އ.ދ ގެ އެހީތެރިކަމާ ނުލައި ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލު ކުރުމަކީ ނާދިރު ކަމެއް ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ އ.ދ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޔޫ.އެން. ބިލްޑިންގ ގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، ދެވިފައިވާ މުއްދަތުގެ ތެރޭގައި ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ސަރުކާރު އޮތީ ސާބިތުކަމާއެކުގައި ކަމަށެވެ. އަދި، ވަޒީފާއެއް ނުލިބި ތިބި ޒުވާނުން މަދުކުރުމާއި، މަސްތުވާތަކެތީގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް މަދުކުރުމާއި، ގޭންގު ކުށްތައް މަދުކުރުމަކީ ސަރުކާރުގެ އެއް އަމާޒު ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ޤައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ގޮތްތަކެއް ރާވައި، ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި، ސަރުކާރާއި، އަމިއްލަ ޖަމްޢިއްޔާތަކާއި، މިނިވަން މުއައްސާތަކާއި، ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ އެއްބާރުން ލިބިގެން ނޫނީ މި މައްސަލަތަކަށް އަލި މަގެއް ނުފެންނާނެ ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ޤައުމީ ތަރައްޤީއަށް އ.ދ އިން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއަށާއި، ތަޢުލީމީ ދާއިރާއަށާއި، އިޖްތިމާޢީ ދާއިރާއަށް ވެދެއްވާފައިވާ އެހީތެރިކަމާއި، ފަޤީރުކަން ނައްތާލުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.