އިއްޔެ ރާއްޖެ ވަޑައިގެންނެވި ޗައިނާ ސަރުކާރުގެ ވަރަށް އިސްބޭފުޅެއް ކަމަށްވާ ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރު، ލީ ޗޭންގްޗުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ، ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކާ ދެމެދު އޮންނަންވާނެފަދަ ގުޅުމުގެ ނަމޫނާއެއްކަން ދެބޭފުޅުން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ތަރައްޤީ ކުރެވިދާނެ ދާއިރާތަކާބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކި ދާއިރާތަކުން ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފުރުސަތުތައް އެބަހުރި ކަމުގައި ވިދާޅުވެ، މިރޮނގުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ލީ ޗޭންގްޗުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުމާއި، އިޖްތިމާޢީ އެއްބައިވަންތަކަމާއި، އިޤްތިޞާދީ ތަރައްޤީ ލިބިގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާގެ ބާޒާރުގައި ރާއްޖޭގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ދެޤައުމުގެ ދެމެދުގައި ވަރަށް މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރެއްވުން އޮތެވެ. މިގޮތުން، ހައްދުންމަތީގެ ރަށްތައް ގުޅާލައި، ގަމުން ފޮނަދުއަށް ހެދުމަށް ހަމޖެހިފައިވާ މަގު ހަދަން ފެށުމުގެ ކުރިން ކުރުމަށް ހަމަޖެހިފައިވާ ދިރާސާތަކާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި، ޗައިނާގެ މިނިސްޓަރ އޮފް ކޮމަރސްގެ ނައިބު ޖިއަންގް ޒެންގްވެއިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުލްމަތީން މުޙަންމަދާއި، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔޫ ހޮންގްޔާއޮއެވެ.