ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ރިނބުދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރިނބުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ ސިޔާސަތާމެދު އަލުން ވިސްނުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ތަރައްޤީއަށް ހެދިފައިވާ މަޝްރޫޢުގެ މައްޗަށް ބިނާކޮށް، މިކަމާ ގުޅޭގޮތުން މަޝްވަރާތައް ބާއްވަވައި، ގޮތެއް ނިންމަވައިދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޙަޤީޤީ ޑިމޮކްރަސީއަކީ، ރައްޔިތުންގެ މަޝްވަރާއާއެކު ކަންތައްތައް ކުރުން ކަމަށާއި، ރައްޔިތުންނާ މަޝްވަރާނުކޮށް، ރައްޔިތުންނަށް ލިބެންޖެހޭ މަޢުލޫމާތު ނުލިބި، ކަންކަން ނިމުނީމާ، ދިމާވާ ދެރަ އަޅުގަނޑުމެންނަށް ފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ރަށް ރަނގަޅަށް އާބާދުވެ، ރަށަށް ދިރުން ލިބި، ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ކަންތައްތައް ކުރިއަށް ދިޔުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރިނބުދޫ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދެއްވޭތޯ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރަށުގެ ކަރަންޓްގެ ޚިދްމަތް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ދަށަށް ގެންނެވުމަށް ނިންމަވައިފި ކަމަށާއި، އެކުންފުންޏާ ވާހަކަ ދައްކަވައިގެން، އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަން ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢާ ދޭތެރޭގައިވެސް ސަރުކާރުން ވިސްނާވަޑައިގަންނަވާނެ ކަމަށާއި، އެހެން ނަމަވެސް، އެކަމާމެދު ސަރުކާރުން ގޮތެއް ނިންމަވާނީ، ރިނބުދޫ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.