނުބައްލަވައި، ވީހާވެސް ހަމަހަމަކަމާއެކު، ޤާނޫނުއަސާސީއާއި ޤާނޫނީ ހަމަތަކުގެ މަތިން ވެރިކަން ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

ހުޅުދެއްޔަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެރަށުގެ ނަރުދަމާގެ ނިޒާމް ޤާއިމް ކުރެއްވުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ފެށޭނެކަން ހާމަކުރެއްވިއެވެ. ރަށުގެ އިންޖީނުގޭގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށާއި، އެކަން ނިމުމުން، ކަރަންޓްގެ މައްސަލަ ޙައްލުވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.