بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދަރަވަންދޫގެ ކައުންސިލް އަދި ބ. އަތޮޅު ކައުންސިލްގެ މެންބަރުން، ޢިއްޒަތްތެރި ވަޒީރުން، ކޯސްޓްލައިންގެ ވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ ވެރިން، ދަރަވަންދޫގެ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ދަރަވަންދޫ ރައްޔިތުންގެ އުފަލުގައި އަޅުގަނޑުވެސް މި ބައިވެރިވަނީ، ވަރަށްބޮޑު ހިތްހަމަޖެހުމަކާއެކުގައި. މިއަދު މި ރީތި އެއަރޕޯޓް، ދަރަވަންދޫގެ ރައްޔިތުންނަށާއި، ބ.އަތޮޅުގެ ރައްޔިތުންނަށާއި އަދި މި އެއަރޕޯޓް ބޭނުންކުރާނެ މި ސަރަޙައްދުގެ ހުރިހާ އެންމެންނަށް ލިބުނު ކަމަށްޓަކައި އަޅުގަނޑުމެން އެންމެން އުފަލާއެކު މާތްﷲގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މި އެއަރޕޯޓް ވަރަށް ފަރުވާތެރިކަމާ އެކީގައި، ރަނގަޅު ފެންވަރެއްގައި ޢިމާރާތް ކުރައްވައި، ނިންމަވައި ދެއްވައި އަދި ދައުލަތާ ޙަވާލުކުރެއްވި ކަމަށްޓަކައި ކޯސްޓްލައިންގެ ވެރިންނަށް، ޚާއްޞަކޮށް، ކޯސްޓްލައިންގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޢުމަރު މަނިކަށް އަޅުގަނޑުމެން ޝުކުރު ދެންނެވުން.

ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައި ހިންގާ އެކިއެކި މަޝްރޫޢުތަކުގައި އަދި ޚާއްޞަކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ދިނުމުގައި ބޭނުންވާ ޢިމްރާނީ އިންވެސްޓްމަންޓްސް ހެދުމުގައި، ޕްރައިވެޓް ސެކްޓަރުން މިހާރު ވަރަށް ފަރުވާތެރިކަމާއެކީގައި މަސައްކަތް ކޮށްދެއްވައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވަމުން ގެންދަވާކަން އެއީ، އަޅުގަނޑުމެން އެންމެން އުފާކުރަންޖެހޭ ކަމެއް. އެކަމުގައި ކޯސްޓްލައިންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް މި ދެއްކެވީ، ވަރަށްވެސް ރީތި، ވަރަށް އެދެވޭ ރަނގަޅު ނަމޫނާއެއް. އަދި ހަމައެހެން، އަޅުގަނޑު މިއަދު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އައިލޭންޑް އޭވިއޭޝަނަށް. އައިލޭންޑް އޭވިއޭޝަނަކީ، މި އެއަރޕޯޓް ހިންގުމުގައި ހަމަ އެންމެ ކުޅަދާނަކަންހުރި އަދި މިކަން ކުރެއްވޭނެ އެއް ކުންފުނި. ކުންފުނީގެ ކަންތައްތައްދާގޮތް އަޅުގަނޑުވެސް ބަލަމުން މިގެންދަނީ ވަރަށް ކައިރިން. ކުންފުނި ރަނގަޅަށް ހިންގަވަމުން، ދުވަހަކަށްވުރެ ދުވަހެއް ކުރިއަށް ގެންދަވާ ކަމަށްޓަކައި ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންނަށް އަދި ޚާއްޞަކޮށް، ކުންފުނީގެ ޗެއަރމަން އަލްފާޟިލް ބަންދު އިބްރާހީމް ސަލީމަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! މިއަދު ދަރަވަންދޫ ވެގެން މިދިޔައީ، ބ. އަތޮޅުގެ ވައިގެ ދޮރާށްޓަށް. ދަރަވަންދޫ ތެރެއިންލާފައި ދެން މި އަތޮޅަށް އެންމެގިނަ ޓުއަރިސްޓުންވެސް އަންނަމުންދާނީ، އިރާދަކުރެއްވިއްޔާ، މުސްތަޤްބަލްގައި. އެހެންވީމާ، މިއީ މިރަށަށް ލިބޭ ވަރަށްބޮޑު ފަޚްރެއް. ވަރަށްބޮޑު ނަޞީބެއް. މިކަން އޭގެ އެންމެ ރަނގަޅު ގޮތުގައި ހިފުމަށްޓަކައި އަޅުގަނޑު ދަންނަވާނީ، ދަރަވަންދޫގެ ކައުންސިލާއި، ދަރަވަންދޫގެ ރައްޔިތުން މިކަމުގައި މަރްޙަބާ ވިދާޅުވެ އަދި މިރަށަކީ މިރަށަށް އަންނަ އެކިއެކި ފަތުރުވެރިންނަށް އެއަރޕޯޓްގެ އިތުރުންވެސް ދެވެންހުރި ހުރިހާވެސް އެހީތެރިކަމެއް ދެއްވައި، ވަރަށް ހޫނު މަރްޙަބާއެއް އަބަދުވެސް ދެއްވާ ރަށަކަށްވުން. އަދި އޭގެ ސަބަބުން މިރަށަށް އިތުރު ކުރިއެރުމާއި ފާގަތިކަމާއި ފަހިކަން ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަމުން މިދަނީ.

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއަރޕޯޓްތައް ބިނާކޮށް، ދަތުރުފަތުރުގެ ނިޒާމް، މިހާރަށްވުރެ ވަރުގަދަކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަން ދަތުރުފަތުރު ކުރުމުގައި ލިބިދިނުމަށް. އެގޮތުން، މިހާރު މިއަހަރު މިއީ ހުޅުވޭ ދެވަނަ އެއަރޕޯޓް. ދާދިފަހުން އަޅުގަނޑުމެން ކޫއްޑޫގައި އެއަރޕޯޓެއް ހުޅުވައިފީމު. މިހާރު މިއަދު އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް މި ނަޞީބު މި ލިބުނީ ދަރަވަންދޫގައި. ﷲ އިރާދަކުރެއްވިއްޔާ، މާ ލަހެއްނުވެ ތިމަރަފުށީގައިވެސް އެއަރޕޯޓެއް ހުޅުވޭނެ. ދެންމެ މިނިސްޓަރ އެ ވިދާޅުވިފަދައިން، ސަރުކާރުގެ ހުރިހާވެސް އެހީތެރިކަމާއެކުގައި، މާ ލަހެއްނުވެ އިރާދަކުރެއްވިއްޔާ، ގަމުގެ އެއަރޕޯޓްވެސް، ކޮންމެވެސް ބަޔަކާ ޙަވާލުކުރެވިގެން، ބާރުމިނެއްގައި، އެ އެއަރޕޯޓްވެސް ތަރައްޤީކޮށް، އައްޑުއަތޮޅަށްވެސް އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މި ޢުމްރާނީ މަޝްރޫޢުތައް އުފެދިގެން ދިޔުމާއެކުގައި، އެއާއެކީގައި، އެއަރލައިން އިންޑަސްޓްރީއަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. އެގޮތުން، ދެންމެ ބަންދު އެ ވިދާޅުވިފަދައިން، އަންނަ ހަފްތާގެ ތެރޭގައި، ދިވެހިރާއްޖޭގެ ފްލައި ކެރިއަރ، ދަ މޯލްޑިވިއަންއަށް އެބަ އިތުރުވޭ، A320 ގެ މަތިންދާބޯޓެއް. އަދި ހަމަ އެޔާއެކުގައި، އިންޑިއާގެ ތިން ސިޓީއަކަށް އަދި ބަންގްލަދޭޝްއަށްވެސް ދަ މޯލްޑިވިއަންގެ ދަތުރުތައް ހަމަޖެހިގެންދާނެ. މީގެއިތުރުން، އައްޑޫގައި އެއަރޕޯޓް ތަރައްޤީވުމާ ގުޅިގެން، މިހާރު ރާއްޖޭގައި މާލެ ހަބަކަށް ވެގެން ހިނގަމުންދާ ސީ ޕްލޭންގެ ޚިދްމަތްވެސް، ރާއްޖޭގެ ދެކުނަށްވެސް ތަޢާރަފްވެގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަމުން މިގެންދަނީ. އެހެންވީމާ، މިދެންނެވި ބަދަލުތަކެއް ދަތުރުފަތުރަށް އައިސްގެންދާނެ. އެއަރލައިން އިންޑަސްޓްރީއަށްވެސް އެ ބަދަލު އައިސްގެންދާނެ. ހަމައެއާއެކީގައި ރާއްޖޭގެ ކަންކޮޅުތަކުގައި ހެދެމުންދާ މިހާރު ހުރި ރިޒޯޓްތަކާއި، އަލަށް ހެދެމުންދާ ރިޒޯޓްތަކަށް ފަތުރުވެރިން ގެންދިޔުމުގައި އިތުރު ލުއިކަމަކާއި އަވަސްކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ޔަޤީންކުރަނީ.

އާދެ! މި ބުރަ މަސައްކަތުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. މި ޝުކުރުގެ ތެރޭގައި، އަޅުގަނޑުމެން ޝާމިލް ކުރަން، 2008 ވަނަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ސަރުކާރުގެ ފަރާތުން މި މަޝްރޫޢު ހިންގެވުމަށްޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް. އަދި ހަމައެހެން، އަޅުގަނޑަށް އެނގޭ، މިދިޔަ ސަރުކާރުގައި ރައީސް ނަޝީދުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް، މި މަޝްރޫޢަށް ދެއްވައިގެން، އެމަނިކުފާނު މަސައްކަތް ކުރެއްވި. އެހެންވީމާ، އެމަނިކުފާނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމް، ދިވެހިރާއްޖޭގައި ދުވަހަކަށްވުރެ ދުވަހެއް ކުރިއަށްދިޔުން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ރައްޔިތުންނަށް ދުވަހަކަށްވުރެ ދުވަހެއް ފާގަތި، ތަނަވަސް މުސްތަޤްބަލެއް މިންވަރު ކުރެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه