ސަރުކާރުގެ ބަޖެޓްގައި ފައިސާ ނެތިގެން، ދައުލަތުގެ މުދަލާއި، ރާއްޖޭގެ ރަށްތައް ވިއްކާލައްވައި، މި ޤައުމު ބޭރުބަޔަކަށް ދޫކޮށްނުލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު މީދުއަށް ވަޑައިގެން، މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީދޫ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށާއި، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރީމާ، އަޅުގަނޑުމެންނަށް ނުކުރެވޭނެ ކަމެއް އިރާދަކުރެއްވިއްޔާ، މި ރާއްޖެއަކު ނެތް ކަމުގައި ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން އެއްވެސް ބަޔަކާ ދޭތެރޭގައި ތަފާތުތަކެއް ނުގެންގުޅުއްވާނެ ކަމަށާއި، މިއަދު ރާއްޖެއަށް ބޭނުންވަނީ ތަފާތު ކުލަތަކެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު ރާއްޖެއަށް ބޭނުންވަނީ، ޤައުމީ ދިދައިގެ ދަށުގައި އެންމެން އެކީގައި މަސައްކަތް ކުރުން ކަމަށާއި، އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، އެގޮތަށް މަސައްކަތް ކުރީމާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަންކަން މިހާރު ހަމަ މަގަށް އެޅެމުންދާ ކަމަށާއި، އެހެން ނަމަވެސް، ރާއްޖޭގައި ވަރަށްބޮޑު ހަމަނުޖެހުންތަކެއް ހިނގާކަން، ބޭރު ދުނިޔެއަށް ދައްކައިދޭން ބަޔަކު އެބަ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވިއެވެ. އެގޮތަށް މަސައްކަތްކުރާ ބަޔަކު އެކުރަނީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެދާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ހަމަޖެހޭ ދިރިއުޅުމެއް އުޅެފާނެތީ، އެކަމާ ކަންބޮޑުވެގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިރާދަކުރެއްވީތީ، ރާއްޖެ މިހާރު ހަމަހިމޭންކަމާއެކު ކުރިއަށްދާކަން، ބޭރު ދުނިޔެއަށް އެނގިގެން އެބަދާ ކަމަށާއި، ރާއްޖޭގެ ހަމަނުޖެހުންތައް އުޅޭތަން ދެއްކުމަށް އެކިއެކި ފޮޓޯތައް ނަގާ، ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދިޔަ ކަމުގައިވިޔަސް، އެކަން މިއަދު ބޭރުގެ ފަރާތްތަކުން ގަބޫލުނުކުރާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއަށް އެހީވެނުދިނުމަށްވެސް ގޮވާލައި، އަޑު އުފުލަމުންދާ ކަމަށާއި، މިމަސައްކަތްތަކުންވެސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ވިދާޅުވެ، އެވާހަކަތައްވެސް ގަބޫލުކުރާ ބަޔަކު މިހާރު ނޫޅޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.