ސަރުކާރުން ރައްޔިތުންނަށް ދެއްވަންޖެހޭ ޚިދްމަތްތައް، ރައްޔިތުންނަށް ފޯރުއްވައިދެއްވުމަކީ، ކޮންމެ މުވައްޒަފެއްގެވެސް މަސްއޫލިއްޔަތެއް ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ސިވިލް ސަރވިސްއަށް ޒަމާނީ އައު ގޮތްތައް ތަޢާރުފް ކުރުމުގެ އެވޯޑް ދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، އެކިއެކި ޚިދްމަތް ހޯދަން އަންނަ މީހުންނަށް، އެ ޚިދްމަތެއް ދިނުމަކީ އުފަލުން، ހިނިތުންވުމަކާއެކު ދޭންޖެހޭ ޚިދްމަތެއްކަން ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އޮފީހުގެ މަތިން ތިރިއަށް، މި ހިނިތުންވުން ނެތްނަމަ، ވަކިމީހަކީ ނިކަމެތި މީހެއް ކަމަށް ދެކޭ ކަމަށްވާނަމަ، އެއީ ވެވޭ ވަރަށްބޮޑު ޚިޔާނާތެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި މި ޖަލްސާގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސިވިލް ސަރވިސް މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ ކަމަށާއި، އެމީހުންގެ މުސާރަވެސް، ހަމަ މަގަށް އަޅުވަންޖެހޭ ކަމަށް ވިދާޅުވިއެވެ. މުސާރަތައް ހަމަޖެހެން ޖެހޭނީ، ހަމަހަމަ އުޞޫލެއްގެ މަތިން ކަމަށާއި، ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަކީ، ވަރަށް ބުރަކޮށް ޚިދްމަތްކުރާ މުވައްޒަފުން ކަމަށްވާއިރު، އެކަން އަޅުގަނޑުމެން ދަންނަން ޖެހޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ސިވިލް ސަރވިސްއިން މި ތަޢާރުފް ކުރެއްވި އެވޯޑަކީ، ވަރަށް މުހިންމު އެވޯޑެއް ކަމަށާއި، މިއީ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސިވިލް ސަރވިސްއިން ވަރަށް ބޮޑަށް ވިސްނަވައި، އެކަމަށް އަހަންމިއްޔަތުކަން ދެއްވާ ކަމުގެ ނިޝާނެއް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް، ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، އެ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިކަމުގައި ވެދެއްވެން އޮތް އެހީއެއް ސަރުކާރުން ވެދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިވިލް ސަރވިސްއަށް ޒަމާނީ އައު ގޮތްތައް ތަޢާރުފް ކުރެއްވުމުގެ އެވޯޑް ޙާޞިލްކުރި އޮފީސްތަކަށް، މިއަދުގެ ޖަލްސާގައި އެވޯޑް ދެއްވީ، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ.