އެކުވެރިކަމާއި ޞުލްޙަވެރިކަން ނެތް ތަނެއްގައި ތަރައްޤީއަކަށް ޖާގައެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދުއަށް މިއަދު ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެތައް ޒަމާނުއްސުރެ ރާއްޖޭގައި ކުރެވެމުންދިޔަ ތަރައްޤީގެ މަސައްކަތްތައް، ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަލާކުކޮށްލިތަން، ދާދިފަހުން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މެދުގައި އޮންނަންވީ އެއްބައިވަންތަ ކަމުގެ ގުޅުމުގެ މައްޗަށް، އެމަނިކުފާނު ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި އިންސާނީ ވަސީލަތްތައް ޤާއިމް ކުރުމަށްޓަކައި ދަރިންގެ ކިބައިގައި ރަނގަޅު އަޚްލާޤެއް އަށަގެންނެވުމާއި، ޤައުމުގައި އަމަންއަމާންކަން ޤާއިމްކޮށް، ޞުލްޙަ މަޞްލަޙަތުކަން ދެމެހެއްޓުމަކީ ކުރަންޖެހޭ ކަންކަން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ އަޚްލާޤީ މިންގަނޑުތަކެއް އެބަހުރި ކަމަށާއި، އޭގެތެރޭގައި، ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމާއި، މައިންބަފައިންނަށް ކަމޭހިތުމާއި، އެކަކު އަނެކަކަށް ޖާސޫސް ނުކުރުމާއި، އަނިޔާވެރިނުވުން ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ މެދުގައި އެކި ކަންކަމުގައި ޚިޔާލު ތަފާތުވި ކަމުގައިވިޔަސް، އެކަކު އަނެކަކަށް ގޯނާ ނުކުރުމަށާއި، އެކަކު އަނެކަކަށް އިހާނެތިކޮށް ނުހިތުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިއަދު ބައެއް ޢާއިލާތަކުގެ މެދުގައި އެކިކަންކަމުގައި ޚިޔާލު ތަފާތުވުން އުފެދި، އެކަމުގެ ސަބަބުން ޢާއިލީ ގުޅުންތަކަށް ބުރޫއަރަމުންދާކަން ފާހަގަކުރައްވަމުން، މިފަދަ ކަންކަންވެސް ވާހަކަ ދައްކައިގެން ޙައްލުކުރަން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިގޮތަށް މިކަންކަން ހިނގަމުންދާނަމަ، ތަރައްޤީއަށްވެސް ހުރަސްއެޅިގެންދާނެ ކަމަށާއި، މިހެންވިޔަ ނުދިނުމަށްޓަކައި ޢާއިލާތަކުގެ މެދުގަޔާއި ރައްޔިތުންގެ މެދުގައި ރަނގަޅު ގުޅުމެއް ޤާއިމް ކުރުމަށް، ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބަނޑިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު އެއަތޮޅު މީދުއަށް ވަޑައިގެންފިއެވެ.