އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ސަބަބުން، އެކި ފަރާތްތަކުގެ އުންމީދުތައް އާވެ، އެ ފަރާތްތަކުގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށް މަގުފަހިކޮށްދޭ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ވަރލްޑް ޑިޒާސްޓަރ ރިޕޯޓް 2012" ނެރުއްވައި ދެއްވުމަށް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރެޑް ކްރޮސްގެ ޖަމާޢަތްތަކުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މީހުންނަށް، ޚާއްޞަކޮށް ހަނގުރާމައިގެ ސަބަބުންނާއި، ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން ހާލުގައި ޖެހޭ ފަރާތްތަކަށް ވެދެމުންގެންދާ އެހީތައް ފާހަގަކުރެއްވިއެވެ. އަދި އެ ޖަމާޢަތުން ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރމަހު ކުރިމަތިވި ސުނާމީ ކާރިޘާގައި ރާއްޖެއަށާއި، އެހެން ޤައުމުތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެ ޖަމްޢިއްޔާއިން ވެދެއްވި އެހީތެރިކަމަށްޓަކައި ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ވަރަށް ގިނަ ގޮންޖެހުންތަކަކާ އެކުވެސް، ރާއްޖޭގެ ރެޑް ކްރެސެންޓް ޖަމާޢަތުން ވަރަށް ހަރަކާތްތެރިކަމާއެކު ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.