އިންސާނީ ވަސީލަތްތައް ބިނާކުރުމަށްޓަކައި ކުރެވޭ އެންމެބޮޑު މަސައްކަތަކަށްވާންޖެހޭނީ، ދަރިންގެ ކިބައިގައި ރަނގަޅު އަޚްލާޤެއް އަށަގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު މާއެނބޫދުއަށް ވަޑައިގެން، މިރޮނގުން ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމުގެ ތެރެއިން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، ކުދިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާއެނބޫދޫގެ ވެރިންނާއި ރައްޔިތުން، ތަޢުލީމީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ މައްޗަށް ބައްލަވާލައްވައި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ޤާއިމުވެފައިވަނީ، ރަށުގެ ވެރިން ތަޢުލީމަށް ދެއްވި އަހަންމިއްޔަތާއި، ދަރިން ތަރުބިއްޔަތު ކުރެއްވުމަށް ދެއްވި ސަމާލުކަމުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާއެނބޫދޫގެ ތަރައްޤީއަށް ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި ކަމަށް ވިދާޅުވެ، އެކަންކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މާއެނބޫދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު، އަންނަ އަހަރު ފެށްޓެވުމަށްޓަކައި، ބަނދަރު ހެދުމަށް ބޭނުންވާ ފައިސާ، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ޢިމާރާތްކުރަން ފަށާފައިވާ ކްލާސްރޫމްތަކުގެ މަސައްކަތް ހުއްޓިފައި ވުމާއެކު، މާލަސްތަކެއްނުވެ އެ ޢިމާރާތްތަކުގެ މަސައްކަތްތައްވެސް، އަލުން ފެށޭނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާއެނބޫދޫން ވަޑައިގަތީ ކުޑަހުވަދުއަށެވެ. ކުޑަހުވަދުއަށް ކުރެއްވި ޒިޔާރަތުގައި، އެރަށު ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވިއެވެ.