بســم اللّـه الرّحمـن الرّحيــم

އާދެ! ޢިއްޒަތްތެރި މިނިސްޓަރުން. އަދި މި ވަޠަންދެކެ ލޯބިވެ ޤައުމަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައި، ވަރަށްގިނަ ދުވަހު ޚިދްމަތްތަކެއް އިޚްލާޞްތެރިކަމާއެކު ކުރައްވާފައި ހުންނެވި ބޭފުޅެއް، އޮނަރަބްލް ޢަބްދުއްސައްތާރު. އާދެ! ސިވިލް ސަރވިސްގެ ރައީސް، އަދި ސިވިލް ސަރވިސްގެ އަގުހުރި މަސައްކަތްތެރިން. އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ވަރަށް އަގުހުރި ޚިދްމަތްތަކެއް، މި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާ އަގުހުރި ދިވެހި ދަރިންތަކެއް، އާދެ! ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން.

އާދެ! ޝައްކެއްނެތް. މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަނެއްކާވެސް ވަޠަނުގެ ތަރައްޤީގެ އިތުރު ބޮޅެއް، ކުރިއެރުންތަކެއް. ޒަމާނީ ޑިމޮކްރަސީއެއް ޤައުމަކަށް ތަޢާރުފްވެގެން ދިޔައީމާ، ފެންނަންޖެހޭ އަދި ފެންނާނެ ރިވެތި މަންޒަރުތަކެއް. ރިވެތި ބަގީޗާއެއްގައި ގަސްތަކެއް، ވަރަށް ރީތިކޮށް ހެދެމުންދާ ތަން. އަދި އެ ބަގީޗާގައި ވަރަށް ތަފާތު މާތަކެއްވެސް ހުންނަންޖެހޭކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. ތަފާތު ކުލަތަކެއްގެ މާތަކެއްވެސް ހުންނަންޖެހޭނެ. ތަފާތު މީރުވަސްދުވާ މާތަކެއްވެސް. ތަފާތު ވަސްދުވާ މާތަކެއްވެސް ހުންނަންޖެހޭނެ.

އާދެ! މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެ ރިވެތި ބަގީޗާ ބައްޓަންވެގެން އަންނަ ތަން. ހެދެމުންދާތަން. އަޅުގަނޑުގެ ސުވާލަކީ، ކޮންމެ ސަރުކާރެއްގެ ޒިންމާއެއް އެބައޮވެއޭ، ޤައުމު ތަރައްޤީ ކުރުމުގައި. ޤައުމު ކުރިއަށް ގެންދިޔުމުގައި. އެއީ، ރައްޔިތުންގެ މުވައްޒަފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް. ދެންވެސް ތިބި މިނިސްޓަރުންވެސްވާހިނދު، އެ ޚިދްމަތްތައް އަގުހުރި ގޮތުގައި، ރައްޔިތުންނަށް ފޯރުވައިދިނުމަކީ، އެއީ ކޮންމެ މުވައްޒަފެއްގެ މަސްއޫލިއްޔަތެއް. އެގޮތުން، މިއަދު އަޅުގަނޑުމެންގެ ވަޒީފާ މިއޮތީ، މިފަދަ ކަންތައްތަކަށް އެހީވެދިނުމުގައި. އަދި ކަންތައްތައް ކުރިއަށް ގެންގޮސްދިނުމުގައި، އަޅުގަނޑުމެން ސަރުކާރުގެ ނަމުގައި ކުޅެންޖެހޭނެ ވަރަށް މުހިންމު ރޯލެއް އޮތްކަން، އާދެ! ސިވިލް ސަރވިސްގެ ރައީސްގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެން ވަރަށް ސާފުކޮށް ހިނގައްޖެ.

އާދެ! އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެ މުއައްސަސާ ބައްދަލުކުރިކަން. އަޅުގަނޑުގެ ސުވާލަކީ، އެއީވެސް ހަމަ އަޅުގަނޑުމެންނަށް އެނގިގެން، އަޅުގަނޑުގެ ލޮލުގެ ކުރިމަތީގައި ހިނގާދިޔަ ކަމެކޭ. އެފަދަ ކަމެއް ދެން މި ޤައުމުގައި ތަކުރާރުވެގެން ނުވާނެ. ޤައުމަކަށް، މިނިވަން މުއައްސަސާތަކާއި، ޑިމޮކްރެޓިކް ނިޒާމެއް ގެނައުމުގެ ސަބަބުން، ދެން އެ މިނިވަންވެގެންދާ މިނިވަން މާޙައުލެއްގައި މަސައްކަތް ކުރައްވަންވީ، ޤާނޫނާއި ޤަވާޢިދުތަކެއްވެސް އެބައޮތް. އެ ޤަވާޢިދަށް ޙުރްމަތްތެރިކޮށް ހިތެންޖެހޭނީ، ހަމައެކަނި އެ ޤަވާޢިދެއް، އެތަނެއްގައި މަސައްކަތްކުރާ ބައެއް ނޫން. ސަރުކާރުގެ ފަރާތުންވެސް ޖެހޭނީ އެކަމަށް ޙުރްމަތްތެރިކޮށްހިތަން. އެކަން ޤަބޫލުކުރަން. ޒަމާނުއްސުރެ، އާދެ! މަސާޙިބު ކިޔައިގެން އައިސް ، ދިވެހި ދަރިންތަކެއް ގޮތަށް އަޅުގަނޑުމެން އުޅެމުން އައީ، މިއަދު އެ އާދެ! މަސާޙިބެއް ނުކިޔާނެ. އަދި ސަރުކާރުން ޤަބޫލުކޮށްގެން ނުވާނެ، އެގޮތަށް ދެން ދިވެހި ރައްޔިތުން، އާދެ! މަސާޙިބު އެހެން ކިޔާފައެއް ކުރުނީހެއް ނުކުރާނެ. އެއީ، ޑިމޮކްރަސީގެ ފުރިހަމަ ނިޒާމެއް. އެއީ، ޑިމޮކްރަސީގެ އަސާސް. އެކަން ސަރުކާރުތަކުން ޤަބޫލުކުރަން ޖެހޭނެ. އެހެންވީމާ، ޑިމޮކްރަސީއެއް ގެނައުމުގައި، މިނިވަން މުއައްސަސާތަކާއި ރައްޔިތުންނާއި އަދި ހަމަ އެ ނޭވާގައި، ސަރުކާރުގައިވެސް، ތިއްބެވި ހުރިހާ ބޭފުޅުންވެސް، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އަދި ސިޔާސީ މަޤާމުގައި މި ތިއްބަވާ ބޭފުޅުން، މިކަން ޤަބޫލުފުޅު ކުރައްވަން ޖެހޭނެ. އެބޭފުޅުންނަކީވެސް ޚިދްމަތް ދެއްވަން ތިއްބެވި ބޭފުޅުންތަކެއްކަން، އެބޭފުޅުން ޤަބޫލުފުޅު ކުރައްވަން ޖެހޭނެ.

މިއަދު މި ޤައުމު މިއޮތީ ބަދަލުވެފައި. ޤާނޫނުއަސާސީ ބަދަލުވެއްޖެކަން ރަނގަޅަށް ހިތްޕުޅުން ޤަބޫލުފުޅު ކުރައްވަން ޖެހޭނެ. އެހެން އެކަން ޤަބޫލު ކުރެވިގެން ނޫނީ، މިފަދަ ބަގީޗާތަކަށް ފެންދޭނެ ބަޔަކު އަޅުގަނޑުމެންނަކަށް ނުލިބޭނެ. މިއަދު އަޅުގަނޑުމެން އެބަޖެހޭ، މިބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދޭން. އެބޭފުޅުން އެ ހިތްޕުޅުގެ އަޑިން ރެޔާދުވާލު ކުރައްވާ މަސައްކަތްޕުޅަށް ސަރުކާރުން ހިތްވަރުދޭން ޖެހޭނެ. ސަރުކާރުން ފަހިކޮށްދޭންޖެހޭ އެތައް ކަންތައްތަކެއް އެބަހުރި. ސަރުކާރުން ދެކެވަޑައިގަންނަވައިގެން ނުވާނެ، އެއީ އޮފީސްތައް ހިންގަން ދަތިވާ ބައެއް ކަމެއް، ދަތިކުރާ ބައެއް ކަމަކަށް. އެކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސިވިލް ސަރވިސްގެ ރައީސް ކިޔައިދެއްވައިފި.

އާދެ! އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިފަދަ 3Q އިނޮވޭޝަން އެވޯޑެއް ތަޢާރުފް ކުރެއްވުމަކީ، މިކަމަށް ސިވިލް ސަރވިސްގެ ފަރާތުން ވިސްނަވައި، އެކަމަށް ދެއްވާ އަހަންމިއްޔަތު ކަމުގެ ނިޝާން. އެބޭފުޅުން ބޭނުންފުޅުވޭ، ދިވެހި ރައްޔިތުންގެ ތެރޭގައި، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ބޭފުޅުން ކުރިއަރައިގެން ތަރައްޤީވެގެން އަންނަން. އެބޭފުޅުން އެކުރައްވާ މަސައްކަތްޕުޅުގެ އަގު ވަޒަން ކުރައްވަވަން. އޭގެ ނިޝާނެއް، މިގޮތަށް މިކަހަލަ އެވޯޑެއް ތަޢާރުފް ކުރެއްވުމަކީ. ވީމާ، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ސިވިލް ސަރވިސްގެ ރައީސް އަދި ހުރިހާ ބޭފުޅުންނަށް، ތި ހީވާގި ސިވިލް ސަރވިސްގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންވެސް އަދި ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އަދަބުވެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި، އުފަލާއެކު ޝުކުރު އަދާކުރަން.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާއިރު، ނުވަތަ ސިވިލް ސަރވިސްގެ ޚިދްމަތެއްދޭއިރުގައި، ހަމަ އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެ، އެއީ ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއް ނޫންކަން. އެ ޚިދްމަތެއް ހޯދަން އަންނަ މީހުންނަށް ޚިދްމަތެއް ދިނުމަކީ، އުފަލުން، ހިނިތުންވެ ކޮށްދޭންޖެހޭ ކަމެއް. ދަންނަވަންތޯ، މަތިން ތިރިއަށް މި ހިނިތުންވުން އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމަށްވަންޏާ، ނުވަތަ ވަކިމީހަކީ ނިކަމެތި މީހެއް ކަމުގައި އަޅުގަނޑުމެން ދެކޭ ކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް ކުރެވޭ ވަރަށްބޮޑު ޚިޔާނާތެއް. އަޅުގަނޑުމެން ދެކެންޖެހޭނެ، އެންމެ މަތިން ފެށިގެން ތިރިއާ ހަމައަށް، މިއީ މާތްﷲ ފޮނުއްވި އަޅުންކަން. އަޅުގަނޑުމެންގެ ދައުރުގައި، އަޅުގަނޑުމެންގެ ދާއިރާގައި، އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކީގައި، އަނެކަކަށް އެ ޚިދްމަތް ދިނުން އެއީ އުފަލެއް ކަމުގައި ދެކެން ޖެހޭނެ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ޤަބޫލުކުރަނީ އެގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުން މިއަދު މަސައްކަތް ކުރައްވާކަން. އަދި މިކަން އަޅުގަނޑުމެންނަށް ވަރަށްގިނަފަހަރަށް ފާހަގަކުރެވިފައިވެސް އެބަހުރި. ދަންނަވަންތޯ، ވިސްނުމަކީ އެތުރުން ބަދަލުވާ އެއްޗެއް. އެތައް ޒަމާނެއް ވަންދެން އަޅުގަނޑުމެން މިތިބީ ތަފާތު ގޮތްގޮތަށް. ހަމައެކަނި 30 އަހަރެއް ނޫން އިނގޭތޯ. ހަމައެކަނި 23 އަހަރެއްވެސް ނޫން އިނގޭތޯ. އެތައް ޒަމާނެއް ވަންދެން. އަޅުގަނޑު އެއްފަހަރަކު އިންޓަރވިޔުއެއްގައި ދެންނެވިން، ރިޕަބްލިކެއް ކަމުގައި އޮތަސް، އެއީ ޙަޤީޤަތެއް އިނގޭތޯ. އެހެންވީމާ، އެ ސިސްޓަމް ނުވަތަ އެ އުޞޫލު މިއަދު އަޅުގަނޑުމެން މިއަދު ބަދަލުވެގެންދާއިރު، ބަދަލުކުރަމުންދާއިރުގައި އަޅުގަނޑުމެންގެ ސިކުނޑީގައި ހުރި ވިސްނުން އަޅުގަނޑުމެން ބަދަލުކުރަން ޖެހޭނެ. އަޅުގަނޑުމެން ކައިރީގައި ހުރި އަޅުގަނޑުމެންގެ އަޚަކީ އެއީ، އަޅުގަނޑާ އެއްވަރު މީހެއް ކަމުގައި ފުރަތަމަ ދެކެންޖެހެނީ. އިންސާނުން ތަފާތު ގޮތަކަށް، ތަފާތު ފެންވަރުގައި، ތަފާތު ޢާއިލާތަކަކަށް ފޮނުއްވާފައެއް މާތްﷲ ނެތް. ކޮންމެ އިންސާނަކީ ހަމަ އަނެއް އިންސާނާއާ ހަމަހަމަ، އެ މިންވަރުގެ އިންސާނެއް.

ވީމާ، އަޅުގަނޑު ދަންނަވާނީ، ސިވިލް ސަރވިސްއިން މިއަދު އެކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގު، މި ސަރުކާރުން ވަޒަން ކުރާނޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރާނަން، ތިޔަބޭފުޅުންނަށް ކަންތައްތައް ފަހިކޮށްދެވޭތޯ. އަދި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެބޭފުޅުންނާ ޚިޔާލު ތަފާތުވާ ދުވަހެއް ނާންނާނެ. އަދި ތިޔަބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތައް އަޅުގަނޑުމެން ވަޒަންކުރާނަން.

ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރުގައި، ހަމަ ޔަޤީނުންވެސް އެބޭފުޅުން އެމަސައްކަތް ކުރައްވަނީ ހިތްޕުޅުހަމަޖެހިގެން. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަމަކީ، ކޮންމެ އިންސާނަކަށްވެސް ވަކިން، ކޮންމެ އިންސާނަކަށްވެސް ބޭނުންވާ އަސާސީ ޚިދްމަތްތަކެއް އެބަހުރި. ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ، އެކަށީގެންވާ މުސާރައެއް އެފަރާތްތަކަށް ދެވޭތޯ. އެވާހަކަ ވަރަށް ތަފްޞީލުކޮށް، ރައީސް ކިޔައިދެއްވައިފި. ވީމާ، އެއީ މުސްތަޤްބަލުގައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ ކަމެއް.

ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ނަޝީދުގެ ސަރުކާރުގައި، ރައީސް ނަޝީދުގެ ސަރުކާރުގައި، ޓެކްސް ބިލަކަށް ނުވަތަ ޓެކްސް ނެގުމަށް އަޅުގަނޑު ތާއީދުކުރިން. އަޅުގަނޑު ވާހަކަ ދެއްކިން. ބައެއް ބޭފުޅުން ވިދާޅުވި، ޑީންއަކީ މިއީ އެމް.ޑީ.ޕީ މީހެއްތާއޭ. އާދެ! އަޅުގަނޑު އެދުވަހު ވާހަކަ ދެއްކީ ކީއްވެގެންތޯ؟ އަޅުގަނޑު އެދުވަހު ވާހަކަ ދެއްކީ، އެއީ ޓެކްސް ބިލެއް ތަޢާރުފްކޮށްގެން ނޫނީ އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަ ފޯރާ ފަރާތްތަކާއި ނުވަތަ މުއްސަނދިންނާ، ދެން އެ ލިބެންވީ ފަރާތްތަކާ، މި ބެލެންސެއް އަޅުގަނޑުމެންނަކަށް ނުގެންގުޅެވޭނެ. މިއީ އަޅުގަނޑު އެއް ޖަލްސާއެއްގައި ދައްކާފައި ހުރި ވާހަކައެއް ނޫން މިއީކީ. މުސްތަޤްބަލުގައި އަދި މި ކިތަންމެ ކުޑަ ދުވަސްކޮޅަކަށް އައިސް އޮތް ސަރުކާރެއް ކަމަށްވިޔަސް، އަދި ދެން އަންނަ ސަރުކާރަކުންވެސް ވިސްނަވަން ޖެހިވަޑައިގަންނަވާނެ، އެ ބެލެންސް ގެންނެވުމަށްޓަކައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރަތައް ހަމައަކަށް އެޅުއްވެވުން. މިއަދު މި ޤައުމުގެ މުސާރަތައް ހުރީކީ ހަމަހަމަ އުޞޫލަކުން ނޫން. ވޭޖް ކޮމިޝަނެއް ނެތް އަޅުގަނޑުމެންގެ ތެރެއަކު. އެކި ބޭފުޅުން ވަޒީފާތަކުގައި، އެބޭފުޅުންގެ މުސާރަފުޅުތައް ހަމަޖައްސަވަމުން ގެންދަވަނީ، އެބޭފުޅަކަށް ފެނިވަޑައިގަތް ގޮތަކަށް. އަޅުގަނޑުމެންގެ މުސާރަތައް ހަމަޖެހެން ޖެހޭނީ، ހަމަހަމަ އުޞޫލެއްގެ މަތިން. ޤާނޫނުއަސާސީގައި އޮންނަގޮތް، ހަމަ ދެންމެގައި އަޅުގަނޑުމެންނަށް ކިޔައިދެއްވި. މަޤާމުތަކުގައި އުޅޭ މީހުންނަށް ހަމަހަމަ މުސާރަ އޮންނަންޖެހޭނެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުން. އަދި އެ ޚިދްމަތް އެގޮތަށް އެބޭފުޅުން ނުދެއްވަވާ ކަމަށް ވަނީނަމަ، ރައްޔިތުންނަށް އެތައް ޚިދްމަތްތަކެއް ނުލިބިގެންދާނެ. ސަރުކާރެއް ފުރިހަމައަށް، ރަނގަޅަށް، އެފިޝަންޓްކޮށް މަސައްކަތްކުރާ ކަމުގެ ނިޝާނަކީ ނުވަތަ މަސައްކަތް ކުރެވޭނީ، ކުރާނީ ސިވިލް ސަރވިސްގެ މުވައްޒަފުން އެފިޝަންޓްވެގެން އަދި އެބޭފުޅުން ކުރިއަށް ގޮސް، އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވައިގެން، އިނޮވޭޓިވް ބަޔަކަށް އެބޭފުޅުން މަސައްކަތް ކުރެއްވީމަ. އެކަން ފަހިކޮށްދެއްވަވަން ޖެހޭނީ، ހަމައެކަނި ސިވިލް ސަރވިސްގެ ރައީސެއް ނޫން. އެތާނގެ މުވައްޒަފުންނެއް ނޫން. ސަރުކާރުގެ ވަރަށް މުހިންމު ރޯލެއް އޭގައި އެބައޮތް. މިއަދު އަޅުގަނޑު ވަރަށް އުފަލާ އެކީގައި، އެކަން ފާހަގަކުރަން. ޔޫ.އެން.ޑީ.ޕީ އިން، އާދެ! އެންޑްރޫ މިތާ އިންނެވުމާވެސް އެކީގައި. ދެން އަޅުގަނޑު ދައްކާ ވާހަކައެއް އެންޑްރޫއަކަށް އެނގިވަޑައެއްނުގަންނަވާނެ. އެހެން ނަމަވެސް، އެންޑްރޫއަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު އެންޑްރޫއާ ބެހޭގޮތުން ގޯސް އެއްޗެއް ނުބުނާނެކަން. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ، ޔޫ.އެން.ޑީ.ޕީ އިން އެދެއްވާ ޚިދްމަތް މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ. ހަމަ އެއް ދާއިރާއެއްގައެއް ނޫން. ވަރަށް ތަފާތު ދާއިރާތަކުގައިވެސް. އެގޮތުން، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޔޫ.އެން.ޑީ.ޕީ. އަށް ޝުކުރުކުރަން.

އާދެ! މިއަދު ސިވިލް ސަރވިސްއަށް އެހީވެދޭންޖެހޭނީ، ހަމައެކަނި ޔޫ.އެން.ޑީ.ޕީ އަކުން ނޫން. ސަރުކާރުގެ ތެރެއިންވެސް، މި ކުރިއަށް ގެންދިޔުމަށް، މުވައްޒަފުންތަކެއް ކުރިއަށް ގެންގޮސް ކިޔަވައިދިނުމަށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވުނު އެހީއެއް އަޅުގަނޑުމެން ނުވަތަ ވާންޖެހޭނެ. އާދެ! މިގޮތުން، އަޅުގަނޑު ފާހަގަކުރަން އިނގޭތޯ. ސިވިލް ސަރވިސްގައި އެބަހުރި ޕްރޮގްރާމްތަކެއް އެބޭފުޅުން ހިންގަވާފައި. ގެވެށި ޕްރޮގްރާމް، ޒިންމާދާރު ކުރުވުން. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ މުހިންމުކަން މިއަދު އަޅުގަނޑު ފާހަގަކޮށްލަން. ސިވިލް ސަރވިސްގައި އޮވޭ އިންސްޓިޓިއުޓެއް. އާދެ! އެބޭފުޅުން އެއީ ތަމްރީނު ކުރުމަށްޓަކައި، މުވައްޒަފުން ތަމްރީނު ކުރުމަށްޓަކައި ބޭނުންފުޅު ކުރައްވަން. އަޅުގަނޑު ދަންނަވާނީ، އެއީ ވަރަށް މުހިންމު ކަމެކޭ. ހިތާމައަކީ އަޅުގަނޑުމެން ޑިމޮކްރަސީ ގެނައިއިރުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، އެންމެ މަދްރަސާއެއްގައިވެސް ކިޔަވައެއްނުދޭ. އެއްވެސް ކައުންސިލަކަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކެއް، އަޅުގަނޑުމެން ބުނެއެއްނުދެމު. މަޝްހޫރު ޑިމޮކްރަސީ އަޅުގަނޑުމެން ގެނައީމު. ކިހިނެއްތޯ، ޑިމޮކްރަސީ ޤާއިމް ކުރެވޭނީ. އެހެންވީމާ، ކުށްވެރިވަނީ ކައުންސިލަރުންތޯ؟ ނޫނީ އެކަން ކުރި މީހުންތޯ؟ ނޫނީ ނުކޮށްދީ ތިބި މީހުންތޯ؟ އަޅުގަނޑުވެސް މިއަދު އޭގައި ޒިންމާވަން އިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެން ބަލަންޖެހޭނެ، އެކިއެކި ކަންތައް އިންތިޒާމް ކުރާއިރުގައި، ރައްޔިތުންނަށް އުނގަންނައިދިނުމަކީ މިއީ އެންމެ ފުރަތަމަ ފިޔަވަޅު، އޮޅުންފިލުވައިދޭންޖެހޭނެ. އަދި އަމުދުން ކުރީގައި އަޅުގަނޑު ދެންނެވި ގޮތަށް، އާދެ! މަސާހިބު ކިޔައިގެން އުޅުނު ބަޔަކަށް، މިނިވަން މުއައްސަސާތަކެއް ހެދުމާ އެކީގައި، މިނިވަން ޤާނޫނުއަސާސީއެއް އަތްމައްޗަށް ދޫކޮށްލާއިރުގައި، އެކަންތައްތައް ކުރަންވީގޮތް އަޅުގަނޑުމެން ކިޔައިދޭންޖެހޭނެ. އެއިން ލިބިދޭ ޙައްޤުތަކާއި، އެއިން ނުކުރެވޭނެ ކަންތައްތަކާއި އަދި ކިހާ ހިސާބަކަށްތޯ އަޅުގަނޑުމެންގެ މިނިވަންކަންދާނީ. އަނެކެއްގެ މިނިވަންކަމަށް އަރައިގެނެވެނީ ކިހާ ހިސާބަކަށް ދިޔައީމަތޯ. މިއީ އަޅުގަނޑުމެން ރައްޔިތުންނަށް ދަސްކޮށްދޭން ޖެހޭނެ އެއްޗެއް. މި އެއްޗެހި ދަސްކޮށްނުދީ، އަޅުގަނޑުމެންނަށް ފުރިހަމަ ޑިމޮކްރަސީއެއް ނުގެނެވޭނެ.

ވީމާ، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކުރައްވާ މަސައްކަތްޕުޅުގެ އަގު ހަމަ އަޅުގަނޑު ވަރަށް ބޮޑަށް ވަޒަންކުރަން. އަޅުގަނޑު އުންމީދު ކުރަން، ވަރަށް ހަރުދަނާ ގޮތެއްގައި، އެ އިންސްޓިޓިއުޓުން މަސައްކަތް ކުރައްވަމުން ގޮސް އަދި އިތުރު ޕްރޮގްރާމްތަކާ އެކުގައި، ރާއްޖެއިން ބޭރަށްވެސް ދިޔުމުގައި ނުވަތަ ފޮނުއްވުމުގައި، އެކިއެކި ފުރްޞަތުތައް، އެމުވައްޒަފުންނަށް ލިބިގެންދާނެ ކަމުގައި. އެއީ ދަތުރުކުރުމަކީ ނުވަތަ އެކްސްޕޯޝަރ ލިބުމަކީ ނުވަތަ ބޭރަށް ގޮސްގެން ކަންތައްތައް ހިނގާ ނުހިނގާގޮތް އެނގުމަކީ އަބަދުވެސް މީހާ ކުރިއަށް ގެންގޮސްދޭނެ ކަމެއް. އާދެ! މިގޮތުން އަޅުގަނޑު ހަމަ އެބޭފުޅުންނަށް ދަންނަވަން، އެ އިންސްޓިޓިއުޓްގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވައި އަދި ސަރުކާރުން އިރާދަކުރެއްވިއްޔާ، ވެވެން އޮތް އެހީއެއް އަޅުގަނޑުމެން އެކަމުގައި ވެދޭނަން.

ދެން މި ޕްރޮގްރާމްތަކުގައި ތިޔަބޭފުޅުން ތަފާތު ޕްރޮގްރާމްތައް ހިންގަވާފައި އެބަހުރި، އާދެ! އެއީ ބަޖެޓް ބެލެހެއްޓުމާ، ދެން މިގޮތުން އެނގިވަޑައިގަންނަވާނެ، ސިވިލް ސަރވިސްގެ މަސައްކަތްތައް ސަރުކާރު ހިނގަމުންދާއިރުގައި، ޓައިމް މެނޭޖް ކުރުމާއި، ޕްރޮޖެކްޓް މެނޭޖް ކުރުމާއި، ކޮމިއުނިކޭޝަން ސްކިލްސް، މިކަހަލަ އުފެއްދުން. އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން އިނގޭތޯ. މިހާތަނަށް 83 ޕްރޮގްރާމެއްގައި، 2172 އެ ސިވިލް ސަރވިސްއިން ވަނީ ޓްރެއިން ކުރައްވާފައި. އެހެން ނަމަވެސް، ސިވިލް ސަރވިސްގައި މިއަދު އެބައުޅުއްވާ، 24000 ބޭފުޅުން. އެހެންވީމާ، އަޅުގަނޑުމެން ދަތުރުކުރަންވީ ދިގުމިން އަޅެ ވިސްނާލައްވާ. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް ތިބެވޭނެތޯ، ހަމަ ހުސްއެކަނި ސިވިލް ސަރވިސްއިން ތިކަން ކުރައްވާށޭ ބުނެފައި، ނުތިބެވޭނެ. މި ޤައުމު ތަރައްޤީވެގެން، ކުރިއަރައިގެން އަންނަ ކަމަށްވަންޏާ އިނގޭތޯ އެއީ، މި ޤައުމުގެ ހުރިހާ ރައްޔިތުންނަށް ލިބޭ ރީއްޗެއް، އުފަލެއް، ތަރައްޤީއެއް، ކުރިއެރުމެއް. އެހެންވީމާ، އަޅުގަނޑުމެން ބަލަންވާނެ، ހުރިހާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ހަމަ ވަކިން ޚާއްޞަ ގޮތެއްގައި، ސިޔާސީ މަޤާމުގައި ތިއްބަވާ ބޭފުޅުންވެސް ވިސްނަވަންޖެހޭނެ. އަދި އެބޭފުޅުން މާބޮޑަށް ވިސްނަވަން އެބަޖެހޭ. އެއީ ކޮންމެ ފަސް އަހަރަކުން ބަދަލުވާނެ އެބޭފުޅުން، އެހެން ނޫންތޯ. އެހެންވީމާ، އެބޭފުޅެއްގެ ދައުރުގައި، އެބޭފުޅަކު އަގުހުރި ޚިދްމަތްތަކެއް ދެއްވުމަށް އެބޭފުޅުން ވިސްނަވަންޖެހޭނެ.

އެހެންވީމާ، މުޅި ދިވެހި ޤައުމު ކުރިއަށްދާނީ، އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔާ، ކިތަންމެ ޚިޔާލު ތަފާތުވިޔަސް، ކިތަންމެ ތަފާތު މީރުވަސްތަކެއް އަޅުގަނޑުމެންނަށް ފެނުނަސް، ކިތަންމެ ތަފާތު ކުލަތަކެއް އަޅުގަނޑުމެންނަށް ރީތިވިޔަސް، އެއީކީ އެއްވެސް މައްސަލައެއް ނޫން. ކުރިއަށް އަޅުގަނޑުމެން އަބަދުވެސް ގެންނަންވީ ވަޠަން، ޤައުމު. އެކަން އަޅުގަނޑުމެންނަށް ހަނދާން ކުރެވިއްޖިއްޔާ، އަޅުގަނޑުމެންނަށް އަބަދުވެސް ދެވޭނީ ކުރިއަށް. އެނގިވަޑައިގަންނަވާ ދޮއެއްތޯ، ޤައުމެއްނެތި ޕާޓީއެއްވެސް ނޯންނާނެ. ޤައުމެއް އަގުހުރި ގޮތުގައި ތަރައްޤީ ނުވެއްޖެއްޔާ، މަޞްލަޙަތު ހުރި، އިޖްތިމާޢީ ގޮތުން މީހުންނަށް އުޅެވޭކަހަލަ މާޙައުލެއް ނެތިއްޖެނަމަ، ދެން ކޮން ޕާޓީއެއްތޯ އޮންނާނީ. އެހެންވީމާ، މިހުރިހާ ކަމެއްވެސް އެކަތިގަނޑަކަށްވެ ކުރިއަށް މިދަނީ، ނުވަތަ ކުރިއަށް މިދެވެނީ، އެއް މުއައްސަސާއެއްގެ އަގު އަނެއް މުއައްސަސާއަކުން ވަޒަންކޮށްގެން. އެ މުއައްސަސާއަކަށް ދޭންވީ އިތުބާރު، އަޅުގަނޑުމެންނަށް އެ މުއައްސަސާއަކަށް، ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ދޭންވީ އިތުބާރާއި އެހީތެރިކަންދީގެން. އެހެން ނޫނީ އަޅުގަނޑުމެންނެއް ތަރައްޤީއެއް ނުވާނެ.

ހަމަ މި ނޭވާގައި އަޅުގަނޑުމެން ދެކެންޖެހޭނެ، އެއް ޕާޓީއިން އަނެއް ޕާޓީއަށްވެސް ދޭންޖެހޭނެ، ހިތްވަރާއި އެހީތެރިކަން. އެއީ މިއަދު މިއޮތީ އަޅުގަނޑުމެން މަލްޓި ޕާޓީ ޑިމޮކްރަސީއެއް، ޤާނޫނީގޮތުން ޤަބޫލުކޮށްގެން، ޤާނޫނުއަސާސީ ބަދަލުކޮށްގެން. އެ ބަދަލު އަޅުގަނޑުމެންގެ ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭނެ. ކުރިންވެސް ދެންނެވިގޮތަށް ވިސްނުމަށް އެ ބަދަލު ގެންނަންޖެހޭނެ. އެހެން ނޫނީ އަޅުގަނޑުމެންނަށް ކުރިއަށް ދިޔުމަކީ، ވަރަށް ބޮޑަށް އުނދަގޫ ކަމަކަށްވާނީ.

ވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިވިލް ސަރވިސްއިން ތިޔަ ކުރައްވާ އަގުހުރި މަސައްކަތްތަކަކީ، މިއަދުގެ ސަރުކާރު ޤަބޫލުކުރާ ކަމެއް. އަދި މިއަދުގެ ސަރުކާރުން މިކަމަށް ކޮށްދެވެން އޮތް ހުރިހާ އެހީއެއް ނުވަތަ ކޮށްދެވެން އޮތް، ދެވެން އޮތް އެއްބާރުލުމެއް އަޅުގަނޑުމެން ދޭނަމޭ. ދެން ކަންދިމާވީ ގޮތުން، މިއަދު ޢިޞާމްވެސް އިންނެވުމާ އެކީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިވިލް ސަރވިސްއާ މި މަޝްވަރާކުރާ ކޮމިޓީގައި އިންނަންވެސް މިޖެހުނީ އަޅުގަނޑަށް. އެހެންވީމާ، އެއްވެސް ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނާ ނޭއްގާނި ގޮތަކަށް ވާހަކަ ދައްކައި، ތިޔަބޭފުޅުންނާ ޖަދަލު ކުރުމުގެ ގޮތުން ވާހަކަ ދައްކައި ނުވަތަ ތިޔަބޭފުޅުންނާ އެނޫންވެސް ހިތްހަމަނުޖެހޭ މާޙައުލެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ކްރިއޭޓެއް ނުކުރާނަން، ނުއުފައްދާނަން.

އާދެ! ދެން ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލަން ބޭނުން، މިއަދު މިއީ އަޅުގަނޑަށް ޙަޤީޤަތުގައި ވަރަށް އުފާވެރި ކަމެއްވެސް ލިބޭ ދުވަހެއް. އެއީ، އެންމެ ފުރަތަމަ އަޅުގަނޑަށް ސިވިލް ސަރވިސްގެ ރައީސް، ފަހުމީ ފެނުނީ އެންޓަނާއެއްގެ މަތީގައި، ޓެކްނިކަލް ބޭފުޅަކަށް އުޅުއްވަނިކޮށް. އަޅުގަނޑު އޭރު ހުންނަނީ ސެކްރެޓަރީއެއްގެ ގޮތުން ރޭޑިއޯ މޯލްޑިވްސްގައި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަގުހުރި މަސައްކަތްތަކެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިއަދު އެމަނިކުފާނު އެ ހުންނެވީ، މި ޤައުމުގެ އެންމެ މުހިންމު އެއް މުއައްސަސާގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑު މިއަދު ވަރަށް އުފަލާއެކީ އެކަން ފާހަގަކުރަން. އަޅުގަނޑަށް ހީވަނީ، އެއީ އެމަނިކުފާނުގެ އެންމެ ފުރަތަމަ ވަޒީފާހެން އެތަނަށް އެ ވަޑައިގަތީވެސް. އެހެންވީމާ، އެތަންވެސް ދުށް މީހެއްގެ ގޮތުން އަޅުގަނޑު ހަމަ މަރްޙަބާ ކިޔަން. އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކީގައި، ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވުމުގައި، ތިގޮތަށް ސާބިތުވެ ހުންނެވުމަށް އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމަށް އަންނަ ބަދަލުތަކާ އެކުގައިވެސް އަޅުގަނޑުމެންނަށް ކުރިއަށް ގޮސް، މި ޤައުމުގެ ރައްޔިތުންނަށް އަގުހުރި ޚިދްމަތްތަކެއް ދިނުމުގެ ފުރްޞަތު، މާތްﷲ ދެއްވުން. އަދި ސިވިލް ސަރވިސްގެ މި އިނާމުތައް މި ލިބިވަޑައިގަތް ޙައްޤުވެރި ފަރާތްތަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި މަރްޙަބާ ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި، އެ ލިބިވަޑައިގަތް އިނާމުތަކަކީ، ނުވަތަ އިނާމަކީ އެއީ އެއިން ކޮންމެ ފަރާތަކަށްވެސް، އަޅުގަނޑުމެންނަށް ފެނުނު ވީޑިއޯއިން ހަމަގައިމު އަޅުގަނޑަށް ޔަޤީންކުރެވޭ، އެއީ ޙައްޤު ފަރާތެއްކަން. ވީމާ، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްޕުޅަށް އަޅުގަނޑު ދުޢާކުރަން. އަޅުގަނޑު އެދެނީ، މާތްﷲ ތައުފީޤު ދެއްވުމަށް.

والســّلام عليــكم