ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި، މާތްﷲގެ އިރާދަފުޅާއެކު، ތަރައްޤީގެ ރޮނގުން ވަރަށް ބޮޑެތި ނަތީޖާތަކެއް ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދުއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފެށިފައި ހުރި ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް، ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް ވިދާޅުވެ، އޭގެތެރެއިން ބައެއް މަޝްރޫޢުތަކަށް އެމަނިކުފާނު އިޝާރާތް ކުރެއްވިއެވެ. އެގޮތުން، ހައްދުންމަތީގައި 16 ކިލޯ މީޓަރުގެ މަގު ތާރުއަޅައި، މާލޭގެ މަގުތަކަށްވުރެ ރަނގަޅު ފެންވަރެއްގައި ހަދާ ނިމޭނެ ކަމަށާއި، އަދި އައި.ޖީ.އެމް.އެޗް.ގައި އަލަށްހަދާ ޢިމާރާތްވެސް ނިމި، އެތަނުގެ ޚިދްމަތް ދެވެން ފެށޭނެ ކަމަށާއި، އައްޑުއަތޮޅުގައި އާ ހޮސްޕިޓަލެއްގެ ބިންގާ ވަރަށް އަވަހަށް އެޅިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ޤައުމީ އެއަރލައިނަށް A 320ގެ މަތިންދާބޯޓެއް ގެނައުމަކީވެސް، އެ ޚިދްމަތް އިތުރު ޤައުމުތަކަށް ފެށިގެން ދިޔުމަކީވެސް ރާއްޖޭގެ ޞިނާޢަތަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް އިތުރަށް އާމްދަނީ ވަންނާނެ ގޮތްތައް ހޯއްދަވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ. އަދި ދައުލަތަށް ޚިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށާއި، ބޭރުގެ ފަރާތްތަކުން ބޮޑެތި ލޯނުތަކެއް ނަންގަވައިގެން މަސައްކަތް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަމުން ގެންދަވާނީ، ލިބޭ އެއްޗަކުން ފުއްދައިގެން، ޚަރަދުތައް ބެލެހެއްޓޭނެ ގޮތަކަށް އަދި ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރެއްވުމަށް އިސްކަން ދެއްވައިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިވޭތުވެދިޔަ 8 މަސްދުވަހަކީ، ރާއްޖެއަށް ދިމާވި އާދަޔާ ޚިލާފު ދުވަސްވަރެއް ކަމަށާއި، އަޅުގަނޑުމެން އުޅެމުން އައީ، ކޮންމެވެސް ކަހަލަ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދިވެސް އެ ހަލަބޮލިކަމުން މުޅިއަކުން އަރައިނުގަނެވޭ ކަމަށާއި، ރާއްޖޭގެ ރައްޔިތުން ނިކަމެތިކޮށް، ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށް، ޤައުމުގައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި ރައްޔިތުންގެ ޢުދުވާނުންތަކެއް މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެކަމަށް ސަރުކާރު އޮތީ ސަމާލުވެގެން ކަމަށާއި، ޤައުމު ހަލާކުކޮށް، ފިތުނަފަސާދަ އުފެއްދުމުގެ ފުރްޞަތެއް، އިރާދަކުރެއްވިއްޔާ އެފަދަ މީހުންނަށް ނުދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިވޭތުވެދިޔަ 8 މަސްދުވަހުގެ ތަޖްރިބާއާއެކު، ޤައުމާއިގެން ކުރިއަށް ދިޔުމުގެ ފުރިހަމަ ޤާބިލުކަމާއި ޔަޤީންކަން އެބައޮތް ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކަކީ، އުފާވެރިކަމާއި ހަމަޖެހުމުގެ ދުވަސްތަކެއް ކަމަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ، އަސާސީ ޚިދްމަތްތައް ޤާއިމް ކުރުމަށް ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ، ދިވެހި ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދްމަތްތަކެއް ޤާއިމް ކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނިލަންދޫ އަބަދުވެސް ފާހަގަވަނީ، ނަމޫނާ ރަށެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. ރަށުގެ ރައްޔިތުންނަކީ، އަޚްލާޤު ރަނގަޅު، ތަޢުލީމަށް ލޯބިކުރާ، އެއްބައިވަންތަ ރައްޔިތެއް ކަމަށާއި، މިއަދުވެސް މި ފެނިވަޑައިގަތީ، އެމަންޒަރު ކަމުގައި ވިދާޅުވިއެވެ. އޭގެ ސަބަބަކީ، ރަށުގެ ޢިއްޒަތްތެރި ވެރިން، އެކި ޒަމާންތަކުގައި އެރަށުގައި ރަނގަޅު ފެންވަރުގެ ތަޢުލީމެއް ޤާއިމްކޮށްދެއްވައި، ރަށުގެ ދަރިންގެ ކިބައިގައި ރަނގަޅު އަޚްލާޤެއް އަށަގެންނެވުމަށް ކުރެއްވި މަސައްކަތްތައްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދުއަށް ވަޑައިގެންފިއެވެ.